ބީއެމްއެލްގެ މައި ބްރާންޗުން ހިދުމަތް ދެނީ: ބޭންކުގެ މުވައްޒަފުންގެ އަދަދު 850 އިން 1،000 އަށް އިތުރުކުރަން ވަނީ ނިންމާފައި.-- ފައިލް ފޮޓޯ: ބީއެމްއެލް
30 ޖެނުއަރީ 2017 - 10:27
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބި، މިދިޔަ އަހަރަކީ އެ ބޭންކުގެ ތާރީހުގައި ވެސް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރަށް ވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓަރު (އޮކްޓޯބަރު މަހުން ޑިސެމްބަރު މަހުގެ ނިޔަލަށް ހޭދަވި މުއްދަތު)ގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، އެ ކުއާޓަރުގައި އެ ބޭންކަށް ވަނީ 281.8 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. އެއާ އެކު، މިދިޔަ އަހަރު ލިބުނު ޖުމްލަ ފައިދާގެ މިންވަރު 1.03 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 56 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރު ބީއެމްއެލް އަށް ވަނީ ވަރަށް ބޮޑު އަދަދެއްގެ އާމްދަނީއެއް ވެސް ލިބިފަ އެވެ. އެ ގޮތުން، މިދިޔަ ކުއާޓަރުގައި 528 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބި، މިދިޔަ އަހަރު ލިބުނު ޖުމްލަ އާމްދަނީ ވަނީ ދެ ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
"މިދިޔަ އަހަރަކީ ބުރަ އަހަރެއް ނަމަވެސް އަޅުގަނޑުމެންގެ ޓީމުން ވަނީ ވަރުބަލިކަމެއް ނެތި ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށް ދީފައި،" ތަފާސްހިސާބުތަކާ އެކު އާއްމުކުރި ބަޔާނުގައި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވި އެވެ.
ބީއެމްއެލްގެ ސީއީއޯ އެންޑްރޫ: ބީއެމްއެލް އިން މުޖުތަމައު އަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ނިންމާފައިވާ ކަމަށް އޭނާ މިއަދު ވިދާޅުވި.-- ފައިލް ފޮޓޯ: މިހާރު
މީގެ އިތުރުން، މިދިޔަ އަހަރުގެ ތެރޭގައި ބޭންކުގެ ރައުސުލްމާލާއި ލިކިއުޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމުކުރާ ވަރަށް ވުރެ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފަ އެވެ. އަދި ލޯނު ދޫކުރި މިންވަރު އިތުރުވެ، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކުރި ލޯނުގެ އަދަދު 10 ބިލިއަން ރުފިޔާ އަށް އަރާފައި ވާއިރު، ދޫކޮށްފައިވާ ލޯނުތަކުގެ ތެރޭން ނުދައްކާ ހުރި އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
ބޭންކުތަކުގެ ފައިދާ އިން ދައުލަތަށް ދައްކަން ޖެހޭ 25 ޕަސެންޓުގެ ޓެކްސް ނުލާ ބަލައިފި ނަމަ، ބީއެމްއެލް އަށް މިދިޔަ އަހަރު 1.3 ބިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފަ އެވެ. އެކަމަކު، އެ ބޭންކުން ވަނީ ޖުމްލަ 345 މިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ދައްކައިފަ އެވެ.
އެހެންވެ، އެންމެ ބޮޑު އަދަދެއްގެ ޓެކްސް ދައުލަތަށް ދައްކާ ކުންފުނިތަކުގެ ތެރޭގައި ބީއެމްއެލް ހިމެނެ އެވެ.
މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާ ލިބިފައިވާތީ ބީއެމްއެލް އިން ވަނީ އޭގެ ތެރޭން ބޮޑު ބައެއް، އެ ބޭންކުގެ ހިދުމަތްތައް އިތުރަށް ފުޅާކުރަން އިންވެސްޓް ކުރަން ނިންމައި އެކަން މިދިޔަ އަހަރުގެ ފަހުކޮޅު އިއުލާނުކޮށްފަ އެވެ. އެ ގޮތުން، މި އަހަރުގެ ތެރޭގައި ޖުމްލަ 300 މިލިއަން ރުފިޔާ އިންވެސްޓް ކުރަން ވަނީ ހަމަޖައްސައިފަ އެވެ.
- 150 އާ ވަޒީފާ (75 އަތޮޅުތެރޭގައި، ބާކީ މާލެ ސަރަހައްދުގައި)
- އާ ހަތް ބްރާންޗް
- ހަތަރު ވިޔަފާރި މަރުކަޒު
- 20 އޭޓީއެމް
- ކޯލް ސެންޓަރެއް (އައްޑޫގައި)
- ކަސްޓަމާ ސާވިސް ސެންޓަރެއް (މާލޭގައި)
- 10 އާ ސީއެސްއާރު ޕްރޮގްރާމް
މި މަޝްރޫއުގެ ދަށުން، 22 ރަށަކަށް ހިދުމަތް ފުޅާކުރަން ރަށްރަށުގައި އާ ހަތް ބްރާންޗާއި ހަތަރު ވިޔަފާރި މަރުކަޒާއި މާލޭގައި ކަސްޓަމަ ސާވިސް ސެންޓަރަކާއި އައްޑޫގައި ކޯލް ސެންޓަރެއް ގާއިމްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 20 އޭޓީއެމް ބަހައްޓަން ވަނީ ނިންމައިފަ އެވެ. އަދި 150 އާ ވަޒީފާ އުފައްދައި ބީއެމްއެލްގެ މުވައްޒަފުންގެ އަދަދު 850 އިން 1،000 އަށް އިތުރު ކުރަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެ އާ ވަޒީފާތަކުގެ ތެރޭން ދެ ބައިކުޅަ އެއް ބައި (75 ވަޒީފާ) ރަށްރަށަށް ހާއްސަކޮށްފައި ވާއިރު، ބާކީ ބައި ހުޅުވާލަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދަށެވެ.
ބީއެމްއެލްގެ ބްރާންޗެއް ނ. ހޮޅުދޫގައި ހުޅުވަން މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ އެންޑްރޫ ވާހަކަދައްކަވަނީ: މި އަހަރު އިތުުރު ހަތް ބްރާންޗް ހުޅުވާނެ.-- ފައިލް ފޮޓޯ: ބީއެމްއެލް
މީގެ އިތުރުން، އިޖުތިމާއީ ޒިންމާގެ ދަށުން، ކުރިއަށް އޮތް އަހަރުދުވަހުގެ ތެރޭގައި އާ 10 ސީއެސްއާރު ޕްރޮގްރާމް ހިންގަން ވެސް ބީއެމްއެލް އިން ވަނީ ނިންމައިފަ އެވެ.
"... [މިދިޔަ އަހަރު] މާލީ ގޮތުން ލިބުނު ކުރިއެރުމާ އަދި ހާއްސަކޮށް ލޯނު ދޫކުރުމުގެ މަސައްކަތްތައް ހަރުދަނާ ކުރެވުމަކީ އަޅުގަނޑުމެންގެ ހިދުމަތް ފޯރުކޮށްދެމުން ދާ މުޖުތަމައު އަށް އިންވެސްޓް ކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް،" އެންޑްރޫ ވިދާޅުވި އެވެ.
މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާ ލިބުނަސް، މި އަހަރު ލިބޭ ފައިދާގެ މިންވަރު ދަށަށް ހިނގައިދާނެ ކަމަށް އެންޑްރޫ ވިދާޅުވި އެވެ. އޭގެ މައިގަނޑު ސަބަބުތަކަކީ، އޭނާ ވިދާޅުވި ގޮތުގައި، ބޭންކުން މިހާތަނަށް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް ޕްރޮގްރާމް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމާއި ބައެއް ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ކުޑަކޮށްފައިވާތީ އެވެ.
"ނަމަވެސް، އަޅުގަނޑު އުއްމީދު ކުރަނީ މިހާރު އެކުލަވާލާފައިވާ ވަރުގަދަ ޓީމާ އެކު ބޭންކުގެ ވިޔަފާރި ކުރިއަރައި ކަސްޓަމަރުންގެ އަދަދު އިތުރުވެ، މި އަހަރަކީ ވެސް ބޭންކަށް ރަނގަޅު އަހަރަކަށް ވާނެ ކަމަށް،" އެންޑްރޫ ވިދާޅުވި އެވެ.
ބީއެމްއެލްގެ އިސް މަގާމުތަކަކަށް މި އަހަރުން ފެށިގެން ވަނީ ބަދަލު ގެނެސްފަ އެވެ. އެ ގޮތުން، ރިޓެއިލް ބޭންކިން ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަރީފް ވަނީ ޑައިރެކްޓަ އޮފް އޮޕަރޭޝަންސްގެ މަގާމަށާއި ޑެޕިއުޓީ ސީއީއޯ ކަމަށް އައްޔަންކޮށްފަ އެވެ. އަދި ޑައިރެކްޓަ އޮފް ކޯޕްރޭޓް ބޭންކިންގެ މަގާމުގައި ހުންނެވި ކުލްދީޕް ޕަލިވާލް ވަނީ ރީޓެއިލް އަދި ކޯޕްރޭޓް ބޭންކިންގެ ޒިންމާ ހިމެނޭ ގޮތަށް، ޑައިރެކްޓަ އޮފް ބިޒްނަސްގެ މަގާމަށް ހަމަޖައްސައިފަ އެވެ. މީގެ އިތުރުން، ޑައިރެކްޓަ އޮފް ބީއެމްއެލް އިސްލާމިކްގެ ނަމުގައި އާ މަގާމެއް އުފައްދައި، އިސްލާމިކް ބޭންކިން ދާއިރާގެ ބައިނަލްއަގުވާމީ ތަޖުރިބާކާރެއް ކަމަށްވާ ޒުލްކަރްނައިން ޓަމަން ވަނީ އެ މަގާމަށް އައްޔަންކޮށްފަ އެވެ.
ބީއެމްއެލް އިން އަންނަނީ އާ ބްރާންޗުތަކާއި ސެލްފް ސާވިސް އޭޓީއެމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށް، ބޭންކުގެ ހިދުމަތް ފުޅާ ކުރަމުންނެވެ. އެ ގޮތުން، މިހާތަނަށް ވަނީ 20 އަތޮޅުގައި 31 ބްރާންޗާއި 78 އޭޓީއެމް އާއި 4،000 ޕީއޯއެސް މާޗަންޓުންނާއި 190 ކޭޝް އެޖެންޓުންނާއި 19 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓް ގާއިމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލްކު އެންޑް ބަލަކް
30 January 2017
ތަންކޮޅެއްކުރިން އަޑުއަރުވާލި ބޭރު ކޮންމެވެސް ކަރައެއްގާ ބުރާންޗެއް ހުޅުވާވާހަކަ. އެކަން މިހާރު އޮބުނޫ އުތަ؟
އަލީ
30 January 2017
ފައިދާ ބޮޑުވާނެތާ ގައުމީ ބޭންކުން ހިދުމަތަށް ވުރެން ބޮޑަށް ވިސަނަނީ ވިޔަފާރީގެ އުސޫލުންވިއްޔާ. ބެންކަކީވެސް ވިޔަފާރި އެކަމަކު ފުކެއްބޮޑުވަރު
ޒަހުރާ
30 January 2017
މިއަދު ރާއްޖޭގެ އެންމެ ފައިދާ ބޮޑު ކުންފުންޏަކީ ބީއެމްއެލް. ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ ހިއްސާ ގަނެގެން ފައިދާ ލިބޭ. ނަމަވެސް 2017 ވަނަ އަހަރު ފައިދާ ނުވާނެއޭ އެންޑްރޫ ބުނުމަކީ ގޯހެއް. ހިއްސާ ދާރުން ބިރުގަންނާނެ ވާހަކައެއް
ސުމާ
30 January 2017
ރާއްޖޭގެ ކޮންމެ ކުންފުންޏަކުންވެސް އަމަލުކުރަންވީ މިގޮތަށް. ފައިދާ ބޮޑު ވާ ވަރަކަށް އިންވެސްޓްމަންޓް ބޮުޑުކުރަން ރާއްޖޭގެ ހުރިހާ ކުންފުންޏަކުންވެސް ވިސްނަންވެއްޖެ، ސަރުކާރުގެ ހިއްސާލައިގެން ވިޔަފާރިކުރާ ކަމުގައިވާނަމަ ހުރިހާ ރައްޔިތުންނަށްވެސް އެކަމުގެ ފައިދާ ލިބެންޖެހޭނެ. ދިވެއްސަކަށްވީތީ ފަހުރުވެރިވެވޭނީ މިފަދަ ކަންކަން ކުރާނަމަ. ޝުކުރިއްޔާ
މުހަންމަދު
30 January 2017
ތީގައުމީ ބޭންކް ވިޔަފާރީގެ ގޮތުން ހޯދި ވަރަށް ބޮޑުކުރިއެރުމެއް. ފައިދާވާ ބޮޑު ބޭންކަކަށް ވެގެންނޫނީ ބީއެމްއެލް އަކަށް އެންމެ އެކަށީގެންވާ ރޯލެއް ނުކުޅެވޭނެ. ކުރިޔަށް އޮތްތަނުގައި ދިވެހިބޭންކް ރާއްޖޭން ބޭރުގައިވެސް ޚިދުމަތްތައް ދޭތަން ދެކެންބޭނުން.
ފުވައްމުލަކު މީހާ
30 January 2017
މިހިތް ހަމަޖެހުމާއެކު ފައިދާއަށް ނުވިސްނާ ގެދޮރު ހެދުމުގެ ލޯންގެ އިންޓްރަސްޓް %6 އަށް ތިރިކޮށްލުން ކީއްތޯ؟
ރައްޔިތުމީހާ
30 January 2017
ފަހުރުވެރިވުން ހަންގު އުފާވެރި ޙަބަރެއް، ވޯލްޑު ބޭންކު އެހީގައި " މިނިސްޓްރީ އޮފް އެކޮނޮމިކު ޑިވޮލޮޕް މެންޓުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި " ތަރައްޤީކޮށް ކުރިއެރުވުމަށް 6%0 އިންޓްރެސްޓުން ދޫކުރާ ލުއި ލޯނުން ނަގާ " އެއްމިލިޔަން ރުފިޔާގެ ލޯނު އަދާކޮށް ނިމެނީ ދެމިލިޔަން ހަތަރުލައްކަ ރުވިޔާއިން " ވީމާ ބޭންކާރި ސަރުކާރު އުފަލުން ހެވި ދިލެއްވީ ރައްޔިތުމީހާ ބިކަވެ ނިކަމެތިވެ މަގުމަތިވަނީ.........
އަލިކޮއެ
30 January 2017
1 ބިލިއަން 2 ބިލިއަން ލިބުނަސް އަހަރެން ހިއްސާދާރެއްގެ ހައިސިއްޔަތުން އުފަލެއް ނުވޭ...ތި ވަރަށް ލިބޭ އިރުވެސް އަހަރެމެން ހިއްސާދާރުންނަށް ނުދޭނެ މޮކޮސްވެސް.
ރިކަޗް
30 January 2017
މިއިންވެސް އެގެނީ ބޯހިޔަވަހިކަން ފަަދަ ކަންކަމަށް މިއަށް ވުރެ ލުއި ފަސޭހަ ލޯނުތަކެއް ހަމަޖެއްސިދާނެކަން.
އަލީ
30 January 2017
ހެހެހެ.. ގައުމައް ޓަކާ ކޮއްދޭ ހިދުމަތެއްނު! ދިވެހިން ދެކެ ވާލޯތްބަކުން %11 އިންޓަރެސްޓ ނަގަނީ. ބައެއްމީހުން ކިޔާ މިއީ ދީނުގަ ހުއްދައެއްޗެއް ނޫނޭވެސް. ނޭގޭ ހަގީގަތެއް. އިގޭ އެއްޗަކީ ފަރަންޖީ ގައުމުގަ މި އިންޓަރެސްޓ ހުންނަނީ %5 އައްވުރެވެސް ދަށުގައި.