ކުޑަކުއްޖެއްގެ ގަޔަށް ހިމަބިހީގެ ވެކްސިން ޖަހަނީ: ހިމަބިހި ޖެހިފައިވާ މީހަކު އަނެއްކާ ވެސް ފެނިގެން ކޮންޓެކްޓް ޓްރޭސިން އަންނަނީ ހަދަމުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
06 ސެޕްޓެމްބަރ 2023 - 20:32
ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ޕޮޒިޓިވް ކޭސްއެއް ފެނިގެން، އޭނާއާ ކޮންޓެކްޓް ވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.
އެޗްޕީއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހިމަބިއްސަށް ޕޮޒިޓިވްވި ކޭސްއެއް ފެނުނީ އިއްޔެ ކަމަށެވެ. އެ ކޭސްއާ ގުޅޭ ކަންކަން ބަލައި އޭނާއާ ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެ އެޖެންސީން ބުންޏެވެ.
ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދާ އިރު، ހިމަބިހީގެ ވެކްސިން ފުރިހަމަ ނުވާ މީހުން ދެނެގަނެ އެ މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
"ބަލި ޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ވެކްސިން ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ރިންގް ވެކްސިން ދިނުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެ،" އެޗްޕީއޭ އިން ބުންޏެވެ.
މި ކޭސްއާ ބެހޭ އިތުރު ތަފުސީލު އެޗްޕީއޭ އިން ނުދޭތީ މި ކޭސް ފެނިފައި ވަނީ ރާއްޖޭގެ ކޮން ތަނަކުން ކަމެއް އެނގޭ ގޮތެއް އަދި ނުވެ އެވެ.
ހިމަބިހި ޖެހިފައި ހުރި މީހަކު މިދިޔަ މަހާއި ޖުލައި މަހު ވެސް ރާއްޖެއިން ފެނުނެވެ. އެއީ ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި މީހުންނެވެ.
ހިމަބިހީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުންއ އަދި ލޯ ރަތްވުމެވެ. އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.
ރާއްޖެ އިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރެވެ. އެކަމަކު އޭގެ ފަހުން 2020 ވަނަ އަހަރު އާއި މި އަހަރުގެ މާޗު މަހު އައްޑޫން ވެސް މި ބައްޔަށް ކުޑަކުއްޖަކު ޕޮޒިިޓިވްވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަހަބަރު
07 September 2023
ނައްތާލެވިފައިވާ ކަމެއް އަލުން ރުޖޫޢަ ވިކަމަށް ވާނީ ކިތަށް ކޭސް ފެނުނީމަތޯ ބަލާދިނުން އެދެން. ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގަ ނެތުން ކަހަލަ ކަމަކަށް ހިމަބިހި ވެސް ވެއްޖެ
ނިމުން
06 September 2023
ހުރިހާ ކަމެއް ހަމަވީ، އެޗްޕީއޭ ދެން ގައުމާއި ހަވާލުވޭ