14 މެއި 2023 - 13:13
ޕާކިސްތާނުގެ އަސްކަރިއްޔާ އިން ގައުމުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ނަމަ، ސިފައިންގެ ސިޔާސީ ޕާޓީއެއް އުފައްދައިގެން އެކަން ކުރުމަށް، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އިއްޔެ ގޮވާލައްވައިފި އެވެ.
މި މަހުގެ 9 ވަނަ ދުވަހު ޕާކިސްތާނުގެ ފުލުހުން ހައްޔަރުކޮށްފައި ހުއްޓައި، އެ ގައުމުގެ ހައި ކޯޓުން ނެރުނު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު މިނިވަންކޮށްފައި ހުރި އިމްރާން ޚާން ވިދާޅުވީ، އެ ގައުމަށް ޚިދުމަތް ކުރުމުގެ ފަޚުރުވެރި މަޒީއެއް އޮތް އަސްކަރިއްޔާ އިން، ގައުމު ހަލާކުގެ ތެރެއަށް ވެއްޓުނަ ނުދީ ސަލާމަތް ކުރުމަށްޓަކައި އިތުރަށް ވިސްނަންޖެހޭ ކަމަށެވެ.
އަދި ޕާކިސްތާނުގެ ސިފައިން އޭނާގެ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީއާ ދެކޮޅަށް ގެންގުޅޭ ސިޔާސަތު، ގައުމުގެ ކުރިމަގަށްޓަކައި ދޫކޮށްލައި ގައުމީ ވިސްނުމެއްގައި މަސައްކަތް ކުރުމަށް ވެސް އިމްރާން ގޮވައިލެއްވި އެވެ.
އިސްލާމް އާބާދުގެ ހައި ކޯޓުގައި އިއްޔެ އޮތް އަޑުއެހުމަކަށް ވަޑައިގަތުމަށް ފަހު، ފުލުހުން އަނެއްކާ ވެސް އޭނާ ހައްޔަރުކޮށްފާނެ ކަމުގެ ބިރަށް، ކޯޓުގެ ތެރޭގައި އެތައް ގަޑިއިރެއް ފަހު އިންނެވުމަށް ފަހު ގެކޮޅަށް ވަޑައިގަތީ ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކުގަ އެވެ. ގެކޮޅަށް ވަޑައިގެން ނެރުއްވި ބަޔާނެއްގައި އިމްރާން ވިދާޅުވީ، ހައި ކޯޓުން ނެރުނު ކަފާލާތުގެ ހުކުމެއްގެ ދަށުން އޭނާ މިނިވަންކޮށްފައި ހުރި ނަމަވެސް، އަނެއްކާ ވެސް އޭނާ ހައްޔަރުކުރުމަށް ފުލުހުންނާއި ސިފައިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ އިއްޔެ ނެރުއްވި ބަޔާނުގައި ސިފައިންގެ އިސް ޖެނެރަލެއް ކަމަށްވާ، ސިފައިންގެ އިންޓަ-ސާވިސް ޕަބްލިކް ޕަބްލިކް ރިލޭޝަން (އައިއެސްޕީއާރް) ގެ ޑިރެކްޓަ ޖެނެރަލް އަހްމަދު ޝަރީފް ޗައުދަރީ އަށް ވެސް ބަހުގެ ހަމަލާތަކެއް ދެއްވި އެވެ. "އިމްރާން ޚާނަކީ މުނާފިގެއް އަދި ސިފައިންގެ ދުޝަމަނެއް" ކަމަށް، ޖެނެރަލް ޗައުދަރީ ވިދާޅުވެފައިވާތީ، އެކަމަށް ވެސް އިމްރާން ޚާން ރައްދު ދެއްވި އެވެ.
"އައިއެސްޕީއާރްގެ ޑިރެކްޓަ ޖެނެރަލް ނިކަން ރަނގަޅަށް އަޑު އައްސަވާ. އަހަރެން މި ގައުމަށް ޚިދުމަތްކޮށް މި ގައުމަށް ރީތި ނަން ހޯދައިދިނުމުގެ މަސައްކަތް ފެށި އިރު، ތި ބޭފުޅާ އަދި މި ދުނިޔެއަށް އުފަން ވެސް ނުވޭ. އަހަންނަކީ މުނާފިގެއް އަދި ސިފައިންގެ ދުޝަމަނެއް ކަމަށް ވިދާޅުވާ އިރު، އެކަމަށް ތި ބޭފުޅާ ލަދުގަންނަންޖެހޭނެ."
"ކަލޭމެން މިހާރު ތިޔަ ތިބީ ސިޔާސީ މައިދާނަށް ފުންމާލާފައި. ކަލޭމެން، ކަލޭމެންގެ އަމިއްލަ ސިޔާސީ ޕާޓީއެއް ނުއުފައްދަނީ ކީއްވެ. އެހެން މީހުންނާ ދިމާލަށް ދޮގު ތުހުމަތުތައް ކުރުމުގެ ހައްގު ކަލޭމެންނަށް ދިނީ ކާކު؟ އަހަރެން ދިން ފަދަ ގެއްލުމެއް އެހެން އެއްވެސް މީހަކު ޕާކިސްތާނު ސިފައިންނަށް ނުދޭ ކަމަށާއި، އަހަރެން ނައްތައިލާނެ ކަމަށް ބުނާއިރު، ކަލޭމެން ކޮންމެވެސް ވަރެއްގެ ލަދެއް ގަނެބަލަ."
އިމްރާން ޚާން ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ މުޖްތަމައުން ވެސް ޕާކިސްތާނަށް އެންމެ ގިނަ އެހީތައް ލިބުނީ އޭނާގެ ވެރިކަމުގަ އެވެ. އެ އެހީތައް ލިބުނީ އޭނާއަކީ އަމާނާތްތެރިކަމާ އެކު ޕާކިސްތާނުގެ ތަރައްގީއަށް މަސައްކަތް ކުރާ މީހެއް ކަމަށް ބައިނަލްއަގުވާމީ މުޖްތަމައުން ގަބޫލުކުރާތީ ކަމަށް ވެސް، އިމްރާން ވިދާޅުވި އެވެ.
ޕާކިސްތާނު ފުލުހުންގެ ތެރޭގައި އޮންނަ ޕެރަމިލިޓަރީ ލަޝްކަރުގެ ފުލުހުން ބާރުގެ ބޭނުންކޮށް އިމްރާން ހައްޔަރު ކުރީ، ވެރިރަށް އިސްލާމް އާބާދުގެ ހައި ކޯޓުގައި އެ ދުވަހު އޮތް އަޑުއެހުމަކަށް ވަޑައިގެން އެ ކޯޓުގެ ކޮޓަރިއެއްގެ ތެރޭގައި އިންނަވަނިކޮށެވެ. އިމްރާން ޚާން ހައި ކޯޓަށް ވަޑައިގަތީ، އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ އަޑުއެހުމަކަށެވެ. ޕެރަމިލިޓަރީ ފުލުހުން އެ ކޮޓަރި ތެރެއަށް ވަދެގަތީ، އެ ކޮޓަރީގެ ދޮރުތަކުގެ ބިއްލޫރިތައް ތަޅާލައިގެންނެވެ.
އޭނާގެ ފަރާތުން އެ މައްސަލަ އިސްލާމް އާބާދުގެ ހައި ކޯޓަށް ހުށަހެޅުމުން، މި މަހުގެ 11 ވަނަ ދުވަހު އެ ކޯޓުން ނިންމީ، ފުލުހުން ބާރުގެ ބޭނުންކޮށް އިމްރާން ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮބާ.ކޮބާ
18 May 2023
އިގިރޭސި ވިލާތުގަ، ރަސްގެފާނުގެ އިސްތަށިފުޅަށް ތާޖު ފެއްތުމުގެ ބޮޑު އަޅުކަމުގެ ރަސް މިއްޔާތުގަ ރައީސް ސޯލިހު އާއި ދިވެެެހި އަސްކަރިއްޔާ/ފުލުހުންގެ 10 މީހުން ބައިވެރިވުމަކީ، އަރަތެއް ނޫނެވެ.
ޖުހާ.
14 May 2023
ޢިމުރާނު ތިއަވާހަކަ ދައްކަން މާ ރީއްޗެއް ނޫން. ޢިމްރާނު ވެރިކަމަށް އައީވެސް ސިފައިންގެ ފުލް ޕަވަރުގަ. އެކަމަކު ޢިމްރާނު ޗައިނާ އާއި އިރާނާއި ގުޅުން އުފެއްދުމުން އެމެރިކާއިން ޕާކިސްތާނުގެ އަސްކަރީ ވެރިންނަށް ފޮނުވާ ހަދިއާތައް އައުން ހުއްޓުނީ. އެހިސާބުން ސިފައިންވެސް ޢިމްރާނު ދޫކޮށްލީ. މިހާރުވެސް އޭރުވެސް ޕާކިސްތާނުގެ އެންމެބޮޑު ސިޔާސީ ޕާޓީއަކީ އަސްކަރިއްޔާ.
އަފްރާސިޔާބު
15 May 2023
ރާއްޖޭގައިވެސް އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އަކީ ސިފައިނާއި ފްލުހުން.
ޙައްބޭ
14 May 2023
އަހަރެން އަޑުއެހީ ސުޕުރީމް ކޯޓުގެ އަމުރަކަށް އިމްރާން މިނިވަންކުރިވާހަކަ
ޒުއްބަ
14 May 2023
އިމްރާން ތިޔަވާހަކަދައްކަނީ ސީދާ ދިވެހިންގެ ވިންދާއެއްގޮތަށް.
ޢީޅީ
14 May 2023
ހަދާންވަނީ ޔާމީންވެރިކަމުގާ ޔާމީންގެ އޯޑަރަށް ކޯޓުގެ ޓިނުނެގި ހަދާން އޭވެސްދުވަހެއް މިގައުމުދުއް ޔާމީން ދަވާލީކީ ހަމައެކަނި ތިޖޫރިޔެއްނޫން
ފާތުމައްތަ
16 May 2023
ޓިނުކޮޅުވެސްދޯ