ސިޓީގެ ކޯޗު ގާޑިއޯލާ: އޭނާ ބުނީ މިރޭ ރެއާލް އާ ދެކޮޅަށް ކުޅޭ މެޗުގެ ކޮންޓްރޯލް އޮތީ ސިޓީ އަށް ކަމަށް --- ފޮޓޯ: އޭއެފްޕީ
17 މެއި 2023 - 13:24
މެންޗެސްޓާ (މެއި 17) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގްގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނަ މެޗުގެ ބާރު އޮތީ ސިޓީގެ އަތުގައި ކަމަށާއި މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ވާދަވެރި ދެ ޓީމުގެ ސެމީ ފައިނަލް ފުރަތަމަ ލެގް، ރެއާލްގެ ދަނޑުގައި ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ދެ ވަނަ ލެގް މިރޭ ސިޓީގެ ސަޕޯޓަރުން ކުރިމަތީގައި ކުޅޭއިރު މޮޅުވާ ޓީމަށް ފައިނަލުގެ ޖާގަ ކަށަވަރުވާނެ އެވެ.
"މެޗު ބަރޯސާ ވާނީ ސިޓީ ދައްކާ ކުޅުމަށް. ބޭނުންވަނީ މޮޅެއް ހޯދައި ފައިނަލަށް ދާން. ކޮންމެހެން އާދަޔާ ހިލާފު މޮޅު ކުޅުމަކާ އެކު ފައިނަލަށް ދިއުން މުހިއްމެއް ނޫން. ޓީމަށް އަހަރެން އެ އިތުބާރު އެބައޮތް،" ގާޑިއޯލާ ބުންޏެވެ.
މި ސީޒަނުގައި ސިޓީ އަންނަނީ ތިން ތައްޓަށް ވާދަކުރަމުންނެވެ. އަންނަ އާދީއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ބަލިކޮށްގެން އެ ޓީމަށް ފަސް އަހަރުގެ ތެރޭގައި ހަތަރު ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ. އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ސިޓީ ނުކުންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ. މިރޭ ރެއާލް އަތުން މޮޅުވެއްޖެ ނަމަ ޗެމްޕިއަންސް ލީގްގެ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.
ގާޑިއޯލާ ވަނީ 2008/2009 ވަނަ ސީޒަނުގައި ބާސެލޯނާއާ އެކު ތިން ތަށި ކާމިޔާބު ކޮށްފަ އެވެ. ސިޓީއާ މީގެ ހަތް އަހަރު ކުރިން ހަވާލުވެ، ގާޑިއޯލާ އަށް އެ ޓީމު ޗެމްޕިއަންސް ލީގު ފައިނަލަށް ގެންގޮސް ދެވުނީ 2021 ވަނަ އަހަރު އެވެ. އެ ފައިނަލުގައި ޗެލްސީ އަތުން 1-0 އިން ބަލިވީ އެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ސެމީ އިން ސިޓީ ކެޓީ ރެއާލް އަތުން 6-5 އިން ބަލިވެގެންނެވެ. ސިޓީ ދަނޑުގައި ކުޅުނު މެޗުގައި ރެއާލް އަތުން މޮޅުވިއިރު ރެއާލްގެ ދަނޑުގައި ބަލިވީ ފަހު ވަގުތު ވަން ގޯލުތަކުންނެވެ.
"މީގެ ހަތް އަހަރު ކުރިން އަހަރެން މި ކްލަބަށް ގެނައިއިރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރާކަށް ނުބުނޭ. އެކަމަކު އަހަރެމެން އެ ތަށި ބޭނުން. ދެ އަހަރު ފަހުން އަނެއްކާވެސް މިއޮތީ ފައިނަލަށް ދިއުމުގެ ފުރުސަތެއް. ހުރިހާ ވިސްނުމެއް ހުރީ އެ އަމާޒަށް ދާން" ސިޓީ އިން އެންމެ އުއްމީދުކުރާ ތަށި އެ ކްލަބަށް ހޯދައިދިނުމުގެ ވިސްނުމުގައި ހުރި ކޯޗު ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު ސިޓީގެ ޑިފެންޑަރު ނޭތަން އަކޭ ހުރީ އަނިޔާގަ އެވެ. އާއްމުކޮށް ކުޅޭ ކުޅުންތެރިންގެ ތެރެއިން އަނިޔާގެ އިތުރު މައްސަލައެއް ސިޓީގެ ނެތެވެ.
މެޗުގެ ކުރިން ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ އުނދަގޫ ހާލަތުގައި ރެއާލުން އަބަދުވެސް ތަފާތު ދައްކާނެ ކަމަށާއި، މިރޭގެ މެޗަށް އޭނާ ޓީމު އޮތީ ވަރަށް އުއްމީދުގައި ކަމަށެވެ.
"އަހަރެމެން މިތިބީ ހާއްސަކަމެއް ކުރުމާ ގާތުގަ. މުޅި ޓީމު އޮތީ އުއްމީދާއެކު. މެޗު އުނދަގޫ ވާނެ. އެކަމަކު އުނދަގޫ ހާލަތްތަކުގައި ރެއާލުން ތަފާތު ދައްކާނެ" 14 ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފައިވާ ރެއާލްގެ ކޯޗު އަންޗެލޮޓީ ބުންޏެވެ.
އަންޗެލޮޓީ ވަނީ ކޯޗިން ކެރިއަރުގައި ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެއީ އޭސީ މިލާނާ އެކު ދެ ފަހަރު އަދި ރެއާލްއާ އެކު ދެ ފަހަރު އެވެ.
އަންޗެލޮޓީ ބުނީ ފުރަތަމަ ލެގަށް ވުރެ ދެ ވަނަ ލެގްގައި އެޓީމުގެ ކުޅުން ރަނގަޅު ވާނެ ކަމަށެވެ. ހަމަ އެގޮތަށް ސިޓީ އިން ވެސް ދެ ވަނަ ލެގްގައި ކުޅުން ރަނގަޅު ކުރާނެކަމަށް އަންޗެލޮޓީ ބުނެފައިވެ އެވެ.
"މެޗު ދާނެ ގޮތެއް ނޭނގޭ ބުނާކަށް. ދުނިޔޭގެ އެންމެ މޮޅު ޓީމަށް ވެސް މޮޅުވާނެކަމުގެ 100 ޕަސެންޓް ނުދެވޭނެ. އެއީ ހަމައެކަނި ކޮލިޓީ އިން ވާނެ ކަމެއް ނޫން. ޕާސަނަލިޓީ އާއި މެންޓަލިޓީ އިން މެޗު ކާމިޔާބުކުރެވޭނީ" ރެއާލަށް 2014 ވަނަ އަހަރާއި މިދިޔަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.
މެޗަށް ނުކުންނައިރު ރެއާލަށް ލިބޭ ހިތްހަމަޖެހުމަކީ ސަސްޕެންޝަނުގެ ސަބަބުން ފުރަތަމަ ލެގްގައި ނުކުޅެވުނު ބްރެޒިލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ އަށް މިރޭގެ މެޗުގައި ކުޅެވުމެވެ. އަދި މިދިޔަ ހަފްތާ ބަންދުގައި އަނިޔާވި އެޑުއާޑޯ ކަމަވިންގާ ވެސް މިރޭގެ މެޗަށް ވަނީ ފިޓްވެފަ އެވެ.
މިރޭގެ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ވާދަކުރަނީ އިންޓަ މިލާންއާ އެވެ. އިންޓަ ފައިނަލަށް ދަތުރުކުރީ ސެމީގައި 0-3 ގެ އެގްރިގޭޓުން އޭސީ މިލާން ބަލިކޮށްގެންނެވެ. ފައިނަލް މެޗު އަންނަ މަހުގެ 10 ވަނަ ދުވަހު އޮންނާނީ ތުރުކީގެ އިސްތަންބޫލްގަ އެވެ.
ސިޓީ އާއި ރެއާލް ވާދަކުރާ މެޗު ފަށަނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy