ރިޕޯޓް

ނަޝީދަށް ޕާޓީގެ ރައީސްކަން ގެއްލުވާލުމުގެ ހިތި ޔާމީނަށް

ފެބުރުއަރީ 2، 2021 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރި ވަގުތު އެ ސަރަހައްދަށް އެއްވެ އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކުރަނީ- -.ފޮޓޯ: ނިޝާން އަލީ/މިހާރު

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ބަންދުކޮށްގެން ގެންގުޅުނު މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލާން މާޗް 13، 2015 ގައި ކުރި ހުކުމަކީ އޭރު ނަޝީދު ރައީސްކަން ކުރެއްވި އެމްޑީޕީ ހުއްޓުމަކަށް އައި ކަމަކަށް ނުވި އެވެ. އެ މަނިކުފާނަކީ ޕާޓީގެ ރައީސްގެ ގޮތުގައި ބަލައިގެން ސިޔާސީ ހަރަކާތްތައް ވަރުގަދަކުރި އެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ނެރޭނެ ކެންޑިޑޭޓަކީ ވެސް ނަޝީދު ކަމަށް އެމްޑީޕީން ބުނަމުން ދިޔަ އެވެ.

ޖަލު ހުކުމާ އެކު ނަޝީދަށް ރިޔާސީ ކެންޑިޑެސީގެ ހުރިހާ ދޮރެއް ބަންދުވިޔަސް އެވަރުން ވެސް ނުފުދިގެން ދެން އިސްލާހުކުރީ ޖަލުތަކާއި ޕެރޯލްގެ ގާނޫނެވެ.

އޭގައި ލިޔުނީ "ސިޔާސީ ޕާޓީއާއި ޖަމްއިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ނުވެ" އެވެ.

މި ހުރިހާ ކަމެއް ކުރުމުން ވެސް އެމްޑީޕީން އެ މީހުންގެ ކެންޑިޑޭޓަކީ ނަޝީދު ކަމަށް ބުނަމުން ދާތީ އޭރުގެ ރައީސް ޔާމީން ދެއްވި ބަހުގެ ހަމަލާއެއްގައި، އެމްޑީޕީން ފެންނަނީ "އެންމެ މީހަކު ވަށައިގެން ތޮވާފްކުރާ ތަން" ކަމަށް ވިދާޅުވި އެވެ.

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިއްޔެ ހުޅުވާލިއިރު މަންޒަރު އޮތީ އަނެއް ކޮޅަށް ބަދަލުވެ އެ ހަމަލާ އަމިއްލަފުޅު ނަފްސަށް ރައްދުވެފަ އެވެ. ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ޔާމީން 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެ މަނިކުފާނުގެ ޕާޓީން ބުނަމުން އެ ދަނީ ހުކުމެއް އޮތަސް ޔާމީނަށް ވާދަކުރެއްވޭނެ ކަމަށާއި އެހެން ކެންޑިޑޭޓަކު ނެރުމާ ބެހޭ ގޮތުން ކިތަންމެ ވަރަކަށް ސުވާލު ކުރިޔަސް ޔާމީންގެ ނަން ނޫނީ އެކަމާ ބެހޭ ގޮތުން ނާންނާނެ ކަމަށެވެ.

ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު (ކ) އާއި އަބްދުﷲ ޔާމީން: ނަޝީދަށް އަމާޒުކޮށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހުތަކުން ޔާމީންގެ ރިޔާސީ ކެންޑިޑެސީއަށް ހުރަސް އެޅޭ.

ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމުން ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައިވުމަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ޝަރުތެއް ކަމަށް ވިޔަސް އިދިކޮޅުން ކެނޑިނޭޅި ދައްކަނީ ސުޕްރީމް ކޯޓުން ހުކުމް ދަމަހައްޓާފައި ނުވާ ނަމަ ޝަރުތު ހަމަވާނެ ކަމަށެވެ. އެކަމަކު ނަޝީދަށް އެމްޑީޕީގެ ރައީސްކަމުގެ ހައިސިއްޔަތު ގެއްލުވާލި ގާނޫނީ އިސްލާހުތަކުގެ ހުރަސް މިއަދު ޔާމީނަށް އޮތް ކަމުގެ ވާހަކައެއް ނުދައްކަ އެވެ.

"ނިހާއީ ހުކުމެއްގެ ވާހަކަ ދެއްކުމުގެ ކުރިން އެންމެ ބޮޑު ސުވާލަކީ ޖަލު ހުކުމެއްގައި ހުންނަ މީހެއްގެ ނަމުގައި ސިޔާސީ ޕާޓީއަކުން ފޯމު ހުށަހެޅިދާނެތޯ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު އޮތް ގޮތުން ޖަލުގައި ހުރި މީހަކަށް ޕާޓީގެ މަސްއޫލުވެރި މަގާމެއްގެ އެއްވެސް ހައިސިއްޔަތެއް ނެތް. ސިޔާސީ ކަންކަމުގައި އުޅުމުގެ ހައްގެއް ނެތް،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހާ ފޯމުގައި ސޮއިކުރަން ވެސް އޮންނަ އިރު އެެއީ ޕަވައޮފް އެޓާނީ ދީގެން ނުވަތަ އިންތިހާބީ އެޖެންޓު ލައްވާ ވެސް ކުރުވޭ ގޮތަށް އޮންނަ ކަމެއް ނޫން ކަމަށެވެ.

"ފޯމު އަންނަން މި ޖެހެނީ ޖަލުގައި ހުންނަ މީހާ ސޮއިކޮށް، ކޮމިޝަނަ އޮފް ޕްރިޒަންސްގެ ހުއްދަ ލިބިގެން."

"ޖަލުގައި ހުންނަ މީހަކު ތަމްސީލްކުރާ ގާނޫނީ ވަކީލުން ގާނޫނީ ގޮތުން މި ކުރާ މަސައްކަތް ފިޔަވައި، ސިޓީ އާއި ލިޔެކިޔުން ވެސް ގައިދީގެ ފަރާތުން އަންނަން މި ޖެހެނީ ކޮމިޝަނަ އޮފް ޕްރިޒަންސްގެ ހުއްދައާ އެކު. އެހެންވެ ގައިދީއެއްގެ ނަމުގައި އެއްވެސް އިދާރާއަކަށް އެއްވެސް އެއްޗެއް ހުށަހަޅާ ނަމަ އެއީ ވެސް ކަރެކްޝަންސްގެ ގާނޫނާއި ގަވައިދުގެ ތެރެއިން އަންނަ އެއްޗަކަށް ވެގެން ނޫނީ އެ ހުށަހެޅުމެއް ވެސް ސައްހައެއް ނުވާނެ." ވަކީލް ވިދާޅުވި އެވެ.

ޑިސެމްބަރު 1، 2021-- "ޝުކުރިއްޔާ ރައްޔިތުން" ގެ ނަމުގައި ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އެހެން ވަކީލަކު ވިދާޅުވީ ޔާމީން ރިޔާސީ އިންތިހާބަށް ފޯމު ހުށަހަޅުއްވާ ނަމަ އެކަން ކުރެއްވޭނީ އަމިއްލަ ހައިސިއްޔަތުން ކަމަށް ބުރަވެވޭ ކަމަށެވެ.

"ގާނޫނުގައި އޮތީ ސިޔާސީ ޕާޓީއެއްގެ އެއްވެސް ކަމެއްގައި ބައިވެރި ނުވެވޭނެ ކަމަށް. އެހެންވީމާ ފޯމު އަންނަން ޖެހޭނީ އަމިއްލަ ގޮތުން ކަމަށް ގަބޫލުކުރެވެނީ. އެހެން ނޫނީ އެ ހިސާބުން ވެސް ފޯމުގެ ސައްހަކަން ގެއްލޭ،" އޭނާ ވިދާޅުވި އެވެ.

ވަކީލް ވިދާޅުވީ ފޯމު ބަލައިގަތް ނަމަވެސް ޖިނާއީ ހުކުމެއް އޮތުމުން އަނެއްކާވެސް ކެންޑިޑެސީ ބާތިލްވާނެ ކަމަށާއި ނިހާއީ ހުކުމެއް ނެތިއްޔާ ޝަރުތު ހަމަވާނެ ކަމަށް ޕީޕީއެމުން ދައްކާ ވާހަކަ އަކީ ސިޔާސީ ވާހަކައެއް ކަމަށެވެ.

"އޮތީ ހައި ކޯޓުގައި އޮތް ޔާމީންގެ މައްސަލަ ނިމި ޔާމީން ސަލާމަތްވުން އެކަނި. ޔާމީންގެ ވަކީލުން ނިހާއި ހުކުމެއްގެ ވާހަކަ ނުދައްކަވައި ހައި ކޯޓުގެ މައްސަލަ އަވަސްކުރަން އެދިވަޑައިގަންނަވަނީ ވެސް އެހެންވެ. ނިހާއީ ހުކުމޭ މި ކިޔަނީ ޕާޓީގެ ސިޔާސީ ބޭފުޅުން،" ވަކީލް ވިދާޅުވި އެވެ.

ޔާމީންގެ ވަކީލުން މިހާރު ވަނީ ޔާމީންގެ ހުކުމުގެ އިސްތިއުނާފް ހައި ކޯޓުގައި ލަސްވާ ކަމުގެ ކަންބޮޑުވުމާ އެކު ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފަ އެވެ. ކުރިން ވާހަކަ ދެއްކެވި ވަކީލް ވިދާޅުވީ ހައި ކޯޓުން ޔާމީން ސަލާމަތްވުން ނޫން ގޮތަކުން ޔާމީންގެ ކެންޑިޑެސީ ލިބޭނެ ގޮތެއް ނެތް ކަމަށެވެ. އަދި އިސްތިއުނާފީ ހުށަހެޅުންތައް ވެސް ނުނިމި އޮތް މައްސަލައި އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ނިމި ޔާމީން މިނިވަން ވެގެން ނޫނީ ކެންޑިޑޭޓަކަށް ނުވެވޭނެ އެވެ.

އޮތީ ހައި ކޯޓުގައި އޮތް ޔާމީންގެ މައްސަލަ ނިމި ޔާމީން ސަލާމަތްވުން އެކަނި. ޔާމީންގެ ވަކީލުން ނިހާއި ހުކުމެއްގެ ވާހަކަ ނުދައްކަވައި ހައި ކޯޓުގެ މައްސަލަ އަވަސްކުރަން އެދިވަޑައިގަންނަވަނީ ވެސް އެހެންވެ. ނިހާއީ ހުކުމޭ މި ކިޔަނީ ޕާޓީގެ ސިޔާސީ ބޭފުޅުން

ޔާމީންގެ ކެންޑިޑެސީ ފޯމަށް އޮތް ފުރަތަމަ ހުރަހަކީ ރާއްޖޭގައި ވަކިވަކި މީހުންނަށް އަމާޒުކޮށް ގާނޫނުތައް ހެދުމުގެ ހިތި ނަތީޖާ ނުކުންނަ ގޮތުގެ ރަނގަޅު މިސާލެކެވެ. ނަޝީދަށް އެމްޑީޕީގެ ރައީސްކަން ގެއްލުވާލަން ޖަލުތަކާއި ޕެރޯލްގެ ގާނޫނު އިސްލާހުކުރަނީ ކަމަށް އޭރު ބުނުމުން، ވެރިކަމުގައި އޮތް ޕީޕީއެމުން ދިފާއުގައި ދެއްކީ މަތި އޮމާން ވާހަކަތަކެކެވެ.

މި ބިލަކީ ޖަލުގައި ހުންނެވި ވަކި ބޭފުޅަކަށް ޕާޓީގައި ނޫޅެވޭ ގޮތަށް އޮތް ބިލެއް ކަމަށް "މީޑިއާތަކުން ވާހަކަ ފެތުރި ކަމުގައި ވިޔަސް" މިއީ ޖަލުގެ ހުރިހާ ގައިދީންނަށް އަމާޒުވާ ގޮތަށް އޮތް ބިލެއް ކަމަށް ބިލް ފާސްކުރި ދުވަހު ބައެއް މެންބަރުން ވިދާޅުވި އެވެ. ޖަލަށް މީހުން ލުމާއި ޖަލުން ނެރުމަކީ މަޖިލީހުން ކުރާ ކަމެއް ނޫން ކަމަށާއި ޖަލުގައި ހުރި މީހަކު މިނިވަންކުރާށޭ ކިޔާފައި އިހުތިޖާޖްކުރިޔަސް މަޖިލީހުން ކުރެވޭނެ ކަމެއް ނެތް ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

އަނެއް ކަމަކީ އެންމެ ފުރަތަމަ ގެނައި އިސްލާހުތައް ފާސްކޮށް ތަސްދީގުކުރަން ފޮނުވުމުން އޭރުގެ ރައީސް ޔާމީން ބިލް އަނބުރާ ފޮނުވައިލެއްވިކަމެވެ. ތަސްދީގުކުރެއްވީ އިތުރަށް ހަރުކަށިކޮށް ބިލު އިސްލާހުކޮށް އަލުން ފޮނުވުމުންނެވެ. ގައިދީންނަށް ސިޔާސީ މަސައްކަތް ކުރުމުގެ ހުރިހާ ދޮރެއް ބަންދުކުރި އެ އިސްލާހުތަކުގެ ޝިކާރައަކަށް މިއަދު ވީ ޔާމީނެވެ.

109 ކޮމެންޓް, 81 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 4%
icon angry icon angry 15%
icon wow icon wow 1%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާށޯމޮސް

24 July 2023

ގާނޫނީ ލޯޔަރުން ނަޝީދު ވެރިކަމަށް އައިވާހަކަ ނުދައްކަނީ ކީޢްވެގެންތޯއެވެ. އެއިރު މިތާ އުޅެނީ ދޮންމީހުން ތޯޢެވެ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

24 July 2023

މިހާރު ޕީޕީއެމް އަށް އޮންނާނީ ރާކަނިމަސް ކެވިފަ! ދެން ގާނޫނު ބަދަލެއް ނުކުރެވޭނެ! ޔާމީނު ގުޑްބައި.

The name is already taken The name is available. Register?

‫މަގޭ / މަތިއުތުރު

24 July 2023

މ‫ިފަދަ ލިޔުންތަކަކީ ވަރަށް މުހިއްމު ބޭނުންތެރި ލިޔުންތަކެއް. ޙަޤީޤަތް މީހުނަށް ހާމަކޮށްދޭ މޮޅު ދިރާސީ ލިޔުމެއް

The name is already taken The name is available. Register?

ކޮބާ

23 July 2023

އެމީހަަކު ފޭހުނު އިލޮށްޓެއް ހެރޭނީ އެމީހެއްގެ ލޮލަށް

The name is already taken The name is available. Register?

ރަންނަ

23 July 2023

ނަޝީދު ވަށާ އެނބުރޭ މީހުންނަށް އެކަކު ވަށާ ތޮވާފްކުރުން. ޔާމީނުވަށާ އެނބުރުނީމަ އެއީ ތާއީދުކުރުން. މުޒާހިރާ ކުރަން ބޭނުމިއްޔާ ހައްޖަށް ދާން ގޮވާ އަމިއްލައަށް މުޒާހިރާ ކިރުން ގާނޫނީ ގޮތުން މަނާކޮށްފަ މިހާރު ކޮންމެ ރެއަކު މަގުމަތީ

The name is already taken The name is available. Register?

ޢޭންޖަލް

23 July 2023

ކޮން ހިއްޗެއް؟ ވެރިކަމުގެ ބޭނުމުގަ އަންނިއާ ގުޅެންވެސް ތިތިބީ ތައްޔާރަށް. އޭނައެއީ ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވިގެން އުޅޭމީހެއް. ހާދަ ހީވެޔޭ 2008 ގަ ބަދަލަކަށް ކިޔައިގެން ވީހެން ވާންހެން މިއުޅެނީ.

The name is already taken The name is available. Register?

މިއީހަމަތާއީދު

23 July 2023

ނަޝީދު ވަށާ އެނބުރޭ މީހުންނަށް އެކަކު ވަށާ ތޮވާފްކުރުން. ޔާމީނުވަށާ އެނބުރުނީމަ އެއީ ތާއީދުކުރުން. އެމީހަކު ކުރާކަމެއްގެ ނަތީޖާ އެމީހަކާ ބައްދަލުކުރާނެއޭ ބުނާ އެތި މިއޮތީ ހަގީގަތަކަށްވެފަ. ވިސްނާ މީހުންނަށް އިބްރަތެއް

The name is already taken The name is available. Register?

ސިލްމާ ޒާހިރު

23 July 2023

ޔާމީން އަމިއްލައަށް ސިޔާސީ ޙަޔާތް ފުނޑުފުނޑުކޮއްލައިފި!

The name is already taken The name is available. Register?

ސުންދުސް

23 July 2023

"އަނެއް ކަމަކީ އެންމެ ފުރަތަމަ ގެނައި އިސްލާހުތައް ފާސްކޮށް ތަސްދީގުކުރަން ފޮނުވުމުން އޭރުގެ ރައީސް ޔާމީން ބިލް އަނބުރާ ފޮނުވައިލެއްވިކަމެވެ. ތަސްދީގުކުރެއްވީ އިތުރަށް ހަރުކަށިކޮށް ބިލު އިސްލާހުކޮށް އަލުން ފޮނުވުމުންނެވެ. ގައިދީންނަށް ސިޔާސީ މަސައްކަތް ކުރުމުގެ ހުރިހާ ދޮރެއް ބަންދުކުރި އެ އިސްލާހުތަކުގެ ޝިކާރައަކަށް މިއަދު ވީ ޔާމީނެވެ." ދެންނެވޭނީ ރާކަނި މަސް މީރުވާނޭކަމަށް އުންމީދުކުރާ ވާހަކައެވެ!

The name is already taken The name is available. Register?

އަންދަލޫސިޔާ

23 July 2023

ކީރިތި ﷲގެ ކުޅަދުންވަންތަކަން. އަނިޔާވެރިޔާގެ އަމިއްލަ ނިންމުންތަކުން ކަސްތޮޅުއެޅި ޖަލުގައި ނިމިގެންދާނީ. އަނިޔާވެރިންނަށް ދެދުނިޔޭން ވެސް އެކަމުގެ ހިތި ރަހަ ދައްކަވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454