ރިސޯޓު ހަދަން ބިޑް ކާމިޔާބު ކުރި އެއް ރަށުގެ އެކުއިޒިޝަން ކޯސްޓް ވަނީ ދައްކާފައި--
22 ޖޫން 2023 - 12:33
ރިސޯޓު ހަދަން ބިޑް ކާމިޔާބުކުރި ދެ ރަށުގެ ތެރެއިން ތ. އޮޅުފުއްޓަށް ދައްކަން ޖެހޭ އިކުއިޒިޝަން ކޮސްޓް ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި، އޮޅުފުއްޓަށް 700،000 ޑޮލަރު (11 މިލިއަން ރުފިޔާ) ދައްކާފައިވަނީ ސަބް ސޯލާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓުންނެވެ.
އެކުންފުނިން ވަނީ އޮޅުފުށީގެ އިތުރުން ހއ. އަލިދުއްފަރު ފިނޮޅުގެ ބިޑް ވެސް ކާމިޔާބުކޮށްފަ އެވެ. ނަމަވެސް، އަދި އެރަށަށް ފައިސާއެއް ނުދައްކަ ނުވެ އެވެ. އެކުންފުނިން އެ ރަށުގެ ބިޑް ކާމިޔާބުކުރީ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި 350،000 ޑޮލަރު (5.3 މިލިއަން ރުފިޔާ) ހުށަހަޅައިގެންނެވެ.
މިދިޔަ ޖެނުއަރީ މަހު ޓޫރިޒަމް މިނިސްޓްރީން 13 ރަށެއް ތަރައްގީކުރަން ހުޅުވާލި ނަމަވެސް، ބިޑް ހުށަހަޅާފައިވަނީ ދެ ރަށަށެވެ. ތ. އޮޅުފުއްޓާއި ހއ. އަލިދުއްފަރު ފިނޮޅަށް އަށް ފަރާތަކުން ބިޑް ހުށަހެޅި ނަމަވެސް، އެ ދެ ރަށުގެ ބިޑް ކާމިޔާބު ކުރީ ސަބް ސޯލާ އިންވެސްޓްމެންޓުންނެވެ. ބިޒްނަސް ޕޯޓަލްގައިވާ ގޮތުން އެކުންފުނި ރަޖިސްޓްރީ ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ. އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ހިމެނެނީ ދެ ދިވެއްސަކާއި ބޭރު މީހެކެވެ.
ބިޑް ކާމިޔާބު ކުރި ރަށްތަކުގެ އިކުއިޒިޝަން ކޮސްޓު ދެއްކުމުގެ މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށެވެ.
އެ ކުންފުނިން އެ ދެ ރަށުގެ ބިޑް ކާމިޔާބުކުރި އިރު، އެހެން ރަށަކަށް ބިޑު ހުށަހަޅައިފައެއް ނުވެ އެވެ.
ޖެނުއަރީ މަހު ހުޅުވާލި ފުރުސަތުގައި އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ ކ. ކާށިދޫ ފަޅުގެ 10 ހެކްޓަރުގެ ސަރަހައްދަކާއި ފ. ނިލަންދޫ ފަޅުން 10 ހެކްޓަރުގެ ސަރަހައްދެއްގައި ރިސޯޓު ތަރައްގީކުރާށެވެ. އެ ދެ ތަނަށް ވެސް އެންމެ ދަށް ލޭންޑް އިކުއިޒިޝަން ކޮސްޓެއްގެ ގޮތުގައި 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެ އެވެ. ނަމަވެސް، އެއްވެސް ފަރާތަކުން އެ ދެ ރަށަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ.
ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތަ އަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދޭނެ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަބަޑި
23 June 2023
5900 އަކަ ފޫޓުގެ އާދައިގެ ފުލެޓް ގަނޑެއްވެސް ނުލިބޭ 5 މިލިއަނަކަށް ބޭންކުން ލޯނު ނަގައިގެން.
ކޮރަލް
22 June 2023
ކާށިދޫ އަށް އެއަރ ޕޯޓް އެއް ބޭނުން ވެ އެވެ.
ފަހުދު.
23 June 2023
ކޭބަލް ކާރުން ވާނެ
އަންސޮލިސިޑެޑް ދަށުންދަމާ
22 June 2023
ކޮން ބިޑެއްތޯ . ގަންނަށް ބޭނުންވާ މީހަކު އަގެއް ޖެހީމައި ޑީލަުހަދަނީ ރައީސް އޮފީސް މޭޒުދަށުން ...ބައެއް ނަގާފައި ރައްޔިތުންނަށް ގިނަކޮށްލަން މިއޮތީ 11 މިލިއަން ރުފީޔާ ޖަހާފައި ޑޮލަރުން ބަލާނަމަ 5 ލައްކަ ޑޮލަރު . މާފުށިން ގޯއްޗެއްވެސް މިއަގުގައި ނުލިބޭނެ