ރިޕޯޓް / މޮޅަދޫ

ނިޔާޒާ: މޮޅަދޫން ދައްކައިދޭ ހިތްވަރު

ނިޔާޒާ ކަނަމަދު ފަޅަނީ: މިއީ ހުރިހާ ގޮތަކުން ވެސް ނަމޫނާ އަންހެނެއް --ފޮޓޯ: އަހްމަދު އަޝްރަފް

ހއ. މޮޅަދޫން: ފަޒީނާ އަހުމަދު

05 ފެބުރުއަރީ 2017 - 06:41

38 comments

އެ ހިތްވަރު، ހއ. މޮޅަދޫ، ނަލަހިޔާ، ފާތުމަތު ނިޔާޒާ 42، ނެރުނީ ކިހިނެއް ކަމެއް ނޭނގެ އެވެ؛ އުޅެން ޖެހުނު ހިތްދަތި ދިރިއުޅުން އެ ވަނީ އުފާވެރި ކަމަށް ބަދަލުކޮށްފަ އެވެ. ކުރަން ނޭނގޭ ހުރިހާ ކަމެއް ދަސްކުރީ އެވެ. މިހާރު އެއީ، މަދުން ނޫނީ ނުފެންނާނެ ވަރުގެ ކުޅަދާނަ އަންހެނެކެވެ.

ކުރަން ނޭނގޭ މަސައްކަތެއް އޭނާއާ ހަވާލެއް ނުކުރެވޭނެ އެވެ. ވަޑާންކުރުމާއި ރޭނުމާއި ކަރަންޓް ވައިރު ކުރުން ނުވަތަ މަހަށް ދާން ޖެހުނަސް ފަހަތަކަށް ނުޖެހެ އެވެ. މިކަހަލަ ހުރިހާ މަސައްކަތަކީ ވެސް އޭނާ އަށް، ޒަމާނުގެ ބަހުރުވައިން ނަމަ، މެޓައެއް ފަދަ ކަމެކެވެ.

ތިން ދަރިންނާ އެކު މި ރަށުގައި، އޭނާ ދިރިއުޅޭ ގޭތެރެއަށް ބަލާލުމުން އެކަނި ވެސް އެކަން ސާފުވެ އެވެ. ދިރިއުޅެން ގެއެއް އެޅީ، އެހެން އެއްވެސް މީހެއްގެ އެހީއަކާ ނުލައި އަމިއްލަ އަށެވެ. ގޭގެ ފުރަތަމަ މުޑިން ފެށިގެން ގޮސް ހިޔާކުރުމާއި ކަރަންޓް ވައިރު ކުރީ ވެސް އޭނާ އެވެ.

ސްކޫލަށް ދާ، ތިން ދަރިންގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ އަމިއްލަ އަށް ހޯދާ އާމްދަނީންނެވެ. ވަރަށް އާދައިގެ ދިރިއުޅުމެކެވެ. އެކަމަކު މާ ބޮޑު ޝަކުވާއެއް ނެތި، ހުރިހާ ވަގުތެއް ހޭދަކުރަނީ މަސައްކަތުގަ އެވެ.

ފަންގި ވިންނަން ނިޔާޒާ ތައްޔާރުވަނީ: އެހެން މީހެއްގެ އެހީއަކަށް ބެލުމެއް ނެތް --ފޮޓޯ: އަހްމަދު އަޝްރަފް

ތިން ދަރިންނާ އެކު އެކަނި ދިރިއުޅޭތާ 14 އަހަރު!

އެކަނިވެރި ދިރިއުޅުމެއް އުޅެން ނިޔާޒާ އަށް މަޖުބޫރުވީ، ލޯބިން ކުރި ކައިވެނީގައި މައްސަލަ ޖެހި ދެމަފިރިން ވަކިވި ހިސާބުންނެވެ. ދެ އަންހެން ކުދިންނާއި ފިރިހެން ދަރިފުޅާ އެކު ފުރަތަމަ އޭނާ އުޅުނީ އާއިލާގެ ގެއެއްގަ އެވެ. އޭނާ އަށް އާމްދަނީ ލިބޭނެ ގޮތެއް ނެތި، ތިން ދަރިންގެ ހަރަދު ނުބެލެހެއްޓި މައްސަލަތައް ޖެހެން ފެށީ އެވެ. އެހެންވެ މާ ގިނަ ދުވަހަކު އެގޭގައި ނޫޅެވުނެވެ. އެ ގެއިން ނިކުމެގެން ދެން ބަދަލުވީ، ނިޔާޒާ ބުނި ގޮތުގައި، އެ ރަށުގައި ހުރި މީހުން ދިރިނޫޅޭ ފަޅު ގެއަކަށެވެ.

ދެ އަހަރު އެ ގޭގައި އުޅުމަށް ފަހު، ނިކުންނަން އެންގުމުން ދެން އަނެއްކާވެސް ދާން ޖެހުނީ އެހެން ގެއަކަށެވެ.

އެ ގަނަތެޅުމުގެ ބަދަލުގައި، އެ ރަށުން އޭނާ އަށް ލިބިފައި އޮތް ގޯތީގައި ގެއެއް އެޅުމުގެ ވިސްނުން އައީ އެ ހިސާބުން ކަމަށް ނިޔާޒާ ބުންޏެވެ. މާލީ ގޮތުން ތަނަވަސްކަމެއް ނެތަސް ނިޔާޒާގެ ވިސްނުން ހުރީ އޭރު ލިބެން ހުރި އެއްޗެއް ބޭނުންކޮށްގެން އަމިއްލަ އަށް ދިރިއުޅެވޭވަރުގެ ބޯހިޔާވަހި ކަމެކެވެ.

"އެހެން ހިތަށް އަރާފައި ގޭގެ ފުރަތަމަ މުޑި ވެސް އަޅުގަނޑު ޖެހީ،" އަސަރާ އެކު ނިޔާޒާ ކިޔައިދިނެވެ.

ނިޔާޒާގެ ގެ: މިއީ އެހެން އެއްވެސް މީހެއްގެ އެހީއަކާ ނުލައި އަމިއްލަ އަށް އެޅި ގެއެއް. --ފޮޓޯ: އަހްމަދު އަޝްރަފް

ދެ ކޮޓަރީގެ އެ ގޭގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ވަނީ ވަކަރާއި ޓިނެވެ. އޭގެ ތެރޭގައި ބައެއް މީހުން ހަދިޔާކޮށްފައި ހުރި ޓިނާއި ވަލަށް އުކާލުމުން ހޮވާފައި ހުރި ވަކަރު ފަދަ ތަކެތި ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

"ގޭގައި ބޭނުންކޮށްފައި މިހިރަ ހޮޅިތައް ބުރިކުރިއަސް، ފިލާ ކީހަން ވިއަސް ޓިނު ކަފަން ވިއަސް ކަރަންޓް ވައިރު ކުރަން ޖެހުނަސް ރޭނުމަކަސް ތަޅުން އެޅިއަސް ހުރިހާ ކަމެއް އަޅުގަނޑުގެ ދެ އަތުން ކޮށްފައި މިހިރީ،" ނިޔާޒާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ގޭގެ މަސައްކަތް ފެށިތާ ފަސް މަސް ތެރޭގައި އެއްކޮށް ނިންމައި އެ ގެއަށް ބަދަލުވެއްޖެ އެވެ. އެ ހިސާބުން ގޭގައި އާއްމުކޮށް ފިރިހެނުންކޮށް އުޅޭ ހުރިހާ މަސައްކަތެއް ކުރަނީ ވެސް އޭނާ އެވެ. ގޭގެ ދޮންނަ މެޝިނާއި ޓީވީ އަދި މޯބައިލް ފޯނެއްގައި މައްސަލަ ދިމާވިއަސް މަރާމާތުކޮށްލަ އެވެ. އެކަންކަމުގައި އޭނާގެ މާ ބޮޑު ހާސްކަމެއް ނެތެވެ.

ފަންގި ވިނުމާއި ކަނަމަދު

އާބާދީ ކުޑަ، ހަމަހިމޭން އެކަމަކު ބިން ބޮޑު މި ރަށުގެ ރައްޔިތުންގެ އާމްދަނީ ބަރޯސާވެފައި އޮތީ ފަންގި ވިނުމާއި ކަނަމަދު ވިއްކުމަށެވެ. ފަންގި ހޯދަން ރިސޯޓުތަކުގެ ޑިމާންޑް ބޮޑެވެ. އެކަމަކު އެކި ރަށްރަށާއި ރިސޯޓްތަކުގެ މީހުން ބޭނުންވާ އަދަދަށް އެ ރަށުން ފަންގި ލިބޭ ގޮތެއް ނުވެ އެވެ.

މި ދެ މަސައްކަތުގައި ވެސް ނިޔާޒާ ފަހަތަށް ޖައްސާލެވޭވަރުގެ މީހަކު މި ރަށުގައި ހުރިހެންނެއް ހިއެއް ނުވެ އެވެ. އާއިލާގެ އެންމެން ގުޅިގެން ވިންނަ ފަންގީގެ އަދަދާއި ނިޔާޒާ އެކަނި ވިންނަ އަދަދު އަޅާނުބެލޭނެ އެވެ.

ރިސޯޓަކަށް ވިއްކަން ތައްޔާރުކޮށްފައި ހުރި ފަންގި ބޮނޑިތަކެއް. --ފޮޓޯ: އަހްމަދު އަޝްރަފް

ވަލު ތެރޭގައި ރުއްތަކަށް ކަރު ދިއްކޮށްގެން ހުރެ ފަން ކެނޑުމަކީ ހަށިގަނޑަށް ފަސޭހަ ކަމެއް ނޫނެވެ؛ އެގޮތަށް ކޮންމެ މީހަކު ނުވެސް އުޅޭނެ އެވެ. ފަންގި ވިންނަން ބޭނުންކުރާ ފަން ކަނޑަނީ ވެސް އަމިއްލަ އަށެވެ. އޭނާ ވިންނަ ފަންގީގެ ކޮލިޓީ ހިފަހައްޓަން ބޭނުންވާތީ އެވެ.

ނިޔާޒާ ބުނިގޮތުގައި އާއްމުކޮށް އޭނާ ފަންގި ވިންނަނީ ރޭގަނޑެވެ. ކޮންމެ ރެއަކު ވެސް މަދުވެގެން ދެ ބޮޑި ފަންގި ވިނުމަކީ އޭނާ އަމިއްލަ އަށް ކަނޑައަޅާފައި އޮންނަ އަޒުމެކެވެ. އެގޮތަށް ވިންނަމުން ގޮސް، މަސް ނިމޭއިރު ރަނގަޅު އާމްދަނީއެއް ލިބޭވަރު ކުރެ އެވެ.

"ޑިމާންޑާ އެއްވަރަށް އަޅުގަނޑަށް ނުވެފައި އޮންނަނީ. އާއްމުކޮށް އަޅުގަނޑު ވިންނަނީ މަހެއްގެ މައްޗަށް 60 ބޮނޑި. ގިނައިން ވިންނަ ވަރަކަށް ގިނަ ފައިސާ ލިބޭ. ބައެއް ފަހަރަށް 5،000 ނޫނީ 6،000ރ. ވެސް ލިބޭ،" ނިޔާޒާ ބުންޏެވެ.

ފަންގިއާ އެއްކޮށް ކަނަމަދު ވެސް ކޮންމެ މަހަކު ރަށުން ބޭރުކުރެ އެވެ. ކަނަމަދު ލާއްސެއް ވިއްކަނީ 65ރ. އަށެވެ.

"ކަނަމަދު ބަސްތާއަކުން ފަސް ލާހި ނުވަތަ ހަ ލާހި ލިބޭ. އެއިން ވެސް ރަނގަޅު އެއްޗެއް ލިބޭ،" ނިޔާޒާ ބުންޏެވެ.

ނިޔާޒާ ކަނަމަދު ފަޅަނީ: ލާއްސެއް ވިއްކަނީ 65ރ. އަށް. --ފޮޓޯ: އަހްމަދު އަޝްރަފް

މި ދެ މަސައްކަތް މި ރަށުގައި ނުކުރާ އަންހެނަކު ވަރަށް މަދެވެ. އެހެންވެ، ކުރިން މަދު ލިބޭހާ ގިނައިން މިހާރަކު ނުލިބެ އެވެ. އެކަމަކު ބައެއް މަސްތަކުގައި އޭނާ އެކަނި 14-15 ބަސްތާ މަދު ފަޅަ އެވެ.

"މި 14 އަހަރު ތެރޭގައި އަޅުގަނޑުގެ މުޅި ދިރިއުޅުން މި ހިފަހައްޓަނީ މި ދެ މަސައްކަތުން،" ނިޔާޒާ ބުންޏެވެ.

އޭނާގެ އާމްދަނީ އަކީ ތިން ކުދިންގެ ދިރިއުޅުމުގެ ލޭ ނާރެވެ. އަސާސީ ޚަރަދުތަކުގެ އިތުރުން އަންހެން ދަރިފުޅުގެ ދެ ލޮލުގެ ބޮޑު އޮޕަރޭޝަނެއް އަވަށްޓެރި އިންޑިއާގައި ކުރީ ވެސް އެ އާމްދަނީންނެވެ. ގިނަ އަދަދެއްގެ ފައިސާ ހޭދަވި އެ އޮޕަރޭޝަން، އެހެން މީހެއްގެ އެހީއަކާ ނުލައި ކުރެވުމަކީ ނިޔާޒާގެ މުޅި ދިރިއުޅުމުގައި ވެސް ފަހުރުވެރިވާ ކަމެކެވެ.

ނިޔާޒާ ގަބޫލުކުރާ ވިސްނުމަކީ މި އެވެ؛ އެކަނި ދިރިއުޅެން ޖެހުނަސް ހިތްވަރާ އެކު މަސައްކަތް ކުރަން ކެރިއްޖެ މީހަކަށް ގެއްލުމެއް ނެތެވެ.

ނިޔާޒާ ފަންގި ވިންނަނީ: ފަންގީގެ ޑިމާންޑު ބޮޑު ކަމަށް އޭނާ ބުނޭ. --ފޮޓޯ: އަހްމަދު އަޝްރަފް

"މިސާލަކަށް، އެ ދުވަހު އަޅުގަނޑު ވަރިކޮށްފައި ފިރިމީހާ ދިޔައިމަ މި މަސައްކަތްތައް ނުކުރި ނަމަ އަޅުގަނޑު އުޅޭނީ ކިހިނެއް؟ ކައިރީގައި ފިރިއަކު ނެތް ކަން އެކަނި، އެ ނޫން ހުރިހާ އުފަލެއް އަޅުގަނޑަށް ލިބޭ،" ނިޔާޒާ ބުންޏެވެ.

ދަރިން ބެލުމާއި އާމްދަނީ ހޯދުމުގެ އިތުރުން ރަށުގައި ކުރިއަށް ގެންދާ އިޖުތިމާއީ ހަރަކާތްތަކުގައި ވެސް ނިޔާޒާ އިސްކޮށް އުޅެ އެވެ. ރަށުތެރެ ސާފުކުރުމާއި ކުޅިވަރު ކުޅުން އަދި ރަށުގެ އެކުވެރިކަން ބަދަހިކުރަން ހިންގާ އެހެން ހަރަކާތެއް ވިއަސް އޭނާގެ ބައިވެރިވުން ބޮޑެވެ.

ނިޔާޒާގެ އަމާޒަކީ މިހާރަށް ވުރެ ރަނގަޅު ފެންވަރަކަށް ގެ ހެދުމެވެ. އެ ހިތްވަރު އޭނާގެ އެބަ ހުއްޓެވެ. ދިރިއުޅުމުގައި އޭނާ ހިތްހަމަޖެހުން ހޯދަނީ މިގޮތަށެވެ. އަމިއްލަ އަތުން ކުރާ މަސައްކަތުންނެވެ.

38 ކޮމެންޓް, 406 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 6%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަޅި

07 February 2017

އަމިއްލަ ހަލާލު މަސައްކަތުން ހަމަ އިސްކޮޅަށް ތެދުވެ ހުރި ހަރުދަނާ އަންހެނެއް! މިފަދަ މީހުންގެ ކިބައިން ހިތްވަރު ލިބިގަނެ، ސަލާން ޖެހުމާ މީހުންގެ ފައިބުޑަށް ވެއްޓި ނިކަމެތިވެގަތުމުން ދިވެހިން ސަލާމަތް ވާން ވެއްޖެ! ހާއްސަކޮށް ސިޔާސީ މީހުން ވޯޓަށް ޓަކާ ދިއްކޮށްލާ ސިޓީ އުރައަށް ވެސް ނޫނެކޭ ބުނަން ދިވެހިން ދަސްކުރަން ވެއްޖެ! ސަލާން ޖަހާ ދިއްކޮށްލާ އަތަށް ވުރެން މަސައްކަތްތެރި އަތެއްގެ ގަދަރު ބޮޑު އަދި މާތް ވެގެންވޭ! ރަސޫލާ ސައްލަﷲ އަަލައިހި ވަސައްލަމް ގާތަށް މީހަކު ސަލާން ޖަހަން އައުމުން އޭނާ ގާތު އެއްސެވި ކަލޭގެ ގޭގައި އެއްވެސް އެއްޗެއް ނެތްހޭ! އޭނާ ބުނި ހަމަ އެކަނި އޭނާ ކެއެިން ބުއިމަށް ގެންގުޅޭ ލަކުޑި ކަންވާރު ގަނޑެކޭ އޮތީ! އޭނާ އަށް އެ ގެންނަވަން އެނގެވި، އަދި އެ ގަންނާނެ މީހަކު ވޭތޯ ބެއްލެވި! އެހިންދު ސަހާބީއަކު އެ ބައްލަަވަިއގަތް! ދެން އޭނާޔަށް އެނގީ އެ ފައިސާ ކޮޅުން ކޯރާޑި އެއް ގަނެ ދަރު ކޮށައިގެން ވިއްކުމަށް! އަދި ލިބޭ އެއްޗެއްގެ އއެއްބައި ރައްކާ ކުރުމަށް! އިސާހިތަކު އޭނާ އަށް ސަލާން ނުޖަހާ އަބުރުވެރި ކޮށް އުޅުމުގެ ހެޔޮ ނަސީބު ލިބުނު! އަހަރެމެންނަށް މިވާ ގޮތަކީ ސިޔާސީ މީޙުން ކައިރީ މި ބުނެވެނީ ޓިޥީ އެއް ދިނީމަ ވޯޓް ދޭނަމޭ! އަސްލުަގއި އަމިއްލަ ނަފްސުގެ އިއްޒަތާ މިނިަވަން ކަން ވިއްކާލެވެނީ އަދި އިސާހިތަކު އަޅުވެތިކަމާ ނިކަމެތިކަން ލިބިގެންދަނީ! އަމިއްލަ ހަލާލު މަސައްކަތުން ހަމަ އިސްކޮޅަށް ތެދުވެ ހުންނަ މީހަކު ނުޖެހޭނެ ސިޔާސީ މީޙެއްގެވެސް މަހުޖަނެއްގެ ވެސް ފައިބުޑަކަށް ވެއްޓޭކަށް!

The name is already taken The name is available. Register?

ނޭމާ ޖޭއާރ

06 February 2017

ސާބަސް!!! ނިޔާޒައްތާ!!! ފަހުރުވެރިވަން މޮޅަދޫ މީހަކައް ވީތީވެ

The name is already taken The name is available. Register?

ފާރިސް

06 February 2017

ސޯޝަލް މީޑިޔާ ނެތީމަ ދިރިއުޅުން ރަގަޅުވާނެ.

The name is already taken The name is available. Register?

ތާ1

06 February 2017

ސާބަސް ތީ ފިސާރި ކަނބަލެއް!

The name is already taken The name is available. Register?

އަޖަައިބު

06 February 2017

މާތްﷲ ނިޔާޒާ އަށް ރަޙުމަތް ލައްވާނދޭވެ. ފިސާރި ކަނބަލެއް. ހައިރާންވެ އަންތަރީސް ވެއްޖެ ތިޔަ ހިތްވަރަށް

The name is already taken The name is available. Register?

ހަސަނު

06 February 2017

ސަރުކާރުން ދެއްވާ ރެހެންދި އެވޯރޑް މި ކަނބުލޮއަށް ދެއްވުން އެދެން. މިއީ ފިސާރި އަންހެނެއް.

The name is already taken The name is available. Register?

އިނާ

06 February 2017

މި ކަނބުލޭގެ ހިތްވަރުން އެ ދައްކައިދެނީ ކެރެންޏާ ދުނިޔޭގެ ހުރިހާ ބޭނުންތަކެއް ފުއްދަވައިދެއްވާނެ މަގާ އެހިތްވަރު މާތް ﷲ ދެއްވާނެކަން. ވަކި މީހަކު އިނާޔަތްދޭނެތީ އެމީހަކަށް ވޯޓްލާކަށް ނުޖެހޭނެކަން.

The name is already taken The name is available. Register?

ފާތިކު

06 February 2017

މީ މީހުންނަކީ! ސުޕަރ ހީރޯސް އިން ރިއަލް ލައިފް! ސާބަސް ހަމަ!!

The name is already taken The name is available. Register?

މުހައްމަދު

06 February 2017

ހިތާމަތަކާއި ވޭންތަކާއެކު އުމުރު ހޭދަކުރަމުންދާތީ ހިތާމަކުރަމެވެ. އެކަމަކު ދިރިއުޅުމަށްޓަކައި ގަދަ ހިތްވަރާއެކު މަސައްކަތްކުރާތީ އުފާވެސް ކުރަމެވެ. މިރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ އެތައް އެތައް ޖަމްޢިއްޔާއެއް ރަޖިސްޓަރީކޮށްގެން ހިލޭ ސާބަހަށް އެތައް ކަމެއް ނިކަމެތިންނަށް ކޮށްދޭ ކަމުގެ ވާހަކަ ދައްކާ އަޑު ތާއަބަދު އިވެއެވެ. އެއިން އެއްވެސް ޖަމާޢަތެއްގައި ޖަމްޢިއްޔާއެއްގައި މިފަދަ އަންހެނުންނާބެހޭ މަޢުލޫމާތު ހޯދައި އެއްކުރުމުގެ ގާބިލުކަން ނެތީ ބާވައެވެ. ނުވަތަ ގަސްދުގައި ނިކަމެތިންނަށްވާތީ އަޅާނުލަނީތޯއެވެ. ވެލައާއި ކަހަނބާއި ޖަނަވާރުން ހިމާޔަތް ނުވެގެން އުޅޭއިރު މިފަދަ ނިކަމެތިން ހިމާޔަތްކުރަން އެއްވެސް ކަމެއް ކޮށްލާނެ ހިތްވަރު ނެތީތޯއެވެ. ހިމާޔަތްކުރަން ފައިވިއްދާފައި އުޅުނު މީހުން ކޮބައިބާވައޭ ހިތަށް އަރައެވެ. އެފަދަ މީހުންނަށް މިފަދަ ނިކަމެތިންގެ ނިކަމެތި ހާލު ނުފެންނަނީ ބާވައެވެ. އެންމެން ގެދޮރު ރާނައިގެން ބުރިބުރިއަށް ބިލްޑިންގތައް ހަދައިގެން އުޅޭއިރު ނިކަމެތި އަންހެނަކު ވަށައިގެން ޓިނުޖަހައިގެން ގަދަހޫނުގައި އުޅޭއިރު ސާބަހޭ ސާބަހޭ ބުނެފައި ނިންމާލީމާ ފުދޭތޯއެވެ.

The name is already taken The name is available. Register?

ނިކަން ވިސްނަބަލަ

07 February 2017

ތިމާވެށީގެ މުހިއްމުކަން ނިޔާޒާގެ ދިރިއުޅޫމަށް ބަލާލިޔަސް ވަރަށް ރީތިކޮށް ފެންނާން އެބައޮތް! ބަލަގަ ތިމާވެށި ހިމާޔަތް ކުރަން އަސްލުގަ ވެލާ ކަހަނަބު ފަދަ ތަކެތި އައިކޮނިކް އެއްޗެއްގެ ގޮތުަގއި ބޭނުންކުރިޔަށް އަސްލު މަގްސަދަކީ މުޅި ސިސްޓަމް ހިމާޔާތް ކުރުން! ނިޔާޒާ އާމްދަނީ ހޯދަނީ އޭނާ ދިރިއުޅޭ ރަށުގެ ވެށީގެ މުހިއްމު ވަސީލަތް ތައް ކަމަށްވާ ރުއް ގަހުން! ވީމާ ހިމާޔަތޭ ކިޔާފަ ތިމާވެށި ހިމާޔަތް ކުރުން އެޢީ މުހިއްމު ނޫޏް ކަމެއް ކަމަކަށް ދެކިގެން ނުވާނެ! ނިޔާޒާ އެބުނަނީ އޭނާ އަމިއްލަ މަސައްކަތުން ހިންދެމިލީ ކަމަށް! ދެން ޖަމިއްޔާ ޖަމާއަތްތަކަށް ވުރެން މުހިއްމު ދެއްތޯ އަހަރެމެން ޓެކްސް ލާރިން ހިންގާ ވުޒާރާތަށް! އެކަނި ވެރި މައިންނަށް ދޭންޖެހޭ ހާއްސަ އިނާޔާތްތަޢް ހުންނާނެ!

The name is already taken The name is available. Register?

ނަން

06 February 2017

އައްސަރިބަސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454