ރައީސަށް މަރުހަބާ ދެންނެވުމަށް ފުވައްމަލުން ތައްޔާރު ވަނީ؛ ރައީސް މި ރަށަށް ވަޑައިގަންނަވާނީ މިއަދު ހަވީރު-- ފޮޓޯ: މިހާރު
30 ޖުލައި 2023 - 17:46
ރިޔާސީ ދެ ވަނަ ދައުރެއްގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފުވައްމުލަކަށް ވަޑައިގަންނަވާއިރު، ރައީސްގެ ދަތުރުފުޅާ ދިމާކޮށް މި ރަށަށް މިއޮތީ ސިޔާސީ އީދެއް އައިސްފަ އެވެ؛ މަގުތައް އޮތީ ކުލަކުލައިން ޒީނަތްތެރި ކޮށްފަ އެވެ. ޖަގަހަތައް ރީތިކޮށް، ނަލަކޮށްފަ އެވެ. އެހެން ދުވަސްތަކަށް ވުރެ މަގުމަތި ހަލަބޮއްޔެވެ.
"ރައީސްގެ މި ދައުރުގައި މިހާރު ތިން ފަހަރު މި ރަށަށް ވަޑައިގެންފި. އަޅުގަނޑުމެން އެދެނީ ވީހާ ވެސް ގިނައިން ރައީސް މި ރަށަށް ވަޑައިގެންނެވުން،" ރައީސަށް މަރުހަބާ ކިޔުމުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނެއް ކަމަށްވާ އީމާން މޫސާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ރައީސް ފުވައްމުލަކުގެ ޒުވާނުންނަށް ކޮށްދެއްވާފައިވާ ކަންކަމުގެ ލިސްޓު ވަރަށް ދިގެވެ؛ ކުޅިވަރު ކުޅޭނެ ދަނޑުތައް ހުރީ ނިމިފަ އެވެ. ރަށުގައި ސާފް ޝެކެއް ގާއިމް ކޮށްފި އެވެ. މަގުމަތީގައި ގޮތެއް ނެތި ތިބި އެތައް ޒުވާނަކަށް މިއަދު އުންމީދު ލިބިއްޖެ ކަމަށް އީމާން ދެކެ އެވެ.
"މިއަދު ކޮންމެ ގޮތެއް ވިޔަސް އަހަރެމެން ޕްރައުޑް ވޭ، އޭރު 2018 ގައި ވީ ވައުދުތަކުގެ 75 ޕަސެންޓަށް ވުރެ ގިނަ ވައުދުތައް ފުއްދާފައިވާ ރައީސް މި ސިޓީ އަށް ވަޑައިގަންނަވާތީ، އަހަރުމެން މި ތިބީ ހަމަ [ރައީސް] އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދޭން ތައްޔާރަށް،" އީމާން ބުންޏެވެ.
ފުވައްމުލަކު މަގުތައް އޮތީ ރައީސް ވަޑައިގަންނަވާތީ ވަރަށް ބޮޑަށް ތައްޔާރުކޮށްފައި-- ފޮޓޯ: މިހާރު
މި ދާއިރާގެ އެމްޑީޕީ ރައީސް އަހުމަދު މުޖުތަބާ އަބްދުﷲ ބުނި ގޮތުގައި ކޮންމެ ދާއިރާއަކަށް ބެލިޔަސް، ފެންނަން އޮތީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކަށް ގެނެސް ދެއްވާފައިވާ ތަރައްގީ އެވެ. އެންމެ މުހިންމު ކަމަކަށް އޭނާ ފާހަގަކުރީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހަދަމުން އަންނަ މަގުތަކެވެ.
"ސްކޫލު ކައިރީގައި ހުރި ހުރިހާ މަގެއް އެ ހުރީ ތާރު އަޅައި ނިމިފައި. އަންހެންވެރިން ސްކޫލުދޮށަށް އޮށްވަޅުގޮނޑިއެއް ކަހަލަ މަގުތަކުގައި ދުއްވި ދުއްވުން ނިމިފައި މިއަދު މި އޮތީ. ރާއްޖޭގެ ރަށަކަށް ލިބޭނެ އެންމެ އުފާވެރި ކަންތައް އެއީ،" އޭނާ ބުންޏެވެ.
ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ރަށުގެ ތިމާވެށިން ފެށިގެން ކުޅިވަރުގެ ދާއިރާ އަށް ބެއްޔަސް މި ފަސް އަހަރުގެ ތެރޭގައި ތަރައްގީވެފައި ނުވާ ދާއިރާއެއް ނެތް ކަމަށް އޭނާ ބުންޏެވެ.
"އެހާ ވެސް ފުރިހަމަ އަށް މި ރަށަށް ކަންކަން ކޮށްދީފައި ހުރީ މި ސަރުކާރުން،" އޭނާ ބުންޏެވެ.
ހޯދަޑު އަވަށުން ދިމާވި އުމުރުން ދުވަސްވީ އަންހެނެއްގެ ވާހަކަތައް ވެސް ހުރީ މިހެންނެވެ. ވަކި ސިޔާސީ ޕާޓީއަކަށް ތާއީދު ނުކުރިޔަސް، މި ސަރުކާރުން ރަށަށް ކަންކަން ކޮށްދީފައިވާ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
"ރައީސް މައުމޫން އިރު ބަނދަރެއް ލިބުނު. އޭގެ ފަހުން ފުވައްމުލަކު އޮތީ ބާކީވެފައި. މި ސަރުކާރުން ކަންކަން ކޮށްދީފި،" އެ މީހާ ބުންޏެވެ.
އޭނާ ބުނީ ސިޔާސީ ގޮތުން އޭނާ އަށް އެމްޑީޕީ ކަމުނުދިޔައެއް ކަމަކު ރަށަށް ކޮށްދެއްވި ކަންތައްތަކުގެ ބަދަލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބޭނެ ކަމަށެވެ.
މި ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި ރަށަށް ބޭނުންވާ ހުރިހާ ކަމެއްހެން މި ވަގުތު އޮތީ ކޮށްދީފަ އެވެ. ނުވަތަ މަސައްކަތް ނިންމަން ބަޔަކާ ހަވާލުކޮށްފަ އެވެ. އޭނާގެ ސުވާލަކަށް އޮތީ މި ފަހަރުގެ ކެމްޕެއިން ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ރަށަށް ވެވަޑައިގަންނަވާނީ ކޮން ވައުދެއްތޯ އެވެ.
"ފުވައްމުލަކުގެ ތަރައްގީ އަށް ކުރާނެ އިތުރު ކަމެއް މިހާރަކު ނެތް. އެހެންވެއްޖިއްޔާ އިތުރު ބޭފުޅަކު ކުރާނެ ވައުދެއް ވެސް ނެތް،" އޭނާ ބުންޏެވެ.
ފުވައްމުލަކު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ފޭސް އެކެއްގެ މަސައްކަތް ނިމި، ދޭއްގެ މަސައްކަތް ދަނީ ކުރިއަށް، މިހާރު ވަނީ ފޭސް ތިނެއްގެ މަސައްކަތް ވެސް ކޮންޓްރެކްޓާ ހަވާލުކޮށްފައި-- ފޮޓޯ: ޖަޒީރާ ފުވައްމުލައް/ ޓްވިޓާ
ފުވައްމުލަކުން ދިމާވި ގިނަ މީހުންގެ ހިޔާލު މިގޮތަށް ހުއްޓަސް، އިދިކޮޅު ފިކުރު ވެސް މި ރަށުގައި ކުޑައެއް ނޫނެވެ. ރައީސްގެ ދަތުރުފުޅާ ދިމާކޮށް އިދިކޮޅު ޕީޕީއެމްގެ ހަރަކާތްތައް ވެސް ވަނީ ވަރުގަދަކޮށް، ޖަގަހަތަކުގެ އަޑު ގަދަކޮށްލައިފަ އެވެ.
އިދިކޮޅު ޕީޕީއެމްގެ މެންބަރެއް ނޫން ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިހާރު ތާއީދުކުރާ ހުސައިން ބުނީ، މި ސަރުކާރުން ރަށަށް ކަންކަން ކޮށްދީފައިވާ ކަމަށް ބުނެ ދައްކަނީ ދަޅައެއް ކަމަށެވެ. އެއީ މީގެ ކުރިން ވެސް ޕްލޭންކޮށް، ބަޖެޓާ ހަމައަށް ވެސް އައިސްފައިވާ ކަންތައްތަކެއް ކަން އޭނާ ފާހަގަކުރި އެވެ.
"ރައީސެއް ވިއްޔާ ކަންކަން ކޮށްދޭން ޖެހޭނެ. ވަކި އިބްރާހިމް މުހައްމަދު ސޯލިހު ވެގެންނެއް ނޫން. ކޮންމެ ރައީސަކު ވިޔަސް. އެއީކީ ވޯޓު ދޭން ޖެހޭ ސަބަބެއް ނޫން،" އޭނާ ބުންޏެވެ.
ރައީސަށް ވޯޓު ދޭން ބޭނުން ނުވާ ސަބަބެއްގެ ގޮތުގައި އޭނާ އެންމެ ބޮޑަށް ފާހަގަކުރީ އިދިކޮޅުން ވެސް ތުހުމަތު ކުރާ "އިންޑިއާގެ މައްސަލަ" އެވެ.
މާދަނޑު އަތިރިމަތިން ދިމާވި މުހައްމަދު ސައީދު 58 ގެ ވާހަކަތައް ވެސް ހުރީ އެހެންނެވެ.
އޭނާ ދެކޭ ގޮތުން މި ސަރުކާރުން ފުވައްމުލަކަށް މާ ގިނަ ކަންކަން ކޮށްދިން ކަމަށް ބުނެވޭކަށް ނެތެވެ.
"މި ދިމާލުގައި ފަތާފެންގަނޑެއް ހަދަން ވައުދުވީ. ކޮބާ ފަތާފެންގަނޑު. ދެން ދައްކަނީ މަގުތަކުގެ ވާހަކަ. ކޮން މަގެއް؟ މި ސަރުކާރުން ކުރި ކަމެއް ނޫނޭ އެއީ. މާ ކުރީން ޕްލޭން ކުރެވި އެއްޗެހި ގެނެސްފައި ހުރި ކަންކަން. ދެން ބުނަނީ މަގުތައް ހެދީމޭ،" އޭނާ ޝަކުވާތައް އޮއްސާލި އެވެ.
"އުންމީދު ކުރި އެއްވެސް ކަމެއް ނުވޭ. ހަމަ ޒީރޯ. މި ސަރުކާރުން ފަންޑު ކޮށްގެން ލޯ ސެންޓެއް ވެސް ހަރަދުކޮށްފައި ނީންނާނެ މަގުތަކަށް."
ފުވައްމުލަކު ސައީދު "މިހާރު" އާ ވާހަކަ ދައްކަނީ
މި ރިޔާސީ އިންތިހާބުގެ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ސައީދު ވޯޓު ދެވެން އޮތީ އެންމެ ގޮތެކެވެ. އެއީ ރަނިންމޭޓަކަށް ނައިބު ރައީސް ފައިސަލް ނަސީމް އަނެއްކާވެސް ނެރެފި ހާލަތެއްގައި އެކަނި ކަމަށް ބުންޏެވެ. ސަބަބަކީ ފައިސަލަކީ މި ރަށުގެ ބޭފުޅަކަށް ވުމެވެ.
"އަޅުގަނޑުމެންނާ އެކީ މި މޫދުގައި ފަތާފައި، މިހިރަ ދަނޑުތަކުގައި ކުޅެގެން، އެކީގައި ބޮޑުވި ބޭފުޅެއް އެއީ. [ފައިސަލް އަށް] ވޯޓު ނުދިނުން ވާނީ ވަރަށް އުނދަގޫ ކަމަކަށް. އެ ކަމަކު އެއީ ރައީސަށް ދޭ ވޯޓެއް ނޫން،" ސައީދު ބުންޏެވެ.
ފުވައްމުލައް ތަފާތެވެ. ތަފާތުވާ އެންމެ ބޮޑު ސަބަބަކީ މިއީ އެއް ރަށެއްގެ ގޮތުގައި އޮތް އާބާދީ ބޮޑު ރަށަކަށް ވާތީ އެވެ. ރަށުގައި މިހާރު ވެސް އެތައް ޕާޓީއަކާއި އެތައް ކެނޑިޑޭޓަކު ކެމްޕޭން ކުރަމުން އެބަ ގެންދަވަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކަށް ވަޑައިގަތުމަކީ މި ރަށަށް އައި ސިޔާސީ އީދުގެ ފޯރި އިތުރަށް ގަދަވި ތަނެވެ.
އޮތީ އުންމީދެވެ. އެއީ އެހެން ރަށްރަށުން ވެސް ކުރަމުން އަންނަ ތަރައްގީގެ އުންމީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފގފދސ
31 July 2023
ރިޔާސީ އިންތިހާބު އަންނަން ކައިރިވީމަ ސިޔާސީ މީހުންނަށް ރަށްތައް ފެންނާނީ މިނިވަން ފަންސާހުގެ ކާނިވަލެއްހެން. 4 އަހަރާ 8 މަސް ދާނީ ތިމާގެ މޮޅުކަންފެނި ބޮޑާ ކަމުގަ. ދުނިޔޭގެ ގައުމުތަކަށް އުދުހުމުގަ. 5 އަހަރުވާން 3 މަހަށްވީމަ ކުރިންވީ ވައުދު ހަނދާނެއް ނުހުންނާނެ. އަނެއްކާ އާކޮށްލާފަ އަޑުގެ ކޮޅަށް އާވައުދުތައްވާން ފަށާނެ. ރައްޔިތުންވެސް ހަނދާނެއް ނުހުންނާނެ ކުރިންވީކަމެއް. އަނެއްކާ މަތިހަށިނަގާފަ ނާށިގަނޑު ހިފައިގެން ނުކުމެ ތިބޭނެ.
ކިރު ސައި
31 July 2023
ދިވެހި ބަހުގައި 'އެކަމަކު' މިބަސް ބޭނުންކުރަނީ މިބަހުގެ ކުރީގައި ގެނެސްދީފައިވާ ކަމަކާއި އިދިކޮޅު ނުވަތަ ތައާރުޒުވާ ކަމެއް ގެނެސް ދިނުމުގައެވެ.
ގުލްޒާރު
30 July 2023
އީދު އައީ ހިނިތުންވަމުން. މާމަލުގާ ފިތުނަކުލަޖައްސަމުން. މީރުވަހުން ޖައްވު ފަސާދަކުރަމުން. ހުތުރުވިހާ ނަލަ ހަޖޫޖަހަމުން.
ކުޑަހުވަދޫ.ކޮމް
30 July 2023
ކުޑަހުވަދޫ ބާކީ ހުރި މަގުތަކުގައި ތާރުއެޅިގެންދާނެ ކަމަށް ވައުދުވެގެން ވެރިކަމަށް އައިސް، 05 އަހަރުގެ ދައުރުގެ އެންމެ ފަހު ދުވަސްކޮޅު ގުނަމުން އެދަނީ. މިސަރުކާރުން އެޅި ތާރުކޮޅެއް އަދި ނެތް. ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައިދިން އަދި އައު ރަށު ކައުންސިލެއް މިސަރުކާރުގައި އަޅައިދިން. ދެން ކުޑަހުވަދޫއަށް ކޮށްދިން އެއްވެސް ކަމެއް ނެތް. ދެން މިވަރުން ކިހިނެއް އިބޫއަށް ވޯޓްދޭނީ؟
ހޭރޭ
30 July 2023
3 މެގަވޮޓްގެ 3 އިންޖީން. ފެނަކަ ޒަމާނީ އޮފީސް. 123 ވަޒީފާ. ޖޭޖޭ ޢިމާރާތާއި ވަޒީފާ.
ކުޑަހުވަދޫ.ކޮމް
30 July 2023
ކޮބާ ތޯ ޒަމާނީ އޮފީހަކީ؟ ރައްޔިތުން ބޭނުންވަނީ ރަނގަޅު ޚިދުމަތްތަކެއް ނުލިބޭ އައު އިމާރާތްތަކެއް ތޯ؟ ނޫ. ރައްޔިތުން ބޭނުންވަނީ އަވަސް ރަނގަޅު ޚިދުމަތް. މާލެ ނުގޮސް ވާނެ ގޮތެއް. ކޮން ތާކުން އުފެއްދި 123 ވާޒިފާއެއް ތޯ؟
ހާލުގެ ދޫ
30 July 2023
އަޅުގަނޑުމެންނަކީ ޝުކުރުކުރާ ބަޔަކު ނަމަ، ﷲ ދެއްވި ނިއުމަތަށް ޝުކުރު ކުރުމާއެކު، ފުވައްމުލަކަށް މިސަރުކާރުން ކޮށްދެއްވާ ކަންކަން ފައިސާއިންނަމަ ގުނާ ޢަދަދު ނުކުރެވޭނެ. މިކަން ފާހަކޮށް ޝުކުރު ކުރަން ޖެނޭނެ.
48343
30 July 2023
ރައްޔިތުން މޮޔަވުން ހުއްޓާންޖެހޭ.
ކޮވެލި
30 July 2023
އިދިކޮޅު ޕާޓީތަކުގެ ބޭނުމަކީ ތަފާތު ސިޔާސަތު. ސިޔާސަތެއް ނެތް. ހަޅޭލަވާފައި ހުތުރު އެއްޗިހި ގޮވުމަކީ ސިޔާސަތެއް ނޫން. އިންޑިޔާ އެކަހެރި ކޮށްލަާ އެއްލާލެވޭނެ ސަރުކާރެއް ދިވެހި ރާއްޖެއަކަށް ނާންނާނެ. އެއީ ދިވެހިންގެ އެންމެ ބޮޑު އަވަށްޓެރިޔާ.
ފ898
31 July 2023
އިނޑިޔާއަކީ 2 ވަނަ އިޒުރޭލު. އެވަރުގެ ބަޔަކު ނަގާ ކިހިލި ޖެހީމަ ވާނެއެތި މިވަނީ. މިގައުމުގެ ހަޒާނާގަ އެންމެ ލާރިއެއްނެތް. އިންޑިޔާއިން ދިން އެއްޗަކުން ގައުމު ހިންގަނީ. އިންޑިޔާ މީހުން ގިނަވެ މިގައުމުގެ ދިވެހިންނަކީ މައިނޯރިޓީއަށްވެ ނިމިއްޖެ. ވަޒީފާއެއް ލިބޭނެގޮތެއްނެތް. ކޮރަޕްޝަން ނޫންއެއްޗެއް މިގައުމުގައިނެތް. މިއީ ހަމަ ކޮރަޕްޓް އިންޑިޔާއަށްވެ ނިމިއްޖެ. މިއީ ގައުމެއް ނަގާ އެއްލާލަންޖެހޭ ހިސާބަކީ. މާދަމާ މިގައުމަކީ މިޔަންމާއަށްވެދާނެ.
އޮނަރަބްލް އަފީފު ދީދީ
30 July 2023
ތެދުފުޅެއް. ވެރިކަމުގައި ހުންނެވި ބޭޅާގެ ތަރައްޤީ (އަނދެގެން ހުރި އެތިގަނޑު ހިއްކުނުވަރަކަށް) ނުފެންނަ ހިސާބެއްނެތް. އައްޑޫސިޓީގެ ކުރޫޒްލައިނަރ ޓާމިނަލް، އާ ހޮސްޕިޓަލް އިމާރާތް، އިންޓަރނޭޝަނަލް ސްޓޭޑިއަމް، 8000 ޓްއަރިސްޓް އެނދު، ފަސް މަންޒިލުން ޝެޑިއުލް ފްލައިޓް، ސީޕްލޭން ހިދުމަތް، އަހަރަކު ދޮޅު މިކިޔަން ޕެސެންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ގޭންއެއަރޕޯޓް ތަރައްޤީ ކުރުން ފަދަ އެތައް ކަމެއް އައްޑޫގައިވެސް (ކަރުދާހުގައި) ކޮށް ނިންމައިފި.
1828
30 July 2023
އިބޫއަށް ވޯޓް ދިނުން ހައްޤެއް ނޫން ތޯ؟
1235
30 July 2023
"ރައީސް މައުމޫން އިރު ބަނދަރެއް ލިބުނު. އޭގެ ފަހުން ފުވައްމުލަކު އޮތީ ބާކީވެފައި. މި ސަރުކާރުން ކަންކަން ކޮށްދީފި،" އޭނާ ބުންޏެވެ. އެއާޕޯރޓް އެޅިއިރު މިދައްްތަ އޮތީ ދިގު ނިންޖަކުން ނިދާފަބާ!
އެބަސޮރ
30 July 2023
ޝުކުރުވެރިވުމަކީ އޮންނަންޖެހޭކަމެއް. ރައީސަށް ޝުކުރު ހައްގު.