މަންދު ކޮލެޖު ހިންގާ އިމާރާތް.-- ފޮޓޯ: މިހާރު
26 އެޕްރީލް 2023 - 12:52
ޓީޗިން ކޯސްތައް އޮންލައިންކޮށް ހިންގުން މަނާކުރާ "އީ-ލާނިން ގައިޑްލައިން" އަށް އަމަލުކުރުން ފަސްކުރުމަށް ހައި ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ގެ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެ ގައިޑްލައިން ހަދާފައިވަނީ ގާނޫނުއަސާސީން، ގަވައިދު ހެދުމަށް ދައުލަތުގެ އިދާރާތަކަށް ދީފައިވާ ބާރުގެ ބޭރުން، މާލޭ ހައި ކުންފުނީގެ ގާނޫނީ ހައްގުތަކާއި ރައްކާތެރިކަން ނިގުޅައިގަންނަ ގޮތަށް ކަމަށެވެ.
ވަގުތީ އަމުރު ނެރުނީ އޮގަސްޓް، 2022 ގައި ނެރުނު މި ގައިޑްލައިން ބާތިލް ކޮށްދިނުމަށް އެދި، މަންދު ކޮލެޖު ހިންގާ ކުންފުނިން ހުށަހެޅި މައްސަލައިގަ އެވެ.
ދައުލަތަށް ރައްދުވާ ގޮތަށް ކުރި މި ދައުވާގައި ވަކި ގޮތެއް ކަނޑައަޅަންދެން ނެރުނު ވަގުތީ އަމުރުގައި މަންދު ކޮލެޖްގެ ވާޗުއަލް ކެމްޕަސްގައި ދަރިވަރުން އެންރޯލްކޮށް ކިޔަވައިދިނުމަށް ހުރަސް ނޭޅުމަށާއި އެ ކޯސްތައް ހިންގުމަށް ކުރިން ދީފައިވާ އެއްވެސް ހުއްދައެއް ބާތިލް ނުވެ ދެމިއޮތް ކަމަށް ބެލުމަށާއި މަންދުގެ ވާޗުއަލް ކެމްޕަސްގައި ބައިވެރިވާ ދަރިވަރުންނަށް އެކަމާ ގުޅޭ ހުއްދަތައް ދެމުން ގެންދިއުމަށް އަމުރުކޮށްފައިވެ އެވެ.
މަންދު ކޮލެޖުން ދައުވާގައި ބުނެފައިވަނީ ގައިޑްލައިން ބާތިލް ނުކޮށްފި ނަމަ ކުރިއަށް އޮތް އަހަރު ކޮލެޖަށް ޓީޗަ ޓްރެއިނިން އަށް ދަރިވަރުން އެންރޯލް ކުރުމަށް އިއުލާނުކޮށް، އެކަން ނުހިންގޭނެ ކަމަށެވެ. މީގެ ކުރިން ކޮލިފިކޭޝަން އޮތޯރިޓީން ވަނީ މަންދު ކޮލެޖްގެ ވާޗުއަލް ކެމްޕަސްއަކީ ހާޒިރުވެގެން ނުވަތަ "ފޭސް ޓު ފޭސް" ކޮށް ކިޔަވައިދިނުމާ އެއްހަމަ ކިޔަވައިދިނުމެއް ކަމަށް ބަލައިގަނެ އެގޮތަށް ކިޔަވައިދިނުމުގެ ހުއްދަ ސިޓީއަކުން ދީފައި ކަމަށް ވެސް ދައުވާގައިވެ އެވެ.
އެ ސިޓީއާ އެކު އެ ނިޒާމަށް ބަރޯސާވެ އެކަން ތަރައްގީކޮށް، އޭގެ މައްޗަށް ކޮލެޖް ބައްޓަންކޮށްފައި ވަނިކޮށް އެކަން ހުއްޓުވައިފި ނަމަ ކޮލެޖްގައި ކިޔަވައިދިނުން ހުއްޓުމަކަށް ހިނގައިދާނެ ކަމަށް ވަނީ ބުނެފަ އެވެ.
ނަމަވެސް އެމްކިއުއޭގެ ސީއީއޯ ޑރ. އަބްދުލް ހަންނާން ވަހީދު މިއަދު "މިހާރު" އަށް ވިދާޅުވީ މަންދުގެ ވާޗުއަލް ކެމްޕަސްއާ ގުޅޭގޮތުން ފޮނުވި ސިޓީ ފަހުން ބާތިލް ކޮށްފައިވާ ކަމަށެވެ. އެހެންވެ، ކުރިން ފޮނުވި ސިޓީ ސައްހަ ނުވާނެތީ، އެމްކިއުއޭއިން ވަނީ އެ މައްސަލަ އިސްތިއުނާފުކުރަން ނިންމައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮންލައިންކޮށް ކިޔަވައިނުދެވޭ ކޯސްތަކުގެ ތެރޭގައި ޓީޗިން ހިމެނީ އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާކުރުމަށްފަހުގަ އެވެ. ޓީޗިންނާ ގުޅޭ ގޮތުން ވެސް އޮންލައިންކޮށް ހިންގޭނީ ހަމައެކަނި މާސްޓާސް ޑިގްރީ ކަމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށް ހަންނާން ވިދާޅުވި އެވެ.
ތައުލީމުގެ ގާނޫނުގެ ދަށުން ސްކޫލުތަކުގައި ކިޔަވައިދޭނީ މިނިސްޓްރީން ދޭ ޓީޗާސް ލައިސެންސް ދީފައިވާ ޓީޗަރުންނަށް އެކަންޏެވެ. އެޑިއުކޭޝަނުން އަންނަނީ، 2028 ވަނަ އަހަރުން ފެށިގެން ޓީޗަރުކަމުގެ ލައިސެންސް ދޭނީ ފޭސް-ޓު-ފޭސްކޮށް ހަތަރު އަހަރުގެ ޓީޗިން ޑިގްރީ ފުރިހަމަކުރުމުން ކަމަށް ކަނޑައަޅައި އެކަމާ ބެހޭ ގަވައިދު ގެޒެޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމޭއްތަ
26 April 2023
އިބުރާއަކީ އެންމެ އަޑަށް ބާރުލާފައި ފޭސް ޓު ފޭސް ކިޔަވައިދިނުމުގެ މުހިންމުކަމަށް ވަކާލާތުކޮށް މޫނު ބުރުގާ މަނާ ކުރަން ގޮވާ މީހާ. އެކަމު މީނަ ގެންގުޅޭ ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީއިން ވެއްޖެޔާ ފޭސް ޓު ފޭސް ކީއްކުރަން މާ ދުރު ގައުމެއްގަ ހުއްޓަސް ހަމަ ބަރާބަރަށް ކިޔަވާދެވޭ. މީ ޖޯކެންނު