މަތީ ސާނަވީ އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ކުދިންނަށް އެވޯޑު ދިނުމަށް ދަރުބާރުގޭގައި މި މަހު ބޭއްވި ރަސްމިއްޔާތުގައި، އިނާމު ލިބުނު ދަރިވަރުން އެވޯޑާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ނިޝާން އަލީ /މިހާރު
30 މެއި 2023 - 15:11
މަޖުބޫރު މާއްދާތަކުގެ ތެރެއިން ދިވެހި ފިޔަވައި އެހެން މާއްދާތަކުން ދަރިވަރުން ކުރިއެރުން ހޯދާފައިވާކަން "މިހާރު" އަށް ލިބުނު މައުލޫމާތުތަކުން އެނގިއްޖެ އެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފާއިތުވި 10 އަހަރުގެ ތެރޭގައި މަޖުބޫރު ހަތަރު މާއްދާ ކަމަށްވާ އިސްލާމާއި ދިވެހި އަދި އިނގިރޭސި އާއި ހިސާބުގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ފާސްވީ ދިވެއްސާއި އިސްލާމް އަދި ހިސާބުންނެވެ.
ދިވެހި މާއްދާއިން އެންމެ ގިނަ ދަރިވަރުން ފާސްވީ 2016 ވަނަ އަހަރެވެ. އެ އަހަރު 81.12 ޕަސެންޓް ދަރިވަރުން އެ މާއްދާއިން ފާސްވި އެވެ. ޖެހިގެން އައި 2017 ވަނަ އަހަރު 80.7 ޕަސެންޓް އަދި 2018 ވަނަ އަހަރު 81.4 ޕަސެންޓް ދަރިވަރުން ދިވެހިން ފާސްވި އެވެ.
އެކަމަކު، ޖެހިގެން އައި 2019 ވަނަ އަހަރު އެ ނަތީޖާ 78.82 އަށް ވަނީ ދަށްވެފަ އެވެ. އެ މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު 2020 ވަނަ އަހަރު 74 ޕަސެންޓަށް ވެއްޓުނެވެ. މިއީ، 2013-2022 ގެ ނަތީޖާތަކުގެ ތެރެއިން ދިވެހި މާއްދާއިން އެންމެ މަދުން ދަރިވަރުން ފާސްވި އަހަރެވެ.
މައުލޫމާތުތަކުގައިވާ ގޮތުން މިދިޔަ އަހަރު އެސްއެސްސީ އިމްތިހާނު ހެދި 5،939 ދަރިވަރުންގެ ތެރެއިން ދިވެހިން ފާސްވެފައި ވަނީ 76.5 ޕަސެންޓް ދަރިވަރުންނެވެ. އޭގެ ކުރީ އަހަރު، 2021 ވަނަ އަހަރު އެ އަދަދު ހުރީ 79.2 ގަ އެވެ.
އެސްއެސްސީ އިމްތިހާނުގައި ފާއިތުވި 10 އަހަރު އިސްލާމުން އެންމެ މަދު ދަރިވަރުން ފާސްވީ 2013 ވަނަ އަހަރެވެ. އެ އަހަރު އެ މާއްދާއިން ފާސްވީ 70.4 ޕަސެންޓް ދަރިވަރުންނެވެ. ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން އެއް އަހަރުން އަނެއް އަހަރަށް ނަތީޖާ ރަނގަޅުކުރަމުން ގޮސް، އެ މާއްދާއިން އެންމެ ބޮޑު ވެއްޓުމެއް އައިސްފައިވަނީ 2017 ވަނަ އަހަރެވެ. އެއީ 73.2 ޕަސެންޓް ދަރިވަރުން ފާސްވެގެންނެވެ.
ދެހާސް އަށާރަ ވަނަ އަހަރު 78.5 ޕަސެންޓް ދަރިވަރުން އިސްލާމުން ފާސްވިއިރު، 2019 ވަނަ އަހަރު އެ އަދަދު އަނެއްކާ ވެސް 73.34 އަށް ދަށަށް ދިޔަ އެވެ. އެކަމަކު، 2020 ވަނަ އަހަރު 79 ޕަސެންޓް ދަރިވަރުން އެ މާއްދާއިން ވަނީ ފާސްވެފަ އެވެ. އެ އަދަދު 74 ޕަސެންޓަށް ވެއްޓުމަށް ފަހު، މިދިޔަ އަހަރު އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން 77.2 ޕަސެންޓް ދަރިވަރުން އިސްލާމުން ފާސްވި އެވެ.
ހިސާބުން ފާސްވި ދަރިވަރުންގެ އަދަދު ވެސް އެންމެ މަދުން އުޅެނީ 2013 ވަނަ އަހަރެވެ. އެ އަހަރު 48.6 ޕަސެންޓް ދަރިވަރުން އެ މާއްދާއިން ފާސްވި އެވެ. އެވްރެޖުކޮށް އެއްވަރެއްގައި ހިފެހެއްޓިފައި އޮތުމަށް ފަހު 2016 ވަނަ އަހަރު ވަނީ 59.73 ދަރިވަރުން އެ މާއްދާއިން ފާސްވެފަ އެވެ.
އެ މާއްދާއިން މިދިޔަ އަހަރު ފާސްވީ 62.4 ޕަސެންޓް ދަރިވަރުންނެވެ. އޭގެ ކުރީ އަހަރު ހުރީ 61.9 ޕަސެންޓް ދަރިވަރުންނެވެ. ދެހާސް ވިހި ވަނަ އަހަރުގެ ނަތީޖާއަކީ 62 ޕަސެންޓް ދަރިވަރުން ހިސާބުން ފާސްވުމެވެ.
އިނގިރޭސިން ފާސްވި ދަރިވަރުންގެ އަދަދު ވެސް، 2019 ވަނަ އަހަރުން 2020 އަހަރަށް ބޮޑު ކުރިއެރުމެއް ހޯދި އެވެ. އެ މާއްދާއިން 2019 ވަނަ އަހަރު 52.18 ޕަސެންޓް ދަރިވަރުން ފާސްވިއިރު، ޖެހިގެން އައި އަހަރު 74 ޕަސެންޓް ދަރިވަރުން ފާސްވި އެވެ. ދެހާސް އެކާވީސް ވަނަ އަހަރު 73 ޕަސެންޓް ދަރިވަރުން އަދި މިދިޔަ އަހަރު 73.8 ޕަސެންޓް ދަރިވަރުން ފާސްވި ކަމަށް، މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މަޖުބޫރު މާއްދާތަކުން ފާސްވި ދަރިވަރުންގެ އަދަދަށް ރަނގަޅު ބަދަލުތަކެއް އައި ނަމަވެސް، ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު ވަނީ ދަށްވެފަ އެވެ.
2019: 68.3 ޕަސެންޓް ދަރިވަރުން
2020: 66.4 ޕަސެންޓް ދަރިވަރުން
2021: 50.3 ޕަސެންޓް ދަރިވަރުން
2022: 49.7 ޕަސެންޓް ދަރިވަރުން
އެކަމާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސުވާލު ކުރެއްވުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ 2019 ވަނަ އަހަރުގެ ކުރިން ތަފާސްހިސާބު ހަދާއިރު ފަސް މާއްދާ އިން ފާސްވާ ކުދިންގެ އަދަދު ބަލަނީ ދަސްވާރަކީ ތިން މާއްދާގެ ގޮތުގައި އަދި ބީ ޓެކަކީ ހަތަރު މާއްދާގެ ގޮތުގައި ބަލައިގެން ކަމަށެވެ.
އެހެންވެ، އެއީ އަސްލު ނަތީޖާއެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ފަސް މާއްދާ އިން ކަލްކިއުލޭޓް ކުރަން އޮފްރޯލް ކުރަނީ އެއީ ފާސް ނުވާހެން ހީވާ ކުދިން ބާކީ ކޮށްފައި ފާސް ވާނެ ކުދިން ކަލްކިއުލޭޓް ކޮށްފައި އެ މީހުން ސްޓެޓިސްޓިކް ކަލްކިއުލޭޓް ކޮށްފަ އޮންނަނީ. އެހެންވީމަ ތަންކޮޅެއް ބޮޑުކޮށް ޕަސެންޓޭޖްތައް ފެންނަމުން ދިޔައީ. ނަމަވެސް އަޅުގަނޑުމެން ސަރުކާރަށް އައިސް ބަދަލުތަކެއް ގެނައިން. އެޑިއުކޭޝަން ސިސްޓަމްގެ އަސްލި މަންޒަރު ފެނިގެންނޭ އެއަށް ފަރުވާއެއް ހޯދޭނީ." އޭނާ ވިދާޅުވި އެވެ.
މަތީ ސާނަވީ އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ކުދިންނަށް އެވޯޑު ދިނުމަށް ދަރުބާރުގޭގައި މި މަހު ބޭއްވި ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
އައިޝަތު އަލީ ވިދާޅުވީ އެ ނިންމުން ބަދަލުކޮށް، ހުރިހާ ކުދިން ފަސް މާއްދާ ހަދަން ޖެހޭ ގޮތަށް 2019 ވަނަ އަހަރުގެ ފަހުކޮޅު އުސޫލު ބަދަލުކުރި ކަމަށެވެ. އެއީ، މަޖުބޫރު ހަތަރު މާއްދާގެ އިތުރަށް އިހުތިޔާރީ މާއްދާއެކެވެ.
"އެއީ ހާއްސަކޮށް ތައުލީމީ ދާއިރާ އަށް ބަލާއިރު ފެންނަނީ ލިޓްރަސީ ނިއުމަސީ ވަރަށް ބޮޑަށް ދަށްވެެގެން ދާތަން. އެހެންވެ ދިވެހި އިސްލާމް ހިސާބު އިނގިރޭސި އަދި ސްޓްރީމް ތެރެއިން ހަދާ ކޮންމެވެސް އެއް މާއްދާއެއް މަޖުބޫރު ކުރާ ގޮތަށް. ޑްރޮޕް ކުރުމުގެ ފުރުސަތު ދެނީ ވަރަށް ސިވިއާ ކޭސް ހުންނަ އަދި އަޅުގަނޑު ވެސް ބެލުމަށް ފަހު. ހުރިހާ ކުދިން ފަސް މާއްދާ ހަދާނެ."
މިނިސްޓަރު އެހެން ވިދާޅުވިއަސް، ފަސް މާއްދާ ހެދުން މަޖުބޫރު ކުރި ފަހުން އެއް އަހަރުން އަނެއް އަހަރަށް ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު ވަނީ ދަށްވެފަ އެވެ.
"މިހާރު ތަފާސް ހިސާބު ހަދާއިރު އެ ފެންނަ ރިޕްރެޒެންޓޭޝަން ދަށްވާކަމަށް ފާހަގަ ކުރެވޭނެ. އަޅުގަނޑުމެންނަށް ފެނުނު ކުރިން ދެންނެވި ފަދައިން އިމްޕްރޫވް ކުރަން ޖެހޭ މާއްދާތައް. އޭގެ ތެރޭގައި ހިސާބާއި އިނގިރޭސި ހިމެނޭ. އެހެންވެ ލިޓްރަސީ ޕްރޮގްރާމެއް ފެށިން ފައުންޑޭޝަނުން ފެށިގެން ހުރިހާ ގްރޭޑަކަށް. ނަތީޖާ ރަނގަޅު ކުރުމަށްޓަކައި މި ކަހަލަ ސްކޫލްތައް ފާހަގަކޮށް އެ ސްކޫލްތަކާއެކު ތިން އަހަރު ވަންދެން މަސައްކަތް ކުރިން." މިނިސްޓަރު ވިދާޅުވި އެވެ.
"އޭގެ ނަތީޖާ އެބަފެނޭ. އެގޮތުން އިނގިރޭސިން ފާސްވާ އަދަދު ވަރަށް ބޮޑުތަން މައްޗަށް ގޮސްފައި ވަނީ. ހިސާބު ވެސް އެހެން އަހަރުތަކާ ބަލާފައި ރަނގަޅު. ދިވެހި ވެސް މައްޗަށް ދަނީ. މަޖުބޫރު މާއްދާތަކުން ފާސްވާ ކުދިންގެ އަދަދު ވެސް މައްޗަށް ދަނީ. އޯވަރޯލްކޮށް ފަސް މާއްދާ އިން ފާސްވާ ކުދިންގެ އަދަދު ދަށްވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ އޮފްރޯލް ކޮށްފަ ކުރީގައި ހުންނާތީ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިތަކުރު
31 May 2023
އޮޅުވާލުމާއި މަކަރާއި ހީލަތް ހަދާފައިވަނީ ހަމައެކަނި ދައުލަތުގެ މާލިއްޔަތާ ގުޅޭކަންކަމުގައި އެކަނި ކަމަކަށްވެސް ނުވޭތާއެވެ. ކޮންމެސް މޮޅު އުކުޅެއްބޭނުން ކޮށްގެން އެވަނީ އެއްވެސް ދައުރެއްގައި ކިޔަވާ ކުދިންގެ ނަތީޖާ މަތިނުވާމިންވަރަކަށް ކުރީގެ ދައުރުގައި ނަތީޖާ މަތިވެފައިވާކަން ވެސް ދައްކާފައިތާއެވެ. އަދިވެސް ބަޔަކު މިއުޅެނީ އެދުވަސް އިއާދަ ނުކުރެވިގެން ލޮލަށް ނިދިނައިސްގެންނެވެ.
ކިރު ސައި
30 May 2023
ތަފާސް ހިސާބު ގެނެސްދޭންވީ ލޯބީގެ ވާހަކަ ލިޔާގޮތަކަށް ނޫން.
ބިސްކޯދު
30 May 2023
ތިބުނީ؟
ހަސަން ކަލޯ
30 May 2023
ތީ ހަމަ އަހުމަދިއްޔާ އިން ހަދާ ގޮތް! ޖީ ސީ ގައި ފާސްނުވާނެހެން ހީވާކުދިން 9 ގައި ރިޕީޓް ކޮށް އޯލެވެލް ގައި މާމަތީ ނަތީޖާ ހޯދާ ސްކޫލެއްކަން ބެލެނިވެރިންނަށް ދައްކާ މީހުން މަގު ފުރެއްދުން!