ޕާކިސްތާނުްގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އިއްޔެ އިސްލާމް އާބާދުގެ އެންޓި ކޮރަޕަޝަން ކޯޓަށް ހާޒިރުވުމަށް ފަހު، އޭނާގެ އަމިއްލަ ހަށިފާރަވެރިންގެ ހިމާޔަތުގައި ގެކޮޅަށް ވަޑައިގަންނަވަނީ -- އޭއެފްޕީ
25 މެއި 2023 - 13:55
ޕާކިސްތާނުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީ (ޕީޓީއައި)ގެ ފަރާތުން އެއްވެސް ހަރަކާތެއް ހިންގުން މަނާކުރުމަށް ވިސްނަމުން އަންނަ ކަމަށް، ޕާކިސްތާނުގެ ދިފާއީ ވަޒީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަނާއި ޚިޔާނާތުގެ ތުހުމަތުގައި ޝަރީއަތަށް ހުށަހަޅާފައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕީޓީއައި މަނާކުރަން ސަރުކާރުން މަސައްކަތް ކުރަނީ، މިމަހުގެ ކުރީކޮޅު އިމްރާން ޚާން ހައްޔަރުކުރުމުން އޭނާގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކުގައި ސިފައިންގެ މަރުކަޒުތަކަށް ގެއްލުން ދިނުމާ ގުޅިގެންނެވެ.
ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް އިއްޔެ ވިދާޅުވި ގޮތުގައި އިމްރާން ޚާންގެ ސަޕޯޓަރުންނާއި ޕީޓީއައިގެ މެމްބަރުން ޕާކިސްތާން ސިފައިންގެ ތަންތަނަށާއި ތަކެއްޗަށް ގެއްލުން ދިނުމަކީ ތަހައްމަލު ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެ މީހުން ހިންގި އެ އަމަލުތަކުގެ ސަބަބުން، ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާ މެދު ނުބައި ތަސައްވުރެއް އުފެދުމުގެ ބިރު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީން ހަމަލާ އެ ދިނީ ދައުލަތުގެ އެންމެ ވަރުގަދަ އަސާސްތަކަށް. ދައުލަތަށް އެކަން ތަހައްމަލެއް ނުކުރެވޭނެ. އެހެންވީމާ ޕީޓީއައި އުވައިލުމަކީ މިހާރު ވިސްނަމުން އަންނަ ކަމެއް. އެކަމަށް ގޮތެއް ނިންމާނީ ގާނޫނު ހަދާ މަޖިލީހަށް ފެންނަ ގޮތެއް އެ މަޖިލީހުން ފާސްކުރީމަ،" ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވި އެވެ.
ޕީޓީއައިގެ ގާނޫނީ ވަކީލު އަލީ ޒަފަރު ވިދާޅުވި ގޮތުގައި އެ ޕާޓީއާ ދެކޮޅަށް ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއް ކޯޓަށް ހުށަހަޅާނެ އެވެ. އަދި ވަކިވަކި ފަރުދުންތަކެއް ކުރާ އަމަލުތަކެއްގެ ޒިންމާ މުޅި ޕާޓީން އުފުލަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕާކިސްތާންގެ ސިޔާސީ ކަންކަމުގައި ނުސީދާ ގޮތުން ވަރަށް ނުފޫޒު ގަދަ ދައުރެއް ކުޅެމުން އަންނަ ޕާކިސްތާން ސިފައިންގެ ބޮޑު ތާއީދަކާ އެކު، އިމްރާން ޚާން އިންތިޚާބު ކާމިޔާބުކޮށް ބޮޑުވަޒީރުކަމަށް ވަޑައިގަތީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް ސިފައިންގެ އިސް މަގާމުތަކަށް އިމްރާން ޚާން ނުފޫޒު ފޯރުވާކަމަށް ސިފައިންގެ ތެރޭގައި ތުހުމަތުގެ އަޑުތައް ފެތުރެމުން ދަނިކޮށް، ބޮޑުވަޒީރުގެ މައްޗަށް އިތުބާރު ނެތް ކަމަށް ގާނޫނު ހަދާ މަޖިލީހުން ފާސްކޮށް، އޭނާ މަގާމުން ވަކިކުރީ 2022 ވަނަ އަހަރު އެވެ.
މަގާމުން ދުރުކުރުމާ އެކު، އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން އޭނާ ވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވައި ސަރުކާރާ ދެކޮޅު މުޒާހަރާތައް ފައްޓަވައިފަ އެވެ. އަދި އޭނާއާ ދެކޮޅަށް ސަރުކާރުން ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން އޭނާ ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރާ ކޮންމެ ފަހަރަކު، އާންމުން މަގުތަކަށް ނެރެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބަންދުން ވީއްލެ އެވެ.
އަވަސް އިންތިޚާބެއް ބޭއްވުމަށް އިމްރާން ޚާން ގޮވައިލެއްވި ނަމަވެސް، މިހާރުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ވިދާޅުވެފައިވަނީ މިއަހަރުގެ އޮކްޓޫބަރުގެ ކުރިން އިންތިޚާބެއް ނުބާއްވާނެ ކަމަށެވެ. މިހާރު އިންތިޚާބު ކޮށްފައި އޮތް މަޖިލީހުގެ ދައުރު ހަމަވާނީ އަންނަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
އިމްރާން ޚާން، 70، ގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، ޕާކިސްތާން ފުލުހުން އިމްރާން ހައްޔަރުކުރީ މި މަހުގެ 9 ވަނަ ދުވަހު، އިސްލާމް އާބާދުގެ ހައި ކޯޓުގައި އިންނަވަނިކޮށެވެ. އޭނާ ހައްޔަރުކުރުމާ ގުޅިގެން، އޭނާގެ ސަޕޯޓަރުންނާއި އޭނާގެ ޕާޓީގެ ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނުކުމެ ހަމަނުޖެހުންތައް ހިންގައި ސިފައިންނާއި ފުލުހުންގެ އުޅަނދުތަކާއި އާންމުންގެ ބައެއް ތަންތަނަށް ވެސް ގެއްލުންދިނެވެ. އަދި ސިފައިންގެ ބައެއް އިސް ޖެނެރަލުން ދިރިއުޅުއްވާ ގެތަކުގަޔާއި ސިފައިންގެ ބައެއް މަރުކަޒުތަކުގައި ހުޅުޖެހި އެވެ.
ހައްޔަރު ކުރި މައްސަލަ އޭނާގެ ފަރާތުން އެ ގައުމުގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުން ވަނީ ކަފާލާތުގެ ދަށުން، މި މަހުގެ 11 ވަނަ ދުވަހު އިމްރާން މިނިވަންކޮށްފަ އެވެ. އޭގެ ފަހުން ވެސް، ފުލުހުންނާއި އެންޓި ކޮރަޕްޝަން އޭޖެންސީން ދަނީ ތަހުގީގުގައި އޭނާއާ ސުވާލު ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައުލަތު
27 May 2023
އަދާލަތު؟ ކޮބާ އިމަރާން ދެން ވެސް މަގާމު މަގާމު.
ގެދާނޯމޮސް
26 May 2023
އިމްރާން ގެ ޕާޓީ ނައްތާލަނީ އަނެއްކާ 3000 މީހުން ހަމަނުވާތީ ބާއެވެ. ދުނިޔޭގެ އެއްވެސް ކޮޅެއްގައި ހަމަޖެހުމެއް ނެެތެވެ. ރައްޔިތުން އަތަށް ސްމާރޓް ފޯނުތަށް އަރަން ފެށީމާ ދުނިޔޭގެ ސައިޒު އޮޅިއްޖެއެވެ.
ހަސަން ކުރުސީ
25 May 2023
އިމްރާނުޕާޓީ މަނާކުރެވިދާނެ. އެކަމަކު އެފިކުރެއް ނައްތައެއްނުލެވޭ.