ޚަބަރު / ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރު

ގައުމީ ޔުނިވާސިޓީ، ޕީއެސްއެމްގެ ހިޔާ ފްލެޓްތައް އަލުން ވުޖޫދުކޮށްދޭނަން: މުއިއްޒު

މުއިއްޒު ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއު ފެށީ ވަރަށް ހަރުދަނާ ޕްލޭނަކާ އެކު ގިނަ ކުންފުނިތަކަށް ފްލެޓް ލިބޭނެ ގޮތަށް ކަމަށެވެ. އެކަމަކު، ބައެއް ކުންފުނިތަކުގެ ފްލެޓްތަކުގެ މަސައްކަތް ނުފެށި، އެ މަޝްރޫއު މި ސަރުކާރުން ވުޖޫދުން ގެއްލުވާލާފައިވާ ކަމަށެވެ.

ފުވައްމުލަކުގައި ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން - ފޮޓޯ: ނިޝާން އަލީ | މިހާރު

ފުވައްމުލައް ސިޓީން،  ނާޒިމް ހަސަން، މިހާރު

26 އޯގަސްޓް 2023 - 22:52

27 comments

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާންކުރި ހިޔާ މަޝްރޫއުގެ ތެރޭގައި ހިމެނި ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަދި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފްލެޓްތައް މި ސަރުކާރުން ވުޖޫދުން ގެއްލުވާލި ނަމަވެސް، އަލުން އެ މަޝްރޫއު ފައްޓަވާނެ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި މިރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއު ފެށީ ވަރަށް ހަރުދަނާ ޕްލޭނަކާ އެކު ގިނަ ކުންފުނިތަކަށް ފްލެޓް ލިބޭނެ ގޮތަށް ކަމަށެވެ. އެކަމަކު، ބައެއް ކުންފުނިތަކުގެ ފްލެޓްތަކުގެ މަސައްކަތް ނުފެށި، އެ މަޝްރޫއު މި ސަރުކާރުން ވުޖޫދުން ގެއްލުވާލާފައިވާ ކަމަށެވެ.

ނަމަވެސް، މަޝްރޫއު އިއުލާން ކުރި އިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މުއިއްޒު ޔަގީންކަން ދެއްވީ ޕީއެސްއެމް އަދި އެމްއެންޔޫގެ ފްލެޓްތައް އަލުން ގެނެސްދެއްވައި، މުވައްޒަފުން ގެދޮރުވެރި ކުރުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ހައުސިން ޕޮލިސީން އެއްވެސް ރައްޔިތަކު ބާކީ ނުވާ ސިޔާސަތުގެ ދަށުން އެ މުވައްޒަފުންނަށް މައްސަލަ ހަމަޖެހޭނެ. ހުޅުމާލޭގައި ގާއިމް ކުރެވޭ ހައުސިން މަޝްރޫއުގެ ތެރެއިން ޕީއެސްއެމްގެ މުވައްޒަފުންނަށް އެ ފުރުސަތު ދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ މުވައްޒަފުންގެ ލިސްޓެއް ވެސް ގައުމީ ޔުނިވާސިޓީން ހެދި އެވެ. އެކަމަކު އެ ފްލެޓްތަކެއް ނޭޅެ އެވެ.

"އެމްއެންޔޫއިން ލިސްޓް ވެސް ނެރެފައި އޮއްވައި މަޝްރޫއު ގެއްލިއްޖެ. އެ ބޭފުޅުންނަށް ވެސް އަޅުގަނޑު ދޭނެ ޔަގީންކަމަކީ ހަމަ އަންނާނެ ހުޅުމާލޭގަ ހަމަ އެ ފްލެޓްތައް. އެޅިގެން ދާނެ. ލިސްޓްގައި އޮތް އެންމެންނަށް އެ ފްލެޓްތައް ލިބޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވަނީ ސިފައިންނާއި ފުލުހުންގެ ނުނިމި ހުރި ފްލެޓް މަޝްރޫއު ނިންމާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އޭގެ އިތުރުން ވެސް ސިފައިންނާއި ފުލުހުންނަށް އަމާޒުކޮށް ހައުސިން މަޝްރޫއު ހިންގާނެ ކަމަށް ވިދާޅުވި އެވެ.

ފުވައްމުލަކުގައި ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން - ފޮޓޯ: ނިޝާން އަލީ | މިހާރު

"އަޅުގަނޑު ދޭ ޔަގީންކަމަކީ އިތުރަށް ވެސް ގެދޮރުވެރިކަން ހޯދައިދޭނަން. އެންމެންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން. އެކަމުގަ އެއްވެސް މިންވަރެއްގެ ޝައްކެއް އޮތް ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ ހުޅުމާލެ، ގުޅިފަޅު، ގިރާވަރު އަދި ފުށިދިއްގަރުފަޅު ހިނެމޭ ގޮތަށް ޖުމްލަ 65،000 ހައުސިން ޔުނިޓްގެ މަޝްރޫއުއެއް އިއުލާން ކުރައްވާފަ އެވެ. އޭނާ ޔަގީންކަން ދެއްވާ ގޮތުގައި ވެރިކަމުގެ ފަސް އަހަރު ތެރޭގައި އެ މަޝްރޫއު ނިންމައި، ގެދޮވެރިކަމަށް ބޭނުންވާ އެންމެންނަށް އެ ފުރުސަތު ފަހިކޮށްދެއްވާނެ އެވެ.

"ދިވެހިންގެ ރާއްޖެ ހޯދަން އަޅުގަނޑުމެން މިދަނީ. އެ ދިވެހިންގެ ރާއްޖޭގެ ގެދޮރުވެރިކަމަށް ޖެހިފައި އެއްވެސް ދިވެއްސަކު ނުހުންނާނެ. އެއީ ކުރެވޭނެ ކަމެއް. ސަރުކާރުގެ އެއްވަނަ ސިޔާސަތަކަށް ލައިފިއްޔާ ކުރެވޭނެ ކަމެއް. އިރާދަކުރެއްވިއްޔާ ކޮށްފަ ދައްކާނީ،" މުއިއްޒު ވިދާޅުވި އެވެ.

"ގެދޮރުވެރިކަމުން ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދޭނަން."

އެންމެންނަށް ގެދޮރުވެރިކަން ޔަގީންކޮށް ދޭނެ ކަމަށް ވައުދުވެވަޑައިގަންނަވަމުން މުއިއްޒު ވަނީ ސޯޝަލް ހައުސިންގެ ތެރެއިން ކުލި ނުދައްކައިގެން ކޮށްފައިވާ ހުރިހާ ޖޫރިމަނާތަކެއް ވެސް މާފުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެއީ އެއްވެސް އިންސާފަކުން ކޮށްފައިވާ ޖޫރިމަނާތަކެއް ނޫނެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާގެ އަމާޒަކީ ޔާމީން ރާއްޖެއަށް ގެނެސްދެއްވި ތަރައްގީ އިޔާދަކޮށްދިނުމެވެ. ރައްޔިތުން ތިބީ އެ ސްޕީޑްގެ ތަރައްގީ ބޭނުންވެފައި ކަމާއި މި ސަރުކާރުގެ ސްޕީޑްއާ މެދު މާޔޫސްވެފައި ކަމަށެވެ.

"އަޅުގަނޑަށް ފުރުސަތު ދެއްވައިފިނަމަ ފެނިގެން ދާނީ އެ ތަރައްގީ އަލުން އަންނަ ތަން. ނަތީޖާ ނެރެދޭނަން ކުރިމަގު ހަލުވި ސްޕީޑްގަ ބައްޓަންކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

މިއަދު ފުވައްމުލަކަށް ވަޑައިގެންނެވުމުން ރައްޔިތުން ކިޔާފައިވަނީ މިހާތަނަށް އޭނާއަށް ކީ އެންމެ ހޫނު މަރުހަބާކަން ފާހަގަކުރައްވަމުން މުއިއްޒު ވަނީ މި ސިޓީއަށް ވެސް ވައުދުތަކެއްވެވަޑައިގެންފަ އެވެ.

ފުވައްމުލަކަށްވީ ވައުދުތައް

- މަސްވެރިންނާއި ޓޫރިޒަމްގެ ސިނާއަތު ކުރިއަރުވަން ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން.

- އެއާޕޯޓް ތަރައްގީކުރުން.

- ހޮސްޕިޓަލަށް އާ ހިދުމަތްތައް ގެނެސް ޒަމާނީ ތަނަކަށް ހެދުން.

- ސަރުކާރު އޮފީސްތަކުގެ އިމާރާތެއް ވަގުފު އިމާރާތެއްގެ ގޮތުގައި އެޅުން.

- އާޓިފިޝަލް ބީޗެއް.

- ރަނގަޅު ފެންވަރުގެ ދަރިވަރުންގެ ދަނާލުތަކެއް އެޅުން.

- ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް އަދި ގެދޮރު އެޅުމަށް ލުއި ލޯނު

- ޒަމާނީ ފެންވަރުގެ ލައިބްރަރީއެއް. - ސިޓީ ހޮޓެލް ތަރައްގީކޮށްދިނުން.

ފުވައްމުލަކުގައި ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން - ފޮޓޯ: ނިޝާން އަލީ | މިހާރު

މުއިއްޒު ވިދާޅުވި ގޮތުގައި ނުކުރެވޭވަރުގެ ނުވަތަ ނުކުރާނެ ވައުދެއް އޭނާ ނުވާނެ އެވެ. ރައްޔިތުން ގާތު ބުނާ ކޮންމެ ކަމެއް، އެ ބުނި ގޮތުގައި ކޮށް ނިންމާނެ ކަމަށެވެ.

"ހުސް ވައުދެއް ނުވާނަން. ވޯޓު ހޯދާށޭ ކިޔާފައި އަޅުގަނޑު ނުކުރާނެ ކަމެއް ނުބުނާނަން. އަޅުގަނޑު ބުނާ ބަހަކީ ޖަވާބުދާރީވާން ޖެހޭނެ ބަހެއް އެހެންވީމަ އަޅުގަނޑެއް ނުކުރާނެ ކަމުގެ ވާހަކައެއް ނުދައްކާނަން. އަޅުގަނޑު މިވެނި ކަމެއް މިހެން ކުރާނަމޭ ބުނެފިނަމަ އެކަމެއް އިރާދަކުރެއްވިއްޔާ ކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

އެކަނިވެރި މައިންނާއި ބަފައިންގެ އެލެވެންސް ބޮޑުކުރުން

މުއިއްޒު ވަނީ އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ 2،000 ރުފިޔާ 3،000 ރުފިޔާއަށް ބޮޑުކޮށްދެއްވަން ވެސް ވައުދުވެވަޑައިގެންފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހަތަރު ދަރިންގެ ކެޕަކާ އެކު ކޮންމެ ދަރިއަކަށް 3،000 ރުފިޔާ، އޭނާގެ ވެރިކަމެއްގައި ދެއްވާނެ އެވެ.

މީގެއިތުރުން މާބަނޑު މީހުންނަށް ހާއްސަ ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެ ހޮސްޕިޓަލް ވެގެންދާނީ މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ތަނަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާ އެކު، މުއިއްޒު ވަނީ އޭނާގެ ހާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. މުއިއްޒު ވިދާޅުވީ، އޭނާގެ ހާރިޖީ ސިޔާސަތު އޮންނާނީ ވަކި ގައުމަކަށް ގޮސް ހުސްވެފައި ނޫން ކަމަށާއި އިސްކުރާނީ ދިވެހިންގެ މަސްލަހަތާއި މިނިވަންކަން ކަމަށެވެ.

"ވަކި ގައުމަކަށް ގޮސް ހުސްވެފައި ނޯންނާނެ. ހުރިހާ ގައުމަކާ އެކު ވެސް ގާތް ގުޅުމެއް ބާއްވާނެ. އިސް ކުރާނީ ރާއްޖޭގެ މަސްލަހަތު، މިނިވަންކަން. އަޅުގަނޑުމެންގެ ބަސް. އެހެން ގަައުމަކަށް ވަދެވިގެން ނުވާނެ. އެ ސިޔާސަތު ގަބޫލުކުރާ ކޮންމެ ގައުމަކާ އެކު ވެސް އޮންނާނީ ގާތް ގުޅުމެއް. ގައުމުގެ ފިކުރު އިސްކުރާނެ ފަރާތަކަށް ވެރިކަން ހަވާލުކުރަން ޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.

27 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 12%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަދު

27 August 2023

ގައުމީ ޔުނިވަރުސިތީ އިން އަތުލައިގަތް ބިން ތައް. ގެއްދެވި ހުރިހާ މެޝިނަށް ބަދަލު ދެވާނަންތޯ. ޔުނިވަރުސިޓީގެ ގާނޫނު ބަދަލު ކޮށް އެއިރު ތިބި އިސްމީހުން ކެޑުމުގެ ބަދަލު ދެއްވާނަންތޯ.

The name is already taken The name is available. Register?

ކަލޯބެއްޔާ

27 August 2023

ރައްޔިތުން އެތައް ދަރަނިވެރިވެގެން ގެސްޓް އައުސްތައް އަޅާގެން އެތަންތަން ނުހިގާގެން އުޅޭއިރު ސަރުކާރުން ސިޓީ ހޮޓަލެއްތޯ އަޅަންވީ ސަރުކާރުން ބަލަންވީ ފަސޭހައިން ޚަރަދު ކުޑަކޮށް އެތަންތަނަށް ގެސްޓް ގެނެވޭތޯނޫންތޯ

The name is already taken The name is available. Register?

Draw

27 August 2023

ފްލެޓަކީ ވަކި ބަޔަކަށް ވަކިކުންފުންޏަކަށް އަޅައިދޭންޖެހޭ އެއްޗެއް ނޫން. ފްލެޓް ހުޅުވާންޖެހޭނީ ހުރިހާ ދިވެހިރައްޔިތުންނަށް. ޚާއްސަކޮށް ދަތިހާލުގައި އުޅޭ މިހާރުވެސް ގެދޮރުވެރިކަންނެތް މީހުންނަށް. ތިހެން ހެދުމުން މަސްލަހަތުގެއްލޭ. ހަމަހަމަކަންވެސްގެއްލޭ. ތިކަހަލަ ދެފުށްކެހެރި އުސޫލު ގެންގުޅޭ ތީ ތިކަހަލަ މީހުންނަށް ވޯޓްލާން ބޭނުންނުވަނީ

The name is already taken The name is available. Register?

ކަމަކުނުދޭދޯ

27 August 2023

ރައީސް ޔާމީންގެ އެންމެ ބޮޑު އެދުމަކީ އެއީ އިންޑިއާ ސިފައިން ރާއްޖޭން ބޭލުން ކަމަށްވާއިރު އެވާހަކަ މިހާރު ޕީޕީއެމް އެއްކޮށް ހަނދާން ނެތިއްޖެއޭ މުއިއްޒު އަކަށް އެވާހަކަ ސީދާ ސީދަލަށް ގާސިމް އެދައްކާ ގޮތަށް ފާޅުކަން ބޮޑު ގޮތެއްގައި ކޮންމެ ޖަލްސާ އަކު ދައްކަން ނުކެރެއޭ މިވާހަކަ މިހާރު ދައްކަނީ ގާސިމް އެކަނިއޭ މީގައި ޕީޕީއެމްގެ މަގްސަދާއި ޚިލާފަށް ކެމްޕެއިން ކުރެވެމުންދާކަން ފާހަގަ ކުރެވޭ އެއީ ހަމަ ޔަގީން ޔަގީން މުޖައްރިބު ކަމެކަެ މުއިއްޒު ކަމަކުނުދޭ

The name is already taken The name is available. Register?

އިންތިޚާ

27 August 2023

ޑރ މުޢިއްޒު އަކީ 8 ކެނޑިޑޭޓުންގެ ތެރޭގައި ހުންނެވި އެންމެ ޤާބިލް ހުނަރުހުރި، ޢިލްމީ، ޝަޚްސީ ބޭފުޅާ. އެންމެހައި ދިވެހިންވެސް އެކަން ޤަބޫލްކުރޭ.

The name is already taken The name is available. Register?

ނިސާމު

27 August 2023

އެމް އެން ޔޫ އަށް ފްލޭޓް ދޭނަމަ އަހަރެންގެ ވޯޓު ޔަގީން.

The name is already taken The name is available. Register?

ވާވާ

27 August 2023

7 އަހަރު ވަޒީރުކަން ކުރި އިރު ކީއްވެ އެކަން ނުކުރީ؟

The name is already taken The name is available. Register?

ޓެރޭ

27 August 2023

ހުރިހާ ނޫސް މަޖައްލާތަކަށް ފްލެޓް އަޅައެއްނުދޭނަންތަ؟

The name is already taken The name is available. Register?

ހާމިދު ޝާހިދު

27 August 2023

ކެރިވަޑައި ގަންނަވަނީނަމަ ނިކަން ޕީއެސްއެމް މިނިވަން މުއައްސަސާއަކަށް އަލުން ހަދާބަލަ. ޕީސީބީ ގެ ވަކިތަކުން ސަލާމަތް ކޮށްދީބަލަ. މުވައްޒަފުން ސިޔާސީ ފިކުރުން އެއްކިބާކޮށް ހުރިހާ ފިކުރެއްގެ ޚަބަރު ގެނެސްދޭ ތަނަކަށް ހަދާބަލަ. ސަރުކާރަށް ސަލާން ޖަހައިގެން ބަޖެޓް ހޯދަންނުޖެހި މަޖްލިހުން ބަޖެޓްދޭ މިނިވަން މުއައްސަސާ އަކަށް ނިކަން ހަދާބަލަ.

The name is already taken The name is available. Register?

ޥަސް

27 August 2023

ކިހާ ބޮޑުވެއްޖެ ކަމެއްމީ. ވަކިތަނެއްގެ ވަޒީފާގައި އުޅޭމީހުންނަށް ޓާގެޓްކޮށް ފުލެޓް އަޅަންޖެހެނީ ކީއްވެހެއްޔޭ؟ ވަޒީފާ އަދާކުރާތަނާ ބޯހިޔާވަހިކަމާ ނުގުޅުވަބަލަ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454