ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ޒޯންގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ކޮންރެޑްގެ ހަސަން އަކްރަމް.-- ފޮޓޯ: ވީއޭއެމް
03 ޖުލައި 2023 - 10:59
އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންޝިޕް ޒޯން 2/4 ގެ ޗެމްޕިއަންކަން ހޯދައި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް އިން، އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ހޯދައިފި އެވެ.
ކޮންރެޑުން ޒޯން ޗެމްޕިއަންކަން ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި ވޮލްޑޯފް އެސްޓޯރިއާ އާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޮންރެޑުގެ ހަސަން އަކްރަމް އެވެ. އޭނާ ވަނީ މި ޒޯންގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.
މެޗުގެ ފުރަތަމަ ދެ ސެޓް ކޮންރެޑުން 25-18، 25-17 އިން ގެންގޮސްފައި ވާއިރު ވޮލްޑޯފް އެސްޓޯރިއާ އިން ވަނީ ތިންވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް 25-16 އިން ކުރި ހޯދައިފަ އެވެ. ނަމަވެސް ވާދަވެރި ކުޅުމަކަށް ފަހު ޖެހިގެން އައި ސެޓު ކޮންރެޑުން ކާމިޔާބު ކުރީ 25-23 އިންނެވެ.
ވޮލްޑޯފް އެސްޓޯރިއާ އަކީ ހަތަރު ޓީމް ވާދަކުރި މި ޒޯންގެ ލީގު ބުރުގެ ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ފައިނަލްގެ ސީދާ ޖާގައެއް ހޯދި ޓީމެކެވެ. ލީގު ބުރުގައި ކޮންރެޑާއި ވޮލްޑޯފް އެސްޓޯރިއާ ބައްދަލުކުރި މެޗުގައި ފަސް ސެޓު ކުޅެން ޖެހުނެވެ. ކޮންރެޑު ފައިނަލުން ޖާގަ ހޯދީ، ސެމީ ފައިނަލްގައި 3-1 ސެޓުން ޑަބްލިއު މޯލްޑިވްސް ބަލި ކުރުމަށް ފަހު އެވެ.
ޒޯންގެ ޑްރީމް ޓީމުގައި ހިމެނެނީ ކޮންރެޑްގެ ސޮއްފަތު މުހައްމަދާއި ހާމިދު އަލީގެ އިތުރުން ވޮލްޑޯފް އެސްޓޯރިއާގެ ޝާމިލް މުހައްމަދު، ސައްދާމް ހުސެއިން، މުހައްމަދު ޔޫސުފް އަދި ޑަބްލިއު މޯލްޑިވްސްގެ އިޔާން އަލީ އާއި ޖަވާމް އަލީ އެވެ. އެންމެ މޮޅު ކޯޗަކީ ކޮންރެޑްގެ އަދުހަމް މުފީދެވެ.
މި ޒޯންގެ ކުޅުން ނިމުމާ އެކު ޗެމްޕިއަންސް ލީގަށް ހޮވާ ފަސް ޓީމު ވަނީ ކަށަވަރު ވެފަ އެވެ. އެއީ ކޮންރެޑްގެ އިތުރުން ޒޯން 1 ގެ ޗެމްޕިއަން ބަނޑޮސް މޯލްޑިވްސް އާއި ރަނަރަޕް ވަން އެންޑް އޮންލީ ރީތި ރަށާއި ޒޯން 5/6 ގެ ޗެމްޕިއަން ވައްކަރު މޯލްޑިވްސް އާއި ރަނަރަޕް އަނަންތަރާ ކިހަވައް މޯލްޑިވްސް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy