އްވެސް ކަމެއްގައި އަޑުގަދަކޮށް ހެދުމަކީ، އިސްލާމީ އުސޫލެއް ނޫން.
20 އެޕްރީލް 2023 - 07:46
މަޑުމައިތިރި ކަމާއެކު ވާހަކަ ދެއްކުމަކީ، މާތް ވެގެންވާ އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މާތް ސިފައެކެވެ. ދީނަށް ގޮވާލުމުގައި ވެސް އަދި އެއްވެސް ކަމަކާ މެދު ބަޔަކާ ވާހަކަ ދައްކައި ބަހުސް ކުރާއިރު ވެސް ހިކުމަތްތެރި ކަމާއެކު ރީތި ބަހުން ވާހަކަ ދެއްކުމަށް އަންގަވައި މާތް الله ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައި ވެ އެވެ. ﴿ٱدْعُ إِلَـىٰ سَبِيلِ رَبِّكَ بِٱلْـحِكْمَةِ وَٱلْمَوْعِظَةِ ٱلْـحَسَنَةِ ۖ وَجَٰدِلْـهُم بِٱلَّتِى هِىَ أَحْسَنُ﴾ (النحل : 125) މާނައީ: [حكمة އާއި، ރިވެތި وعظ އާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެ އުރެންނާ جدل ކުރައްވާށެވެ!]
رسول الله صلّى الله عليه وسلّم ގެ އަރިހުގައި އަޑު ނުއުފުލުމަށާއި އަޑުހަރުކޮށް ވާހަކަ ނުދެއްކުމަށް އަންގަވައި މާތް الله ބާވައިލެއްވި އާޔަތެއްގެ މާނައިގައި ވެ އެވެ. [އޭ إيـمان ވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނޫފުލާށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ގަދަ އަޑުން ވާހަކަ ދައްކާ ފަދައިން އެކަލޭގެފާނަށް ގަދަ އަޑުން ބަސް ނުދަންނަވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ނޭނގި ތިއްބައި، ތިޔަބައި މީހުންގެ عمل ތައް باطل ވެދާނެތީ އެވެ.] (الحجرات ސޫރަތުގެ ދެވަނަ އާޔަތުގެ މާނަ)
ނަމާދުގައި ކިޔަވާއިރު ވެސް، މާ އަޑު ހަރުކޮށް ނުކިޔެވުމަށް އަންގަވައި މާތް الله ވަހީ ކުރެއްވި އެވެ. ﴿ وَلَا تَـجْهَرْ بِصَلَاتِكَ وَلَا تُـخَافِتْ بِـهَا وَٱبْتَغِ بَيْنَ ذَٰلِكَ سَبِيلًا ﴾ (الإسراء : 110) މާނައީ: [އަދި ކަލޭގެފާނު ނަމާދުގައި މާ އަޑު ހަރުކޮށް ކިޔަވައި ވިދާޅު ނުވާށެވެ! އަދި އެ ނަމާދުގައި މާ މަޑުން ވެސް ކިޔަވައި ވިދާޅު ނުވާށެވެ! އަދި އެ ދޭތެރޭގެ މެދުމިން މަގެއް ކަލޭގެފާނު قصد ކުރައްވާށެވެ!]
މި މަތިވެރި އިލާހީ އިރްޝާދުތަކުން އެނގޭ ގޮތުގައި، އެއްވެސް ކަމެއްގައި އަޑުގަދަކޮށް ހެދުމަކީ، އިސްލާމީ އުސޫލެއް ނޫނެވެ. ނަމާދުގައި ވެސް އަދި ކީރިތި ރަސޫލާގެ އަރިހުގައި ވެސް އަޑު އުފުލައިގެން ނުވާނެ ކަމުގައި މާތް الله އެ ވަނީ އަންގަވާފަ އެވެ. މިފަދަ އަމުރުފުޅުތަކުން ދަސްކުރަންވީ ފިލާވަޅަކީ، އެހެން ތަންތާނގައި ވެސް އަޑު އުފުލައި އަޑުގަދަ ކުރުމަކީ، މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން ކަމެވެ. މާތް الله އެކަލާނގެ ފޮނުއްވި ދެ ރަސޫލުބޭކަލުން ކަމުގައިވާ މޫސާގެފާނާއި ހާރޫނުގެފާނަށް ވެސް އެންގެވީ، ބޮޑާކަމާއި އަނިޔާވެރި ކަމުގައި ހައްދަފަހަނަޅައިފައިވާ ފިރްއައުނުގެ ގާތަށް ވަޑައިގެން، މަޑުމައިތިރި ކަމާއެކު އޭނާއާ މުހާތަބު ކުރެއްވުމަށެވެ. މާތް الله ވަހީ ކުރެއްވި އެވެ. ﴿ ٱذْهَبَآ إِلَـىٰ فِرْعَوْنَ إِنَّهُۥ طَغَىٰ . فَقُولَا لَهُۥ قَوْلًا لَّيِّـنًا لَّعَلَّهُۥ يَتَذَكَّرُ أَوْ يَـخْشَىٰ ﴾ (طه: 43 - 44) މާނައީ: [فرعون ގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ، ހައްދުފަހަނަޅައި ހިނގައްޖެ އެވެ. ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާ އަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކުރޭތޯ، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ.]
ތިމާ ބުނާ އެއްޗެއް މީހުން ގަބޫލު ކުރާނީ، އަޑުގަދަކޮށް ވާހަކަ ދައްކައިގެނެއް ނޫނެވެ. މޭޒުމަތީގައި ތަޅައި ހަޅޭއްލަވައިގެނެއް ވެސް ނޫނެވެ. ހުތުރު އެއްޗިހި ކިޔައި، ބިރު ދައްކައިގެނެއް ވެސް ނުމެ ނޫންމެ އެވެ. މެންދުރުގެ އިރު ފެންނަން ހުއްޓާ، ތިމާގެ އަޑަށް ކިތަންމެ ބާރެއް ލާފައި މިއީ ރޭގަނޑޭ ބުންޏަސް އެ ވާހަކަ ގަބޫލު ކުރާނެ މީހަކު ނުހުންނާނެ އެވެ. ތިމާ ދައްކާ ވާހަކަ މީހުން ގަބޫލު ކުރާނީ، ބުއްދި ގަބޫލު ކުރާ ކަހަލަ ވާހަކަ ދައްކައިގެންނެވެ. ހުއްޖަތާއި ދަލީލު ދައްކައިގެންނެވެ. ކިތަންމެ މަޑުމައިތިރިކޮށް ވާހަކަ ދައްކައިގެން ވެސް މިކަން ކުރެވިދާނެ އެވެ.
ކަމަކާ މެދު ވާހަކަ ދައްކާއިރު ނުވަތަ ބަހުސް ކުރާއިރު، ތިމާގެ ކޮޅު މޮޅު ކުރުމަށްޓަކައި އަޑުގަދަކޮށް ހަޅޭއްލަވައި ހަދާނީ، ދައްކާނެ ދަލީލެއް ހުއްޖަތެއް ނެތް މީހެކެވެ. އެ ރޮނގުން އިފްލާސްވެ، ބަނގުރޫޓު ވެފައިވާ މީހެކެވެ.
އަޅުގަނޑުމެން މުސްލިމުން ކޮންމެ ކަމަކާ މެދު ކޮންމެ ތަނެއްގައި ވާހަކަ ދެއްކި ނަމަވެސް ވާހަކަ ދައްކަން ވާނީ، މަޑުމައިތިރިކަމާ އެކުގަ އެވެ. ވިސްނުންތެރިކަމާ އެކުގަ އެވެ. ތިމާ މުހާތަބު ކުރާ މީހަކަށް ނުވަތަ ބަޔަކަށް ކަމޭހިތުމާ އެކުގަ އެވެ. ތިމާ ދައްކާ ވާހަކަ މީހުން އަޑު އަހާނީ އޭރުންނެވެ.
ފަހެ، މާތް الله ވަހީ ކުރެއްވި އެވެ. ﴿ وَقُولُواْ لِلنَّاسِ حُسْنًا ﴾ (البقرة : 83) މާނައީ: [އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ!
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ "މިހާރު" އަށް ދޭތެރެދޭތެރެއިން ހާއްސަ ލިޔުންތައް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. ދީނީ ގޮތުން މުހިންމު ބައިތައް އަދި މީހުން ހޭލުންތެރިކުރުމުގެ ލިޔުއްވުންތައް އޭގެ ތެރޭގައި ގިނަ އެވެ. މި ރޯދަމަހު ވެސް އެ މަނިކުފާނު ވަނީ ކޮންމެ ބުރާސްފަތި ދުވަހަކު "މިހާރު" އަށް ދީނީ ލިޔުމެއް ލިޔުއްވައިފަ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެފަދަ
22 April 2023
މިގައުމުގެ ގާނޫނު ހަދާ މަޖްލިހުގެ މެމްބަރުން ކިޔާލަން ރަގަޅު ލިއުމެއް. އަޑުގަދަކޮށް އަދި އެހެނިހެން ގޮތްގޮތަށް ވަރަށް ނުބައި ނަމޫނާއެއް ދައްކަމުން ދަނީ. މަޖްލިހަށް ހޮވާއިރު ކުޑަކޮށް މީހުންގެ ހުންނަންވާނެ އަޚްލާގާމެދު ވިސްނާލުމަށްޓަކައި ރައްޔިތުންވެސް ކިޔާލަން ރަގަޅު ލިއުމެއް..
ގެދާނޯމޮސް
22 April 2023
އެކަން ނުވާނެ ސަބަބަކީ އިންސާނާ ހައްދަވާ ފަވަނީވެސް ހަލަބޮލި ކެތްތެރި ކަންކުޑަ މީހެއްގެ ގޮތުގަކަމުންނެވެ. އެކަން އިސްލާހުކުރެވޭނީ މުދަލުން ޒަކާތް ދީގެންނެވެ. އެއީ އޭނާ ދަހިވެތި ވެފާވާ މުދަލުގެ ސުންޕާކަމުން ޖެހޭބަށްޔެކެވެ.