ވަގްނާ ގުރޫޕް: މިއީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅުމަށް އިނގިރޭސި ސަރުކާރުން ވަނީ ނިންމައިފައި.
06 ސެޕްޓެމްބަރ 2023 - 13:15
ރަޝިޔާގެ ކުލީ ސިފައިންގެ ޖަމާއަތެއް ކަމަށްވާ "ވަގްނާ ގުރޫޕް" އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅުމަށް އިނގިރޭސި ސަރުކާރުން ނިންމައިފި އެވެ.
އިނގިރޭސި ވިލާތުގެ ދައުލަތުގެ މީޑިއާ ބީބީސީން ބުނި ގޮތުގައި ވަގްނާ ގުރޫޕަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ކަނޑައެޅުމަށް އެކުލަވާލާފައިވާ ރިޕޯޓް މިއަދުގެ ވަގުތެއްގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ އެވެ. ގާނޫނު ހަދާ މަޖިލީހުން އެ ރިޕޯޓް ފާސްކޮށްފި ނަމަ، ވަގްނާ ގުރޫޕަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅި، ވަގްނާގެ މުދަލާއި މިލްކިއްޔާތުގައި ހިމެނޭ ކޮންމެ އެއްޗަކީ ޓެރަރިސްޓް ޖަމާއަތެއްގެ މުދާ ކަމަށް ކަނޑައެޅިގެން ދާނެ އެވެ.
ވަގްނާ ގުރޫޕަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި ނަމަ، އެ ޖަމާއަތުގެ ކޮންމެ މުދަލެއް ދައުލަތަށް ނެގުމުގެ ބާރު، އިނގިރޭސި ސަރުކާރަށް ލިބޭނެ އެވެ. އަދި އިނގިރޭސި އެއްވެސް ރައްޔިތަކު އެ ޖަމާއަތުގައި ބައިވެރިވުމާ އެ ޖަމާއަތަށް ތާއީދުކުރުމަކީ ކުށެއް ކަމުގައި ވެގެންދާނެ އެވެ.
އެމެރިކާގެ ދާޚިލީ ވުޒާރާއާ ހަވާލާދީ ދުވަހު ނޫސް ގާޑިއަން އިން ބުނި ގޮތުގައި ޓެރަރިޒަމް ގާނޫނު 2000ގެ ދަށުން، ވަގްނާ ގުރޫޕާ މެދު ގޮތެއް ކަނޑައެޅުމަށް ސަރުކާރުން ނިންމީ، އެ ޖަމާއަތުގެ ހަރަކާތްތައް ހިންގާ ގޮތާއި އެ ހަރަކާތްތަކުގެ ބާވަތަށް ރިއާޔަތްކުރާ އިރު، ބޭރު ގައުމުތަކުގައި ދިރިއުޅޭ އިނގިރޭސި ރައްޔިތުންނަށް ކުރިމަތިވާ ނުރައްކާތަކަށް ބެލުމަށް ފަހު އެވެ.
އިނގިރޭސި ވިލާތުގެ ދާޚިލީ ވަޒީރު ސުއެލާ ބްރޭވާމޭން ސިފަކުރައްވާ ގޮތުގައި ވަގްނާ ގުރޫޕަކީ ފަނާކުރަނިވި ވަރަށް އަނިޔާވެރި ޖަމާއަތެކެވެ. އަދި އެއީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ބޭނުންކުރައްވާ އަސްކަރީ ވަސީލަތެއް ކަމަށާއި، އެ ޖަމާއަތުގެ ހަރަކާތްތަކަކީ ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ނުރައްކަލެއް ކަމަށް ވެސް އޭނާ ސިފަ ކުރައްވަ އެވެ.
ވަގްނާ ގުރޫޕުގެ ފަރާތުން އެފްރިކާގެ ބައެއް ގައުމުތަކުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާއި އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކާ ގުޅިގެން، އިނގިރޭސި ވިލާތުން މީގެ ކުރިން ވެސް އޮތީ އެ ޖަމާއަތާއި އެ ޖަމާއަތުގެ އިސް ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ނަމަވެސް އެއަށް ވުރެ ހަރުކަށި ފިޔަވަޅުތަކެއް އެ ޖަމާއަތާ ދެކޮޅަށް އެޅުމަށް އިނގިރޭސި ވިލާތުގެ އިދިކޮޅު ޕާޓީތަކުން ގޮވާލަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.
ފެބްރުއަރީ 24، 2022 ގައި ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފަށައިގެން ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ވާގިވެރިވުމުގައި ވަގްނާ ގުރޫޕުން ވަރަށް މުހިންމު ދައުރެއް އަދާކުރި އެވެ. އަދި އެފްރިކާ އާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ވެސް އެ ޖަމާއަތުގެ ހަނގުރާމަވެރިން އަންނަނީ، ރަޝިޔާގެ ނުފޫޒު ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންފިޑެންޝަލް ގެ މާނައަކި އެންމެނަށް އިނގޭ ސިއްރު
07 September 2023
ވަގްނާ ގްރޫޕަކީ ރަޝިޔާގެ ޖަލުތަކުގައި ތިބި ކުށްވެރިން ކުލީ ސިފައިންގެ ގޮތުގައި ބޭނުންކުރުމަށް ރަޝިޔާ ސަރުކާރުން އުފެއްދި ޖަމާއަތެއް. ޔޫކްރޭން ހަނގުރާމައިގައި ވަގްނާ ގްރޫޕްގެ ކުލީ ސިފައިން ބޭނުން ކުރަން ފެށުމުން ރަޝިޔާއަށް ބޮޑެތި ކުރިއެރުންތައް ލިބުނު. ނަމަވެސް ވަގްނާ ގްރޫޕްގެ ކޮމާންޑަރު ޕްރިގޮޒީން ގެ އަމުރަށް ހަނގުރާމަ ދޫކޮށް ރަޝިޔާގެ ވެރިރަށަށް އެމީހުން މިސްރާބު ޖެހުމުން، ވަގްނާ ގްރޫޕަކީ ގައުމަށް ގައްދާރުވި ބަޔަކު ކަމަށް ޕުޓިން ކަނޑައެޅި.
ފަރަންޖީ
07 September 2023
އިނގިރޭސި ގާނޫނު މަޖްލިސް އިން ފާސްކޮށްދީބަލަ. އއ އުކުޅަސް ކައުސިލް ދަށަށް ބ ދަރަވަންދޫ އެއަރ ޕޯރޓް ނަގައިދީބަލަ.
އަލްމުދިޝް
06 September 2023
ގާނޫނު ހަދާ މަޖިލީހުން އެ ރިޕޯޓް ފާސްކޮށްފި ނަމަ މުޅިދުނިޔޭގެ އެމީހުންގެ ގާނޫނު ފާސްވާނެއެވެ.
ޖުހާ.
06 September 2023
ދެން ތިއަ އިނގިރޭސިވިލާތުން ޢިރާގާއި އަފްޣާނިސްތާނުގައި މެރި މުސްލިމުން އެއީ ކޮން ގާނޫނެއްގެދަށުން މެރި މުސްލިމުންނެއްތޯ. އިނގިރޭސިވިލާތް ތިއައީ އެންމެ ބޮޑު ޓެރަރިސްޓު ގައުމު.
ޖަޒްބާޓު
06 September 2023
ތި އިނގިރޭސިވިލާތުގެ ލަންޑަން ތީ އެންމެ ގިނަ އަދި ބޮޑު ޓެރެރިސްޓް ޖަމާއަތް.
ދޯޕައްޓާ
06 September 2023
ހެހެ، ޔުކުރޭނަކީ އޭގެ ޖަމާއަތެއްނޫންތަ.
އަލްމުދިޝް
06 September 2023
އިނގިރޭސީ ގާނޫނު ހަދާ މަޖުލީހުން ... ގުޅީފަޅުގަ އޮޔާދާ ގޯތިގަނޑު ނަގަން އަންގަން ވީހެއްޔެވެ؟