ކުޅިވަރު / ދުނިޔޭގެ ކުޅިވަރު

ރެއާލް ދޫކޮށް ބެންޒެމާ ބަދަލުވަނީ ސައުދީ ލީގަށް

ރެއާލަށް ކުޅުނު ފަހު މެޗުގައި ރޭ ބެންޒެމާ ގޯލު ޖެހުމަށް ފަހު. ރެއާލް ދޫކޮށް ބެންޒެމާ ބަދަލުވާނީ ސައުދީ ލީގަށް

ރެއާލް މެޑްރިޑްގައި 14 އަހަރު ހޭދަކޮށް އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކަރީމް ބެންޒެމާ ރެއާލަށް ރޭ ފަހު މެޗު ކުޅެދިނުމަށް ފަހު ސައުދީ އަރަބިއާގެ ޕްރޯ ލީގުގެ އަލް އިއްތިހާދަށް ބަދަލުވާން ތައްޔާރު ވެއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ބެންޒެމާ، 35، އަށް ސައުދީގެ ކްލަބުން ހުށަހެޅީ ރެކޯޑް އަގެކެވެ. ސައުދީން ރިޕޯޓްކުރާ ގޮތުގައި އަލް އިއްތިހާދަށް ބެންޒެމާ ބަދަލުވާނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އިންތިހާދަކީ ސައުދީ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އެވެ.

ރޭއާލް ދޫކޮށްލާނެކަން އިއްޔެ އިއުލާންކޮށް ރޭ ބެންޒެމާ ވަނީ އެ ޓީމަށް ފަހު މެޗު ކުޅެފަ އެވެ. ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ރެއާލް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެތުލެޓިކޯ އިން ފުރަތަމަ ހާފުގައި ލީޑު ނަގައިފައިވަނިކޮށް ރެއާލަށް ލިބުނު ޕެނަލްޓީއަކުން ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ބެންޒެމާ އެވެ.

ފްރާންސްގެ ލިޔޯން އިން ބެންޒެމާ ރެއާލަށް ބަދަލުވީ 2009 ވަނަ އަހަރު އެވެ. އެ ޓީމާ އެކު ހޭދަކުރި މުއްދަތުގައި ބެންޒެމާ 25 ތަށި ހޯދި އެވެ. ރެއާލަށް 647 މެޗު ކުޅެދީ 354 ގޯލު ޖެހި އެވެ. ރެއާލްގެ ލަނޑު ލިސްޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހަތުން ބެންޒެމާ އުޅެނީ ދެ ވަނައިގަ އެވެ.

ބެންޒެމާ ވަނީ ރެއާލްއާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށް ސްޕެނިޝް ލީގު ހަތަރު ފަހަރު ކާމިޔާބު ކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ރެއާލްގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ބެންޒެމާ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހޯދައިފަ އެވެ.

ރޭގެ މެޗުގައި ބެންޒެމާ ގޯލު ޖެހިތާ ދެ މިނިޓް ފަހުން ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ބެންޒެމާ ބަދަލުކޮށްފަ އެވެ. ބެންޒެމާ އަށް ރެއާލްގެ ސަޕޯޓަރުން ހޫނު މަރުހަބާއެއް ކީއިރު މެޗަށް ފަހު ރެއާލްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ބެންޒެމާ އަށް އަލްވަދާއު ކިޔައިފަ އެވެ.

ބެންޒެމާގެ ބަދަލުގައި ރެއާލުން ފާރަލާނެ ކަމަށް ބެލެވެނީ ޓޮޓެންހަމް ހޮޓްސްޕާގެ ހެރީ ކޭން އާއި ޕީއެސްޖީގެ ކިލިއަން އެމްބާޕޭ އަށެވެ. އެކަމަކު އެއިން އެއްވެސް ކުޅުންތެރިއަކު ގެންދިއުމުގެ މަޝްވަރާއެއް ރެއާލުން އަދި ފަށައިފައެއް ނުވެ އެވެ.

ބެންޒެމާގެ އިތުރުން ރެއާލް ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައި މާކޯ އަސެންސިއޯ އާއި އެޑެން ހަޒާޑް ހިމެނެ އެވެ. އަސެންސިއޯ ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ އަށް ބަދަލުވާއިރު ހަޒާޑް ގުޅޭނެ ކްލަބެއް އަދި ނޭނގެ އެވެ.

ސްޕެނިޝް ލީގުގެ ކުޅުން ރޭ ނިމުނުއިރު 78 ޕޮއިންޓާ އެކު ރެއާލް ނިންމާލީ ދެ ވަނައިގަ އެވެ. 77 ޕޮއިންޓް ލިބުނު އެތުލެޓިކޯ މެޑްރިޑް ދިޔައީ ތިން ވަނަ އަށެވެ. ޗެމްޕިއަން ބާސެލޯނާ އިން 88 ޕޮއިންޓް ހަމަކުރި އިރު ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ހޯދީ ރެއާލް ސޮސިއެޑާޑް އެވެ.

ސްޕެނިޝް ލީގުން ރެލިގޭޓްވީ ރެއާލް ވަޔޮޑޮލިޑް އާއީ އެސްޕަންޔޯލްގެ އިތުރުން އެލްޗޭ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454