ޚަބަރު / ރައީސް އަބްދުﷲ ޔާމީން

އަދީބާއި ޒިޔަތުގެ ހެކިބަސް ނުނެގުމަކީ އެމްއެމްޕީއާރްސީ މައްސަލަ އެ ދެ މީހުންނާ ހިސާބުން ނިމުން: ޕީޖީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތަކީ އެ މަނިކުފާނުގެ އަދާވާތްތެރިން ކަމަށް މިއަދު ވެސް ތަކުރާރުކޯށް ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ދިނުމާއި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާތަކުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތުގެ ހެކިބަސް ނުނެގޭނެ ކަމަށް ނިންމައިފި ނަމަ އޭގެ މާނަ އަކީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް އެ ދެ މީހުންނާ ހިސާބުން ނިމުން ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.

ދައުލަތުން މިހެން ބުނީ އަދީބާއި ޒިޔާތުގެ ހެކިބަސް ނުނެގޭނެ ކަމަށް ނިންމަން ޔާމީންގެ އިތުރުން ދައުވާ ލިބޭ އަހްމަދު ކްރިކް ރިޒާގެ ފަރާތުން ވެސް އެދިފައިވާތީ، ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގަ އެވެ.

ދައުލަތުން ބުނީ މި މައްސަލާގައި ޔާމީންގެ ވަރަށް ގިނަ ހައްގުތަކެއް ދައުލަތުން ކަށަވަރުކޮށްދޭންޖެހޭ ކަމަށާއި ހަމަ އެއާ އެކު މިއީ ފަސް ލައްކަ މީހުންގެ ހައްގު ހިމެނޭ މައްސަލައެއް ކަމަށެވެ.

"ރައީސް ޔާމީންގެ ހައްގުތަކާ އެއްކޮށް މި މައްސަލަ އަކީ ދިވެހި ރައްޔިތުންގެ ހައްގު އެކުލެވިގެންވާ މައްސަލައެއް. މި މައްސަލަ އަކީ ދައުލަތުގެ ބައިތުލްމާލުން އެތައްކެއް ފައިސާއެއް ގެއްލިގެން ދިޔަ، އޭގެ ބޮޑު މައްސަލައެއްގައި، އޭގެ މުއާމަލާތަކާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ދައުވާއެއް،" ވަކީލް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ހައްގުތަކާ އެކު، އަޅުގަނޑުމެންނަށް މި މައްސަލާގައި ނުފެންނަ ފަސް ލައްކަ ރައްޔިތުންގެ ހައްގު އެބަ އެކުލެވޭ."

ދައުލަތުން ބުނީ މިހާތަނަށް ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުން، އަދީބާއި ޒިޔަތަކީ ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅޭ އެމްއެމްޕީއާރްސީ ހިޔާނާތުގައި އެންމެ އިސްކޮށް ތިބި ދެ މީހުންކަން ސާބިތުވެފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރްސީގެ އެމްޑީ އަބްދުﷲ ޒިޔަތު (ކ) އާ ސަލާމްކުރައްވަނީ. -- މިހާރު ފައިލް ފޮޓޯ

"އެ ދެ މީހުންނަކީ އެ ކޮރަޕްޝަނާއި ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުނު ދެ މީހުން،" ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ކޮރަޕްޝަންގެ އަމަލުތަކަކީ އެންމެންނަށް އަންގައިގެން ފާޅުގައި ކުރާ ކަމެއް ނޫން ކަމަށާއި އެހެންވެ މި ބާވަތުގެ ކުށްތަކުގައި ކަން ހިނގި ގޮތް އާންމުކޮށް އެނގޭނީ އެކަމުގައި އުޅުނު ބަޔަކަށް ކަމަށް ދައުލަތުން ބުންޏެވެ.

"އަދީބާއި ޒިޔަތަކީ އަދުލުވެރިކަން ގެއްލިފައިވާ ދެ މީހުން ކަމަށް ބަލައި މި އިއްޒަތްތެރި ކޯޓުން ފަނޑިޔާރު އަދީބާއި ޒިޔަތުގެ ހެކިބަސް މި މައްސަލާގައި ނުނެގޭނެ ކަމަށް ނިންމަވައިފި ކަމުގައިވާ ނަމަ މުޅި މުޅި މުޖުތަމައުއަށް، މުޅި ގައުމަށް އެ ދެވޭ މެސެޖަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބޮޑު މައްސަލަ އަދީބާއި ޒިޔާތާ ހިސާބުން ނިމިގެން ދަނިއްޔޭ، އެއީ އޭ އަޅުގަނޑުމެން ގަބޫލުކުރާ ސްޓޭންޑަކީ،" އަދީބާއި ޒިޔަތުގެ ހެކިބަސް މުހިންމުކަމަށް ފާހަގަކުރައްވަމުން ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވީ އެކަމަކު އެއީ އެކަން އޮތް ގޮތް ނޫން ކަމަށާއި އަދީބާއި ޒިޔަތުގެ ހެކިބަސް ނެގޭނެ އިސްތިސްނާތައް ގާނޫނުތަކުގައި އެބަހުރި ކަމަށެވެ. އަދި އެ އިސްތިސްނާތައް ޝަރީއަތަށް ތަކުރާރުކޮށް ކިޔައިދީފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ހައްގުތަކާ އެކު، އަޅުގަނޑުމެންނަށް މި މައްސަލާގައި ނުފެންނަ ފަސް ލައްކަ ރައްޔިތުންގެ ހައްގު އެބަ އެކުލެވޭ: ދައުލަތް

ޔާމީންގެ ދިފާއުން އެދެމުން ދަނީ އަދީބާއި ޒިޔަތުގެ ހެކިބަސް ނަގައިގެން ވެސް ނުވާނެ ކަމަށެވެ. އެކަމަކު ދައުލަތުން ބުނީ ހެކިބަސް ނަގަން ޖެހޭނެ ކަމަށާއި އޭގެ ފަހުން އެ ހެކިބަސް ވަޒަންކުރައްވައި ދެއްވާނެ ބުރަދަނެއް ގާޒީ ކަނޑައަޅުއްވާނީ ކަމަށެވެ. އަދުލުވެރި ހެކިވެރިއެއްގެ ހެކިބަހަށް ދޭނެ ފުރިހަމަ ބުރަދަން ނުދެވުނަސް އެ ދެ މީހުންގެ ހެކިބަހަށް ކޮންމެވެސް ބުރަދަނެއް އޮންނާނެ ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން ބުނީ އެއީ އެ މީހުންގެ ހެކިބަހާ ގުޅުވާލެވޭ އިތުރު ހެކި ދައުލަތުން ހުށަހަޅާފައިވާ ނަމަ އެކަމާ ގުޅުވާލައިގެން ދެވޭނެ ބުރަދަން ކަމަށެވެ.

އެހެންވެ އަދީބާއި ޒިޔަތުގެ ހެކިބަހަކީ މައްސަލައިގެ އިންސާފަށް ވާސިލްވުމަށް އަދި ދިވެހި ރައްޔިތުންގެ ހައްގު ނެގެހެއްޓުމަށް ވެސް ވެސް ނަގަންޖެހޭ ހެކިބަހެއް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އާ ހެކީގެ ގޮތުގައި "ޕެންޑޯރާ ޕޭޕާސް" ހުށަހަޅާފައިވާ ކަމަށް ބުނަނީ ދިފާއަށް ރަނގަޅަށް ފަހުމް ނުވާތީ ކަމަށާއި ދައުލަތުން ހުށަހަޅާފައިވަނީ ޕެންޑޯރާ ޕޭޕާސް އިން ލިިބުނު މައުލޫމާތާ ގުޅިގެން ގާނޫނީ ހަމަތަކުގެމަތިން ހޯދާފައިވާ ސައްހަ ހެކި ކަމަށް ދައުލަތުން މިއަދު ވެސް ޝަރީއަތުގައި ބުނެފި އެވެ.

އަދީބާއި ޒިޔަތަކީ އަޅުގަނޑުގެ އަދާވާތްތެރިން: ޔާމީން

ވަކީލުން ތިއްބެވި ނަަމަވެސް އަމިއްލަފުޅަށް ދިފާއުގައި މިއަދު ގިނަ ވާހަކަތަކެއް ދެއްކެވި ޔާމީން ވިދާޅުވީ އަދާވާތްތެރިއެއްގެ ހެކިބަހަކީ ޝަރީއަތަށް ބަލައިގަނެވޭނެ ހެކިބަހެއް ނޫން ކަމަށް ގާނޫނުގައި ބުނާ ކަމަށްވާ ނަމަ ކޯޓުގެ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށްފައި ހެކި ވަޒަންކުރާ ނަމަ އެ އޮތީ ކޯޓަށް ހެކި ބަލައިގަނެވިފައި ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އަދީބާއި ޒިޔަތަކީ އަދާވާތްތެރިކަން "އެސްޓަބްލިޝް ކުރެވޭ" ދެ މީހުން ކަމަށެވެ.

އަޅުގަނޑުމެން މި އެސްޓަބްލިޝް ކުރަނީ އަދީބަކީ ސިޔާސީ މަގާމެއްގައި އޭރު ހުންނެވި ބޭފުޅަކަށް ވެގެން މަގާމުން ވަކިކުރި ވާހަކައެއް ނޫން މި ދައްކަނީ. ކޮރަޕްޝަންގެ އިތުރަށް އަދީބު ކުރެއްވި މަސައްކަތަކީ ޒާތީ ގޮތުން ދެއްވި ހަމަލާއެއް،" ރިޔާސީ ލޯންޗުކޮޅު 'ފިނިފެންމާ' ގައި އެއްޗެއް ގޮއްވާލި ހާދިސާއަށް އިޝާރާތްކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެ ކުށް އަދީބަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބަލާއިރު މިހާރު އޮތް ހާލަތުގައި މި މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ނުފެންނަ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގަންނަވަނީ.

ޔާމީން ވިދާޅުވީ އަދީބާއި ޒިޔަތުގެ ހެކިބަސް ނުނެގޭ ނަމަ އެމްއެމްޕީއާރްސީގެ މައްސަލަ ނުބެލެވޭނެ ކަމަށް ދައުލަތުން ބުނާ ބުނުމަކީ ދޮގެއް ކަމަށެވެ.

"އެމްއެމްޕީއާރްސީ މައްސަލާގައި އަދީބާއި ޒިޔަތުގެ ހެކިބަސް ނުނެގޭނެއެކޭ ނޫން މި ބުނަނީ. އެހެންނެއް ނޫން އަޅުގަނޑުމެން ބުނަނީ. މި ބުނަނީ މި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އެ މީހުންގެ ހެކިބަސް ނުނެގޭނެއޭ. މި މައްސަލާގައި އެހެން މީހުންގެ މައްޗަށް އެ މީހުންގެ ހެކިބަސް ނުނެގޭ ވާހަކައެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު އެހެން މީހުންނާ އަދީބާއި ޒިޔަތާ ދެމެދު އަދާވާތްތެރިކަމެއް ހިނގާފައި ނެތް ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި ޔާމީނަކީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތުގައި ހިމެނޭ ބޭފުޅެއް ކަމަށް ދައުލަތުން ބުނުމުން ޔާމީން ވަނީ އެއީ ސާބިތުވެފައި އޮތް ކަމެއް ނޫން ކަމަށާއި އެމްއެމްޕީއާރްސީގެ އެއްވެސް މައްސަލައެއްގެ ތަހުގީގެއް އެ މަނިކުފާނާ ދެކޮޅަށް ތަހުގީގުކޮށް ނިންމާފައި ނެތް ކަމަށެވެ. މިއަދުގެ ޝަރީއަތް ހިންގި ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލަ އަކީ ވެސް އެމްއެމްޕީއާރްސީގެ މައްސަލައެއް ނޫން ކަމަށާއި ދެން ދައުވާކުރި މައްސަލަތަކަކީ ވެސް އެމްއެމްޕީއާރްސީގެ މައްސަލަތައް ނޫން ކަމަށެވެ. އެކަމަކު ދައުލަތުން ބުނީ ޔާމީނަކީ އެމްއެމްޕީއާރްސީ މައްސަލާގައި ހިމެނޭ ބޭފުޅެއް ކަމަށެވެ.

އެ މައްސަލާގައި އަދީބަށް ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އޮތީ ފޮނުވައިފަ އެވެ. އެކަމަކު ދައުލަތުން މިއަދު ބުނީ އެ މައްސަލަ ކްރިމިނަލް ކޯޓުން ޕީޖީ އޮފީހަށް ފޮނުވުމުން އަލުން ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލައިގެ ފަހުގެ މައުލޫމާތެއް ނެތް ކަމަށް ބުންޏެވެ.

ހެކި ބަލައިނުގަތުމުގެ ހުށަހެޅުންތައް ބަލައެއްނުގަތް

މިއަދު ތިން ގަޑިއިރު ވަންދެން ކުރި ބަހުސްތަކަށް ފަހު ގާޒީ އަލީ ނަދީމް ނިންމެވީ ބައެއް ހެކިތައް ބަލައިނުގަތުމަށް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތުމަށެވެ. އޭގެ ތެރޭގައި އެ މައްސަލާގައި ދައުލަތުގެ ހެކިންގެ ތެރޭގައި ހިމެނޭ އަދީބާއި ޒިޔަތާއި ދައުލަތުން ހުށަހެޅި ބޭންކް ސްޓޭޓްމަންޓްތަކާއި ރިޔާސީ ކޮމިޝަން ފިޔަވައި އެހެން އިދާރާތަކުން ހޯދި ހެކިތައް ހިމެނެ އެވެ.

ގާޒީ ވިދާޅުވީ އެ ހުށަހެޅުންތަކަކީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ވެސް ހުށަހެޅި ހުށަހެޅުންތަކެއް ކަމަށާއި އެ ހުށަހެޅުންތަކަކީ ޝަރީއަތް މަޑުޖައްސާލަންޖެހޭ ފަދަ ހުށަހެޅުންތަކެއް ނޫން ކަމަށެވެ.

ހުށަހެޅުންތައް ބަލައިނުގަތުމަށް މި މަރުހަލާގައި ނިންމިޔަސް، ހެއްކާ ބެހޭގޮތުން ވާހަކަ ދައްކާ މަރުހަލާގައި އެކަންކަން ފާހަގަކުރަން ފުރުސަތު ލިބޭނެ ކަމަށާއި މައްސަލާގެ ހުކުމް ކުރާއިރު އެކަންކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

28 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަގޭ ބުއްދި

05 June 2023

(އަބްދުﷲ ޒިޔާތުގެ ހެކިބަސް ނުނެގޭނެ ކަމަށް ނިންމައިފި ނަމަ އޭގެ މާނަ އަކީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް އެ ދެ މީހުންނާ ހިސާބުން ނިމުން ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.) ދައުލަތުގެ ވަކީލުންނަކީ އިސްލާމީ ޝަރީޢަތުގައި ހެކި ޤަބޫލިކުރެވޭ މިންގަނޑު ނޭގޭބައެއްނަމަ ދިވެހި ދައުލަތުގެ އެމަޤާމުން ވަކިކުރަންޖެހޭ. ހެކިބަހަކީ އަމާނާތެއް. މިހާރުވެސް ޚިޔާތުގެ އެތައްމައސަލައެއް ސާބިތުވެފައި ތިބި ތިޔަމީހުންގެ ހެކިބަސް އިސްލާމީ ޝަރީޢަތަށް ހަރާމްވާނެ.

The name is already taken The name is available. Register?

ހަމަ ބުއްދި

05 June 2023

އިސްލާމީ ޝަރީޢަތަކީ ތިހީކުރާހެން މައްކާރު މުޖްރިމުންނާ ހިސާބަށް ނުފޯރާ ވާވެފައި އޮންނަ އެއްޗެއް ކަމަށް ބަލާތީވެ އެގޮތަށް ހިސާބުޖަހާގެން މިހުރިހާ ބޮޑެތި ވައްކަމެއް ކުރާމީހުން ކުރަނީ. 5 އަހަރުގެ ވެރިކަމުން ދުވާލަކަށް 17 ލައްކަ ރުފިޔާގެ މުއްސަނދިކަން ޔާމީނަށް ވެސް ލިބިއްޖެ. ރައްޔިތުން އޭނައާ ހަވާލުކުރި އަމާނާތް ބަޔަކު ޕާސަނަލް އެކައުންޓްތަކަށް އަޅާ ނަގާލައިފި. ތިކަހަލަ ބުއްދިން އިސްލާމީ ޝަރީޢަތް މާނަކުރާހާ ދުވަހު ޖަރީމާއިން މުޖްރިމުންނަށް ޣަނީމާ

The name is already taken The name is available. Register?

ދޫޅޭ

05 June 2023

އަދީބާއި ޒިޔަތު އަކީ އެއްކަމެއްގާ ބައިވެރިވާ ދެ ވަގުން...ސަރުކާރުން ޑީލް ހަދައިގެން ދެ ވަގުން ގޭގާ އަރާމުގަ ތިބުމަކީ ވަރަށްބޮޑު ނާއިންސާފެއް....އެ ދެމީހުންގެ ހެކިބަހަކީ ބަލައިގަނެވޭނެ ހެކިބަހެއްނޫންކަން ކުޑަކުދިންނަށްވެސް އެގޭނެ...ޝަމީމު ބިރުވެތިވާންޖެހޭ..

The name is already taken The name is available. Register?

ވާވާ

05 June 2023

"އެ ދެ މީހުންނަކީ އެ ކޮރަޕްޝަނާއި ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުނު ދެ މީހުން،" ދެން ދޮގުހެކި ދޭ މަތިން ދެއްތޯ ގޭގައި މިނިވަންކަންމަތީ އެތިއްބެވީ. ސަފާރާތަކުގައި ޗުއްޓީ ހޭދަ ކުރައްވަނީ. އިސްކޮށް އުޅުނު 02 މީހުންނާ 05 ލައްކަ މީހުންގެ ހައްޤާ ގުޅުންނެތީތޯ.

The name is already taken The name is available. Register?

ށާނީ

05 June 2023

ވެރިކަމާހެދި ޔާމީން ޖަލުގައިބެހެއްޓިއަސް އެމްޑީޕީއަށް ނުވަތަ ސޯލިހަށް ވެރިކަން ލިބޭނެކަން ކާކަށް އެނގެނީ؟ ﷲ ތަޢާލާ އިރާދަ ކުރައްވައިފިނަމަ މިފަހަރު ޕީޕީއެމްއަސް ވެރިކަން ލިބިދާނެ. ދެންވާނެގޮތް ވިސްނާލާ! ގާނޫނު އަސާސީ އުވާލާ މިގައުމުގައި ގާނޫނު ހިންގުން ހުއްޓުވާލާ މިލިޓަރީ ކޯޓު އުފެއްދިދާނެ. ބޭނުން ކޮންމެ މީހަކު ޖަލަށް ކޮއްޕާލަންވީ. އަމިއްލަ ވިޔަފާރިތައް "ރައްޔިތުންގެ ހައްޤުގަ" ނަގަންވީ. ދައުލަތުން މިކުޅޭކުޅިއަކީ ބިރުވެރިކުޅިއެއް.

The name is already taken The name is available. Register?

ހާލީދީ

05 June 2023

މީދަލަކަށް ދުވަހެއް އައިއްޔާ ހިކަންޖަކަށްވެސް ދުވަހެއް އަންނާނެ. ޔާމީނަކީ މިގައުމުގެ ރައްޔިތުންގެ ތެރެއިން މަދުބަޔަކު ބުނާގޮތުން"އަނިޔާވެރިއެއް" ވިސްނާލާ އޭނާ ވެރިކަމަށް އައިސްފިނަމަ ނުވަތަ އޭނާބަސްކިޔާ ވެރިކަމެއް މިގައުމަށް އައިސްފިނަމަ "ބޮޑުހެކި" ބޭނުންކޮށްގެން މިގައުމުގެ ރައްޔިތުންނަށް ކޮށްލާނެވަރު. ދީނުގެ ހަމަތަކާއި ގާނޫނީ ހަމަތަކުގެ ބޭރުން އަނިޔާވެރިވުމަކީ އެމުޖުތަމައެއްގެ އެންމެންގެވެސް ހަލާކު. މިކުޅޭ ސޭމް ކުޅި ދެންއަންނަބަޔަކުވެސް ކުޅޭނެ

The name is already taken The name is available. Register?

56565

05 June 2023

އަހަރެމެން ބިރުގަންނަނީ ކަލޭމެން ތިހަދާގޮތަށް ތިބުނާ ހައްޤުގަ ދެން ވެރިކަމާ ހަވާލުވާ ބަޔަކު ރައްޔިތުންނަށް ދޭނެ އަނިޔާމެދު ވިސްނާލާފަ. ގާނޫނު ނުހިނގާތަނަކަށް މިގައުމު ހަދާފި. އިސްލާމީ ޝަރީއާއާ އަދި ހެތްކާ ބެހޭ ގާނޫނެއް އޮވެ އެއާ ހިލާފަށް ތި ކުރާކަންތަކުގެ ބިރު މިގައުމުގެ ރައްޔިތުންނަށް އޮންނާނީ. މިގައުމުގައި އަނާކީއެއް އުފެދިގެން މިދަނީ. ރައްޔިތުންގެ ނަމުގައި ތިހިންގާ އަނިޔާވެރިކަން ކަލޭމެނާވެސް އަރާހަމަކުރާނެ.

The name is already taken The name is available. Register?

އިންސާފަކީ ހެކިބަސް ނެގުން

05 June 2023

ދިވެހި ރައްޔަތުންގެ ތެރެއިން އެއްމެނައްވަސް ހެކިބަސް ދެވެންވާނެ. އަދީބާއި ޒިއަތުގެ ހެކިބަސްވެސް ނެގެންވާނެ. އެއީ އެ ދެމީހުންގެ ގެ ވެސް ހައްގެއް.

The name is already taken The name is available. Register?

ވަރަބިންދާލި

05 June 2023

ބޮޑެތި ހިޔާނަތް ތެރިންނަށް ތެދުހެކިބަހެއްދެވިދާނެތޯ. ޚަތިމެެއްގަ އަތްލާމާތްﷲ ގަންދީހުވާކޮއް ތެދެއްކަމެއް ދޮގެއްކަމެއްހަދަނީކީ އެގެނީކީނޫން . އަދާވަތްތެރިކަން އޮވެ ވެރިކަންވައްޓާލާ ، ލޯންޗެއްގަ ގޮއްވާލާ މަރައިލައިގެން ވެރިކަން ބޭނުންވެފަ ނައިބެއްގެ ގޮތުގަ ހުރެ ވެރިކަމާހިސާބަށް އާދެވެން އޮތް އިރު ، މިއަދު ތެދުވެރި ހިތަކުން ހެކިބަސް ދީފާނެބާއޭ . ފައިސާތައް ބެހީވެރިކަން ބޭނުން ވެގެން ކަމަށް ވާއިރު .

The name is already taken The name is available. Register?

ބޮޑުމީހާ

05 June 2023

އަދީބުގެ ލޯޔަރަކަށް އުޅުނު މީހަކު ޕީޖީއަކަށް ލައިގައިން އަދީބު ގޭގަ ބަހައްޓާފަ އެސްއޯއެފްއަށް ދައުވާ ނުކުރަން ނިންމާފަ، 286 މީހުން މިނިވަންކަމާއިއެކު ޓައި އަޅައިގެން ސަރުކާރާއި ސިޔާސީ ޕާޓީތަކުގަ މިއުޅެނީ. ޖަލުގަ އޮތީ ޔާމީނު އެކަނި. އިބޫސޯލިހަކީ ކިރިޔާވެސް އިންސާފެއް ހުރި މީހެއް ނަމަ ޕީޖީއަކަށް ޝަމީމު ނުބަހައްޓާނެ އަދި 286 މީހުންގެ ލިސްޓް ޕާކުކޮށްފަ ނުބާއްވާނެ

The name is already taken The name is available. Register?

ޕީޖީ ބޯއީ

04 June 2023

ޔާމީނާ ހިސާބުން ނިމުނީމަ މައްސަލަ ހައްލުވާނެތޯ ބާކީ ތިބި އެފައިސާ ގޮހޮރައްލައިގެން ތިބިމީބުން ކޮބައިތޯ

The name is already taken The name is available. Register?

ފފފފދ

05 June 2023

ރައްޔިތުންގެ ހައްގުގަ ދޫކޮށްލާފަ ތިބީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454