ރ. އުނގޫފާރު އިސްލާމިކް ސެންޓަރު: 155 ރަށެއްގެ މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއެއް ފަށަން އަންނަނީ ތައްޔާރުވަމުން.-- ފައިލް ފޮޓޯ: އިސްލާމިކް މިނިސްޓްރީ
31 ޖުލައި 2023 - 11:31
ރާއްޖޭގެ 155 ރަށެއްގެ މިސްކިތުގައި ސޯލާ ޕެނަލް ހަރުކޮށް، ހަމައެކަނި އަވީގެ ހަކަތަ ބޭނުންކުރާ ގޮތަށް ބަދަލުކުރުމުގެ މަޝްރޫއެއް ފަށަން ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ 155 ރަށެއްގެ 155 މިސްކިތެއްގައި ސޯލާ ޕީވީ ނިޒާމު ގާއިމްކުރުމަށް މަޝްރޫއެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެ ނިޒާމު ގާއިމްކުރުމަށް ބޭނުންވާ ސޯލާ ފީވީ ސިސްޓަމްތައް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން މި މަހު އިއުލާންކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 17 ގެ ކުރިން ބިޑް ހުށަހަޅަން ޖެހެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ދައުލަތުން 10 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ހަވާލުކުރާނީ ފެނަކަ ކޯޕަރޭޝަންއާ އެވެ. އަދި އެ ނިޒާމު ބަލަހައްޓާނީ ރަށު ކައުންސިލުތަކުންނެވެ.
"މިއީ ސަރުކާރުން ކައުންސިލްތަކަށް ހިލޭ ފޯރުކޮށްދޭ އެހީތެރި ކަމެކެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މި ވަގުތު މިނިސްޓްރީގައި ހުރި ސާމާނު ބޭނުންކޮށްގެން އަންނަ މަހު ބައެއް މިސްކިތްތަކުގައި މަސައްކަތް ފަށާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ޑެޕިއުޓީ މިނިސްޓަރު އަލީ މާޖިދު ވިދާޅުވީ، މި މަޝްރޫއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާންކުރައްވާފައިވާ "ނެޓް-ޒީރޯ 2030" ޓާގެޓް ހާސިލްކުރުމަށާއި ކައުންސިލުތަކުން މިސްކިތްތަކުގެ ކަރަންޓް ބިލަށް ކުރާ ހަރަދުގެ ބޮޑު ބައެއް އެހެން މަސައްކަތްތަކަށް ބޭނުންކުރުމަށް އެހީވުމުގެ ގޮތުން، ރައީސްގެ އިސްނެންގެވުމަށް ހިންގާ މަޝްރޫއެއް ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް ކައުންސިލުތަކަށް އަމާޒުކޮށްގެން މިފަދަ އިތުރު މަޝްރޫއުތައް ހިންގުމަށް ވެސް ސަރުކާރުވަނީ ނިންމާފައި،" މާޖިދު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އަހަރަކު އަށް މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް މިނިސްޓްރީން އަންދާޒާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތި.ާވެށި
01 August 2023
މިސްކިތްތަކާއި އާއްމު ތަންތަނުގައި ސޯލާޕެނަލްތައް ހަރުކުރުން ވަރަށް ރަގަޅު. އަދި ސަރުކާރާއި ކައުންސިލް އޮފީސް އިމާރާތްތަކުގައިވެސް ޖެހޭ ހަރުކުރަން.
ބޮޑުމީހާ
31 July 2023
ސެޕްޓެމްބަރ 9 އައުމުގެ ކުރިން މިގައުމުގެ ހުރިހާ ގެއެއްގަވެސް ސޯލާ ހަރުކުރާނެ. 5 އަހަރުން ނުވިކަމެއް ދެން 2 މަހަކުން ނުވާނެ.
ދަ ޑިމޮކްރެޓްސް
31 July 2023
ބަޖެޓުން އަހަރަކަށް 8 މިލިޔަން ސަލާމަތްކުރެވޭއިރު ތިޔަ ޕެނަލްތައް މެއިންޓެއިންކުރެވޭނޭ އިންތިޒާމަކާިއ އެކަމަށް ކުރަންޖެހޭނެ ޚަރަދު އަންދާޒާ ކޮށްލެވުނުތޯ؟؟ ސޯލާ ޕެނަލްއޭ ބުންޏެއްކަމަކު އެއަށްދިމާވާ ކުޑަކުޑަ މައްސަލައެއް ޙައްލުކުރުމަށްވެސް އެތައްހާސް ރުފިޔާ ޚަރަދުކުރަންޖެހޭ. ކުޑަރަށެއް ބޮޑުރަށެއްނެތި 50 މީހުންގެ އާބާދީގެ ރަށްތަކަށްވެސް މިލިޔަން ރުފިޔާގެ ޕްރޮޖެކްޓްތައް ހިންގިދާނެ. އޭރުން މުސްތަޤަބަލުގައި ވާނެގޮތަކީ ކޮބައިތޯ؟؟ މިކަމާ ވިސްނީކާކު؟؟
ނުރަބޯ
31 July 2023
އަސްލަންޓޭ އަންގަނީ ރައީސް އަދި ވަޢުދެއްވިޔަކަސް އެ ވަޢުދެއް ފުއްދާކަށް ނުޖެހޭނެޔޯ……!!!
ޕެނަލިސްޓު
31 July 2023
ކޮން ބަޔަކުތަ ސޯލާ ޕެނަލްގެ ވިޔަފާރި ކުރަނީ ރާއްޖޭގައި؟
ސޯބު
31 July 2023
ކޮބާހޭ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިއްތައް އޭސީ ކުރަން ވީ ވައުދު؟
ސަސި
31 July 2023
ވަރަށް ބޮޑަށް މަރުހަބާ، ރާއްޖޭގެ ހުރިހާ މިސްކިތެއް އޭސީ ކޮށް ނިންމާފަ ދެން މިއޮތީ ސޯލާ ހަރުކުރުން