ކުޅިވަރު / އެޑެން ހެޒާޑް

ރެއާލުން ހަޒާޑަށް ހޭދަކުރި 100 މިލިއަން ޑޮލަރު ފެނަށް، އެންމެ ފަހުން ކޮންޓްރެކްޓް އުވާލައިފި

މެޑްރިޑް (ޖޫން 4) - ޗެލްސީ އަށް 100 މިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑު އަދަދެއް ދިނުމަށް ފަހު 2019 ގައި ރެއާލް މެޑްރިޑުން ސޮއި ކުރުވި ފޯވާޑް އެޑެން ހަޒާޑްގެ ކޮންޓްރެކްޓް އެ ކްލަބުން އެންމެ ފަހުން ބާތިލު ކޮށްފި އެވެ.

ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި، ރެއާލުން ބެލްޖިއަމްގެ ފޯވާޑްގެ އެއްބަސްވުން އުވާލީ ދެ ފަރާތް އެއްބަސް ވެގެންނެވެ.

ރެއާލުން ރޭ ނެރުނު ބަޔާނުގައި ބުނީ އެ ކްލަބާ އެކު ހަތަރު އަހަރު ހޭދަ ކުރި ހަޒާޑްގެ ކޮންޓްރެކްޓް އުވާލަން ނިންމާފައިވާ ކަމަށާއި މި މަހު 30 ގެ ފަހުން އެ ކޮންޓްރެކްޓް އެއްކޮށް ނިމޭނެ ކަމަށެވެ.

މިރޭ އެތުލެޓިކް ކްލަބް ބިލްބާއޯއާ ދެކޮޅަށް ރެއާލް ކުޅޭ މި ސީޒަންގެ ފަހު މެޗުގައި ހަޒާޑް ފެންނާނެ ކަމަށް ބެލެވެ އެވެ.

ޗެލްސީއާ އެކު ގިނަ ކާމިޔާބުތަކެއް ހޯދުމަށް ފަހު ހަޒާޑް ރެއާލް އަށް ބަދަލުވި އިރު ހުރީ މުޅިން ފިޓްނަސް ދަށް ވެފަ އެވެ. އޭނާ ކްލަބްގައި ހުރެގެން ގިނަ ކާމިޔާބުތަކެއް ހޯދި ނަމަވެސް އޭނާގެ މާ ބޮޑު ހިއްސާއެއް އެ ކާމިޔާބީތަކުގައި ނެތެވެ.

ހަޒާޑަށް ރެއާލްގައި ކޯޗުކޮށްދިން ދެ ކޯޗުން ކަމަށްވާ ޒައިނުއްދީން ޒިދާން އާއި ކާލޯ އަންޗެލޮއްޓީ އަށް ވެސް ހަޒާޑްގެ ބޭނުން ހިފޭ ގޮތެއް ނުވި އެވެ. ހަޒާޑްގެ ބަދަލުގައި އޭނާ ކުޅޭ މަގާމަށް އެ ދެ ކޯޗުން ވެސް ފުރުސަތު ދިނީ ވިނީޝިއުސް ޖޫނިއާ އާއި ރޮޑްރިގޯ ގޮއެސް އަށެވެ.

އެކަމަކު ރެއާލުން ވަނީ ހަޒާޑް އެ ކްލަބަށް ކޮށްދިން މަސައްކަތުގެ އަގުވަޒަން ކޮށްފަ އެވެ.

"އެޑެން ހަޒާޑް މި ކްލަބުގެ ބައެއްގެ ގޮތުގައި ކުޅެމުން އަންނަތާ ހަތަރު ސީޒަން ވެފައިވާއިރު، އެ މުއްދަތުގައި އޭނާ ވަނީ އަށް ތަށި ހޯދައިފަ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެއް ތައްޓާއި ކްލަބް ވޯލްޑް ކަޕުގެ އެއް ތައްޓާއި ޔޫއެފާ ސުޕަ ކަޕްގެ އެއް ތައްޓާއި އަދި ދެ ފަހަރު ލަލީގާގެ ތަށި ކާމިޔާބު ކޮށްފަ އަދި ކޮޕާ ޑެލް ރޭގެ އެއް ތައްޓާއި ސްޕެނިޝް ސުޕަ ކަޕްގެ ދެ ތަށި ވެސް ހިމެނޭ،" ރެއާލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

"ރެއާލް މެޑްރިޑުން އެޑެން ހަޒާޑަށް އިހުތިރާމް އަދާކުރަން، އޭނާގެ ކެރިއަރުގެ ދެން އޮތް މަރުހަލާގައި އޭނާ އާއި އޭނާގެ އާއިލާއަށް ހެޔޮ އެދުންތައް ފޮނުވަން."

100 މިލިއަން ޑޮލަރުގެ އަގުބޮޑު ބޮޑް ޕްރޮޖެކްޓް ފެނަަށް

ޗެލްސީގެ ކާމިޔާބުގައި ނުފޫޒުގަދަކޮށް ފެނުނު ހަޒާޑަކީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. އޭނާ އަކީ ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕްގައި ބެލްޖިއަމްގެ ޓީމު ތިން ވަނަ ހޯދައި ދިނުމުގައި ޓީމު ލިޑް ކުރި ކުޅުންތެރިޔާ އެވެ. ޔޫރޮޕާ ލީގާއި ޕްރިމިއާ ލީގު ޗެލްސީ އަށް ހޯދައި ދިނުމުގައި އޭނާގެ ދައުރު ބޮޑެވެ.

ބެލޮންޑިއޯ އެވޯޑްގައި ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހަތުން ތިންވަނައިގައި ވެސް އޭނާގެ ނަން ހިމެނުނެވެ. އޭނާގެ އަގު ޔޫރަޕްގެ ފުޓްބޯޅައިގައި ބޮޑެވެ. އެކަމަކު ރެއާލް އަށް 2019 ގައި އޭނާ ބަދަލުވި އިރު ހުރީ މުޅިން ބަދަލުވެފަ އެވެ.

އޮފް ސީޒަން ޗުއްޓީ ނިންމާފައި އެނބުރި ޕްރެކްޓިހަށް ނުކުތް އިރު އޭނާ ހުރީ ފަލަ ވެފަ އެވެ. އޭގެ ފަހުން ލިބުނު އަނިޔާއެއްގެ އޭނާގެ ފޯމު ގެއްލުނެވެ. އެ އަނިޔާއިން އެއްކޮށް ރިކަވާ ވުމަށް އޮޕަރޭޝަން ކޮށްގެން ވެސް އެލީޓް ފެންވަރަށް އޭނާ އަށް ނުދެވުނެވެ.

ޔޫރަޕްގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކްލަބް، އޭނާ ދޫކޮށްލަނީ އެވަރުގެ ކުޅުންތެރިޔަކާ ބަލާއިރު ދަށް ރެކޯޑަކާ އެކު އެވެ. ހަތަރު ސީޒަންގައި ރެއާލްގައި އޭނާ ކުޅެވުނީ 54 މެޗުގަ އެވެ. އޭނާ އަށް ޖެހުނީ އެންމެ ހަތަރު ލަނޑެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454