އެމްއާރްއެމް އާއެކު ރައީސް ބޭއްވި ބައްދަލުވުމެއް: ކަނޑުގެ އިމުގެ މައްސަލަ ނިމުނު ގޮތުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކުޑަވެފައިވާ ކަމަށް ބުނެ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި --- ފޮޓޯ/ރައީސް އޮފީސް
17 މެއި 2023 - 19:53
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު ކަނޑުގެ އިމުގެ މައްސަލަ ސިޔާސީ ނުކޮށް، އެ މައްސަލަ އިސްތިއުނާފު ކުރަން ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އިން މިއަދު ގޮވާލައިފި އެވެ.
ކަނޑުގެ އިމުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ސީ (އިޓްލޮސް) އިން މިދިޔަ މަހު ނިންމާފައި ވަނީ މައްސަލަ އުފެދުނު ސަރަހައްދު ދެ ގައުމުގެ މެދުގައި ބަހާލާށެވެ. އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅު ސިޔާސީ ޕާޓީތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ނަމަވެސް ސަރުކާރާއި ބައެއް އެހެން ގާނޫނީ ބޭފުޅުން ވިދާޅުވެފައިވާ ގޮތުން ވިސްނުމުގައި އެއީ މި ވަގުތަށް ނިންމޭނެ އެންމެ ރަނގަޅު ނިންމުމެވެ.
އެކަމާ ގުޅިގެން އެމްއާރްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުމަކީ ޒަމާނުއްސުރެ ދިވެހިންނަށް ލިބެމުންދިޔަ އިގްތިސާދީ އެތައް ފައިދާތަކަކަށް އުނިކަން ލިބިގެން ދާނެ ނިންމުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި އެހެންވެ، އިޓްލޮސްގެ ނިންމުން އިސްތިއުނާފްކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް މައްސަލަ ހުށަހެޅުމަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެހެން ނަމަވެސް އެ މައްސަލާގައި ވަކި ބަޔަކު ސިޔާސީ މަގުސަދު ހާސިލް ކުރުމަށް މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި މިއީ ސިޔާސީ މައްސަލައަކަށް ނުވާ ނަމަވެސް ސިޔާސީ މައްސަލައަކަށް ހެދުމަށް ބަޔަކު މަސައްކަތް ކުރަމުން އަަން ކަމަށް އެމްއާރްއެމްގެ ބަޔާނުގައިވެ އެވެ.
"ރާއްޖޭގެ އާކިޕެލެޖިކް ބޭސްލައިނުން ފެށިގެން 200 މޭލުގެ ސަރަހައްދެއް ހާއްސަ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ލިބިދީފައިވެ އެވެ. އަދި މީގެކުރިން ދިވެހި ދައުލަތުން މި ސަރަހައްދަށް އުނިކަމެއް އަންނަ ގޮތަކަށް އެއްވެސް ފަރާތަކާ އެއްބަސްވެ ސޮއިކޮށްފައެއް ނެތެވެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން މޮރިޝަސްއަށް ޗާގޯސް އައިލެންޑްސް ދިނުމާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިނުމަށްފަހު އެ ސިޔާސަތު ބަދަލުކޮށް، ދިވެހި ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގެ ހަގީގަތް ރައްޔިތުންނަށް ހާމަ ނުކުރުމަކީ ފޮރުވިފައިވާ ކަންތައްތަކެއް ވާނެކަމަށް ރައްޔިތުން ދެކޭނެ ކަމެކެވެ.
ރާއްޖޭގެ ސިޔާދަތީ ހައްގަކަށް ކުޑަވެސް އުނިކަމެއް އަންނާނެ އެއްވެސް ނިންމުމަކަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަަމަށާއި ސަރުކާރުން އެފަދަ އެއްވެސް ނިންމުމެއް ނިންމާފައިވާނަމަ އެ ނިންމުމެއް ބަދަލު ކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުނަންތަ
18 May 2023
އިސްތިއުނާފް ކުރިޔަސް އަދި ނުކުރިއަސް ކޯޓުން ތިޔަބުނާ ސަރަހައްދު ނުވެސްދޭނެ. ތިޔަބުނާ ބަޔަކީ އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެއް. އެސަރަހައްދުން މަސްވެރިކަން 2010 ވަނަ އަހަރުން ފެށިގެން ނުކުރެވޭ. ސަބަބަކީ އިނގިރޭސިންވަނީ ތިޔަބުނާ ސަރަހައްދު މެރިން ޕްރޮޓެކްޓެޑް އޭރިއާއަކަށް ހަދާފައި. ފަލަސްތީނުން އިޒުރޭލު ނުބޭލުނުއިރު އިނގިރޭސިންނާއި އެމެރިކާ މީހުން ތިޔަތަނުން ނުވެސް ބޭލޭނެ.
ފުޅި
18 May 2023
ކޮބާތޯ ރާއްޖޭގެ ވެރިކަން ކޮށްފަ ތިބި ރައީސުންތައް؟ ޢެބޭފުޅުން ދައުލަތުން ނަގަމުން ގެންދާ އިނާޔަތާއި އޮފީސް ހިންގުމުގެ ހަރަދަށް ނަގާ ފައިސާއިން ގައުމުގެ މިފަދަ ނާޒުކު ކަންކަމުގައި ދިވެހި ގައުމުގެ ހައްގުގައި ވަކާލާތުކޮށް ބަސްބުނަން ފަސްޖެހިގެން އުޅެނީ ކޮންކަމަކާ ތާށިވެ ކޮންކަމަކާ ބިރުންތޯ ؟ ތިބޭފުޅުންނަށްވެސް މިކަމުގައި ބަރީއަ ވެގެން ތިބުމުގެ ހައްގެއް ނޯންނާނެ.
ބިއްޖެހި ބުރޯ
18 May 2023
މިވަގުތައް ވިއްކާލަމާ ރާއްޖޭގެ ދެބައިކުޅަބައި... ނަރުދަމާ އަޅަން ދޯ. ފަހުން ދެން އައްނަ ބަަޔަކު އަތުލަފާނެ އެއްނު ދޮގޭ ހެހެ
ސަސި
17 May 2023
އެމްއާރުއެމްގަ ތިބި ބޮޑެތި ގާނޫނީ ވަކީލުންނާ، މުފައްކިރުން އެކަން ކުރަންވީނު. އެހެން މީހުން ކުރޭތޯ ބަލާކަށް ނުޖެހޭތާ
ކްރޫސް
17 May 2023
ކޮން ފަރާތަކުން އިސްތިއުނާފް ކުރާނީ؟ ބްލެންހެއިމް ރީފްގެ ދިރާސާއަށް މޮރިޝަސްއިން ކުރި ހަރަދު ރާއްޖެއިން ދޭންޖެހޭނެ ކަމަށް މޮރިޝަސްއިން އދ އާ އިޓްލޮސްއަށް ހުށަހެޅީމަ ދިވެހި ދައުލަތުގެ ފަރާތުން އެކަމާ ބިރުން މޮރިޝަސްގެ ވެރިންނަށް ސިޓީ ފޮނުވައި ބައްދަލުކޮށް ކަލޭމެން ބޭނުންވާގޮތަށް ތިމަންނަމެން އެއްބަހޭ ބުނެ ކަނޑު ދެބައިކޮަށްލި މީހުންތަ މައްސަލަ އިސްތިއުނާފް ކުރަންވީ؟
1206
17 May 2023
މޮރިޝަސްގެ ދަށަށް ފޯޅަވަހި އައިސްފައިވަނީ ބުއްދިއަށް ގަބޫލު ކުރެވޭ އިންސާފުވެރި ހަމަޔަކުންތަ؟ އިސްތިއުމާރާ ދެކޮޅަށް މޮރިޝަސް އިން ވާހަކަ ދައްކާއިރު، މޮރިޝަސްގެ އިމަށް ފޯޅަވަހި އައީ ވެސް އިސްތިޢުމާރީ ބާރަކުން ނިންމި ޣައިރު ޤާނޫނީ ނިންމުމަކުން. ހަމަ ހިލާ އެކަކަށް ވެސް މި ޕޮއިންޓް ފެންނަ ކަމަކަށް ނުވޭ. 17 ވަނަ ސައްތަ ނިމުނު އިރު ވެސް ފޯޅަވައްސަކީ މޮރިޝަސްގެ އިމުގައި ހިމެނޭ ތަނެއް ނޫން. އެހެން އެކަން އޮވެ ފަރޭސޭސީން ފޯޅަވަހި މޮރިޝަސްއާ އެނެކްސް ކުރީ.
1206
18 May 2023
17 ވަނަ ސައްތައިގެ ކުރިން ފޯޅަވަހީގެ ތާރީޚާ މެދު ވާހަކަ ނުދެެއްކުން، ފޯޅަވަހީގެ ހަގީގަތް އޮޅުވާލުން. އިސްތިޢުމާރާ ދެކޮޅުވުމުގައި މޮރިޝަސްގެ ނިޔަތް އިޚްލާޞްތެރި ނަމަ މޮރިޝަސްގެ އިމަށް އެތަން އެނެކްސް ކުރެވުނު ގޮތާއި އޭގެ ކުރިން ފޯޅަވަހީގެ ތާރީޚާ މެދު ވާހަކަ ދައްކާނެ. ފޯޅަވައްސަކީ މޮރިޝަސްއާ އެއްވެސް ބެހުމެއްވާ ތަނެއް ނޫން.
ބުނެބަލަ
19 May 2023
އެއީ ރާއްޖެތަނެއްތަ ދެން؟
1206
19 May 2023
ޕޯޗުގީޒުންނަށް ވުރެ ކުރިން، ފަރަންސޭސީންނަށް ވުރެ ކުރިން، އަދި އިނގިރޭސީންނަށް ވުރެ ކުރިން އަދި މި ފަހުން މި ފާޅުވެގެން އުޅޭ މޮރިޝަސް ވުރެ ކުރިން އެރަށްތަކަށް ގޮސް އުޅުނީ ދިވެހި މަސްވެރިން. ދިވެހި ރަަސްކަލަކު 1560 އަހަރުތަކުން އަހަރެން އިންޑިޔާގައި ހުރި ޕޯޗުގީޒު ވައިސްރޯއީ އަށް ފޮނުވި ސިޓީ އެއް ގައި އެ ރަށްތައް އޮތީ އެ ރަސްގެފާނުގެ ބާރުގެ ދަށުގައި ކަމަށް ބުނެފައިވުމާ، އެ ރަށްތަކުގެ މިލްކުވެރިކަމަށް ދައުވާ ކުރުމުގެ ހައްގު ބޮޑަށް އޮތީ ދިވެހިންނަށް.
ކޯޓު
17 May 2023
"ސަރުކާރާއި ބައެއް ގާނޫނީ ވަކީލުން ދެކެނީ މިއީ މިވަގުތަށް އެންމެ ރަގަޅު ނިންމުން ކަމަށެވެ". ބީތާވިޔަސް މިއީ ބޮޑުވަރު! މިވަގުތަށް ރަގަޅުވޭތަ ދާއިމީ ނިންމުމެއް؟؟؟
އެކުވެރި
17 May 2023
ޤައުމުގެ ހަށްޤުގައި ރަނގަޅު ނަސޭހަތެއް އެމް އާރު އެމް ހުށައެޅުއްވީވަރަށް ވަރަށް ސާފް އިނގޭތ
ސިޔާސީނުކުރޭ
17 May 2023
ތިޔަކުރަނީ ސިޔާސީ. އެއީ މިހާރު ނިމިފައިއޮތް މައްސަލައެއް. އެންމެފުރަތަމަ ޗާގޯސްގެ މިލްކުވެރިކަން ނިންމީ. އޭގަފަހުން ކަނޑުބެހީ. އެއީ އިއްޔެއަކު މިއަދަކު ހިނގިކަމެއް ނޫން. މިއޮތްހާދުވަހު އެއްވެސް ސަރުކާރަކުން އެކަމަށް ވަކާލާތުނުކޮށް ތިބެފައި ކަންވެނިމުނީމައި އިންތިހާބެއް ބޯމަތިވެފައި އޮތުމާއިއެކު ފަސޭހައިން ވޯޓުކޮޅެއް ހޯދާލުމުގެ ބޭނުމުގައި ކުއްލިއަކަށް ޗާގޯސް ވެގެން އުޅޭނެކަމެއް ނެތް. އަހަރެމެން މިއީ މޮޔައިންނެއް ނޫން. ދުނިޔޭގެ ޚަބަރުތައްވެސް އެނގޭ
ހޯސްފޯސް
17 May 2023
މައުމޫނަކީ ހަމަ ހުދުކާފޫރުކޮޅެއް. "ސިޔާސީ" މިބަހުގެ ސްޕެލިންގްވެސް އޭނާއަކަށް މިހާރު އެނގޭ ކަމަކަށް ނުވާނެ.