ދުނިޔެ / އެމެރިކާ

ބައިޑެން ރިއާސީ އިންތިޚާބަށް ކެމްޕޭން ފައްޓަވައިފި

26 އެޕްރީލް 2023 - 10:17

1 comments

އެމެރިކާގެ ރައީސް ޖޯ ބައިޑެން، ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވައި، ރިއާސީ އިންތިޚާބުގެ ކެމްޕޭން އިއްޔެ ރަސްމީކޮށް ފައްޓަވައިފި އެވެ.

މިއަންނަ އަހަރު އެމެރިކާގައި އޮންނަ ރިއާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވިކަން، ރައީސް ބައިޑެން އިއުލާން ކުރެއްވީ އިއްޔެ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގަ އެވެ. ދާދި ފަހުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަވެރި ރިޕަބްލިކަން ޕާޓީގެ ފަރާތުން ކެންޑިޑޭޓަކު ވާދަކުރި ނަމަވެސް، ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެމްބަރުން ވޯޓު ދޭނީ، މިހާރު އުމުރުން 80 އަހަރުގެ ބައިޑެން އަށެވެ.

މިހާތަނަށް އެންމެ ދޮށީ އުމުރުގައި އެމެރިކާގެ ރައީސްކަން ކުރެއްވި އަދި އެ މަގާމުގައި މިހާރުވެސް ހުންނެވި ބޭފުޅަކީ ބައިޑެން އެވެ. މިއަންނަ އަހަރުގެ ރިއާސީ އިންތިޚާބުގައި ވާދަކުރައްވައި ކާމިޔާބުވެވަޑައިގެން ދެ ވަނަ ދައުރެއް ފުރިހަމަކުރައްވާ އިރު ބައިޑެން ހުންނަވާނީ 86 އަހަރުގަ އެވެ.

އާންމުންގެ މެދުގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއަށް ބަލާއިރު، ބައިޑެންގެ އުމުރުގެ ސަބަބުން، އާންމުންގެ މެދުގައި އޭނާގެ މަގުބޫލުކަން މިހާރު ހުރީ ވަރަށް ދަށުގަ އެވެ. އެމެރިކާގެ ގިނަ ރައްޔިތުން ބޭނުންވަނީ، ބައިޑެން އަށް ވުރެ ހަގު ވެރިއެކެވެ.

ބައިޑެންގެ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ޚިޔާލުތައް ހުރި ގޮތަށް ބަލާއިރު، އަދި ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ ވިސްނުމަށް ބަލާއިރު، ކުރިއަށް އޮތް ރިއާސީ އިންތިޚާބާ ގުޅޭ އެ ޕާޓީގެ ޕްރައިމަރީގައި ބައިޑެންއާ ވާދަކުރައްވާނެ ސީރިއަސް ކެންޑިޑޭޓަކު އަދި ނުފެނެ އެވެ. އެހެންކަމުން، ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލް ކުރެއްވުމުގެ ޓިކެޓް ބައިޑެން އަށް ލިބިވަޑައިގަންނަވާނެ ކަމާ މެދު މާ ބޮޑު ސުވާލެއް ނެތެވެ.

ބައިޑެން އިއްޔެ ދެއްވި ވީޑިއޯ މެސެޖްގައި ވިދާޅުވެފައިވާ ގޮތުގައި އޭނާ އެމެރިކާގެ ރައްޔިތުންނަށްޓަކައި ފެއްޓެވި މަސައްކަތް އަދިވެސް ނުނިމެ އެވެ. އެހެންކަމުން އެ މަސައްކަތް ފުރިހަމަ ކުރައްވައި ނިންމެވުމަށްޓަކައި، ރިއާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވީ އެވެ.

"އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުމެން ފަށައިގެން މިއުޅެނީ، އެމެރިކާގެ ރޫހަށްޓަކައި ކުރާ ހަނގުރާމައެކޭ. އަޅުގަނޑުމެން އަދިވެސް މިތިބީ އެ ހަނގުރާމައިގައި. އަޅުގަނޑުމެންނާ މިއަދު ކުރިމަތިވެފައިވާ ސުވާލަކީ، ކުރިއަށް މި އޮތް އަހަރުތަކުގައި އަޅުގަނޑުމެންނަށް ލިބޭނީ އިތުރު މިނިވަންކަމެއްހޭ ނުވަތަ މަދު މިނިވަންކަމެއްހޭ. އިތުރު ހައްގުތަކެއްހޭ ނުވަތަ މަދު ހައްގުތަކެއްހޭ،" ބައިޑެން ވިދާޅުވި އެވެ.

ބައިޑެންގެ އެ ވާހަކަތަކަށް އިދިކޮޅު ރިޕަބްލިކަން ޕާޓީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި ރައްދު ދީފަ އެވެ. އެ ޕާޓީން ބުނީ ރައީސް ބައިޑެންގެ ވާހަކަތައް މިހާރުގެ ހާލަތާ ނުގުޅޭ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބުގައި އާންމު ރައްޔިތުން ބައިޑެން އަށް ވޯޓު ދީފި ނަމަ، އެމެރިކާގެ އިންފްލޭޝަން ރޭޓް، ރޮކެޓް ސްޕީޑްގައި މައްޗަށް ދާނެ ކަމަށާއި، ކުށްކުރާ ރޭޓް ވެސް މަތިވާނެ ކަމަށެވެ.

ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަކުރައްވަން ބައިޑެން ނިންމެވި އިރު، އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކަމަށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ވިދާޅުވެފަ އެވެ. މިހާރު ކޯޓަށް ހުށަހެޅިފައިވާ ޖިނާއީ ދައުވާ އިން ސަލާމަތްވެ، އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޓްރަމްޕަށް ލިބިވަޑައިގެންފި ނަމަ، ކުރިއަށް އޮތް ރިއާސީ އިންތިޚާބަކީ، ޓްރަމްޕާއި ބައިޑެން އެކަކު އަނެކަކާ ވާދަކުރައްވާ ދެ ވަނަ އިންތިޚާބަށް ވާނެ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރިއާސީ އިންތިޚާބުގައި ވާދަކުރައްވާނެ ބޭފުޅެއް ކަނޑައަޅާނީ، އޮގަސްޓް 2024 ގައި ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ (ނޭޝަނަލް ކޮންވެންޝަން) އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮނޑިބަތް ޖަމީލް

26 April 2023

އިންތިޙާބްވިޔަސް ޙަވާލެއްނުކުރާނަން..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454