ސުޕްރީމް ކޯޓު: ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދޭން ދެކޮޅު ހަދާ މީހުން ޖަލަށްލުން ނުވަތަ ގޭ ބަންދު ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
18 އެޕްރީލް 2023 - 14:50
ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދޭން ދެކޮޅު ހަދާ މީހުން ގިނަވެގެން ތިން މަހަށް ޖަލަށްލުން ނުވަތަ ގޭ ބަންދުކުރަން ވަގުތުން ހުކުމް ކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.
މިއަހަރު އަމަލުކުރަން ފެށި ހެއްކާބެހޭ އާ ގާނޫނު އޮންނަ ގޮތުން ހެކިބަސް ދޭން ލާޒިމް ކުރުވުމުގެ ބާރު އޮވެ އެވެ. އެ ގާނޫނުގެ ދަށުން ހެކިބަސް ދޭން އެންގުމާ ބެހޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހެދުމުގެ ބާރު އޮންނަނީ ސުޕްރީމް ކޯޓަށެވެ. މިއީ ރާއްޖޭގައި ހެކިބަސް ނުދޭ މީހުންނަށް ފިޔަވަޅު އަޅަން ފެށި ފުރަތަމަ ފަހަރެވެ.
ސުޕްރީމް ކޯޓުން މިއަދު ހަދައި، އަމަލުކުރަން ފެށި ހެއްކާބެހޭ ގަވާއިދު އޮތްގޮތުން ހާޒިރު ކުރެވޭ ހެއްކަކު ހެކިބަސް ދޭން ދެކޮޅު ހަދާނަމަ، ހެކިބަސް ދޭން އެންގުމުގެ ބާރު ކޯޓަށް އޮންނާނެ އެވެ. އަދި ޖިނާއި މައްސަލައެއްގައި ހެކިބަސް ދޭން ދެކޮޅު ހަދައިފިނަމަ ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން ތިން މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރުން ނުވަތަ ގިނަވެގެން 10،000ރ. އިން ޖޫރިމަނާ ކުރަން ވަގުތުން ހުކުމް ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
އެ ގަވާއިދުގައިވާ ގޮތުން އާއިލީ ގުޅުމެއް އޮތުމުގެ ސަބަބުން ހެއްކާބެހޭ ގާނޫނުގެ ދަށުން ހެކިބަސް ދޭން ދެކޮޅު ހެދުމުގެ ބާރު އޮންނަ މީހުންނާއި އެ ގާނޫނުގެ ދަށުން ހެކިބަސް ދޭން ލާޒިމް ނުކުރެވޭނެ މީހުން ފިޔަވައި ދެން ތިބި އެންމެންނަށް އެ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅިދާނެ އެވެ. އަދި އެފަދަ މީހުން ކޯޓަށް ހާޒިރުވާން ދެކޮޅު ހަދާނަމަ އެ މީހުން ހައްޔަރުކޮށްގެން ވެސް ކޯޓަށް ހާޒިރު ކުރެވިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
މީގެ އިތުރުން މަދަނީ މައްސަލަތަކުގެ ތެރެއިން އެއް ލައްކަ ރުފިޔާއަށް ވުރެ ދަށުގެ އަދަދުގެ ފައިސާ ހިމެނޭ މައްސަލަތަކުގައި ހެއްކެއް ނެތް ނަމަ ހުވާ ކުރުވައިގެން ދައުވާ ސާބިތު ކުރުމުގެ އުސޫލު ވެސް އެ ގަވާއިދުގައި ހިމަނާފައިވެ އެވެ. އަދި މިގޮތަށް ހުވާކުރަން ފުރުސަތު ދެވެނީ އެއްވެސް ހެއްކެއް ނެތް ހާލަތުގައި ކަމަށާއި އެ ހާލަތުގައި ދައުވާލިބޭ މީހާ ހުވާކުރަން ދެކޮޅު ހަދައިފިނަމަ އެ ދައުވާއެއް ސާބިތުވާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިލިވަގު
19 April 2023
ކުށް ކުރި މީހަަ ދޫކޮށްލާފަ، ހެކިބަސް ނުދިން މީހާ ޖަލަށްލީމަ އަދުލު އިންސާފު ގާއިމުވެ ނިމުނީ.
ވަހީދުބެ
19 April 2023
ބޮއެގެން ވެއްޓިފައި އޮންނަ މީހާއާ ސުވާލެއް ވެސް ކޮށްނުލާ އެގެންގޮސް ހަވާލު ކުރަނީ ސްޕޯންސަރާ. އެކަމަކު އެމީހާ ބޮއެގެން ވެއްޓިފައި އޮތް މަންޒަރު ފެނުނު މީހާ ދާން މިޖެހެނީ ޖަލަށް.
1206
19 April 2023
ހެކި ބަސް ދޭ މީހާ އަނެއް ދުވަހު ސަންދޯކުގައި އުފުލަންވީމާ، ޖަލަށް ލިޔަސް އުލަށް ލިޔަސް ދުލަށް ލިޔަސް ހެކި ބަހެއް ނުދޭނެ ދޯ މީހުން. ސިއްރުން ހެކި ބަސް ދޭ މީހާ ވެސް އޮންނާ އެންމެ ދަންނަ ބޮޑު ސިއްރަށް ވެފަ. ލީކު ވަނީ ފުލުހުން ތެރޭއިން. ދޭން އެނޫން ކޮންބަޔެއްގެ ނާގާބިލުކަމުން އެ މައުލޫމާތު ލީކު ވާނީ. ކުށް ކުރި މީހާ އަދަބު ނުދީން ދެން ތިބި އެންމެންނަށް އަދަބު ދޭން މިހާރު ތިޔަ އުޅެނީ. އެޅިހާ ބަތަކަށް ރިހަވާ ފާޑަށް މިވާހަކަ މިތާ ލިޔެފައި މި އޮތީ ވެސް.
ލުތުފީ
19 April 2023
މިހާރުވެސް ހެކިބަސްނުދެނީ، ހެކިބަސް ދޭމީހުންނަށް ރައްކާތެރިކަން ނެތުމުން. އެންމެ ކުޑަމިނުން ފުލުހަށް ބަޔާންދީފަ އަންނައިރަށް، ގޭންގުތަކުން ގުޅާފަ އިންޒާރުދޭންފަށާ. މިހިސާބުގަ އޮތްތަނެއްގަ ކިހިނެތް ތިކަންކުރާނީ.
ވަގުންގެ ސުވަރުގެ!
19 April 2023
ލާހިކެއްނޫން ތިކަން ކުރުވާކަށެއް! މި ގައުމުގަ ވަގުންނާ ޑްރަގް ޑީލަރުން ހުރިހާކަމެއް ނިންމަނީ. މަޖްލިސް، އިމިގްރޭޝަން، ކަސްޓަމްސް، އަދުލު އިންސާފު، ގާނޫނު ދަމަހައްޓަން ހާވާލު ވެގެން އުޅޭ އެންމެންގެ ތެރެއައް މޫހިއްޕާގެން އުޅެނީ! ހެކި ނެތިގެނެއްނޫނޭ ކަމެއް ނުވަނީ! ސިޔާސީ ވެރިން ގެ ކޮންޓްރޯލަރުން ބޭނުން ގޮތަކައް ކަންކަން މި ގައުމުގަ ވާނީ!
ރަންދެލި
19 April 2023
ހެކި ބަސް ނުދެނީ ހެކި ބަސް ދިނުމަށްފަހު ކޯޓުން ނުކުމެގެން ގެއާ ހިސާބަށް ވެސް ސަލާމަތުން ދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނޯންނާތީއެވެ. ފުލުހުންނަކަށް ފަނޑިޔާރަކަށް ހެކިދޭ މީހާ ގެ ފުރާނަ ސަލާމަތް ކޮށްދޭން ކުރެވޭ އެއްވެސް ކަމެއް ނޯންނާތީއެވެ. ދެން ޖަލައްލާން ބިރު ދެއްކީމާ ދޮގުހެކި ދޭން މަޖުބޫރުވީތާއެވެ. 20 ސަކަށް ފަހަރު ވަޅިޖަހާ ތުތިމަހަށް ކޮށާލުމަށްވުރެ ޖަލުގަ އޮވެ މަރުވެ ދިއުން މާ ހިތައް ފަސޭހަވާނެ ކަމަށް ބެލެވެއެވެ.
ޠަޖްމް
19 April 2023
ބަޔަކު ގުރުބާނީއެއް ވެގެން ކަންކަން ރަނގަޅުވާނީ. ކެރިގެން ނުކުންނަންޖެހޭ އެބަ. ދަރިންގެ ދަރިންނަށްޓަކައި.
ވިސްނާލުމަށް އެދެމޭ
19 April 2023
ގަދަބާރުން ހެކިބަސްދޭން ދައުލަތަށް އަމުރުނުކުރެވޭނެ..އެފަދަ ހެކިބަހެއްގަ ތެދުވެރިކަމެ ނުހުންނާނެ..ނުފޫޒެއްގެ ތެރޭގަހުރެ ތެދު ހެކިބަސްދެވިދާނެތަ..ރާއްޖޭގަ ހިންގަނީ އިސްލާމީ ޝަރީޢާ އޭ ކިޔާތީ އަޑުއިވެނީ..އިސްލާމީ ޝަރީއަތުގަ ހެކިބަހަކީ ގަދަކަމުން ނެރޭއެއްޗެއްތަ..
ބަޑިތަކުރު
19 April 2023
ތެދަށް ބުނަން ބޭނުންވާ މީހަކު ހެކިބަސްނުދޭކަށް ނޫޅޭނެ. އިސްލާމީ ޝަރީޢަތުގައި އޮންނަނީ މަކަރާއި ހީލަތާއި އޮޅުވާލުމަކަށް ނުވާނެ.
ހެކަރު
18 April 2023
ބަރާބަރު ހަމަ
ބަސްމަގު
18 April 2023
ތިހެން ހެދިޔަސް ހެކިބަހެއް ނުލިބޭނެ. މިހާރުގެ ސިޔާސަތާއެއްގޮތަށް ޖޫރިމާނާ ކޮށްލާފަ ފައިސާކޮޅެއް އަތުލެވޭތޯ ބަލަމާ ހިގާ.
ޢަލީ ބަލީ
19 April 2023
ދަތުރު ފުޅުތަކައް ވަރައް ފައިސާ ބޭނުންވޭ އެބަ