މިލާނުގެ އޮލިވިއޭ ޖިރޫ (ކ) އާއި ރަފައެލް ލިއާއޯ (ކ-2) އަދި އިސްމާއީލް ބެނަސޭރް (ކ-3) މެޗަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
19 އެޕްރީލް 2023 - 11:12
އިޓަލީގެ ނަޕޯލީއާ 1-1 އިން އެއްވަރުވި ނަމަވެސް ދެ ލެގުން 2-1 އިން ކުރި ހޯދައި އިޓަލީގެ އޭސީ މިލާނުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގައެއް 16 އަހަރަށް ފަހު ރޭ ހޯދައިފި އެވެ.
އިޓާލިއަން ލީގުގެ އެއް ވަނައިގައި ބޮޑު ލީޑެއްގައި އޮތް ނަޕޯލީގެ މައްޗަށް މިލާނުން ވަނީ އެ ޓީމުގެ ސެން ސީރޯގައި 1-0 އިން ކުރި ހޯދައިފަ އެވެ. އެކަމަކު ރޭ ނޭޕްލްސްގެ ސްޓޭޑިއޯ ޑިއެގޯ އާމަންޑޯ މަރަޑޯނާގައި އޮތް މެޗަށް ނުކުތްއިރު ނަޕޯލީ އަށް އޮތީ ސެމީގެ ފުރުސަތު ވަރަށް ބޮޑަށް ހުޅުވިފަ އެވެ.
އެހެންވެ އެ ޓީމުން މެޗު ފެށީ، ފުރަތަމަ ލެގުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު އިތުބާރު ފޯވާޑް ވިކްޓަ އޮސިމެން އަރުވައިގެން، ވަރުގަދަ އެޓޭކިން ގޭމަކުންނެވެ. އެކަމަކު މިލާނުން އުފެއްދި ފުރަތަމަ ހަމަލާގައި އެ ޓީމަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ އޮލިވިއޭ ޖިރޫ ޖެހުމުން ނަޕޯލީގެ ގޯލްކީޕަރު އެލެކްސް މެރެޓް މަތަކުރި އެވެ. އޭގެ ފަހުން ވެސް ޖިރޫ އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ.
އެކަމަކު 43 ވަނަ މިނެޓުގައި ރަފައެލް ލިއާއޯ އަށް މެދުތެރެއިން ލިބުނު ބޯޅަ ހިފައިގެން ނަޕޯލީގެ ތިން ކުޅުންތެރިން ކައިރިން ނައްޓައި ކުރިއަށް އަރައި ޖިރޫ އަށް ދިން ބޯޅަ އޭނާ ގޯލަށް ވައްދާލި އެވެ. އެއާ އެކު ނަޕޯލީ އަށް ޕްރެޝަރުވި އެވެ.
އަދި ނަޕޯލީ އަށް މަޖުބޫރުވީ އިތުރު ވަގުތަށް ގެންދަން މަދުވެގެން ދެ ގޯލް ޖަހާށެވެ. އެކަމަށް ރަނުގެ ފުރުސަތެއް މަގުފަހިވީ ޕެނަލްޓީއެއް ލިބުމުންނެވެ. އެކަމަކު ޚިވިޗާ ޙްވަރަސްހޭލިއޭ ފޮނުވާލި ޕެނަލްޓީ މިލާނުގެ ގޯލްކީޕަރު މައިކް މައިނަން މަތަކުރި އެވެ.
ނަޕޯލީ އަށް ގޯލެއް ޖެހުނީ އިތުރު ވަގުތުގެ ތެރޭ އޮސިމެން އަށެވެ. އެ ގޯލަށް ފަހު މެޗު ފަށައިގެން އެޓޭކެއް ނުއުފެއްދެނީސް ރެފްރީ ފަހު ކަށިގަނޑު ފުމުނެވެ.
ޗެމްޕިއަންސް ލީގު ހަތް ފަހަރު ކާމިޔާބުކޮށްފައިވާ މިލާން އެންމެ ފަހުން މުބާރާތް ކާމިޔާބުކުރީ، އެ ޓީމު އެންމެ ފަހުން ސެމީ އަށް ދިޔަ އަހަރު، 2007 ގަ އެވެ. އޭގެ ފަހުން އެ ޓީމު މުބާރާތަށް ކޮލިފައި ވެސް ނުވެ އަހަރުތަކެއް ދިޔަ އެވެ. މިލާން އަނބުރާ މި ފެންވަރަށް ގެނައުމުގެ އެއް މޭސްތިރިޔަކީ އޭރުގެ ކެޕްޓަން އަދި މިހާރު ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރު ޕައޮލޯ މަލްޑިނީ އެވެ.
ސެމީގައި މިލާން ބައްދަލުކުރަން ޖެހޭނީ، އެ ޓީމާއި ވާދަވެރި އިންޓަ މިލާނާއި ޕޯޗުގަލްގެ ބެންފީކާ މިރޭ ކުޅެ ކާމިޔާބު ހޯދާ ޓީމަކާ އެވެ. ފުރަތަމަ ލެގު 2-0 އިން ކާމިޔާބުކުރީ އިންޓަ އެވެ.
މިދިޔަ ސީޒަނުގައި މިލާނަށް ލީގު ކާމިޔާބުކޮށްދިން ސްޓެފާނޯ ޕިއޮލީ ބުނީ ނަޕޯލީ ފަދަ ވަރުގަދަ ޓީމެއް ކަޓުވާލެވުމުން ވަރަށް އުފާވެއްޖެ ކަމަށާއި ސެމީގައި ކޮންމެ ޓީމަކާ ޖެނުނަސް މައްސަލައެއް ނެތް ކަމަށެވެ.
"މިވަގުތު ވިސްނަނީ ހަމައެކަނި ސެމީއާ މެދު. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅާނީ،" ތަށްޓާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy