މިދިޔަ ރޯދަމަހަށް ހާއްސަ ކޮށްގެން ދިވެހިންނަށް ބަހަން ޗަމްޕާ ބްރަދާސް އިން ހަދިޔާކުރި ކަރަ އާއި ކާށި ހިފައިގެން ބަޔަކު އިއްޔެ ދަނީ: ނިއުމަތްތަކަށް ޝުކުރުކޮށް، އެ ކަންކަން ބަލައިގަތުމަކީ އަހަރެމެންގެ މައްޗަށް ލާޒިމު ކަމެއް.---ފޮޓޯ: ނިޝާން އަލީ| މިހާރު
28 އެޕްރީލް 2023 - 09:22
މާތް ﷲ އިންސާނުންނަށް ދެއްވާ ގިނަ ނިއުމަތްތައް އިހުސާސް ކުރަން ބައެއް އިންސާނުންނަށް ދަހެއް ނުވެ އެވެ. މިކަމުގެ އެއް ސަބަބަކީ ވަރަށް ގިނަ ނިއުމަތްތައް ފަސޭހަ ކަމާއެކު ހާސިލު ކުރެވުމާއި އެ ލިބިލިބި ހުރުން އާދައަކަށް ވެފައި ވުމެވެ. އެހެންވެ، މިފަދަ މީހުން އަބަދުވެސް ތިބޭނީ އަމިއްލަ ނަފްސާއި ދިރިއުޅުމުގެ ހަޔާތާ މެދު ނުރުހިފަ އެވެ. ތިމަންނާ އަށް މި ވެނި އެއްޗެއް އެ ވެނި އެއްޗެއް ނުލިބެއޭ ކިޔާލަ ކިޔާލަ އެވެ. ލިބިފައިވާ އެއްޗެއްގެ ވާހަކަ ބުނާކަށް ހަނދާނެއް ނުހުރެ އެވެ. ނަތީޖާއެއްގެ ގޮތުން މިފަދަ މީހުންނަކީ ރުހުމުގެ ލައްޒަތުން މަހުރޫމު ވާނެ ބައެކެވެ. ނަމަވެސް މިފަދަ މީހުންނާ ޚިލާފަށް ﷲ އަށް ފުރިހަމަ އަށް އީމާންވާ މީހުންނަކީ އެކަލާނގެ ދެއްވާ ނިއުމަތްތަކާއި އެކަލާނގެ ދީލަތިވަންތަ ކަމާއި އިހުސާންވަންތަކަމާ މެދު ފުން އިހުސާސްތަކެއް ކުރާނެ ބައެކެވެ.
އީމާންކަން ފުރިހަމަ މީހަކު ނަމަ އޭނާ އުފަންވުމުގެ ކުރިން ފެށިގެން މައިމީހާގެ ބަނޑުގައި އޮއްވައި ލިބެމުން ދިޔަ ނިއުމަތްތައް ވެސް ހަނދާން ކުރާނެ އެވެ. އެއްޗެއް ހަފާލެވޭނެ ނުވަތަ އެއްޗެއްގައި ހިފައިލެވޭނެ ނުވަތަ ފިޔަވަޅެއް އަޅައިލެވޭނެ ފަދަ ކުޅަދާނަ ކަމެއް ނެތް އިރު ވެސް މައިމީހާގެ އުނގުގައި އޮވެލައިގެން، ފުރިހަމަ ޣިޒާއެއް އެކުލެވޭ، މީރު ބުއިމެއް ލިބޭނެ މަގު ތަނަވަސް ކޮށްދެއްވިކަން ދަންނާނެ އެވެ.
އަމިއްލަ ހާލައިގެން ނޫޅެވޭ ހިނދު، އޭނާގެ ބޭނުންތައް ފުއްދުމާއި އޭނާ އަށް ލިބިދާނެ ކިތަންމެ ކުޑަ ގެއްލުމަކުން ވިއަސް ސަލާމަތް ކުރުމުގައި، ނިދުމާއި އަރާމުން ގުރުބާންވާ ފަދަ ލޯތްބެއް އޭނާގެ މައިންބަފައިންގެ ހިތުގައި އޭނާއާ މެދު އެކަލާނގެ ލެއްވިކަން ހަނދާން ކުރާނެ އެވެ. ހިނގައިބިނގާވެ އުޅެވެން ފެށީއްސުރެ ދުނިޔެ ދޫކޮށް ދާން ވަންދެން ދިރިއުޅުމުގެ ހަޔާތުގައި އޭނާ އަށް ލިބެމުންދާ ތަފާތު ނިއުމަތްތައް ފުންކޮށް އިހުސާސް ކުރާނެ އެވެ.
މުއުމިނު އިންސާނާ އެ ނިއުމަތްތައް އިހުސާސް ކުރަނީ އޭނާގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެ އީމާންތެރިކަން ގެނެސްދެނީ ކީރިތި ޤުރުއާނުގަ އާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތުގައި ބަޔާން ވެގެންވާ ނިއުމަތްތަކުގެ ސަބަބުންނެވެ.
އިންސާނާ އުފެއްދެވިގެން ވަނީ ދެރަވެގެންވާ ފެނަކުން (އެބަހީ މަނިފޮދަކުން) ކަމާއި އެނގިގެންވާ މުއްދަތަކަށް ރައްކާތެރިވެގެންވާ ތަނެއްގައި (އެބަހީ ރަހިމުގައި) އެ ފެން ފޮދު ލެއްވި ކަމާއި އެ ތަނުގައި އޮންނަ އިރު ކެއުންބުއިމާއި ނޭވާލުމާއި ފިނިހޫނުކަން ލިބުމުގެ އެންމެހައި ސަބަބުތައް މިންވަރު ކުރެއްވިކަން މުއުމިނު އިންސާނާ ގަބޫލު ކުރާނެ އެވެ (އަލްމުރުސަލާތު 20-23). ހަމަ އެފަދައިން އޭނާގެ ވަށައިގެންވާ ކޮންމެ އެއްޗެއްގައި ވެސް ހިމެނޭ ނިއުމަތްތައް މުއުމިނު އިންސާނާ އިހުސާސް ކުރާނެ އެވެ.
އޭނާގެ ދިރިއުޅުމުގެ މައީޝަތަށް ފަހިކޮށްދޭ އަދި ދިރިއުޅުމުގައި އޭނާގެ ރިސާލަތު ފުރިހަމަ ކުރުމަށް އެހީވެދޭ ގޮތަށް ބިމުގައި ނުވަތަ އުޑުގައިވާ ކޮންމެ ޒައްރަކީ ވެސް މާތް ﷲ އޭނާ އަށް ދެއްވި ހަދިޔާއެއް ކަމުގައި ބަލާނެ އެވެ. ވައިޖެހުމާއި ވިލާތައް ދަތުރު ކުރުމާއި ކޯރުތައް ހިނގުމާއި އިރުއަރައި އޮއްސުމާއި ދުވާލުގެ އަލިކަމާއި ރޭގަނޑުގެ އަނދިރި ކަމާއި އެއްގަމާއި ކަނޑުގެ ސަވާރީތަކާއި ހަނދުގެ އަލިކަމާއި ތަރިތަކުގެ ފިޔަޖެހުމާއި ގަސްގަހާގެހި ހެދިބޮޑުވުމާއި ދޫނިސޫފާސޫފީގެ ދިރުމާއި މިހެން ގޮސް އޭނާގެ ވަށައިގެން ފެންނަ ކޮންމެ ކަމަކީ ވެސް ﷲ ގެ ނިއުމަތްތަކުގެ ތެރެއިން ނިއުމަތެއް ކަމުގައި މެނުވީ މުއުމިނު އިންސާނާ ނުބަލާނެ އެވެ.
ކީރިތި ގުރުއާނުގެ އަންނަނިވި އާޔަތްތަކާ މެދު ނިކަން ވިސްނާލަ ބައްލަވާށެވެ! ލުގުމާނު ސޫރަތުގެ 20 ވަނަ އާޔަތުގެ މާނައިގެ ތެރޭގައި ވެ އެވެ. "ހަމަކަށަވަރުން، އުޑުތަކާއި ބިމުގައިވާހާ ތަކެއްޗެއް ﷲ ތިޔަބައިމީހުންނަށްޓަކައި ހިދުމަތްތެރި ކުރެއްވިކަން، ތިޔަބައިމީހުންނަށް ނޭނގެނީ ހެއްޔެވެ؟ އަދި އެކަލާނގެ ނިއުމަތްތައް ފާޅުވެގެންވާ ގޮތުގައްޔާއި، ފޮރުވިގެންވާ ގޮތުގައި ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވި އެވެ..." ޖާޘިޔަތު ސޫރަތުގެ 12 އާއި 13 ވަނަ އާޔަތުގެ މާނައިގައި ވެ އެވެ. "ﷲ އީ، ތިޔަބައިމީހުންނަށްޓަކައި ކަނޑު ހިދުމަތްތެރި ކުރެއްވި ރަސްކަލާނގެ އެވެ. (އެއީ) އެކަލާނގެ އަމުރުފުޅަށް އެތާނގައި އުޅަނދުތައް ދުވުމަށްޓަކަ އެވެ. އަދި ތިޔަބައިމީހުން އެކަލާނގެ ފަޟުލަވަންތަކަމުން އެދިގަތުމަށްޓަކަ އެވެ. އަދި ތިޔަބައިމީހުން ޝުކުރު ކުރުމަށްޓަކަ އެވެ. އަދި އުޑުތަކާއި ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހިދުމަތްތެރި ކޮށްދެއްވި އެވެ..."
ހުޅުމާލެ 2 ގެ ހިޔާ ފްލެޓް ސަރަހައްދުގައި މިދިޔަ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ފަހު ހުތުބާ އަޑުއަހަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޔާސީން ސޫރަތުގެ 33 ވަނަ އާޔަތުން ފެށިގެން ކުރިއަށް އޮތް ހަތަރު އާޔަތުގައި ބަޔާން ކުރައްވާފައި ވަނީ، މަރުވެފައިވާ ބިންގަނޑު، މާތް ﷲ ދިރުއްވި ކަމާއި އެ ބިމުން އޮއްޓަރު ނެރުއްވި ކަމާއި އޭގެ ތެރޭގައި ކަދުރު ރުއްތަކާއި މޭބިސްކަދުރުގެ ބަގީޗާތައް ލެއްވި ކަމާއި ފެން އާރުތައް އެ ބިމުގައި ހިންގެވި ކަމާއި މި ކަންކަމުގެ ބޭނުމަކީ ބިމުން ލިބޭ މޭވާއިންނާއި އިންސާނުންގެ އަތްތަކުން މަސައްކަތް ކޮށްގެން ހޯދާ ތަކެތިން އިންސާނާ ކައި އުޅުން ކަމެވެ. ހަމަ އެ ސޫރަތުގެ 71 ވަނަ އާޔަތުން ފެށިގެން އޮންނަ ތިން އާޔަތުގައި ބަޔާން ކުރައްވާފައި ވަނީ، އެކަލާނގެ ކުޅަދުންވަންތަ ކަމުން ހެއްދެވި ތަކެތީގެ ތެރެއިން ނައަމްސޫފި އިންސާނާއަށްޓަކައި ހައްދަވާފައިވާ ކަމާއި އެ ތަކެތި އިންސާނުންނަށްޓަކައި ކިޔަމަން ކޮށްދެއްވި ކަމަށެވެ. އެއީ އެ ތަކެތިން ކައި އުޅުމަށާއި މަންފާތަކާއި ބުއިންތައް ލިބިގަތުމުގެ އިތުރުން ސަވާރީގެ ގޮތުގައި ވެސް އެ ތަކެތި ބޭނުން ކުރުމަށް ކަމަށެވެ.
ފުރުޤާނު ސޫރަތުގެ 47 ވަނަ އާޔަތުގެ މާނައިގައި ވަނީ މިފަދައިންނެވެ. "އެކަލާނގެއީ ރޭގަނޑު ނިވަލެއް ކަމުގައި، އަދި ނިދުމަކީ އަރާމެއް ކަމުގައި ލައްވައި، އަދި ދުވާލަކީ، ދިރިއުޅުން ހޯދުމަށް އުޅޭ ވަގުތެއް ކަމުގައި ލެއްވި ރަސްކަލާނގެ އެވެ." އަދި ﷲ އިންސާނުންނަށް ދެއްވާ ވަރަށް ގިނަ ނިއުމަތްތަކެއްގެ ވާހަކަ އައްނަޙްލު ސޫރަތުގެ 5 ވަނަ އާޔަތުން ފެށިގެން 18 ވަނަ އާޔަތާ ޖެހެންދެން ބަޔާން ކުރައްވާފައި ވެ އެވެ.
އަވަހާރަފުޅުން ތެދުވެ ވަޑައިގަންނަވާފައި، ނިދި މިންވަރު ކުރެއްވުމަށް ފަހު ހޭލުމުގެ ނިއުމަތް ދެއްވީތީވެ، އެކަން ބަޔާން ކުރައްވައި ހަމްދު ކުރައްވަ އެވެ. ގަޟާހާޖާ އިން އަވަދިވެ ވަޑައިގެންނެވުމަށް ފަހު، އެކަމުން ލިބިލެއްވި ފަސޭހައަށްޓަކައި އެކަން ބަޔާން ކުރައްވަމުން ހަމްދު ކުރައްވަ އެވެ. ބަލިމަޑުކަމަކުން ފަސޭހަވެ ވަޑައިގެންފި ނަމަ، އެކަމުގެ އާފިޔަތަށްޓަކައި ހަމްދު ކުރައްވަ އެވެ. ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތަކަށް ކަމެއް ނިމިއްޖެ ނަމަ، ހެޔޮ ކަންކަން ނިމެނީ އެކަލާނގެ ނިއުމަތުންކަން ބަޔާން ކުރައްވަމުން ހަމްދު ކުރައްވަ އެވެ.
އޭގެ ތެރޭގައި ނައަމް ސޫފިން ލިބޭ ނިއުމަތްތަކާއި ވާރޭގެ ސަބަބުން ލިބޭ ތަފާތު ނިއުމަތްތަކާއި ރެ އާއި ދުވާލާއި އިރާއި ހަނދާއި ތަރިތަކާއި ބިމުގައި ހެދޭ ތަފާތު ކުލަކުލައިގެ ތަކެއްޗާއި ކަނޑުން ލިބޭ ގިނަގުނަ ނިއުމަތްތަކާއި ފަރުބަދަތަކާއި ކޯރުތަކުން ލިބޭ ނިއުމަތްތަކުގެ ވާހަކަ ބަޔާން ކުރައްވާފައި ވެ އެވެ. އެ އާޔަތްތައް ނިންމަވާލައްވާފައި ވަނީ އެކަލާނގެ ނިއުމަތްތައް ގުނައި އަދަދު ނުކުރެވޭނެކަން ބަޔާން ކުރައްވަމުންނެވެ. މުއުމިނު އިންސާނާއަކީ މިފަދަ އާޔަތްތަކުގައިވާ އެއްޗެއް ދޭހަ ކުރާނެ މީހެކެވެ. އޭގެ ނަތީޖާއަކީ ﷲ ގެ ނިއުމަތްތަކުގެ ފުރިހަމަކަން އިހުސާސް ކުރުމެވެ.
އިންސާނާގެ ނަފްސުގައި ލައްވާފައިވާ ނިއުމަތްތަކުގެ ވާހަކަ ވެސް ގުރުއާނުގައި ބަޔާންވެފައި ވެ އެވެ. އިންސާނާ އެއްވެސް އެއްޗެއް ކަމުގައި ނުވާ ޒަމާންތަކެއް ވުމަށް ފަހު، މަނި ތިއްކަކުން ހައްދަވައި، ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ލެއްވުމެވެ. (އަލްއިންސާނު 1-2). ފުރިހަމަ އިންސާނެއްގެ ގޮތުގައި ލައްވައި، ވަރަށް ގިނަ އެހެން މަހުލޫގުންނަށް ވުރެ ދަރަޖަ މަތިވެރި ކުރައްވައި، ބިމުގެ ހަލީފާކަން ދެއްވި ކަމެވެ. (އިސްރާއު 70). ދެނެގަތުމާއި ބުއްދިއާއި ވިސްނުމުގެ ނިއުމަތް ދެއްވިކަމެވެ (އަލްއަލަގް 3-5). ބަޔާންކުރުމާއި ލިޔެކިޔުމުގެ ނިއުމަތް ދެއްވިކަމެވެ (އައްރަހުމާން 1-4، އަދި އަލްގަލަމް 1). ރިޒުގު ތަނަވަސް ކޮށްދެއްވި ކަމެވެ (ފާތިރު 3). އީމާންކަމާއި ހިދާޔަތާއި ތެދުމަގުގެ ނިއުމަތްތައް ދެއްވިކަމެވެ (އަލްހުޖުރާތު 7، 8، އަދި 17). އިސްލާމީ ނުވަތަ އިންސާނީ އުހުއްވަތްތެރިކަމާއި އެކަކު އަނެކަކު ދެކެ ލޯބިވުމުގެ ނިއުމަތް ދެއްވި ކަމެވެ (އާލް އިމްރާން 103 އަދި އަލްއަންފާލް 63).
ނިއުމަތްތައް އިހުސާސް ކޮށް ހަނދާން ކުރުމުގައި މުއުމިނުންގެ ނަމޫނާއަކީ ކީރިތި ނަބިއްޔާ ﷺ އެވެ. އެހެނީ އެކަލޭގެފާނު އެއްޗެއް ފަރިއްކުޅުއްވައިފި ނަމަ، ކެއުން ދެއްވައި ބުއިން ދެއްވައި މުސްލިމުން ގޮތުގައި ލެއްވީތީވެ، އެކަން ބަޔާން ކުރައްވަމުން ﷲ އަށް ހަމްދު ކުރައްވަ އެވެ. ހެދުން ތުރުކުރައްވާ އިރު، ތިމާގެ އަމިއްލަ އާރަކާއި ބާރަކާ ނުލައި އެ ދެއްވީތީވެ، އެކަން ބަޔާން ކުރައްވައި ހަމްދު ކުރައްވަ އެވެ. އެއްޗަކަށް ސަވާރުވާ އިރު، އައްޒުޚްރުފް ސޫރަތުގައި ﷲ ބަޔާން ކުރައްވާފައިވާ ފަދައިން ތަސްބީހަ ވިދާޅުވެ އެވެ.
އަވަހާރަފުޅުން ތެދުވެ ވަޑައިގަންނަވާފައި، ނިދި މިންވަރު ކުރެއްވުމަށް ފަހު ހޭލުމުގެ ނިއުމަތް ދެއްވީތީވެ، އެކަން ބަޔާން ކުރައްވައި ހަމްދު ކުރައްވަ އެވެ. ގަޟާހާޖާ އިން އަވަދިވެ ވަޑައިގެންނެވުމަށް ފަހު، އެކަމުން ލިބިލެއްވި ފަސޭހައަށްޓަކައި އެކަން ބަޔާން ކުރައްވަމުން ހަމްދު ކުރައްވަ އެވެ. ބަލިމަޑުކަމަކުން ފަސޭހަވެ ވަޑައިގެންފި ނަމަ، އެކަމުގެ އާފިޔަތަށްޓަކައި ހަމްދު ކުރައްވަ އެވެ. ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތަކަށް ކަމެއް ނިމިއްޖެ ނަމަ، ހެޔޮ ކަންކަން ނިމެނީ އެކަލާނގެ ނިއުމަތުންކަން ބަޔާން ކުރައްވަމުން ހަމްދު ކުރައްވަ އެވެ.
އަދި ކިއެއްތަ، ބޭނުންވެ ވަޑައިގަންނަވާ ގޮތަށް ނުނިމުނަސް، ހުރިހާ ހާލެއްގައި ވެސް ﷲ އަށް ހަމްދު ކުރަން ޖެހޭކަން ބަޔާން ކުރައްވަމުން ހަމްދު ކުރައްވަ އެވެ. ނިއުމަތްތަކާއި އާފިޔަތާއި ރައްކާތެރިކަން އަންނަނީ ހަމައެކަނި ﷲ ގެ ހަޒްރަތުން ކަމާއި އެހެންކަމުން އެކަންކަން ފުރިހަމަ ކޮށްދެއްވުމަށް އެދި ވަޑައިގަންނަވަމުން ކޮންމެ ހެނދުނަކު އެ ކަންކަމަށް ހަމްދު ކުރައްވަ އެވެ. ހަވީރު ވުމުން ވެސް ހަމަ މިފަދައިން ހަމްދު ކުރައްވަ އެވެ.
ވީމާ އެ ނަމޫނާ އަށް ތަބާވާ، އީމާންކަން ވަރުގަދަ މުއުމިނު އިންސާނާ އަކީ ﷲ ގެ ނިއުމަތްތައް ފުންކޮށް އިހުސާސް ކުރާނެ މީހެކެވެ. ނަތީޖާ އަކީ ރުހުމުގެ ލައްޒަތު މިފަދަ މުއުމިނުންނަށް ހާސިލު ކުރެވުމެވެ. ދިރިއުޅުން ބާއްޖަވެރި ކުރުމަށްޓަކައި ރުހުމުގެ އިހުސާސަކީ، ނުހަނު ބޭނުންތެރި އެއް ކަންތަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy