ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާ: ސައުދީގެ ލީގަށް ބަދަލުވާން އުޅޭ ކަމަށް ފަތުރާ ވާހަކަ ނުސީދާކޮށް ބެންޒެމާ ދޮގު ކުރޭ --- ފޮޓޯ: އޭއެފްޕީ
02 ޖޫން 2023 - 07:40
މެޑްރިޑް (ޖޫން 2) - ސައުދީ އަރަބިއާގެ އަލް އިއްތިހާދުން ދިން އަގުބޮޑު ހުށަހެޅުމަށް، ދުނިޔޭގެ އެންމެ މުއްސަނދި ކްލަބް ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރީމް ބެންޒެމާ ވެސް ދީލާލައިފި ކަމަށް މީޑިއާތަކުން ފަތުރާ ވާހަކަ ނުސީދާކޮށް އޭނާ ދޮގު ކޮށްފި
މި މަހަށް ފަހު އޭނާ ރެއާލް ދޫކޮށްލާނެ ކަމަށް މިޑީއާތަކުން ބުނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އެއަށް ފަހު 400 މިލިއަން ޑޮލަރުގެ އަގުބޮޑު ކޮންޓަރެކްޓްގައި ބެންޒެމާ އަލް އިއްތިހާދާ އެކު ސޮއި ކުރާނެ އެވެ. އެ ކޮންޓްރެކްޓްގެ މުއްދަތަކީ ދެ އަހަރު ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.
އެކަމަކު އެވާހަކަ މީޑިއާތަކުން ފެތުރިޔަސް، ބެންޒެމާ ވަނީ އެއީ ހަގީގަތެއް ނޫން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކައިފަ އެވެ.
"އަހަރެން މިހުރީ ރެއާލް މެޑްރިޑްގައި އާދިއްތަ ދުވަހު މެޗު ވެސް އެބައޮތް. ރެއާލްގައި ހުރިހާ ދުވަހަކު ކްލަބް ދޫކޮށްލާ ވާހަކަ ނުދައްކާނަން. އިންޓަނެޓްގައި އެނބުރޭ ހުރިހާ ވާހަކައަކީ ތެދު ވާހަކަތަކެއް ނޫން،" ސްޕެއިންގެ ކުލިވަރު ނޫސް "މާކާ" ގެ އެވޯޑް ހަފުލާގައި ވާހަކަ ދައްކަމުން ބެންޒެމާ ބުންޏެވެ.
ރެއާލްގައި ބެންޒެމާ އާ އެކު އެ ޓީމުގެ ފޯވާޑްލައިން ބެލެހެއްޓި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން ދަނީ، އަލް އިއްތިހާދު އާ އެންމެ ވާދަވެރި އަލް ނަސްރު އެފްސީ އަށެވެ.
ރެއާލްއާ އެކު 14 އަހަރު ހޭދަ ކުރި، ބެންޒެމާ އެ ކްލަބް ދޫކޮށްލަނީ އެ ޓީމުގައި އެންމެ ގިނަ ތަށި ހޯދި ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެ ޓީމާ އެކު 24 ތަށި ހޯދައި އޭނާ ވަނީ ކުރީގެ ކެޕްޓަން މާސެލޯ ވިއޭރާގެ ރެކޯޑާ ހަމަހަމަކޮށްފަ އެވެ.
ފްރާންސްގެ އޮލިމްޕިކް ލިޔޯންއިން ބެންޒެމާ ރެއާލް އަށް ބަދަލުވީ 30 މިލިއަން ޑޮލަރަށް 2009 ގަ އެވެ. ރެއާލް އާއެކު މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ހޯދި ބެންޒެމާ، 35 ވަނީ މިދިޔަ އަހަރު ބެލަންޑިއޯ އެވޯޑް ހޯދައިފަ އެވ.
ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އާދިއްތަ ދުވަހު އެތުލެޓިކް ކްލަބް ބިލްބާއޯ އާ ދެކޮޅަށް ރެއާލްގެ ދަނޑުގައި ކުޅޭ މެޗުގައި ބެންޒެމާ އަށް އިހުތިރާމު އަދާ ކުރުމުގެ ހަރަކާތަކަށް ރެއާލުން ދަނީ ތައްޔާރުވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy