ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ކުރެންދު އަށް ވަޑައިގެން ބަޔަކާ އެކު ސެލްފީއެއް ނަންގަވަނީ.---ފޮޓޯ: ޕީޕީއެމް
31 އޯގަސްޓް 2023 - 15:29
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް ސޯލިހާއި މައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެއް ވަގުތެއްގައި ޅ. ކުރެންދު އަށް މިއަދު ވަޑައިގެންފި އެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޅ. އަތޮޅުގެ ރައީސާއި މުއިއްޒު ވެސް ފެއްޓެވީ މިއަދު ހެނދުނެވެ.
ކުރެންދު އަށް ފުރަތަމަ ވަޑައިގެންނެވީ ރައީސް އިބްރާހިމް ސޯލިހެވެ. އެ މަނިކުފާނަށް މަރުހަބާ ކިޔަން ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދިގު ސަފެއް ހެދި އެވެ. މުއިއްޒުގެ ސަޕޯޓަރުން ވެސް އެ ގަޑިއާ ދިމާކޮށް އެ ސަރަހައްދަށް ޖަމާވިޔަސް ފުލުހުން އެ މީހުން ފަހަތަށް ޖެއްސި އެވެ.
މުއިއްޒު ކުރެންދު އަށް ވަޑައިގަތީ އެ ރަށުގެ ޔޫތު ސެންޓަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަޕޯޓަރުންނާ ބައްދަލުކުރައްވަމުން ގެންދަވަނިކޮށެވެ. މުއިއްޒަށް މަރުހަބާ ކިޔަން ވެސް ކުރެންދޫން ވަރަށް ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް އެއްވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެންދު އަށް ވަޑައިގެން ބަޔަކާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޕީޕީއެމް
ޕީޕީއެމްގެ ކުރެންދޫ އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު މުއިއްޒު ވަޑައިގަތީ މެންދުރުގެ ކެއުން ހަމަޖައްސާފައި އޮތް އެ ރަށު ޕްރީ ސްކޫލަށެވެ. އެ ވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު، ކުރެންދޫގެ އާ އިންޖީނުގެ އާއި ފެނަކައިގެ އާ އޮފީސް ރަސްމީކޮށް ހުޅުވައިދެއްވައިފަ އެވެ.
އެ ދެ ރަސްމިއްޔާތަށް ފަހު، ރައީސް ވަޑައިގަތީ، ޕްރީ ސްކޫލާ 100 ވަރަކަށް ފޫޓު ދުރުގައި ހުންނަ ފެނަކައިގެ ކުރީގެ އޮފީހަށެވެ. އެ މަނިކުފާނުގެ ފަރިއްކޮޅު އޮތީ އެ ތަނުގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ކެމްޕެއިނަށް ބައެއް ރަށްރަށަށް ވަޑައިގަތުމުން އިދިކޮޅު ސަޕޯޓަރުން އަޑުގަދަކޮށް، ބައެއް ފަހަރު ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގިޔަސް އެފަދަ މަންޒަރެއް މި ރަށުން ނުފެނެ އެވެ. ޕީޕީއެމްގެ ސަޕޯޓަރުން މެންދުރު ކާން ޖަމާވ ޕްރީ ސްކޫލްގެ ކުރިމަތިން، އެމްޑީޕީގެ ސަޕޯޓަރުން ހިނގާފައި ފެނަކައިގެ ކުރީގެ އޮފީހަށް މެންދުރު ކާން ދިޔަ އިރު ވެސް އެއް ބަޔަކު އަނެއް ބަޔަކާ ދިމާލަށް ދެކޮޅަށް އެއްޗެއް ވެސް ބުނި އަޑެއް ނީވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފު ބިން ރަފައިދާ
31 August 2023
ސިޔާސީކަންކަމުގާ ކުރެންދޫ ނަމޫނާއަކަށް ނަގާންޖެހޭ. ކޮންމެހެން ސިޔާސީވިއޭކިޔާފާ އެއްބަޔަކު އަނެއްބަޔަކާ އަދާވާތްތެރިވެ ހަނގުރާމަކުރާކަށްނުޖެހޭ.
އަބްދުދޯ
31 August 2023
ކުރެންދޫއަކީ އަބަދުވެސް ނަމޫނާ ދައްކާ ރަށެއް. ވަކިން ޚާއްޞަކޮށް ކުރެންދޫ ޕީ.ޕީ.އެމް މެމްބަރުންނަކީ ނާމޫނާ ދައްކާ ބައެއް..
ސަނީޒް
31 August 2023
ކުރެންދޫއަށް ރައީސް ނަޝީދު ނާރުވަން ވެގެން މަގުން ހިގިޔަ ނުދޭން 2008 ވަނަ އަހަރު ޖެހި ސަކަރާތް އަހަރެން ދެކުނިން
ތުނޑިހަސަނު
31 August 2023
އެޔައްތަރައްގީ ކިޔަނީ. ގއ.ވިލިނގިލި މީހުންނަށް ކުރެންދޫ މީހުންތިއަހުލާގު ދަސްކޮއްދޭންފެނޭ!
ޢެޑްމުންޑޯ
31 August 2023
ރީތި މިސާލެއް