ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު، ހުޅުމާލޭގެ ޑިސެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ހުޅުއްވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
03 ސެޕްޓެމްބަރ 2023 - 16:01
ސަރުކާރުން ގާއިމްކުރި ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ހުޅުއްވައި ދެއްވައިފި އެވެ.
ޒަމާނީ ވަސީލަތްތަކާ އެކު ހުޅުވި އެ ސެންޓަރު ހުންނަނީ އިންފެކްޝަސް ޑިޒީޒް މެނޭޖްމެންޓް ސެންޓަރު ވެސް ހިނގަމުން އަންނަ ހުޅުމާލެ އޮރެންޖް ހިޔާ އިމާރާތުގެ ފުރަތަމަ ބުރީގަ އެވެ.
އެތަން ހުޅުއްވައި ދެއްވައި ރައީސްގެ އަނބިކަނބަލުން ދެއްކެވި ވާހަަކައިގައި ވިދާޅުވީ، އެއީ ހުޅުމާލެ ހޮސްޕިޓަލުން ވަށައިޖެހޭ ހިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ކުރި މުހިއްމު މަސައްކަތެއް ކަމަށެވެ.
މިހާރު ވެސް ހުޅުމާލެ ހޮސްޕިޓަލްގައި ހިންގާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުން ހިދުމަތް ހޯދާ މީހުންގެ އުމުރުން 18 އަހަރު ފުރުމުން، ދެން ހަދާނެ ގޮތަކާ މެދު ކަންބޮޑުވެފައިވާ ބެލެނިވެރިންގެ މައްސަލަތަކަށް ހައްލު ލިބޭނެ ކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުން އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމާއި ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ހިދުމަތް ހޯދުމުގައި ލުއިފަސޭހަ ވާނެ ކަމަށް ވެސް ފަޒްނާ ވިދާޅުވި އެވެ.
ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ރައީސްގެ އަނބިކަނބަލުން ހުޅުވައިދެއްވައި، ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
މި ސަރުކާރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާކަން ވެސް ފަޒްނާ ފާހަގަކުރެއްވި އެވެ. އެގޮތުން:
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރުން.
- ތެރަޕިއުޓިކް ފަރުވާ ހިލޭ ލިބޭނެ މަގު ފަހިކޮށްދިނުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުވާ ދީނުމަށް އިތުރު ސެންޓަރުތައް ގާއިމް ކުރުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޅިވަރުގައި ކުރިއަށް ދިޔުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދިނުމާއި ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި އެ ކުދިން ހޯދަމުން އަންނަ ކާމިޔާބީތައް.
ހުޅުމާލެ ހޮސްޕިޓަލްގެ ދަށުން ހިންގުމަށް ހުޅުވި އެ ސެންޓަރުގައި ހަތް ފިޒިއޮތެރަޕިސްޓުން މަސައްކަތް ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ރައީސްގެ އަނބިކަނބަލުން ހުޅުވައިދެއްވައި، އެތަން ބައްލަވައިލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
- އުފެދުމުގައި އެކި މައްސަލަތައް ހުރުމުގެ ސަބަބުން ތަފާތު ފަރުވާއާއި ތަމްރީންތައް ބޭނުންވާ ފަރާތްތައް އެހީ ދިނުން.
- އެކްސިޑެންޓެއް ނުވަތަ ސްޓްރޯކެއް ޖެހުން ފަދަ ކަމަކުން ވެސް އެ މީހަކަށް ވަގުތީ ގޮތުން ކުރިމަތިވާ ހާލަތްތަކުން އަރައިގަނެ އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލަ އަށް އުޅެވޭނެ ގާބިލްކަން ހޯދައިދިނުމަށްޓަކައި ބޭނުންވާ ރިހިބިލިޓޭޝަން ފަރުވާތައް ފޯރުކޮށްދިނުން.
އެ ސެންޓަރު ހުޅުވާފައި ހުންނާނީ ހުކުރު ދުވަހާއި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ ސެންޓަރުގެ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، ސަރުކާރުން ވަނީ އާރްޓީއެލް ބަހުގައި ދަތުރުކުރެވޭނެ ދަތުރުތައް ވެސް ހަމަޖައްސައިދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޯހައްވަ
03 September 2023
ތެދެއްބާ؟ މިއުލެނީ ވަރަށްހާލުގަ
ާއުނިމާ
03 September 2023
ކަމެއްކުރަންޏާ ސްޕީޗުތެރަޕިސްޓުންނާއި އޮކިޔުޕޭޝަންލް ތެރަޕިސްޓުން އުފައްދާބަލަ...ސެންޓރެއް ހުޅުވިޔަސް ވާނެ މާބޮޑުކަމެއްނެތް ތަމްރީނުލިބިފަހުރި ދިވެހިން ލިބެންނެތީއްޔާ