ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލާގައި ދައުވާ ލިބޭ ބައެއް މީހުން.
04 ޖުލައި 2023 - 11:06
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާލިބޭ ތަހުމީން އަހުމަދުގެ ދިފާއީ ހެކިތަކެއް ބަލައިނުގަންނަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ބަލައިނުގަންނަން ނިންމީ ކުށްކުރި ތަނުގައި ހާޒިރުވެ ނެތްކަމުގެ ދިފާއު ސާބިތުކުރަން ތަހުމީން ހުށަހެޅި ދެ ހެއްކެކެވެ. އެގޮތަށް ނިންމީ ތަހުގީގުގައި އެ ދިފާއު ނުނަގާ އޮތުމުންނާއި ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން އެ ދިފާއު ތަހުގީގުގައި ނަގަން ޖެހޭ ކަމަށް ބުނެ ދައުލަތުން އިއުތިރާޒުކުރުމުންނެވެ.
އެ ނިންމުން ތަހުމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން އެ ހައްގު ތަހުމީނަށް ލިބެންޖެހެ އެވެ. އެއީ އޭނާގެ މައްޗަށް ތަހުގީގު ހިންގިއިރު ކުށްކުރި ތަނާއި ތާރީހުގެ މައުލޫމާތު ފޯރުކޮށްދީފައިނުވާއިރު، އެ މަރުހަލާގައި އެ ދިފާއު ނެގުމުގެ ފުރުސަތު ނޯންނާނެތީ އެވެ.
އެ މައުލޫމާތު ނުދީ އޮތުމުން، ތަހުގީގު މަރުހަލާގައި ދިފާއު ނުނެގި އޮތުމަކީ އެ ހައްގު އޭނާ ދޫކޮށްލީ ކަމުގައި ނުބެލެވޭނެ ކަމަށާއި އެ ހައްގުން އޭނާ މަހުރޫމްކުރަން ޖެހޭ ކަމެއް ނޫން ކަމަށް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
ކުށްކުރި ތަނުގައި ނެތް ކަމުގެ ދިފާއު ތަހުމީންގެ ފަރާތުން ނަގާފައިވަނީ އޭނާގެ މައްޗަށް ދައުވާކުރި ފަހުންނެވެ. އޭނާގެ ފަރާތުން ފާހަގަކުރާ ގޮތުގައި ތަހުގީގުގައި ނުކުރާ ސުވާލަކަށް ޖަވާބު ދޭކަށް ނުޖެހެ އެވެ. އަދި އަސްލު ކުށްކުރި ތާރީހާ ގުޅޭ ގޮތުން ސުވާލު ކުރުމުގެ ބަދަލުގައި ތަހުގީގުގައި ތަހުމީނާ ސުވާލުކުރީ އެހެން ތާރީހަކާ ގުޅޭގޮތުން ކަމަށެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ހައި ކޯޓުން އިއްޔެ ނިންމި ނިންމުމުގައި އެންގީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލްކޮށް، ތަހުމީންގެ ފަރާތުން ހުށަހެޅި ދެ ހެކި ބަލައިނުގަނެވޭނެ ހެކި ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.
މެއި، 2021 ގައި ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދުގެ އިތުރުން ދެން ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގު އަދި އއ. މާޅޮސް އަސަރީގޭ، މުހައްމަދު ނާޒިމްގެ މައްޗަށެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ދެން އޮންނާނީ ޝަރީއަތުގެ އަޑުއެހުންތައް ފެށުމާއި ހެކިންގެ ހެކިބަސް ނެގުމެވެ. އެބައި ކުރިއަށް ގެންދާނީ ދައުވާލިބޭ އެންމެން ބައިވެރިކޮށްގެން އެއް މަޖިލީހެއްގަ އެވެ. ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy