ޚަބަރު / އާދަމް ހަލީމްގެ މަރު

ސަމާހު މެރުމަށް ހުކުމްކުރީ ރަނގަޅަށް: ދައުލަތް

ސަމާހު: އޭނާ މެރުމަށް ކުރި ހުކުމް ދަމަހައްޓައިދޭން ދައުލަތުން ވަނީ އެދިފައި --- ފޮޓޯ/ޕޮލިސް

ކ. ކާށިދޫގައި ފުލުހުންގެ ސާޖަންޓް އާދަމް ހަލީމްގެ މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މުހައްމަދު ސަމާހުގެ މަރުގެ ހުކުމް ދަމަހައްޓައިދޭން ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެދެފި އެވެ.

ކާށިދޫގައި ޖުލައި، 2012 ގައި އާދަމް ހަލީމަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި އެރަށު ސުވާސާގޭ، ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން އޮތީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ ސަމާހުގެ ފަރާތުން ވަނީ އިސްތިއުނާފްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ސަމާހު ދަށު ކޯޓުގައި ކުށަށް އެއްބަސްވެފައި ވާއިރު އެއީ ގާނޫނީ ގޮތުން ސައްހަ އިއުތިރާފެއް ކަމަށެވެ. އޭނާ ކުށަށް އިއުތިރާފްވީ ބުއްދި ސަލާމަތުން ހުރެ އަމިއްލަ އިހްތިޔާރުގައި އަދި އޭގެ ނަތީޖާ އެނގިހުރެގެން ކަމަށް ދައުލަތުން ބުންޏެވެ.

އާދަމް ހަލީމަށް ހަމަލާދިނީ މަރާލުމުގެ ގަސްދުގައި ނޫން ކަމަށް ސަމާހު ބުނެފައި ވިޔަސް، ދައުލަތުން ބުނި ގޮތުގައި ހަމަލާދިނީ ވަޅިއަކުން ކަމަށްވާތީ ގަސްދު އޮތް ކަމަށް ބަލަން ޖެހޭނެ އެވެ. އަދި އިސްލާމީ ޝަރީއަތުގައި ނިޔަތް ދެނެގަންނަނީ ބޭރުފުށުން ފެންނަން ހުރި ކަންކަމަށް ބަލައިގެން ކަމަށް ބުންޏެވެ. އަދި ވަޅިއެއް ހިފައިގެން ދިޔައީ އާދަމް ހަލީމަށް ބިރު ދެއްކުމުގެ ގޮތުން ކަމަށް އޭނާ ބުންޏަސް، ދައުލަތުން ބުނި ގޮތުގައި އެ ހާދިސާ ހިނގި ގޮތުން އެއީ ގަސްދުގައި ކުރި ކަމެއް ކަމުގެ ހެކި އެބަހުއްޓެވެ.

ބަދިގެއަށް ވަދެ ވަޅިއެއް ހިފައިގެން ނުކުމެ އާދަމްގެ ކޮނޑާ ދިމާލުން ވަޅި އެއްކޮށް ހަރާލީ ކަމަށް ދައުލަތުން ބުންޏެވެ. އަދި ސަމާހުގެ އަމިއްލަ އިއުތިރާފުން ވެސް، އޭނާގެ ގަސްދު އޮތްކަމުގެ ބާރު ލިބޭ ކަމަށް ދައުލަތުން ބުންޏެވެ.

ތަހުގީގު މަރުހަލާގައި ސަމާހުއަށް އަނިޔާކުރި ކަމަށް ބުނާތީ ދައުލަތުން ބުނީ ތަހުގީގުގައި ކުށަށް އެއްބަސްވުމުގެ އިތުރުން ބަންދު މުއްދަތު މަޖިލީހާއި ޝަރީއަތުގެ މަޖިލީހުގައި އޭނާ އެއްބަސްވި ކަމަށެވެ. އަދި އެއްބަސްވީ މަޖުބޫރު ކަމެއް ނެތި އަމިއްލައަށް ދަށު ކޯޓުގައި އޭނާ ބުނެފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ސަމާހު ހައްޔަރުކޮށްގެން ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ ބިޑި އަޅުވައިގެން ސައިކަލެއްގެ މަޑިމަތީގައި އޭނާ ބާއްވައިގެން ކަމަށް ބުނާތީ އެކަމާ ބެހޭގޮތުން ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ. އަދި އެގޮތަށް މީހަކު ހައްޔަރުކޮށްގެން ގެންދެވިދާނެތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އެ ހާދިސާ ހިނގިއިރު ކާށިދޫގައި އޮތް ހަމައެކަނި ފުލުހުންގެ ވެހިކަލްގައި އާދަމް ހަލީމް ގޮވައިގެން ހޮސްޕިޓަލަށް ދިޔަ ކަމަށެވެ. އަދި އިތުރު ވެހިކަލެއް އޭރު ފުލުހުންގެ އަތުގައި ނެތުމާއި އެ ސަރަހައްދަށް މީހުން އެއްވަމުންދާތީ ސަމާހު އެތަނުން އަވަހަށް ގެންދިއުމަށްޓަކައި ސައިކަލެއްގައި ގެންދިޔައީ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު ވަކި ހިސާބަކުން ފުލުހުންގެ ވެހިކަލާ މަގުމަތިން ދިމާވުމުން އެ ވެހިކަލްގައި ޕޮލިސް ސްޓޭޝަނަށް އޭނާ ގެންދިޔަ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި ކުށަށް އިއުތިރާފްވާން ފުލުހުން މަޖުބޫރުކުރި ނަމަ އަދި އިއުތިރާފް އޭނާ އަނބުރާ ގެންދިއުމުން ވެސް ފުލުހުންގެ ފަރާތުން އިތުރު އަނިޔާއެއް އަންނާނެ އެވެ. އެކަމަކު ފަހުން ކުށަށް އިންކާރު ކުރުމުން ވެސް އެފަދަ ކަމެއް ހިނގިކަމުގެ ޝަކުވާއެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލާގައި މަރުވީ ފުލުހަކު ކަމަށްވާތީ ފުލުހުންގެ ފަރާތުން މީހަކާ މެދު އަނިޔާވެރިވެދާނެތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ދައުލަތުން ބުނީ އެފަދަ ކަމެއް އޮތްނަމަ ކަންކަން ފޮރުވަން ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ. އެކަމަކު މި މައްސަލާގައި ހުރިހާ ކަމެއް ފެންނަން ހުރި ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލާގެ ޝަރީއަތް އަވަސް ސްޕީޑެއްގައި ކުރިއަށް ގެންގޮސްފައިވާ މައްސަލަ ފާހަގަ ކޮށްފައިވާތީ ދައުލަތުން ބުނިގޮތުގައި އެއީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. އަދި އޭގެކުރިން ވެސް މަރުގެ ބައެއް މައްސަލަތައް އަވަސް ސްޕީޑެއްގައި ކުރިއަށް ގެންގޮސްފައި ހުރިކަން ދައުލަތުން ފާހަގަކުރި އެވެ.

ދައުލަތުން އެދުނީ ސަމާހުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ދަމަހައްޓައި ދިނުމަށެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ބައްލަވާ އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަދި ފަހުން ބާއްވާނެ ކަން ބެންޗުން އިއުލާން ކުރެއްވި އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454