ޚަބަރު / ރައްޔިތުންގެ މަޖިލިސް

ކޮމިޓީތައް އެކުލަވާލިޔަ ނުދީ ހަޅޭއްލަވައި ޖަލްސާ ހުއްޓުވައިފި

މަޖިލީހުގެ މިއަދު ޖަލްސާ ކުރިއަށް ގެންދަން ހުރަސްއަޅައި، އިދިކޮޅު މެމްބަރުން ރިޔާސަތު ކުރިމަތީގައި އިހުތިޖާޖު ކުރައްވަނީ. -

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެޖެންޑާއިން ނުނަގައި މަޖިލިސް ކުރިއަށް ގެންދަން ހުރަސްއަޅައި އަޑުގަދަކޮށް މިއަދުގެ ޖަލްސާ ވެސް އެންމެ ފަހުން ހުއްޓުވައިފި އެވެ.

މަޖިލީހުގައި މިއަދު ޖަލްސާ ދެ ފަހަރެއްގެ މަތިން މެދުކަނޑާލަންޖެހުނީ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުން އެޖެންޑާގައި ނުހިމެނޭ ކަމަށް ވިދާޅުވެ އިދިކޮޅު މެމްބަރުން އަޑުގަދަކުރައްވާތީ އެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިސްވެ ނިޒާމީ މައްސަލަ ނަންގަވައި އެޖެންޑާއާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދެވި އެވެ. އޭނާ ޖެއްސެވި މައްސަލައަކީ އެޖެންޑާގައި އޮތް އައިޓަމް ސާފުނުވުމެވެ. އޭނާގެ ފަހަތުން ޑިމޮކްރެޓްސްގެ އެހެން މެމްބަރުން ވެސް ފުލުފުލުގައި ނިޒާމީ ނުކުތާ ނަންގަވައިގެން، ހަމަ އެ މައްސަލަ ރިޔާސަތުގެ ސަމާލުކަމަށް ގެންނެވި އެވެ. އަދި އެ އައިޓަމް އެޖެންޑާއިން އުނިކޮށްގެން ނޫނީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، ކޮޅަށް ތެދުވެވަޑައިގެން އަޑުގަދަކުރައްވަމުން ގެންދެވި އެވެ.

ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ދެއްވަން ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ތަކުރާރުކޮށް އެދިވަޑައިގެންނެވި ނަމަވެސް، އެއްވެސް މެމްބަރެއްގެ ނަން އިއްވާފައެއް ނުވެ އެވެ.

އިދިކޮޅު މެމްބަރުންނަށް ރައްދު ދެއްވައި އެމްޑީޕީ މެމްބަރުން ވެސް ނިޒާމީ ނުކުތާތައް ނަންގަވައި، މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ހައްދަވައި ދެއްވުމަށް ރިޔާސަތުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެކަމަކު އެއިރުވެސް، ތަޅުމުގައި އިދިކޮޅު މެމްބަރުން ގެންދެވީ އަޑުގަދަ ކުރައްވައި ޖަލްސާއަށް ހުރަސްއަޅުއްވަމުންނެވެ.

އެއާ އެކު ޖަލްސާ ދެވަނަ ފަހަރަށް މެދުކަނޑާލެއްވުމަށްފަހު، ޖަލްސާ އަލުން ފެށިއިރު، އިދިކޮޅު މެމްބަރުން ތިއްބެވީ ރިޔާސަތުގެ ކުރިމަތީގައި ކޮޅަށް ތެދުވެވަޑައިގެންނެވެ. އެ މެމްބަރުން އަޑުގަދަކުރައްވައި ޖަލްސާ ކުރިއަށް ގެންދަން ހުރަސްއަޅުއްވާތީ، މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ، އަފީފް ވަނީ އެންމެ ފަހުން ޖަލްސާ ނިންމަވާލައްވައިފަ އެވެ.

އަވުގުރާނަ ގޮވައި މާރާމާރީ ހިންގި ކަމުގެ ތުހުމަތު

މިއަދުގެ ޖަލްސާ ފުރަތަމަ މެދުކަނޑާލުމުގެ ކުރިން އެމްޑީޕީ މެންބަރުން ވާހަކަ ދައްކަވަމުން ދިޔަ ގަޑީ ބައެއް އިދިކޮޅު މެންބަރުންނާ ހިނގި ޒުވާބުތަކުގެ ތެރެއިން "ގަޔަށް ބޮލަށް" ނާރަން ގޮވައި ހަޅޭއްލަވާ އަޑު މަޖިލީހުގެ ތެރޭގަ އިވުނެވެ.

މެންބަރުންތައް ވަރަށް ރުޅިގަދަވެ، އެއް ބޭފުޅެއް އަނެއް ބޭފުޅަކާ ދިމާލަށް ދާ މަންޒަރު ވެސް މަޖިލީހުގެ ތަޅުމުން ފެނުނެވެ.

އަދި ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކަށް ހުރަސްއަޅުއްވަން މައިކު އަތުލަން ކުރި މަސައްކަތުގެ ތެރެއިން މާރާމާރީ ހިންގި ކަމަށް ވެސް ތުހުމަތު ކުރި އެވެ.

މައްސަލައަކީ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީ

މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓުވަން، ކޮމިޓީތައް އެކުލަވާލުމުގައި އާޒިމް އިސްވެ ފާހަގަކުރެއްވި މައްސަލައަކީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ގެންނަން ހުށަހަޅާފައިވާ ބަދަލެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކޮމިޓީގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ 64 ޕަސަންޓު އޮވެގެން، ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ އެވެ.

މަޖިލީހުގެ ގަވާއިދަށް ބަލާއިރު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވަކި ހާއްސަ ނިސްބަތެއް އޮންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައެއް ނުވެ އެވެ. އަދި މި ހިނގާ 19 މަޖިލީހުގައި ވެސް، ޖުމްލަ 11 މެމްބަރުން ތިއްބަވާ ކޮމިޓީގައި މިހާތަނަށް އެމްޑީޕީގެ ހަތް މެމްބަރަކު ތިއްބަވަ އެވެ. އެއީ މުޅި ކޮމިޓީގެ ގާތްގަނޑަކަށް 64 ޕަސަންޓެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅުމުގައި މަޖިލީހުގައި އެކިއެކި ޕާޓީތައް ނިސްބަތް ވެފައިވާ ގޮތް އެއީ ހަމައެއް ކަމުގައި ބަލައި، ކޮމިޓީ އެކުލަވާލާނީ އެ ހަމަ ތަމްސީލުވާ ގޮތަށް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ.

އެމްޑީޕީން ގަބޫލުކުރާ ގޮތުގައި އެ މާއްދާގެ ދަށުން ކޮންމެ ކޮމިޓީއަކުން 64 ޕަސަންޓު ލިބެންޖެހެ އެވެ. އެކަމަކު އިދިކޮޅު މެމްބަރުން ވިދާޅުވަނީ އެމްޑީޕީއަށް ލިބެންޖެހޭނީ ދާއިމީ ކޮމިތީތަކުގެ ހުރިހާ ސްލޮޓަކުން އެ ނިސްބަތް ކަމަށެވެ.

މިއަދުގެ ޖަލްސާ އަށް ކޮމިޓީތަކުގެ މައްސަލަ އެޖެންޑާ ކުރީ، މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ނުދާތީ ޖަލްސާތައް ކުރިޔަށް ގެންދެވޭނެ ގޮތްތަކާއި ގާނޫނީ މައްސަލަތައް ހައްލު ކުރެވޭނެ ހުށަހެޅުންތައް އަމީންއާންމު ފާތިމަތު ނިއުޝާ ނަޝީދަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.

3 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެކްސިް

14 June 2023

މިހާރު މަރު ތަޅު އަޅުވަނީ ކޮންބައެއްކަން ސާފު

The name is already taken The name is available. Register?

ކަލިމަ

14 June 2023

ތިއީ އިއްޔެ ކުޑަދަށުގައި އިދެގެން ނަޝީދު ނިންމިގޮތް. އަޑުގަދަކުރާ މެމްބަރުން މަޖިލީހުން ނެރުމުގެ އިހުތިޔާރު ރިޔާސަތައް ލިބޭއިރު އެކަން ނުކުރީ ނަޝީދު އަންގާފައިވާގޮތައް އެކަން ކުރުމަށެވެ. މި އޮތް ހުރިހާ ދުވަހު ތިޔަ ބުނާ ކޮމެޓީއަކުން އެމްޑީޕީއަށް 64% ދިނުމަކީ މައްސަލައަކަށް އާޒިމަށް ނުވިއެވެ. އެ ކަން އެންމެ ގަދައަށް ދިފާއުވެސް ކުރިއެވެ. ދެން މިއަދު ނުކުމެ ކޮން ސަކަރާތެއް ޖަހަންތޯއެވެ. ނަޝީދުގެ ވަސްވާހަށް އޭނާ ގޮޑިން ނުފައިބަންވެގެން ޖައްސާ ސްޓަންޓް

The name is already taken The name is available. Register?

ކެނެރީގެ މުގާބޭ

14 June 2023

ޑެމޮކްރެސީގެ ނަމުގައި މުގާބޭ އިސްވެ ހުރެ ހިންގާ ޖަރީމާ. ރައްޔިތުންގެ ވޯޓަކުން 64% ގޮނޑި އެމްޑީޕީއަށް ދިނުމުން އަލީ އާޒިމް ނޫނީ މުގާބޭ ތި ކޮންބައެއް އެޔައް ގޮންޖަހަން؟ ރައްޔިތުން ވަނީ ތި މަޖްލިސްގެ 64% އެމްޑީޕީއަށް ދީފަ، އޭގެ މާނައަކީ ކޮންމެ ކޮމިޓީއެއްގެ ވެސް 64% އެމްޑީޕީއަށް ލިބޭނޭ. ޑިމޮކްރެޓްސް އޭ ކިޔަން ލަދެއް ނުގަނޭތަ، ކެނެރީގޭ މުގާބޭއަކީ ޑިމޮކްރެސީގެ ޒައްރެއްގެ މިންވަރުވެސް ހުންނަ މީހެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454