ދުނިޔެ / އެމެރިކާ

އދ.ގައި ފުރަތަމަ ފަހަރަށް "ނަކްބާ" ފާހަގަކޮށްފި

މެއި 15، 2023: ފަލަސްތީނުގެ ނަކްބާ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ތަގުރީރު ކުރައްވަނީ. --އޭއެފްޕީ

16 މެއި 2023 - 12:04

3 comments

އދ. މަޖިލީހުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް "ނަކްބާ"ގެ ދުވަސް އިއްޔެ ފާހަގަކޮށް، ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ވަޒަނުގެ ދިފާއުގައި ވާހަކަ ދައްކައިފި އެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 15 ދުވަސް، ފަލަސްތީނު ރައްޔިތުން ފާހަގަ ކުރަން ފެށީ، އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ބާރުގެ ބޭނުންކޮށް، ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެލައި ވިއްސިވިހާލި ކޮށްލި ދުވަހުގެ ގޮތުގަ އެވެ. އެއީ، މެއި 15، 1948 އެވެ. ޢަރަބި ބަހުގައި "ނަކްބާ"ގެ މާނައަކީ ވޭންދެނިވި މުސީބާތެވެ.

އދ. މަޖިލީހުގައި ނަކްބާ ދުވަސް ފާހަގަކުރަން މި ފެށީ، ނަކްބާ އަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މިއަހަރުގެ މެއި މަހުގެ 15 ދުވަސް، އދ.ގެ އާންމު މަޖިލީހުގައި މަތީ ފެންވަރެއްގައި ފާހަގަކުރުމަށް ގޮވާލައި، ނޮވެމްބަރު 30، 2022 ގައި އާންމު މަޖިލީހުން ފާސްކުރި ގަރާރުގެ ދަށުންނެވެ. އެ ގަރާރު ހުށަހެޅީ މިސްރު، ޖޯޑްން، ސެނެގާލް، ތޫނިސް، ޔަމަން އަދި ފަލަސްތީނުންނެވެ.

މެއި 14، 1948 ގައި ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ޔަހޫދީ ދައުލަތެއް ގާއިމުކުރުމާ ގުޅިގެން، އިޒްރޭލު ސިފައިން ހަތިޔާރުގެ ބޭނުންކޮށް ގެދޮރުން ނެރެލި ފަލަސްތީނުގެ ރައްޔިތުންތަކެއް، އެމީހުންގެ ރަށުން ފައިބައިގެން ދަނީ.

ޖުމްލަ 90 މެމްބަރު ގައުމުގެ ވޯޓުން ފާސްވި އެ ގަރާރު ހުށަހެޅުމަށް ދެން ތާއީދުކުރި ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިއްޔާ އާއި އެމިރޭޓްސް ވެސް ހިމެނެ އެވެ. އެ ގަރާރާ ދެކޮޅަށް 30 ގައުމު ވޯޓު ދިން އިރު، އޭގެ ތެރޭގައި އެމެރިކާ، އިނގިރޭސި ވިލާތް އަދި ޖަރުމަން ވިލާތާއި ކެނެޑާ ހިމެނެ އެވެ. އެ ގަރާރު ފާސްކުރުމުގެ ވޯޓުގައި 47 ގައުމެއް ބައިވެރިއެއް ނުވެ އެވެ.

ފަލަސްތީނު ރައްޔިތުންގެ ބަހެއް އަދި ރުހުމެއް ވެސް ހޯދުމެއް ނެތި، ފަލަސްތީނުގެ ބިން ބައިކޮށްލުމަށް ފަހު، އެ ބިމުގައި އިޒްރޭލުގެ ނަމުގައި ޔަހޫދީންގެ ދައުލަތެއް ގާއިމުކުރުމަށް ބާރު ލިބުނީ، ނޮވެމްބަރު 29، 1947 ގައި އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރަކުންނެވެ. އެ ގަރާރުގެ ދަށުން، ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ޔަހޫދީންގެ ދައުލަތެއް ގާއިމުކުރީ، މެއި 14، 1948 ގަ އެވެ.

ނަކްބާ ފާހަގަކުރުމަށް އދ.ގެ އާންމު މަޖިލީހުގައި އިއްޔެ ބޭއްވި އާންމު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ، ފަލަސްތީނަށް އދ.ގެ މެމްބަރު ގައުމެއްގެ ދަރަޖަ ނުދީ، އެ ދަރަޖަ ދީފައިވަނީ، ފަލަސްތީނުގެ ބިމަށް ވެރިވެގެން އޮތް އިޒްރޭލަށް ކަމަށެވެ. އަދި މެމްބަރު ގައުމެއްގެ ގޮތުގައި އޮވެ، އދ.ގެ މަޖިލީހުގެ އެއްވެސް ނިންމުމަކަށް އިޒްރޭލުން އިހްތިރާމް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ ޝަރުއިއްޔަތު ލިބިފައިވާ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަޅުގަނޑުމެން މިއަދު ރަސްމީކޮށް މި ގޮވައިލަނީ، މި މަޖިލީހުގެ ގަރާރުތަކަށް އިޒްރޭލު ބޯލަނބުވައި އިހްތިރާމް ކުރުވުމަށް. ނުވަތަ އދ.ގެ މެމްބަރުކަމުން އިޒްރޭލު ވަކިކުރުމަށް،" ގަޑިއެއްގެ އިރު ވަންދެން ދެއްވި ތަގުރީރުގައި މަހްމޫދު އައްބާސް އިއްޔެ ވިދާޅުވި އެވެ.

މެއި 15، 2023: ފަލަސްތީނުގެ ނަކްބާ ދުވަސް ފާހަގަކުރުމުގެ ގޮތުން، ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް ވަކާލާތު ކުރާ އެކި ގައުމުތަކުގެ މީހުންތަކެއް، އެމެރިކާގެ ނިއު ޔޯކްގެ މަގުތަކުގައި ހިނގާލުމެއް ބާއްވަނީ. --އޭއެފްޕީ

"ފަލަސްތީނު ރައްޔިތުންގެ ނަކްބާގެ ސިޔާސީ އަދި އަޚްލާގީ އެންމެހައި މަސްއޫލިއްޔަތެއް ސީދާ ގޮތުން ކަނޑައެޅިގެން އުފުލަންޖެހޭނީ އިނގިރޭސި ވިލާތާއި އެމެރިކާ. އެއީ، ޚާއްސަކޮށް އެ ދެ ގައުމުގެ އިސްތިއުމާރީ ލަނޑުދަނޑިއެއް ހާސިލުކުރުމުގެ ބޭނުމުގައި، އަހަރެމެންގެ ތާރީޚީ ވަތަނުގައި އެހެން ބަޔަކަށް ދައުލަތެއް ގާއިމުކޮށްދޭން ނިންމީ އެ ދެ ގައުމު ކަމަށްވާތީ، އެކަމުގެ ޝިކާރައަކަށް އަހަރެމެންގެ ރައްޔިތުން ހެދި ބަޔަކީ އެ ދެ ގައުމު."

މަހްމޫދު އައްބާސް ވިދާޅުވި ގޮތުގައި އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ފަރާތުން އިޒްރޭލަށް އެހީތެރިކަމާއި މަދަދު ނުލިބޭ ނަމަ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ އުދުވާންތައް އެ ގޮތުގައި ކުރިއަކަށް ނުގެންދެވޭނެ އެވެ.

"އެމެރިކާގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުމާ އެކު ބެލްފޯރް ގަރާރު ނެރުނު ބަޔަކީ އިނގިރޭސި ސަރުކާރު. އަދި އެ ގަރާރު ފާސްކޮށް، އެ ގައުމުތަކުން ވަނީ، ފަލަސްތީނަކީ ރައްޔިތުން ނެތް ބިމެއް ކަމަށް ބުނާ ބުނުމަށް ބާރުދީފައި."

މެއި 14، 1948 ގައި ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ޔަހޫދީ ދައުލަތެއް ގާއިމުކުރުމާ ގުޅިގެން، އިޒްރޭލު ސިފައިން ހަތިޔާރުގެ ބޭނުންކޮށް ގެދޮރުން ނެރެލި ފަލަސްތީނުގެ ރައްޔިތުންތަކެއް، އެމީހުންގެ ރަށުން ފައިބައިގެން ދަނީ.

ބެލްފޯރް ގަރާރަކީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ފަލަސްތީނުގެ ބިމުގައި ޔަހުދީންގެ ދައުލަތެއް ގާއިމުކުރުމަށް، ޔޫރަޕްގެ އެކި ގައުމުތަކުގައި ތިބި ޔަހޫދީން ކުރަމުން ދިޔަ މަސައްކަތަށް ތާއީދުކޮށް 1917 ވަނަ އަހަރު އިނގިރޭސި ސަރުކާރުން ފާސްކުރި ގަރާރެކެވެ. އޭރު ފަލަސްތީނަކީ، ވަރަށް މަދު އަދަދެއްގެ ޔަހޫދީންނާއި ގިނަ އަދަދެއްގެ އަރަބިންނާ އެކު، އުސްމާނީ ޚިލާފަތުގެ ބާރުގެ ދަށުގައި އޮތް ބިމެކެވެ.

މަހްމޫދު އައްބާސް ވިދާޅުވި ގޮތުގައި އާންމު މަޖިލީހުން ފާސްކުރި ގަރާރަކުން، ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ދައުލަތެއް އުފެއްދީއްސުރެ މިއަދާ ހަމައަށް ވެސް، އދ.ގެ އެއްވެސް ނިންމުމަކަށް އިޒްރޭލުން ކިޔަމަނެއްނުވެ އެވެ. އަދި ފަލަސްތީނު ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުގައި ވަޒަންވެރިވެ އުޅުމުގެ ހައްގު ލިބިގެންވާ ކަމަށް ބުނެ، މިދިޔަ 75 އަހަރުގެ ތެރޭގައި އދ.ގެ އިން ހާހަކާ ކައިރިކުރާ އަދަދަކަށް ގަރާރުތައް ފާސްކޮށްފައިވާ އިރު ވެސް، އެއިން އެންމެ ގަރާރެއް ވެސް މިހާތަނަށް ތަންފީޒު ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނަކްބާ ފެށުނީ 1948 ވަނަ އަހަރަކު ނޫން (އެއަށް ވުރެ މާ ކުރިން). އަދި މިއަހަރާ ހަމައަށް އައި އިރު ނަކްބާ ނިމުނީކީ ވެސް ނޫން. (އިޒްރޭލުން) މިހާރުވެސް ދަނީ އެމީހުންގެ އަޅުވެތިކަމާއި އުދުވާންތައް ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރުވަމުން. އަދި ފަލަސްތީނު މީހުންގެ ނަކްބާއަށް އެމީހުން އަންނަނީ އިންކާރުކުރަމުން. އަދި އަމިއްލަ ވަޒަނަށް އެނބުރި އައުމުގެ ހައްގު ފަލަސްތީނުގެ ރެފިއުޖީންނަށް ލިބިގެންވާ ކަމަށް ގޮވާލައި ބައިނަލްއަގުވާމީ ޝަރުއިއްޔަތާ އެކު ފާސްކޮށްފައިވާ ގަރާރުތަކަށް ވެސް، އިޒްރޭލުން ދަނީ އިންކާރު ކުރަމުން."

އދ. މަޖިލީހުން ލަފާކުރާ ގޮތުގައި އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ބާރުގެ ބޭނުންކޮށް، އަމިއްލަ ގެދޮރުން ނެރެ ފައްސައިލި ފަލަސްތީނު ރައްޔިތުންގެ އަދަދު 5.9 މިލިއަނަށް އަރަ އެވެ. އެ މީހުން މިއަދާ ހަމައަށް ވެސް ދިރިއުޅެމުން ދަނީ، އިޒްރޭލުގެ އަޅުވެތިކަމުގެ ދަށުގައި އޮތް ހުޅަނގު އައްސޭރި އާއި ޣައްޒާ އާއި ޖޯޑްން އަދި ލުބްނާނާއި ސީރިޔާގައި ރެފިއުޖީންގެ ގޮތުގަ އެވެ.

އދ.ގައި ނަކްބާ ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިޒްރޭލާއި އިޒްރޭލުގެ އިސްތިއުމާރު ދަމަހައްޓަން އެހީވެދޭ އެއްވެސް ގައުމެއް ބައިވެރިއެއް ނުވެ އެވެ. އެމެރިކާގެ އެއްވެސް ޑިޕްލޮމެޓަކު އެ ރަސްމިއްޔާތުގައި ބައިވެރިނުވުމަށް، އެމެރިކާގެ ޚާރިޖިއްޔާ އިން އޮތީ އަންގައިފަ އެވެ.

އެ ހަރަކާތުގައި ބައިވެރި ނުވި 32 ގައުމުގެ ތެރޭގައި އިޒްރޭލުގެ އިތުރުން، އެމެރިކާ، އިނގިރޭސި ވިލާތް، ކެނެޑާ، ޔޫކްރޭން އަދި ޔޫރަޕިއަން ޔޫނިއަންގެ 10 ގައުމެއް ހިމެނެ އެވެ. އެ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް އެދި، އިޒްރޭލު ސަރުކާރުން ވަނީ، ބައެއް ގައުމުތަކަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

3 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 56%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫މޫޙުއްމާ

18 May 2023

ދ‫ުނިޔޭގެ ކޯޓަށް ބައިޑްން ހާޒިރުކޮށް އިޒްރޭލަށް ހަތިޔާރު ދޭތީ އަދަބު ދޭންޖެހޭ.

The name is already taken The name is available. Register?

ރިޔާޒު ރަށީދު

17 May 2023

އިނގެރޭސި ސަރުކާރާއި އެމެރިކާގެ ސަރުކާރާ އެއްވަރަށް ވައްހާބީ ސައުދީން ވެސް ޒިންމާ އުފުލަންޖެހޭނެ. އެމީހުނާ ގުޅިގެން އުސްމާނީ ދައުލަތް ވައްޓާލީ ވައްހާބީން ކަން ތާރީހުން އެނގޭ.

The name is already taken The name is available. Register?

ޙައްލު

17 May 2023

ޙައްލަކީ ޢަރަބިން / މުސްލިމުން އެކައްޗެއް ކިޔުން. އެއްބައިވުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454