ދުނިޔެ / ރަޝިއާ

ރަޝިޔާގައި މިސައިލް އުފެއްދުން ދެގުނަ އިތުރުކުރަނީ

މީގެ 81 އަހަރު ކުރިން ޖަރުމަން ވިލާތުގެ ނާޒީ ސިފައިން ރަޝިޔާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި، މަރުވި ރަޝިޔާ ސިފައިންގެ ހަނދާން އާކުރުމުގެ ގޮތުން، ޖޫން 22، 2022ގައި މޮސްކޯގައި ބޭއްވި ރަސްމިއްޔާތުގައި، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން (ވ) އެ ގައުމުގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫއާ ވާހަކަ ދައްކަވަނީ. --އޭއެފްޕީ

03 މެއި 2023 - 12:02

1 comments

ރަޝިޔާގައި މިސައިލް އުފައްދާ މިންވަރު ދެ ގުނަ އިތުރު ކުރުމަށް، ރަޝިޔާ ސަރުކާރުގެ އަސްކަރީ ކުންފުންޏަށް، އެ ގައުމުގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ އިއްޔެ އަންގަވައިފި އެވެ.

އެ ގައުމުގެ އަސްކަރީ އިސް ޖެނެރަލުންނާ އެކު ވެރިރަށް މޮސްކޯގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ދިފާއީ ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަސްކަރީ ކުންފުނި، ޓެކްޓިކަލް މިސައިލްސް ކޯޕަރޭޝަނުން މިހާރު ވެސް، އެއްބަސްވުމާ އެއްގޮތަށް، ކަނޑައެޅިފައިވާ ވަގުތައް މިސައިލް އުފައްދައި ނިންމާ ކަމަށެވެ. އެހެން ނަމަވެސް، އެ ކުންފުނިން މިހާރު މިސައިލް އުފައްދާ އަދަދުގެ ދެ ގުނަ އިތުރަށް އުފެއްދުމަށް އޭނާ ގޮވައިލެއްވި އެވެ.

"އެންމެ މަތީ މިންގަނޑުގައި އަމާޒަށް ވާސިލުވެވޭ ފަދަ ޒަމާނީ ހަތިޔާރުތައް، ވީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އުފެއްދޭ އަދަދު ދެ ގުނަ އިތުރުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެއް،" ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ ވިދާޅުވި އެވެ.

އޭނާ މި މޭރުމުން ވާހަކަ ދެއްކެވި އިރު، ރަޝިޔާ އާއި ޔޫކްރޭނުން ވެސް ހަތިޔާރު ހުސްވަމުންދާ ކަމުގެ ޚަބަރުތަކެއް ބައިނަލްއަގުވާމީ މީޑިއާގައި ފެތުރެމުން ދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ޔޫކްރޭނުން ބަޑީގެ ވަޒަން ހުސްވަމުންދާ ކަމަށް އެއްބަސްވެވަޑައިގެން، އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ އިތުރު ހަތިޔާރު ފޯރުކޮށްދިނުމަށް ހުޅަނގުގެ ގައުމުތަކަށް ގޮވާލައްވައިފަ އެވެ.

ނަމަވެސް ރަޝިޔާގެ އަސްކަރިއްޔާ އަށް ހަތިޔާރުގެ އެއްވެސް ދަތިކަމެއް ކުރިމަތިވެފައިވާ ކަމަކަށް އެ ގައުމުގެ ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ނުބުނެ އެވެ. ނަމަވެސް، ހަތިޔާރު އުފައްދާ މިންވަރު އިތުރު ކުރުމާ ބެހޭ ގޮތުން މީގެ ކުރިން ވެސް ރަޝިޔާގެ އިސް ވެރިން ވާހަކަ ދައްކަވާފައިވާތީ، ރަޝިޔާ އަށް ވެސް ހަތިޔާރުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ބެލެވެ އެވެ.

ފެބްރުއަރީ 24، 2022 ގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމަ އަށް އެއް އަހަރާއި ދެ މަސް ފުރިގެން ދިޔައިރު، ދެ ގައުމުން ވެސް ގިނަ އަދަދެއްގެ ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ބުނެ އެވެ. އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ނަމަވެސް، އިތުރު ހަތިޔާރު ފޮނުވައިދިނުމަށް އެދި ޔޫކްރޭނުން މިހާރުވެސް ވަނީ ހުޅަނގުގެ ގައުމުތަކަށް ގޮވާލައިފަ އެވެ.

ޔޫކްރޭނަށް އަރައި ތިބި ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު މިހާރު އެންމެ ބޮޑަށް ހަނގުރާމަ ހިނގަމުން ދަނީ، ޔޫކްރޭންގެ އިރުމަތީ ޑޮނެސްޓްކް ސަރަހައްދުގައި އޮންނަ ބަޚްމުތު ކިޔާ ސަހަރުގަ އެވެ. ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ބަޚްމުތު ގެނައުމަށް ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ ސިފައިންނާ އެކުގައި ބައިވެރިވަނީ، ކުލީ ސިފައިންގެ ގުރޫޕެއް ކަމަށްވާ ވަގްނާ ގުރޫޕްގެ ހަނގުރާމަވެރިންނެވެ.

ބަޚްމުތުގައި ތިބި ވަގްނާ ގުރޫޕުގެ ހަނގުރާމަވެރިންނަށް ރަޝިޔާގެ އަސްކަރިއްޔާ އިން އެކަށީގެންވާ ގޮތެއްގައި އަސްކަރީ މަދަދު ފޯރުކޮށްނުދޭ ކަމަށް ބުނެ، ބަޚްމުތުން ފައިބަންޖެހިދާނެ ކަމަށް، މިދިޔަ ހަފުތާގައި އެ ގުރޫޕުން ވަނީ އިންޒާރުކޮށްފަ އެވެ. ބަޚްމުތު ހިފުމަށް ރަޝިޔާ ސިފައިންނާއި ވަގްނާ ގުރޫޕްގެ ހަނގުރާމަވެރިން ދޭ ހަމަލާތައް މިދިޔަ ހަފުތާއިން ފެށިގެން ވަނީ ވަރަށް ވަރުގަދަ ކޮށްފަ އެވެ.

ޔޫކްރޭނުން މިއަދު ބުނި ގޮތުގައި، ބަޚްމުތު ހިފުމަށް ދޭ ހަމަލާތަކުގެ އިތުރުން، އިއްޔެ އާއި ރޭ ވެސް ވެރިރަށް ކިޔޭވް އަށް ހަމަލާ ދޭން ރަޝިޔާ އިން ވަރަށް މަސައްކަތް ކުރި އެވެ. ކިޔޭވްއަށް ރޭ ވެސް ގިނަ އަދަދެއްގެ ޑްރޯންތައް ރަޝިޔާ އިން ފޮނުވި ކަމަށާއި، ނަމަވެސް ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުން ހަމަލާދީ، އެ ހުރިހާ ޑްރޯންތަކެއް ވެސް ވައިގެ ތެރެއަށް ގޮއްވައިލި ކަމަށް ޔޫކްރޭނުން ބުނެ އެވެ.

ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި އިއްޔެ އާއި ރޭ ދިން ޑްރޯން ހަމަލާތަކުގައި މުޅިން ވެސް ބޭނުންކޮށްފައި ހުރީ، އީރާންގައި އުފައްދާފައިވާ ޝާހިދު މަރުކާގެ ޑްރޯން އެވެ. ނަމަވެސް އިއްޔެ އާއި ރޭ ކިޔޭވް އަށް ރަޝިޔާ އިން ފޮނުވައިލީ ކިތައް ޑްރޯންކަމެއް ޔޫކްރޭނުން ނުބުނެ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކާލާމަންނަ.

03 May 2023

« ނަމަވެސް އިއްޔެ އާއި ރޭ ކިޔޭވް އަށް ރަޝިޔާ އިން ފޮނުވައިލީ ކިތައް ޑްރޯންކަމެއް ޔޫކްރޭނުން ނުބުނެ އެވެ.» ނުބުނެވޭނެތާ އެއީ ޒެލެންސްކީ ނިދާފައޮއްވަ ފެނުނު ބިރުވެރި ހުވަފެނެއްވިއްޔަ. ވުޖޫދުގައި ނެތް އެއްޗެއް. ލޮލަށް ނުފެންނަ ރާޑަރަށް ނާރާ އެއްޗެއް. އެއީ އެމެރިކާގެ ޕުރޮޕެގެންޑާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454