ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ގާނޫނު ހަދާ މަޖިލީހުގެ ފަހު ދައުރުގައި މެމްބަރުންނާ މުހާތަބު ކުރައްވަނީ: މަޖިލިސް މިހާރު ވަނީ އުވާލާފަ .-- ފޮޓޯ: އޭޕީ
10 އޯގަސްޓް 2023 - 12:42
އިސްލާމްއާބާދު (އޯގަސްޓް 10) - ޕާކިސްތާނުގައި އާ ސަރުކާރެއް އެކުލަވައިލުމަށް މަގު ފަހިކުރުމުގެ ގޮތުން، އެ ގައުމުގެ ރައީސް އާރިފް އަލްވީ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އިއްޔެ އުވާލައްވާފައިވަނިކޮށް، އާންމު އިންތިޚާބު ފަސްކުރަންޖެހޭ ކަމަށް އެ ގައުމުގެ އިންތިހާބުތަކާ ބެހޭ އިދާރާ އިން ބުނެފި އެވެ.
ޕާކިސްތާނުގެ ދުސްތޫރީ އިންތިޒާމުތައް ހަމަޖެހިފައި އޮންނަ ގޮތުން، ގާނޫނު ހަދާ މަޖިލިސް އުވާލައިފި ނަމަ، އައު ސަރުކާރެއް އެކުލަވައިލުމަށްޓަކައި، ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި އާންމު އިންތިޚާބު ބާއްވަންޖެހެ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަން އޮފް ޕާކިސްތާން (އީސީޕީ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް ރޭވިފައި އޮތް ބޯހިމެނުމުގައި އާބާދީއަށް އަންނަ ބަދަލުތަކަށް ބިނާކޮށް، އިންތިޚާބީ ދާއިރާތަކުގެ އިންތައް އަލުން ކަނޑައަޅަންޖެހޭނެ ކަމަށެވެ.
އީސީޕީގެ އިސް އޮފިޝަލަކު ބީބީސީ އަށް ވިދާޅުވި ގޮތުގައި އިންތިޚާބު ބޭއްވޭނީ ކުރިއަށް އޮތް ބޯހިމެނުމުގައި ނަގަން ހަމަޖެހިފައިވާ ތަފާސްހިސާބުތައް އެއްކޮށް ނިމުނީމަ އެވެ.
"އިންތިޚާބު ބޭއްވޭނީ ބޯހިމެނުން ނިމުނީމަ. ބޯހިމެނުމަށް ގާތްގަނޑަކަށް ހަތަރު މަސްދުވަސް ނަގާނެ ކަމަށް ބެލެވޭ. އެހެންކަމުން، އަންނަ އަހަރުގެ ކުރީކޮޅާ ހަމައަށް އިންތިޚާބު ފަސްވެގެން ހިނގައިދާނެ،" އީސީޕީގެ އޮފިޝަލް ވިދާޅުވި އެވެ.
ބޯހިމަނައި ނިމޭއިރު އާބާދީގެ އަދަދަށް އަންނަ ބަދަލަށް ބިނާކޮށް، އިންތިޚާބީ ދާއިރާތަކުގެ އިންތައް އަލުން ކަނޑައެޅުމަށް ވެސް މަސްތަކެއް ހޭދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި އާންމު އިންތިޚާބު ބޭއްވުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. އެހެންކަމުން، މިހާރު ވެސް ސިޔާސީ ހަމަނުޖެހުންތަކެއްގެ ތެރޭގައި އޮތް ޕާކިސްތާނުގެ ސިޔާސީ މަސްރަހު އިތުރަށް ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ.
ރައީސް އާރިފް އަލްވީ، ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލިސް އުވައިލެއްވީ އިއްޔެ އެވެ. ގާނޫނު ހަދާ މަޖިލިސް އުވައިލުމާ ގުޅިގެން، އިންތިޚާބު ބާއްވައި އައު ސަރުކާރެއް އެކުލަވައިލެވެންދެން ވެރިކަން ކުރާނީ ވަގުތީ ބޮޑުވަޒީރަކު އެކުލަވައިލާ ސަރުކާރަކުންނެވެ.
އެހެންކަމުން، ވަގުތީ ބޮޑުވަޒީރަކަށް އައްޔަންކުރާނެ ބޭފުޅެއްގެ ނަން، ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ހުށަހެޅުމަށް، ރައީސް އަލްވީ ވަނީ، މަގާމުން ވަކިވެވަޑައިގެންނެވި ބޮޑުވަޒީރު ޝާހްބާޒް ޝަރީފަށާއި އޭނާގެ ކެބިނެޓަށް އިއްޔެ އަންގަވައިފަ އެވެ.
އާންމުން ދެކޭ ގޮތުގައި އިންތިޚާބު ފަސްކުރަން ނިންމީ، ވެރިކަންކުރާ ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން)އާއި ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދަށް ރައްޔިތުންގެ ތާއީދު ކުޑަވެ، އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ. ވެރިކަންކުރާ އިއްތިހާދުގެ މަގުބޫލުކަން ދަށަށް ދަނީ، އިދިކޮޅު މައި ޕާޓީ ކަމުގައިވާ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީ (ޕީ.ޓީ.އައި)ގެ ލީޑަރު އިމްރާން ޚާންގެ މަގުބޫލުކަން އިތުރުވަމުން ދާތީ އެވެ.
ނަމަވެސް އިމްރާން ޚާން މިހާރު ހުންނެވީ ތިން އަހަރުގެ ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން އިސްލާމް އާބާދުގެ ޖަލުގައި ހައްޔަރުކޮށްފަ އެވެ. އޮގަސްޓް 5، 2023 ގައި އިސްލާމް އާބާދުގެ ކޯޓުން އިމްރާންގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވީ، އޭނާ ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ދުވަސްވަރު (2018-2022) ހިންގެވި ކޮރަޕްޝަންގެ ކުށްތަކެއް އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ.
އިމްރާންގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވީ ބޮޑުވަޒީރުގެ ހައިސިއްޔަތުން ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ބައެއް ތަކެތި ޤާނޫނާ ޚިލާފަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރައްވައި، އެކަން ސަރުކާރުގެ އިދާރާތަކަށް ސިއްރު ކޮށްފައި އޮތުމުންނެވެ.
ޖަލު ހުކުމާ ގުޅިގެން، އެ ގައުމުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން މި މަހުގެ 8 ވަނަ ދުވަހު ވަނީ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވުން، އިމްރާން ޚާނަށް މަނާކޮށްފަ އެވެ.
ކޮރަޕްޝަންގެ ތުހުމަތުގައި، މިދިޔަ މެއި މަހުގެ ކުރީކޮޅު އިމްރާން ޚާން ހައްޔަރުކުރުމާ ވިދިގެން، ޕާކިސްތާނުގެ ބޮޑެތި ހުރިހާ ސަހަރުތަކެއްގައި ސަރުކާރާ ދެކޮޅަށް އާންމުން މުޒާހަރާކޮށް، ސަލާމަތީ ޚިދުމަތްތަކުގެ އިމާރާތްތަކަށާއި މަރުކަޒުތަކަށް ގެއްލުންދީ ބައެއް ތަންތަނުގައި ހުޅުޖެހި އެވެ. އެ ހަމަނުޖެހުންތައް މައިތިރިކުރުމަށް ފުލުހުން ކުރި މަސައްކަތުގައި އަށް މީހަކު މަރުވެ އިތުރު 1400 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި އެވެ.
އުމުރުން 70 އަހަރުގެ އިމްރާން ޚާން ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި އޭނާ ޖަލަށް ލުމުގެ ފަހަތުގައިވަނީ، އެ ގައުމުގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވާ، ވަރުގަދަ އަސްކަރިއްޔާ އެވެ. ސިފައިންގެ އަމާޒަކީ އޭނާ ޖަލުގައި ހައްޔަރުކޮށް އޭނާގެ ޕާޓީ ސުންނާފަތިކޮށްލުން ކަމަށް އިމްރާން ތުހުމަތުކުރައްވަ އެވެ.
އިމްރާން ޚާން ވިއްކަވައިލެއްވި، ދައުލަތަށް ލިބުނު ހަދިޔާތަކުގެ އަގު 140 މިލިއަން ޕާކިސްތާން ރުޕީ (497500 ޑޮލަރު) އަށް އަރާ ކަމަށް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެ އެވެ. މި މައްސަލައިގެ ހުކުމުގައި ފަނޑިޔާރު ހުމައްޔޫން ދިލާވަރު ވިދާޅުވެފައިނީ އިމްރާން ޚާންގެ އަމާނާތްތެރިކަމެއް ނެތް ކަން، އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
އޭގެ އިތުރުން، ދައުލަތުގެ މުދަލުން ވިޔަފާރިކޮށްގެން ލިބުނު މަންފާ ގަސްދުގައި އަދި އަމިއްލަ އިޚްތިޔާރުގައި ލިބިގެންފައިވުމުން، ކޮރަޕްޝަންގެ އަމަލުން އޭނާ ކުށްވެރިވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ. މި ކުށް ސާބިތުވުމާ ގުޅިގެން، ތިން އަހަރަށް ޖަލަށް ލުމުގެ އިތުރުން ޖޫރިމަނާގެ ގޮތުގައި 100000 ރުޕީ ކޯޓަށް ދެއްކުމަށް ވެސް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.
މި ހުކުމާ އެކު ކަނޑައަޅާފައިވާ ޖޫރިމަނާގެ ފައިސާ ނުދައްކައިފި ނަމަ، އިތުރު ހަ މަސްދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އިމްރާން ޚާންގެ މައްޗަށް މިހާރުވެސް 100 އަށް ވުރެ ގިނަ ޖިނާއީ މައްސަލަ ކޯޓުތަކުގައި ބަލަމުންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުހާ..
10 August 2023
ޢިމްރާހާނުގެ މައްޗަށް ކުށް ސާބިތުކުރަން ޕާކިސްތާނުގަ ވެސް އަދީބާއި ޒިޔަތު ހުންނާނެ ދޯ. އެހެންވީމަ ސާބިތުވާނެ.