10 ޖޫން 2023 - 17:47
މާލޭ އެދުރު ހިޔާ ފްލެޓްތަކުގެ ފަހަތުގައި އޮންނަ މާލޭ ސިޓީ ކައުންސިލުގެ ބިމަކަށް ކުނި ޖަމާކުރި މައްސަލާގައި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ކައުންސިލުން 45،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
އެކަމާ ގުޅޭ ގޮތުން އީޕީއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނީ މާލޭ އެދުރު ހިޔާ އިރުމަތީ ފަރާތުން އޮންނަ ސިޓީ ކައުންސިލުގެ ބިމަށް ކައުންސިލުން ގިނަ އަދަދަކަށް ކުނި އަޅަމުންދާ ކަމުގެ ޝަކުވާ އެ އެޖެންސީ އަށް ލިބިގެން މައްސަލަ ބަލާފައިވާ ކަމަށެވެ.
އީޕީއޭ އިން ބުނި ގޮތުގައި، ކައުންސިލާ ދެމެދު ބަދަލުކުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މާލޭގެ މަގުތަކަށް ގަވާއިދާ ހިލާފަށް ކުނި އަޅާފައި ހުންނަ ކަމުގެ ޝަކުވާ ކައުންސިލަށް ލިބުމުން، ކައުންސިލުގެ މުވައްޒަފުން ގޮސް، ކުނި ނަގައި ސާފުކުރެ އެވެ. އެގޮތަށް ނަގާ ކުނިތައް، ވެމްކޯގެ ސައިޓް ބަންދު ގަޑިތަކުގައި ގެންގޮސް އަޅަނީ އެދުރު ހިޔާ އިރުމަތީ ފަރާތުން އޮންނަ ބިމަށެވެ. އަދި ހެނދުނު ކުނިތައް އުކާލާ ކަމަށް ކައުންސިލުން ބުނި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އާންމުންގެ ގިނަ ބަޔަކު އެކި ފަހަރު މަތިން އެ މައްސަލަ އީޕީއޭ އަށް ރިޕޯޓްކުރުމުން، އެކި ތާރީހުތަކުގައި އެ އެޖެންސީގެ މުވައްޒަފުން އެ ސަރަހައްދަށް ގޮސް އެކަން ކަށަވަރުކޮށްފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.
އެހެންވެ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކުނި މެނޭޖުކުރުމުގެ ގަވާއިދަށް ރިއާޔަތްކޮށް 45،000ރ. އިން ކައުންސިލް ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައިވެ އެވެ. އަދި އެ ފައިސާ ސަރުކާރުގެ ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އީޕީއޭ އިން ވަނީ ކައުންސިލަށް އަންގައިފަ އެވެ.
މާލޭ ސިޓީ ކައުންސިލުން މަނާ ތަނަކަށް ކުނި ޖަމާކުރާތީ އީޕީއޭއިން އިންޒާރު ދީފި https://t.co/hRKaLBBXmB
— Mihaaru (@Mihaarunews) April 13, 2023
އީޕީއޭ އިން ވަނީ އެ ބިމަށް ކުނި އެޅުމާއި ޖަމާކުރުން ވަގުތުން ހުއްޓާލައި، ކައުންސިލުން ކުނި މެނޭޖުކުރުމުގެ އެއްވެސް ހިދުމަތެއް ފޯރުކޮށްދޭ ނަމަ، ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދުގެ ދަށުން ހޯދަން ޖެހޭ ހުއްދަތައް ނެގުމަށާއި އެކަން ކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ކުރުމަށް ވެސް އަންގައިފަ އެވެ.
އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި، އާންމުންނަށް އުނދަގޫވާ ގޮތަށް ކުނި ޖަމާކުރުމަކީ ކުނި އުކާލުމާ ބެހޭ ގަވާއިދުގެ ދަށުން މަނާކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު އައިރަމް
11 June 2023
އެފްކޮމް ޖޫރިމަނާ ކޮށްފިތަ؟ އަޖައިބެއް.
މަމްދޫހާ
11 June 2023
ފުރަތަމަ ރިޒޯޓްތަކުން މޫދަށް އަޅާ ކުނީގެ މައްސަލަ ބަލާބަ. ނޫނީ ނަގާ ވެލީގެ މައްސަލަ ބަލާބަ. ނޫނީ ފަރުތަކަށް ދޭ ގެއްލުން ބަލާބަ. ހަމަ ތާކުން ތާކު ނުޖެހޭ ކަމެއްގެ ސިޓީ ކައުންސިލުން ޖޫރިމަނާ.
ޔަމީން މުހައްމަދު
11 June 2023
މަށަށް މީގެން ފެންނަން ސަރުކާރުން މުއިއްޒް އާ ޖައްސާލާފަ ވާކަން. އެހެންޔާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަރުތަކަށް ގޮޑު ދޮއްތަކަށް މޫދަށް ކުނި އަޅައިގެން މިވަރެއް ނުވޭ
ޒޫނާ
11 June 2023
އަހަންނަކީ ވިލިމާލެ ރައްޔިތެއް؟ ކީއްވެ ވިލިމާލެ ފަރު ހަލާކު ކުރި މީހުން ޖޫރިމަނާ ނުކުރީ؟
ޝާހިދު.
11 June 2023
ހަމަ ހައިރާން ވެއްޖެ އީޕީއޭ ދެކެ. ކީއްވެބާ ދިވެހި މުއައްސަސާއެއް ތި ޖޫރިމަނާ ކުރީ. ގައިމު ބްރިޖް ކުންފުނި ނުކުރޭ. މުއިޒް ވީމަ؟
ޒިލްނާ
11 June 2023
އަޅުގަނޑު ވެސް އުޅެނީ އެދުރު ހިޔާގަ. އެކަމަކު ތިބުނާ މިބުގަ ކުނި ހުރެގެން ވަހެއް ނުދުވާ. ތިބުނާ ވަރަކަށް. ސިޓީ ކައުންސިލުން އެތަނުން ބަރާބަރަށް ކުނި ނަގާ.
މުއާނިޝް
11 June 2023
ދެން ސަރުކާރުން ދައްކަން ވީނު ކުނި ބަހައްޓާނެ ބިމެއް؟ ހުރިހާ ގޮތަކުން ސާރުކާރުން ޖެއްސުން ކުރާ ތަން ފެންނަނީ
ޔަސްފާދު އަހުމަދު
11 June 2023
ވަރަށް ދެރަކަމެއް އީޕީއޭ ހުންނަނީ ސިޓީ ކައުންސިލާ ޖައްސާލައިގެން
ޝިއުރާ.
11 June 2023
ވިލިމާލެ ފަރަށް ލިބުނު ގެއްލުން އަދިވެސް ނުހޯދާ. އެކަމަކު މިކަހަލަ ތާކުން ތާކު ނުޖެހޭ ކަންކަން ތިކުރަނީ؟
މާއިން.
11 June 2023
ވެމްކޯ ގޭޓުން ލޮރީ ވައްދާ ކޮންމެ ފަހަރަކު 10000 ރުފިޔާ ނަގާ. އެހެންވީމަ އެއްތަނަކަށް ޖަމާ ކޮށްފަ ގެންދިޔުން ރަނގަޅު ގޮތަކީ. އެކަން ކުރީމަ ޖޫރިމަނާ ތިކުރީ؟