ދުނިޔެ / ސޫދާން

ހަމަލާތައް މެދުކަނޑާލަން އެއްބަސްވެ ހަނގުރާމަ ކުރިއަށް

24 މެއި 2023 - 14:29

1 comments

ސޫދާންގެ އަސްކަރިއްޔާގެ ތެރޭގައި އޮންނަ ދެ ލަޝްކަރެއްގެ ދެމެދުގައި މިދިޔަ މަހުގެ މެދު ތެރޭގައި ފެށި ދާޚިލީ ހަނގުރާމައިގެ ހަމަލާތައް ބަދަލުކުރުން ވަގުތީ ގޮތުން މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ފަހު ވެސް، ހަމަލާ ބަދަލުކުރުމަކަށް މެދުކެނޑުމެއް ނާދެ އެވެ.

ސޫދާންގައި ހަނގުރާމަ ކުރަމުން ދަނީ އެ ގައުމުގެ ސިފައިންނާއި، ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިންނާ ދެމެދުގަ އެވެ. މި ހަނގުރާމަ ހުއްޓުވޭތޯ ދެ ލަޝްކަރުގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް ފަށައިގެން މިހާރު ކުރިއަށް ގެންދަނީ، ސައޫދީ އަރަބިއްޔާ އާއި އެމެރިކާ ސަރުކާރު އިސްނަގައިގެން، ސައޫދީގެ ޖިއްދާގަ އެވެ.

ހަމަލާ ބަދަލުކުރުން، ކުރު މުއްދަތަކަށް މެދުކަނޑައިލުމަށް، ސޫދާން ސިފައިންނާއި އާރްއެސްއެފް ލަޝްކަރުގެ ސިފައިން މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ޖިއްދާގައި ސޮއިކުރި އެއްބަސްވުމަށް އަމަލު ކުރަން ފެށީ، މިދިޔަ އަންގާރަ ވިލޭރޭ ސޫދާން ގަޑިން 9:45ގަ އެވެ. އެމެރިކާ އާއި ސައޫދީ ސަރުކާރު މެދުވެރިވެގެން ގާއިމުކުރި އެއްބަސްވުމަށް އަމަލުކުރަން ފެށި ނަމަވެސް، ވެރިރަށް ޚަރްތޫމްގެ ތެރެއިން ބަޑީގެ އަޑުފައްގަނޑު ނުކެނޑޭ ކަމަށް، އެ ސަހަރުގެ އާންމުންނާ ހަވާލާދީ ބައިނަލްއަގުވާމީ ނޫސްތަކުން ބުނެ އެވެ.

ބައެއް އާންމުން ބުނާ ގޮތުގައި ޚަރްތޫމްގެ ވައިގެ ސަރަހައްދުގައި ސޫދާންގެ ވައިގެ ސިފައިންގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އިއްޔެ އާއި ރޭ ވެސް އެތައް ފަހަރަކު ބުރުޖެހި އެވެ. އަދި ދޭތެރެއަކުން ބޮން އަޅާ އަޑުވެސް އިވުނެވެ. އަދި މަތިންދާބޯޓުތައް އުދުހެން ފެށުމާއެކު، މެޝިން ބަޑީގެ އަޑުފައްގަނޑުން މުޅި ސަރަހައްދު ގުގުމައިގެންދާތީ، އެއީ އާރްއެސްއެފް ކިޔާ ލަޝްކަރުން ދޭ ރައްދު ހަމަލާތައް ކަމަށް ބެލެވެ އެވެ.

އިއްޔެ އާއި ރޭ ވެސް ދެ ފަރާތުގެ މެދުގައި ހަމަލާ ބަދަލުކުރި ނަމަވެސް، އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ ކުރިއާ އަޅައި ބަލާއިރު، ހަމަލާތައް މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެހެންކަމުން ޚަރްތޫމުގެ ބައެއް ސަރަހައްދުތަކުގައި މިހާރު ފިހާރަތައް ހުޅުވައި އާންމުން ގެންދަނީ ގޭބިސީތަކަށް ކޮންމެހެން ބޭނުންވާ ސާމާނު ގަނެ ޖަމާކުރަމުންނެވެ.

ހަމަލާ ބަދަލުކުރުން މެދުކަނޑާލާފައިވަނީ އެންމެ ހަތް ދުވަހުގެ މުއްދަތަށް ކަމަށްވާތީ އާއި، އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ވެސް ހަމަލާ ބަދަލުކުރުން ނުހުއްޓޭތީ، އާންމުންގެ މެދުގައިވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. އެހެންކަމުން، ސުލްހައިގެ އަލިމަގެއް ފެންނަން ނެތުމާއެކު، ހަނގުރާމަ ހިނގާ ސަރަހައްދުތަކުގައި ދިރިއުޅޭ ވަރަށް ގިނަ ބަޔަކު މިހާރު ވެސް ދަނީ އެހެން ސަރަހައްދުތަކަށް ބަދަލުވަމުންނެވެ.

ދެ ލަޝްކަރުން އެއްބަސްވެފައިވާ ގޮތަށް، ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުން ތަންފީޒުކުރެވޭ ގޮތް ބެލުމަށް ވަނީ ވަކި އިންތިޒާމެއް ހަމަޖައްސައިފަ އެވެ. އެ ގޮތުން ދެ ލަޝްކަރުން ކަނޑައަޅާފައިވާ ބަޔަކާއި، ސައޫދީ ސަރުކާރުންނާއި އެމެރިކާ ސަރުކާރުން ކަނޑައަޅާފައިވާ ބަޔަކު، ދެ ލަޝްކަރުގެ ހަރަކާތްތަކަށް ފާރަލައި ބަލަމުން ދާނެ އެވެ.

ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން މެދުކަނޑައިލުމަށް މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ދެ ލަޝްކަރުން އެއްބަސްވެ އިއުލާންކުރި އެވެ. ނަމަވެސް އެ ތިން ފަހަރު ވެސް އެކަން އިއުލާންކުރީ، ދެ ލަޝްކަރުގެ ދެމެދުގައި އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށްވާތީ، އެއްބަސްވުމާ އެއްގޮތަށް އަމަލެއް ނުކުރެވެ އެވެ. މިހާރު އަމަލުކުރަމުން އަންނަ އެއްބަސްވުމަކީ، ދެ ލަޝްކަރުގެ މަންދޫބުންގެ މެދުގައި މަޝްވަރާކޮށް ދެ ފަރާތުގެ ރުހުމާއެކު އެކުލަވައިލި އެއްބަސްވުމެކެވެ. އާންމުން ބުނާ ގޮތުގައި އެއްވެސް ސަބަބަކާ ނުލައި ދެ ފަރާތުގެ މެދުގައި ހަނގުރާމަ ފަށާފައިވާތީ އާއި، މީގެ ކުރިން ވެސް ދެ ލަޝްކަރުން އަމަލުކުރި ގޮތަށް ބަލާއިރު، މިފަހަރުގެ އެއްބަސްވުމުން ވެސް މާ ބޮޑު ނަތީޖާއެއް ނުކުންނާނެ ކަމުގެ އުންމީދެއް ނެތެވެ.

އެޕްރީލް 15، 2023 ގައި ސޫދާންގައި ހަނގުރާމަ ފެށުނީ، އެ ގައުމުގެ ސިފައިންނާއި، ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިންނާ ދެމެދުގަ އެވެ. ހަނގުރާމަ ފެށުނީ، އާރްއެސްއެފް ލަޝްކަރުގެ ސިފައިން ވެރިރަށް ޚުރުޠޫމަށް އަރައި، އަސްކަރިއްޔާގެ މައި މަރުކަޒަށާއި ރިޔާސީ ގަނޑުވަރު އަދި ސަރުކާރުގެ ޓީވީ ސްޓޭޝަނަށާއި، ވެރިރަށުގައި އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ހަމަލާ ދީ އެ ތަންތަން ހިފަން އުޅުމުންނެވެ.

ސިފައިންގެ ލަޝްކަރުގެ ވެރިޔަކީ، އެ ގައުމުގައި މިހާރު އޮތް އަސްކަރީ ސަރުކާރުގެ ވެސް ވެރިޔާ، ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން އެވެ. ސިފައިންނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާ އާރްއެސްއެފް ލަޝްކަރުގެ ވެރިޔަކީ، އެ ގައުމުގައި މިހާރު އޮތް އަސްކަރީ ސަރުކާރުގެ ވެރިޔާގެ ނައިބުގެ މަގާމުގައި ހުރި، ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ (ހަމިއްތީ) އެވެ. ކުރީގެ ރައީސް އުމަރުލް ބަޝީރުގެ ވެރިކަން ވައްޓައިލުމަށް ކުރި މަސައްކަތުގައި މި ދެ ޖެނެރަލުންނަކީ ވެސް އެއް ފިޔަވަޅުމަތީ ހިންގެވި ދެ ބޭފުޅުންނެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުހާ.

25 May 2023

ޢަބުދުލް ފައްތާހު ކިއާ ކޮންމެ މީހަކު ވެރިކަމުގައި މިއޮންނަނީ ބަގުޑިލައިގެން. މިސްރުގައިވެސް އެހުރީ މީގެ އަނެއް ފައްތާހު. އެތައްބައެއްގެ ގާތިލެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454