ގާސިމާއި ރައީސް ސަލާމް ކުރައްވަނީ: ގާސިމް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެ އަދި ޔާމީނަށް އިންސާފު ހޯދައިދޭން ގޮވާލައްވާފައި --- ފޮޓޯ/މިހާރު
11 ޖުލައި 2023 - 20:37
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ގާސިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަގުސަދަކީ މިނިވަން ކަމާއި އިންސާފުވެރި ކަމާ އެކު އަދުލު އިންސާފު ގާއިމްކޮށް ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރު ކުރުން ކަމަށެވެ.
"އެހެންކަމުން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ހައްގުތައް ފުރިހަމައަށް ލިބެން ޖެހެ. އެއީ ރައީސް ޔާމީން ކަމަށް ވިޔަސް ނުވަތަ އެހެން ދިވެހި ރައްޔިތެއް ކަމަށް ވިޔަސް، އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް. އަދި އެއީ އިންސާނީ ހައްގެއް." ގާސިމް ވިދާޅުވި އެވެ.
ޤާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަޤްސަދަކީ މިނިވަންކަމާއި، އިންސާފުވެރިކަމާއެކު، ޢަދުލު އިންޞާފު ޤާއިމުކޮށް ރައްޔިތުންގެ އަސާސީ ހައްްޤުތަކާއި މިނިވަންކަން ކަށަވަރު ކުރުމެވެ.
— Qasim Ibrahim (@qasimibrahim) July 11, 2023
އެހެން ކަމުން ކޮންމެދިވެހިރައްޔިތަކަށްވެސް އިސްވެ މިދެންނެވި ހައްޤުތަައް ފުރިހަމައަށް ލިބެން… pic.twitter.com/b4RqlgBhGc
ގާސިމްގެ ޓްވީޓް
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ގާސިމް ވިދާޅުވީ ލަސްކަމެއް ނެތި އިންސާފު ގާއިމްކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ މިސްރާބު މިއަދު ހުރީ އެގޮތަށް ގޮތަށްތޯ މިއަދު ސުވާލު އުފެދޭ ކަމަށް ގާސިމްގެ ޓްވީޓްގައިވެ އެވެ.
ގާސިމް މިގޮތަށް ޓްވީޓް ކުރެއްވިއިރު ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައި ވަނީ މަޑުޖެހިފަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް މަޑުޖެހުނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރެއްގެ ޗުއްޓީ ކުރިއަށް އޮތުމުންނެވެ.
އިސްތިއުނާފް ޝަރީއަތް އަވަސް ކުރުން ޔާމިނަށް މުހިންމު ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ އެ ހުކުމުން ސަލާމަތްވެގެން ކަމަށް ވާތީ އެވެ. އެހެންވެ، އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު އޮއްވާ މައްސަލަ ނިންމުމަށް ޕީޕީއެމުން ދަނީ ގޮވާލަމުންނެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހު ބަންދުވާނެ އެވެ. އަދި ގާނޫނު އަސާސީ ބުނާގޮތުން ޖިނާއީ ކުށެއްގައި އަހަރަށް ވުރެ ދިގު ހުކުމެއް އޮތުމަކީ އިންތިހާބުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އޮތް ހުރަހެކެވެ.
ގާސިމް އާއި ޕީޕީއެމްގެ އިސް ބޭފުޅުން މިއަދު ވަނީ ބައްދަލު ކުރައްވާފަ އެވެ. ރިޔާސީ އިންތިހާބަށް ދެ މަހަށް ވެފައިވަނިކޮށް ކުރި މި ބައްދަލުވުން ބޭއްވީ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް ޕީޕީއެމުން ބުންޏަސް، އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވި ނަމަވެސް، ޖުމްހޫރީ ޕާޓީން ނިންމީ ވަކިން އިންތިހާބަށް ނިކުތުމަށެވެ. އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދާ "ދަ ޑިމޮކްރެޓްސް" އާ އެކު ޖުމްހޫރީ ޕާޓީން މަޝްވަރާތަކެއް ކުރި ނަމަވެސް އެ މަޝްވަރާތައް މިހާރު ވަނީ ހުއްޓިފަ އެވެ.
ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން "ދަ ޑިމޮކްރެޓްސް" މިހާރު ގެންދަނީ ޕީޕީއެމްއާ އެކު ވެސް މަޝްވަރާތައް ބާއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުގުމާނ
13 July 2023
ގާސިމު ގޮވިޔަސް މިގައުމުގަ ނެއްތ އެއްޗެއް ނުލިބޭނެއްނު
ފިނރުޓޭ
13 July 2023
އިންސާފަކުންނެއް ނޫންތަ އެއޮތީ އޭނަ އަށް ހުކުން އިއްވާފަ! ދެ އަކުރުގެ ތަފާތުން ދޯ ފުރަތަމަ މިނިވަންވީ! އެކަމު އެއީ އޭނަ ކުށްނުކުރާކަމަކަށް ނުވެގެނެއް ނޫން ދޯ! ރޯމާދުވާލު ދޯ އެ ކޮރަޕްސަންތައް ހިންގަމުން ގެންދިޔައީ އޭނަ! އެންމެ ކުރިމަތީގަ ހަމަ ފާޅުގަ ދޯ! ދެން ހުކުން އިއްވީމަ އިއްވި މީހާތަ ގޯސް ވަނީ!
ސުންދުސް
12 July 2023
ޝަރުޢީ ނިޒާމަށް ތިމާއަށް އަތް ނުބޭނޭތީ މިނިވަންކަމަށް ނުވަނީ؟ ޔާމީނުގެ ބޮޑާކަމުން ޕީޕީއެމް އިން އެހެން ކެންޑިޑޭޓެއް ނުނެރެފިއްޔާ ޤާސިމް ދެވަނަ ބުރަށް ގޮސް ތަޚްތު ލިބޭނެހެން ހީވަނީ؟ ޤާސިމަށް ރައީސްކަން ދޭކަށެއް ދިވެހިން ބޭނުމެއް ނޫން. އިބޫ އެއްބުރުން ނަގާނެ!
އިބޫނޫންގޮތެއް
12 July 2023
ތަރައްޤީގެ މަގުން ރާއްޖެ އިތުރު 5އ ވައްޓާލަންބޭނުންމީހުން އިބޫއަށް ވޯޓްދެއްވާ. ޑޮލަރު 20ރ ހަދާލަން ބޭނުންވާމީހުން ރ އިބޫއަށް ވޯޓްދެއްވާ.
އަންދަލޫސިޔާ
12 July 2023
ތިޔަ ބޭނުންވާ އިންސާފަކީ ޔާމީނުގެ އަނިޔާގައި އައިސީޔޫ ގައި އޮއްވާ މަނިކުފާނަށް ޙުކުމްކުރީމާ ގޮސް ފާޚާނާ ދޮންނަން ވެސް ރެޑީ ކަމަށްބުނެ ކޯލިޝަން ހެދި ހެދުންތޯ؟ މި ފަހަރު ޤާސިމްގެ ހިސާބު ގޯސްވާނެ. ޕީޕީއެމް ބޮޑުތަނުން ބަލިވާނެ. ވައްކަންކުރި މީހާ އޮންނާނީ ޖަލުގަ!
ބަޑިތަކުރު
12 July 2023
ތިޔަ ގޮވާލައްވާ އިންސާފަކީ ކުރިއެއްވެސްކުށަކަށް އަދަބު ނުލިބި ދޫކޮށްލުންކަމަށްވާނަމަ، އެއީ އިންސާފުލިބުމެއް ނޫނެވެ. އަނެއްކޮޅުން ތިޔަ ބުނާ މީހެއްގެ ދުވަހު ޝަރުޢީދާއިރާއަށް ނުފޫޒުފޯރާފައިވާ މިންވަރު އެންމެ ގާތުން ފެނުނު އެކަކަށް ތިމާވާއިރު ތިޔަފަދަ ގޮވާލުންތައް ގޮވާލުމުން ތިކަމުގެ އަޑީގައި ކޮންވެސް އަމިއްލަ މަޞްލަޙަތެއް އޮތުންވަރަށް ގާތެވެ. އެއީ ފަހަރެއްގައި ތިމާއަށް އެންމެބޮޑު އެއްޕާޓީން ތާއީދުކުރުންކަމަށްވެސް ވެދާނެއެވެ.
ފިނރުޓޭ
12 July 2023
ބަލަގަ ވައްކަން ކުރިކަން ސާބިތުވީމަ ދެން އޮންނާނީ ކޯޓުން އިއްވާ ހުކުމެއް ތަންފީޒު ކުރުމޭ އެނގިއްޖެ! ކޮން އިންސާފެއް ނެތިގެންތަ މި އުޅެނީކީ!
އެޗް އެމް
12 July 2023
ވައްކަން ނުކުރިނަމަ.. ކޯޓުތަކަށް އަތްގަދަނުކުރި ނަމަ.. ބޯޑާވެ އަނިޔާ ވެރި ނުވިނަމަ.. ރަގަޅު ވާހަކައެއް، ވަކި މީހަކަށްވީމަ ކޯޓުގެ މަސައްކަތައް އަވަސްއަރުވާކަށް ނުޖެހޭ. ގާނޫނު ކުރިމަތީގަ އެންމެން ހަމަހަމަވާން ޖެހޭ. ވެރިކަން ކުރިމީހެކޭ ކިޔާފަ އިސްކަމެއް ދޭކަށް ނުޖެހޭ. ގާނޫނާއި ގަވާއިދާއި އެއގޮތަށް ވަޒީފާގަ ހުރިއިރު މުސާރަޔާއި އިނާޔަތާއި ބޭސްފަރުވާ ލިބުނު. މިއަދުވެސް ފޮތުގަ ވާގޮތަށް ލިބެންޖެހޭ އެއްޗެއް ލިބެމުންދަނީ.
ދަނޑި ދިމާ ކުރުސީ
12 July 2023
ކޯޓު މަތިން ޓިނު ވަގަށް ނެގި މީހާ އަށް އިންސާފު ލިބޭނީ ކޮން ދުވަހަކު!
އިޔާ
12 July 2023
ކުޜިގެ ރައީސް އައް އަނީޔާކޮއް ޖަލައްލުމަކީ ރައީސް ކަން ލިބޭ ކޮންމެ މީހަކުވެސް މިގައުމުގަ ކުރަންޖެހޭކަމެއް
ލާންޖެހާ
12 July 2023
ބަލަގަ، ކުރީގެ ރައިސްއަކީ ކުރާ ކުށުން ބަރީއަ ކުރައްވާފަވާ ބައެއްތަ؟ ނަމޫނާ ދައްކަން ތިބޭމީހުން ކުރާ ކުށްތަކަށް، ދެވެން އޮންނަ އެންމެ ބޮޑު އަދަބުދީ މިސާލު ދައްކަންޖެހޭ. އެހެންނޫނީ، ވެރިމީހާވީމަ ހުރިހާ ނުބައިކަމެއް ކޮށްފަ، ފައިސާހުރުމުން، މޮޅެތި ވަކީލުން ބޭނުންކޮށްގެން ބޭނުންގޮތަކަށް ޝަރީއަތްތައް ނިންމާލާ ސަލާމަތުން އުޅެންވީ. ވީމާ، ކޮންމެ މީހަކުވެސް ކުށެއްކޮށްފިނަމަ، އަދަބު ލިބެންޖެހޭ.
ކެސްބެވެ
12 July 2023
މައްސަލައެއްގައި ގިނަ ބަޔަކު ހިމެނޭއިރު، ވަކި މީހަކަށް އަމާޒުކޮށްގެން މައްސަލަ ބަލައި ހުކުމް ކުރުމަކީ އަދުލު އިންސާފުގެ ގޮތެއްނޫން. ޔާމީނަކަސް އެހެން މީހަކަސް ކުށެއް ކޮށްފިއްޔާ އަދަބުދޭން ޖެހޭނެ.