ދުނިޔެ / ޑޮނަލްޑް ޓްރަމްޕް

އިންތިޚާބާ ގުޅޭ ތުހުމަތުތަކުގައި ޓްރަމްޕަށް ދައުވާކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް

02 އޯގަސްޓް 2023 - 14:54

1 comments

އެމެރިކާގައި 2020 ވަނަ އަހަރު އޮތް ރިއާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ޖިނާއީ ދައުވާ އިއްޔެ އުފުލައިފި އެވެ.

މިއީ، ޓްރަމްޕުގެ މައްޗަށް ޖިނާއީ ތަފާތު ތުހުމަތުގައި، ހަތަރު މަސް ތެރޭގައި އުފުލި ޖިނާއީ ތިން ވަނަ ދައުވާ އެވެ. އިންތިޚާބު އޮޅުވައިލަން މަސައްކަތް ކުރެއްވިކަމަށް ކުރެވޭ ތުހުމަތުތައް، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ ފަރާތުން ތަހުގީގު ކުރުމުގައި އިސްވެ ހުންނެވީ ސްޕެޝަލް ކައުންސެލް ޖެކް ސިމިތު އެވެ.

ތަހުގީގަށް ފަހު އޭނާ ނިންމެވީ، ރިއާސީ އިންތިޚާބު އޮޅުވައިލުމަށް މަސައްކަތް ކުރެއްވިކަން ސާބިތުކުރެވޭ ވަރަށް ހެކި ހުރުމާ ގުޅިގެން، ޓްރަމްޕުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށެވެ. މި ދައުވާގައި، ޖަސްޓިސް ޑިޕާޓްމަންޓްގެ ފަރާތުން ތަފާތު ހަތަރު ކުށެއް ހިމަނާފައިވެ އެވެ.

އެ ހަތަރު ކުށަކީ؛ ދައުލަތަށް އޮޅުވައިލުމަށް ރޭވުން، ދައުލަތުގެ ރަސްމީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުން، ދައުލަތުގެ ރަސްމީ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅަން ރޭވުން، އަދި އަނެކުންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅަން ރޭވުމުގެ ކުށެވެ.

މީގެ ތެރެއިން، ދައުލަތަށް އޮޅުވައިލުމަށް ރޭވުމުގެ ކުށް އެކަނި ސާބިތުވިޔަސް، ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެފަދަ ހުކުމެއް އިއްވައިފި ނަމަ، ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީ އެވެ.

މި ކުށްތަކުގައި ޓްރަމްޕުގެ މައްޗަށް ދައުވާ ކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓުން ނިންމީ، ތަހުގީގުގައި ޓްރަމްޕުގެ ވެރިކަމުގެ ދުވަސްވަރު އޭނާގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި، ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ގާނޫނީ ވަކީލުންގެ ބަޔާންތަކުގެ މައްޗަށެވެ. އޭގެ އިތުރުން، ޓްރަމްޕުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުންގެ ވާހަކަތަކުން ވެސް، އެ ތުހުމަތުތަކަށް ބާރު ލިބެ އެވެ.

މި ހަތަރު ކުށުގެ ދައުވާއާ ގުޅޭ ގޮތުން ބާއްވާ އިބްތިދާއީ އަޑުއެހުމަކަށް، ވޮޝިންޓަން ޑީސީގެ ފެޑެރަލް ކޯޓަށް މާދަމާ ހާޒިރުވުމަށް މިހާރު ވަނީ ޓްރަމްޕަށް އަންގައިފަ އެވެ. ނަމަވެސް ޓްރަމްޕުގެ ވިދާޅުވަމުން ގެންދަވަނީ އިންތިޚާބާ ބެހޭ ގޮތުން އޭނާ އެއްވެސް ގޯހެއް ހައްދަވާފައި ނުވާނެ ކަމަށެވެ.

ޓްރަމްޕު ވިދާޅުވި ގޮތުގައި ޖަސްޓިސް ޑިޕާޓްމަންޓުގެ ފަރާތުން ސްޕެޝަލް ކައުންސެލް ޖެކް ސިމިތު މަސައްކަތް ކުރައްވަނީ، ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ދޮރު ޓްރަމްޕަށް ބަންދުކުރުމަށެވެ.

ރިއާސީ އިންތިޚާބުގެ ނަތީޖާއާ ގުޅޭ ގޮތުން ޓްރަމްޕަށް ދައުވާ ކުރަނީ، އިންތިޚާބުގެ ރަސްމީ ނަތީޖާ ތަސްދީގުކުރުމަށް، ޖެނުއަރީ 6، 2021 ގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުން ހިނގަމުން ދަނިކޮށް، ޓްރަމްޕުގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ފޮނުވައިގެން ހަމަނުޖެހުން ހިންގުމާ ގުޅިގެންނެވެ.

ސަޕޯޓަރުން ކެޕިޓޯލް އަށް ވަދެގަތީ، ގާނޫނު ހަދާ މަޖިލީހާ މާ ދުރު ނޫން ހިސާބެއްގައި ބޭއްވި ބައްދަލުވުމެއްގައި، ހުރިހާ އެންމެން އެ އިމާރާތް ދޮށަށް ދިއުމަށް ޓްރަމްޕު ގޮވައިލެއްވުމާ ގުޅިގެންނެވެ. އޭނާގެ ގޮވައިލެއްވުމަށް ކެޕިޓޯލްގެ ތެރެއަށް 2000 އަށް ވުރެ ގިނަ މީހުން ވަދެގަތް އިރު، ބައެއް މީހުން ވަނީ އެ އިމާރާތަށް އެކިވަރުގެ ގެއްލުންތައް ދީފަ އެވެ.

ޓްރަމްޕުގެ ގޮވައިލެއްވުމަށް އޭނާގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެގަތީ، ނޮވެމްބަރު 2020 ގައި ބޭއްވި ރިއާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ތަސްދީގު ކުރުމުގެ ޖަލްސާ، ފެށިގެން ކުރިއަށް ދަނިކޮށެވެ. އެ ޖަލްސާގެ ރިއާސަތުގައި އިންނެވީ، ސެނެޓްގެ ރައީސް ހައިސިއްޔަތުން، އެމެރިކާގެ އޭރުގެ ނައިބު ރައީސް މައިކް ޕެންސް އެވެ.

އެ ޖަލްސާ އަށް ހުރަސް އެޅުއްވުމަށް ކެޕިޓޯލް އަށް ވަޑައިގަތުމަށް ވެސް އެ ދުވަހު ރައީސް ޓްރަމްޕު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ހަށިފާރަވެރިން ހުރަސްއެޅުމުގެ ސަބަބުން އެކަން ނުވީ އެވެ.

އެއާ އެކު ޓްރަމްޕު އެ ދުވަހު، އޭނާގެ ނައިބު ރައީސް މައިކް ޕެންސްގެ އަރިހުން އެދިވަޑައިގަތީ، އިންތިޚާބުގެ ނަތީޖާ ތަސްދީގު ނުކުރެއްވުމަށެވެ. ނަމަވެސް، އެ އިންތިޚާބުގައި ކުރި ހޯއްދެވީ މިހާރުގެ ރައީސް ޖޯ ބައިޑެން ކަމަށާއި، އިންތިޚާބުގެ ނަތީޖާގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ، ޕެންސް، ޓްރަމްޕަށް އެއްބާރުލުމެއް ނުދެއްވި އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަންތިމަރިޔަނބު.

02 August 2023

މިގޮލާ ޖަލަށްލާ ދުވަހަކުން ހަވާވެސް އަރުވާނަން. މީނާގެ ވެރިކަމުގަ ކިރިއާ އިރާނަށް ހަމަލާނުދިނީ. ހަމަލާދިންނަމަ ދެފަރާތުން ހާދަ ބަޔަކު މަރުވީހޭ. ގާސިމު ސުލައިމާނީ ޝަހީދުކޮށްލި އަނިޔާވެރިއާ ޓުރަމްޕެޓު. ކޮންމެހެންވެސް ޖަލަށްލާންޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454