ޓްރާންސްޕޭރެންސީން ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޖަމިއްޔާގެ ބައެއް އިސްވެރިން: އީސީއަށް އިތުބާރު ކުޑަވިޔަސް، އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލެވެނޭ ގޮތެއް ނެތް ކަމަށް އެ ޖަމިއްޔާއިން ބުނޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
18 ޖޫން 2023 - 19:14
އިލެކްޝަންސް ކޮމިޝަނަށް އޮތް އިތުބާރު މިދިޔަ ފަސް އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ކުޑަވިޔަސް، އަންނަ ރިޔާސީ އިންތިހާބުގެ ވޯޓު ނިޒާމީ ސިފައެއްގައި އޮޅުވާލުމުގެ ފުރުސަތު އެ ކޮމިޝަނަށް ނެތް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް މިއަދު ބުނެފި އެވެ.
އަންނަ ސެޕްޓެމްބަރު މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން ޓްރާންސްޕޭރެންސީން ވަނީ ސިޔާސީ އަދި އިންތިހާބީ މާހައުލު ދެނެގަތުމަށް ޕްރީ-އިލެކްޝަން އެސެސްމަންޓުގެ ނަމުގައި ދިރާސާއެއްކޮށްފަ އެވެ. މިއަދު މެންދުރު ފަހު ސޮލައިޓް ރެސްޓޯރެންޓުގައި ބޭއްވި ޕްރެސް ބްރީފިންގައި އެ ދިރާސާއާ ގުޅޭ މައުލޫމާތު ވަނީ އާންމުކޮށްފަ އެވެ.
އެ ޕްރެސް ބްރީފިންގައި ޓްރާންސްޕޭރެންސީގެ ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ މެނޭޖަރު ސާރާ ނަސީމް ވިދާޅުވީ މި ދިރާސާކޮށްފައި ވަނީ މި ދާއިރާގެ ތަޖުރިބާކާރު 30 މީހަކު އިންޓަވިއުކޮށްގެންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި ދެ އެޑްވޮކަސީ ފޯރަމްތަކުން އެއްކުރެވުނު މައުލޫމާތުތަކުގެ މައްޗަށް ކަމަށެވެ.
ޓްރާންސްޕޭރެންސީން ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޖަމިއްޔާގެ ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ މެނޭޖަރު ސާރާ ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭނާ ވިދާޅުވި ގޮތުގައި، އީސީގެ މައްޗަށް ސިޔާސީ ނުފޫޒު އޮތް ކަމަށް މި ދިރާސާއަށް މައުލޫމާތު ދިން ސިޔާސީ ޕާޓީތަކުން ބުނެފައިވެ އެވެ. ޕާޓީތަކުގެ ދަފުތަރު އުވާލުމުގެ ބައެއް ކަންކަމުގައި ވެސް އެ ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށާއި އީސީގެ ގާނޫނުގައި މެމްބަރުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ސާފުނުވުމަކީ ވެސް އޮތް ގޮންޖެހުމެއް ކަމަށް ބުނެފައިވެ އެވެ.
"ކޮމިޝަންގެ މެމްބަރުން މަޖިލީހުގެ އަޣުލަބިއްޔަތުން ވަކިކުރެވޭ ގޮތަށް އޮތުމާއި އަދި މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަތުގައި ކަމުން، މިއީ އޭގެ ސަބަބުން ސިޔާސީ ނުފޫޒު ކޮމިޝަނަށް ފޯރުވުމުގެ ފުރުސަތު އޮތް ކަމެއް ކަމުގައި ދެކެވޭ،" ސާރާ ވިދާޅުވި އެވެ.
ޓްރާންސްޕޭރަންސީން ކުރި ދިރާސާތަކުންނާއި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް ޕޯލްތަކުން ދައްކާ ގޮތުގައި އީސީއާ މެދު އާންމުންގެ އިތުބާރު ދަށްވަމުން ދާކަން ރިޕޯޓުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"2013 ވަނަ އަހަރުގައި 74 ޕަސެންޓް މީހުން [އީސީއަށް] އިތުބާރު އޮތް ކަމަށް ބުނާއިރު، 2022 ގައި މި އަދަދު ވަނީ 43 ޕަސެންޓަށް ވެއްޓިފައި،" އެ ދިރާސާއާ ހަވާލާދީ ސާރާ ވިދާޅުވި އެވެ.
ރަށެއްގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި ބަޔަކު ބައިވެރިވަނީ: އީސީއަށް އިތުބާރު ކުޑަވިޔަސް، އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލެވެނޭ ގޮތެއް ނެތް ކަމަށް ޓްރާންސްޕޭރެންސީން ބުނޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސާރާ ވިދާޅުވީ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވަމުން އަންނައިރު، އީސީގެ މައްޗަށް ސިޔާސީ ނުފޫޒު އޮތް ކަމަށް ޕާޓީތަކުން ފާޅުކަން ބޮޑު ގޮތެއްގައި ބުނަމުން ދާތީ، ވޯޓުލާ މީހުންގެ މެދުގައި އެ ކޮމިޝަނަށް އޮތް އިތުބާރު އަދިވެސް ކުޑަވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އީސީން ކުރީގެ އިންތިހާބުތަކެކޭ އެއްގޮތަށް ޖުމްލަ ގޮތެއްގައި މިނިވަން ސައްހަ އިންތިހާބެއް ބޭއްވި ކަމުގައި ވިޔަސް، އިންތިހާބާ ދިމާކޮށް ޕާޓީތަކުން އެ ކޮމިޝަންގެ މިނިވަންކަމާ މެދު ސުވާލު އުފެއްދުމަކީ އިންތިހާބުގެ ނަތީޖާއާ މެދު އާންމުންގެ ހިތުގައި ސުވާލު އުފެއްދުމުގެ ޖާގަ ހުޅުވިގެންދާ ސަބަބެކެވެ.
ޓްރާންސްޕޭރެންސީން ބުނީ އީސީއަށް އޮތް އިތުބާރާ މެދު ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް، އިދާރީ ގޮތުން އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތައް ރަނގަޅު ކަމަށެވެ.
ޓްރާންސްޕޭރެންސީން އަންނަނީ 2008 ވަނަ އަހަރުން ފެށިގެން ކޮންމެ ރިޔާސީ އިންތިހާބެއް ވެސް އޮބްޒާވްކުރަމުންނެވެ. އަދި އިންތިހާބާ ގުޅޭ އެކި ދިރާސާތައް ވެސް އެ ޖަމިއްޔާއިން ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހުރިހާކަމެއް މިގައުމުގަ ހިގާއިރު
20 June 2023
ތިޔަހެން ބުނެވިދާނެ.
ބޭކާރުވާހަކަ
19 June 2023
ނޫން. ވޯޓު ނަތީޖާ ކައިރި ވި ވަރަކަށް ނުފޫޒު ފޯރުވޭނެ. ތިޔަ ޕޭރަންސީއަކަށް އިތުބާރެއްގެ ނެތް ތިތާ ތިބި މީހުންގެ މާލީ ބަޔާންތައް ހުށަނާޅާހާ ހިނދަކު.
އަޅޭ ކީކޭ
19 June 2023
"ޓްރާންސްޕޭރެންސީން ބުނީ އީސީއަށް އޮތް އިތުބާރާ މެދު ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް، އިދާރީ ގޮތުން އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތައް ރަނގަޅު ކަމަށެވެ." ދެން ކީކޭތަ ބޮޑެތި ދިރާސާތައް ހަދައިގެން، ބްރީފިންތައް ބާއްވައިގެން މި ކިޔަނީ؟ އެމެރިކާއިންދޭ ފައިސާކޮޅުގެ އަވާގަ ދެން ކޮންމެވެސް ކަމެއް ކުރަނީ ދޯ މި؟ މަށަށް ކީއްތަ މަށޭ ކިޔައިގެން ކޮންމެ އެއްޗެކޭ ކިޔަސް އޭގަ ހަގީގަތެއް ނެތިއްޔާ! އާހިރަތް އެބައޮތް މަށަށް ބަދަލު ލިބެން.
ދުމްމ
19 June 2023
އީސީން ވޯޓް އޮޅުވާލުމަށް ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެ. ވޯޓްލުމާއި ވޯޓް ގުނުމާއި ނަތީޖާ އިއުލާންކުރުމާއި ހަމަޔަށް ހިނގާ ހުރިހާ ކަމަކީވެސް ކެނޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގަ ހިނގަމުންދާ ކަންކަން. ވޯޓްލާ މަރުކަޒެއްގެ ތެރޭގައި ދިމާވާ ޓެކްނިކަލް ކަންކަމަކީ ވޯޓް އޮޅުވާލުމަށް ނުވަތަ ނަތީޖާ ބަދަލުކުރުމަށް އީސީން ކުރާކަމެއްނޫން.. ދެން ވޯޓުން ބަލިވާ ބަޔަކު އަބަދުވެސް ބަލި ގަބޫލުނުކޮށް ތަފާތު އުޒުރުތައް ދައްކާނެ ދެއްތޮ..
ކަލޭނޭހޭއަރާ
19 June 2023
ތިޔަމީހުން އެހެންއެވާހަކަ ދައްކަނީ ސީދާ ވޯޓްއޮޅުވާލުމުގައި އެޖަމިއްޔާގެ އެއްބާރުން އީސީއަށް ދޭން ތިއީ ރައިސްއަށް ބާރުގޭޖަމިއްޔާއެއް
ކަމަޅީ
19 June 2023
ވޯޓުލަނީ ވޯޓު ގުނަނީ އެންމެންގެ ކުރިމަތީގައި. އެ މަސައްކަތް ފެށުނީއްސުރެ ނިމެންދެން ހުރިހާ އެންމެން އެތިބެނީ ބަލަން. ވޭތިވެދިޔަ 15 ވަރަކަށް އަހަރު ވޯޓް އޮޅުވާލި ކަމުގެ ޝަކުވާއެއް ވޯޓް ލާދުވަހު ވޯޓްފޮށި ކައިރީގައި ތިބި މީހުން ކުރިކަމެއް އެނގިފައެއް ނެތް. އެކަމަކުވެސް ބަލިވާ މީހުން ކޮންމެ ފަހަރަކުވެސް ވޯޓް އޮޅުވާލިޔޭ މިކިޔަނީ. އޮޅުވާލި ގޮތެއް ނުބުނެދެވޭ. އެއީ ނެތީމަ. ދެން ގޮވަން ޖެހެނީ ފާހަގަ ވެއްޓެނީއޭ ކިޔާފައި ކޮންމެވެސް ކޮސް އެއްޗެއް
ޓީޖެޓީ
19 June 2023
މިހާރު އެންމެންގެ ކުރިމަތީގައި ވޯޓްލާ ވޯޓުގުނާ ހަދާއިރު އޮޅުވާލުމަކީ ކުރެވޭނެ ކަމެއްކަމަށް ގަބޫލެއް ނުކުރެވޭ. ވޭތުވެދިޔަ ތިން ރިޔާސީ އިންތިޚާނުގައިވެސް ވޯޓް ލާ ދުވަހު ވާޓްލާ މަރުކަޒުގެ އޮފިޝަލުން އެއްވެސް ގޯހެއް ހަދާފައެއ ނުވޭ. އޮޅިގެން ނުވަތަ ނޭނގި ކަމެއް ކުރެވިފައި އޮތުމަކީ އޮޅުވާލުންކަމަކަށް ނުވާނެ. އެކަމަކު ވޯޓް ލާން އަންނަ ބައެއް މީހުން ގޯސް ހަދާ.
ޕީއެޗްޑީ ސްޓޫޑެންޓް
19 June 2023
ދިރާސާއެއް ކުރިކަމަށް ބުނަންޏާ ކޮމިޝަން މިނިވަން ނުވާކަމަށް ދިރާސާގެ ބައިވެރިން ދައްކާފައިވާ ސަބަބުތަކާ ޙަޤީޤީ ހާދިސާތަކެއް ވެސް ހުންނަންވާނެ. ރިސާރޗުން ފެނުނުކަމަށް ބުނާ އެއްޗެއް ކޮރޮބޮރޭޓް ކުރެވި ކްރޮސް ޗެކް ކުރެވި ޓްރައިންގިއުލޭޓް ކުރެވެންވާނެ. ކޮލިޓޭޓިވް ސްޓަޑީއިން ފެނުނު ކަންތައްތައް ކުއަންޓިޓޭޓިވް ސްޓަޑީއަކުން މިންކުރެވެންވާނެ. މީހެއްގެ ޚިޔާލެއް ނޫނީ ޤަބޫލުކުރާގޮތެއް ހަމައެކަނި ހުށަހަޅާލުމަކީ ޒިންމާދާރުކޮށް ރިސަރޗްކުރުމެއް ނޫން.
ހމމމ
19 June 2023
ހާދަ އިންގްލިސް އޭ ދޯ
އަންދަލޫސިޔާ
19 June 2023
އިލެކްޝަން ކޮމިޝަނުން އެދަނީ އެންމެން ކުރިމަތީ ދެފުށްފެންނަ ގޮތަށް އިންތިޚާބުތައް ބާއްވަމުން. މިހާ ޓްރާންސްޕޭރަންޓްކޮށް ކަންކަން ހިންގިޔަސް ހަމަ ނުހޮވޭ މީހުންނަށް ކަމުނުދަނީ. ފާހަގަ ވެއްޓޭކަމަށް ޤައުމެއްގެ ވޯޓުލާ އާބާދީގެ %42 މީހުން ޤަބޫލުކުރީމައި އެނގޭނެ ތިޔަހެން ހަދާ ސަރވޭތަކުގެ ނަތީޖާ އަކީ ޙަޤީޤީ މަންޒަރު ނުފެންނާނެ އެއްޗެއްކަން. ތިޔަ ދިރާސާ ކުރަންޏާ ރިސަރޗް ދާއިރާގެ މީހުންގެ ޚިޔާލާ، ސިޔާސީ މަސްރަހް ދިރާސާކުރާ މީހުންގެ ޚިޔާލު މުހިންމު.
މި ފެނުނީ
19 June 2023
މީ އިންތިހާބާއި ދިމާކޮށް ފެންނަ ބައެއް! އަންފޯޗަނޭޓްލީ