ރޭ ކުޅުނު މެޗުގައި ރާއްޖޭގެ ޓީމު ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ލަންކާ ބްލޮކު މަތިން ބޯލައެއް ފޮނުވާލަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
16 އޯގަސްޓް 2023 - 11:11
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ އަންހެން ގައުމީ ވޮލީބޯޅަ ޓީމުން ސްރީލަންކާއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ ތިން މެޗުގެ ސީރީޒްގެ ފަހު މެޗުން ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގެ ސެޓުތައް ލަންކާ ގެންދިޔައީ 25-18، 25-17 އަދި 25-13 އިންނެވެ.
ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ރާއްޖޭން ކުރިއެރުން ހޯދި އެވެ. ދެވަނަ މެޗު ރާއްޖެއަށް ގެއްލުނީ ވާދަވެރި ކުޅުމަކަށް ފަހު 3-1 ސެޓުންނެވެ.
ފުރަތަމަ މެޗުގައި ރާއްޖޭގެ ޒުވާން ސެންޓަ ކުޅުންތެރިޔާ ނަރީމާ އިދުރީސް (ނަންނި)ގެ ކަކުލަށް ވަނީ އަނިޔާ ވެފަ އެވެ. އަނިޔާގެ ސަބަބުން ފަހު ދެ މެޗުގައި އޭނާ ކުޅެފައެއް ނުވެ އެވެ.
ތައިލެންޑްގެ ތަޖުރިބާކާރު ކޯޗު ވިޗީޕޮން ފޯންޗާޓްޔިންޗީޕްގެ އިރުޝާދުގެ ދަށުން ކުޅޭ ރާއްޖޭގެ އަންހެން ގައުމީ ޓީމު ވަނީ، މި ސީރީޒްގެ ކުރިން ތައިލެންޑުގައި ޓްރޭނިން ކޭމްޕެއް ވެސް ފުރިހަމަ ކޮށްފަ އެވެ. އެ ދަތުރުގައި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ވެސް ބައިވެރިވި އެވެ.
އަންހެން ވޮލީ ޓީމެކޭ އެއްގޮތަށް ފިރިހެން ޓީމު ވެސް އަންނަނީ ލަންކާއާ ދެކޮޅަށް ތިން މެޗުގެ ސީރީޒް އެއް ކުޅެމުންނެވެ. ފުރަތަމަ ދެ މެޗުން ފިރިހެން ޓީމު ސީދާ ތިން ސެޓުން ބަލިވެފައި ވާއިރު، މިރޭ 8:30 ގައި ފަހު މެޗު ކުޅޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞެލެވެނީން
17 August 2023
ބޮޑު ޙަރަދު ކޮއގެން ކީއްބާ މިކުރަނީ ހަމަ ބާސްކެޓް ވެސް މިވަރު ހުއްޓާލަކައްނުވޭތޯ ތިޔަކަންތައް ، ބޭރުގައުމަކައް ގޮސް އަންނަނީ ސޮޕިން ކޮއްލައިގެން