ދުނިޔެ / ޕާކިސްތާން

ސިފައިންނާ އެއްވެސް މައްސަލައެއް ނެތް: އިމްރާން

22 މެއި 2023 - 13:23

ޕާކިސްތާނުގެ ސިފައިންނާ އަދި ސިފައިންގެ ވެރިޔާއާ މެދު އޭނާގެ ހިތުގައި އަދި ޕާޓީގައި ވެސް އެއްވެސް މައްސަލައެއް ނެތް ކަމަށް، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ އިދިކޮޅު ލީޑަރު އިމްރާން ޚާން އިއްޔެ ވިދާޅުވެއްޖެ އެވެ.

އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އޭނާގެ ހިތުގައި ސިފައިންނާ މެދު ދެކޮޅުވެރިކަމެއް އަދި މައްސަލައެއް ނެތް ނަމަވެސް، ސިފައިންގެ ވެރިޔާ އޭނާއާ މެދު ދެކޮޅުވެރިކަމެއް ގެންގުޅޭ ކަމަށެވެ. އަދި އޭނާ އެނބުރި ވެރިކަމަށް އައުން ހުއްޓުވުމަށް ސިފައިންގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އާސިމް މުނީރު މަސައްކަތް ކުރައްވާ ކަމަށް ވެސް، އިމްރާން ޚާން ތުހުމަތު ކުރެއްވި އެވެ.

އޭނާ މި މޭރުމުން ތުހުމަތުކުރެއްވި އިރު، މިމަހު ކުރީކޮޅު ކުރި މުޒާހަރާތަކުގައި ސިފައިންގެ ތަންތަނަށް ގެއްލުންދިނުމުގައި ބައިވެރިވި، ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީ (ޕީޓީއައި)ގެ މެންބަރުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިންގެ ގާނޫނުގެ ދަށުން ދައުވާ ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އިމްރާން ޚާންގެ ޕީޓީއައިގެ މެމްބަރުން ސިފައިންގެ އިދާރަތަކަށް ގެއްލުން ދިނީ، މ މަހުގެ 9 ވަނަ ދުވަހު ޕާކިސްތާން ފުލުހުން އޭނާ ހައްޔަރުކުރުމާ ގުޅިގެން، އެކަމާ ދެކޮޅަށް ކުރި މުޒާހަރާތަކުގަ އެވެ.

"އޭނާއާ މެދު އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކު އަހަރެންނާ މެދު އޭނާގެ ކޮންމެވެސް މައްސަލައެއް އެބައޮތް. ސިފައިންގެ ވެރިޔާއާ ދެކޮޅުވެރިވުމުގެ ގޮތުން އަހަރެން ކުރި އެއްކަމެއް ވެސް ނޯންނާނެ. އެކަމަކު އަހަރެންނާ މެދު އޭނާ ދެކޮޅުވެރިވާ ކޮންމެވެސް ސަބަބެއް އެބައޮތް، އެއީ ކޮން ކަމެއް ކަމެއް އަހަރެންނަކަށް ވެސް ނޭނގެ."

އިމްރާން ވިދާޅުވި ގޮތުގައި ފުލުހުން ގާނޫނާ ޚިލާފަށް އޭނާ ހައްޔަރު ކުރުމުން، އެކަމާ ދެކޮޅަށް ނުކުތް އޭނާގެ ސަޕޯޓަރުންގެ ތެރެއިން، ފުލުހުން މިހާތަނަށް ވަނީ 7500 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. އެހެންކަމުން ދެން ފަހަރަކުން ފުލުހުން އޭނާ ހައްޔަރުކުރި ނަމަވެސް، މަޑުމައިތިރިކަމާ އެކު ތިބުމަށް، އޭނާގެ ސަޕޯޓަރުންނަށް އިމްރާން އިލްތިމާސް ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ބޮޑުވަޒީރު ޝާހްބާޒް ޝަރީފްގެ ސަރުކާރުން، އިދިކޮޅު ލީޑަރުންނާއި އިދިކޮޅު ޕާތީތަކުގެ މެމްބަރުންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާނެ އެވެ. އަދި ގިނަ ބަޔަކު ހައްޔަރު ވެސް ކުރާނެ އެވެ.

"މި ޕާޓީގެ ލީޑަޝިޕްގެ ގާތްގަނޑަކަށް ހުރިހާ ބޭފުޅުން މިހާރު ތިބީ ހައްޔަރުކޮށްފައި. އަހަރެންނާ ދެކޮޅަށް ވެސް ގާތްގަނޑަކަށް 150 ދައުވާ އެބަ އޮތް. އެހެންވީމާ ކޮންމެ ވަގުތަކު ވެސް އަހަރެން ހައްޔަރުކޮށްފާނެ. ނަމަވެސް ފާހަގަކޮށްލަން ޖެހެނީ، ފުލުހުންނަށް ވެސް ރައްޔިތުންގެ ފިކުރު ހައްޔަރެއް ނުކުރެވޭނެކަން،" އިމްރާން ވިދާޅުވި އެވެ.

އިސްލާމް އާބާދުގެ ހައި ކޯޓުގައި އޮތް އަޑުއެހުމަކަށް ވަޑައިގެން ކޯޓުގެ ކޮޓަރިއެއްގެ ތެރޭގައި އިންނަވަނިކޮށް، އެ ކޮޓަރިގެ ބިއްލޫރިތައް ތަޅާލައިގެން ފުލުހުން ވަދެ އިމްރާން ހައްޔަރުކުރީ މި މަހުގެ 9 ވަނަ ދުވަހު އެވެ. އެކަމާ ދެކޮޅަށް އޭނާގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ ކުރި މުޒާހަރާތަކުގައި، ސިފައިންނާއި ފުލުހުންގެ އިދާރާތަކުގަ އާއި އުޅަނދުތަކުގައި ހުޅުޖަހައި ބޮޑެތި ހަމަނުޖެހުންތައް ހިންގި އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454