މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކަށް މިއަދު ވަޑައިގަތުމުން އެތައް ސަތޭކަ ބަޔަކު ނުކުމެ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ރައީސް ފުވައްމުލަކަށް ވަޑައިގަތުމުން އެއާޕޯޓުން އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ، މި ރަށަށް އުފަން ނައިބު ރައީސް ފައިސަލް ނަސީމެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ 31 ވަނަ މަންޒިލެއްގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކަށް ވަޑައިގެންނެވުމުން، އެ މަނިކުފާނަށް މަރުހަބާ ކިޔަން އެތައް ސަތޭކަ ބަޔަކު ނުކުމެ އެއާޕޯޓް ސަރަހައްދުގައި ދިގު ކިއޫއެއް ހެދި އެވެ. އެ އެންމެންނާ ރައީސް ސަލާން ކުރެއްވި އެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި އެ ޕާޓީ އާއި ސަރުކާރުގެ ބައެއް އެހެން އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދި އެމްޑީއޭގެ ލީޑަރު، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ފުވައްމުލަކަށް ވަޑައިގަތެވެ.
ރައީސްގެ ދަތުރުފުޅާ ދިމާކޮށް، އިދިކޮޅު ޕީޕީއެމްގެ ބައެއް މީހުން ނުކުމެ ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުރި ނަމަވެސް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅައި ދުރުކޮށްފަ އެވެ. އެ މީހުން ދަތުރުކުރި ލޮރީ ވެސް ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ފުވައްމުލަކު ސްކޫލްގައި އަލަށް އިމާރާތްކުރި މަލްޓިޕާޕަސް ހޯލާއި ދޫޑިގަން އަވަށު ފުޓުބޯޅަ ދަނޑު ވެސް ރައީސް މިއަދު ހުޅުއްވައި ދެއްވި އެވެ. އަދި އަލަށް ފަށާ ހޯމް ސޯލާ ޕްރޮގްރާމް މާދަމާ އިފްތިތާހު ކޮށްދެއްވާނެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއް ދުވަހުގެ މި ދަތުރުފުޅުގައި، ފުނާޑު އަވަށުގައި ހެދި ޕޮލިޓިކަލް ސެންޓަރާއި އަދާލަތު ޕާޓީގެ ޖަގަހައެއް ވެސް ހުޅުއްވައި ދެއްވަނީ ވަނީ ހަމަޖެހިފަ އެވެ.
ފުވައްމުލަކުގެ އެމްޑީޕީގެ ކެމްޕެއިނު ބޮޑު ޖަލްސާ "އުފާވެރި އަމާން ރާއްޖެ" އޮންނާނީ މިރޭ މައިލޯ ދަނޑުގަ އެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން، އެ މަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރުގެ ނައިބު ރައީސަކީ ވެސް ފައިސަލްކަން އިއުލާން ކުރައްވާނެ ކަމަށް ބުނެ ކުރިން އަޑު ފެތުރިފައިވީ ނަމަވެސް އެމްޑީޕީން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ ފޯމު ދެ ދުވަހެއްގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.