ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ފަޅައި ކެއްކި ވެލާތަކުގެ ބައިތައް -- ފޮޓޯ: ޕޮލިސް
07 ސެޕްޓެމްބަރ 2023 - 13:00
ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި، އެ އަތޮޅުގެ ކެންދޫގެ ހަތް މީހުންނަށް ކުރި ޖޫރިމަނާ 33،000ރ. އަށް މިއަދު ކުޑަކޮށްދީފި އެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގައި ދިރޭ އެއްޗަކަށް ގޯނާކޮށްފި ނަމަ 30,000ރ. އާއި 50,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އޮވެ އެވެ. އެހެންވެ، އެ މީހުން ޖޫރިމަނާ ކުރީ ތަބީއީ ގޮތުގައި ހިމާޔަތްކޮށް، ރައްކާތެރި ކޮށްފައިވާ ހަ ދިރޭ އެއްޗަކަށް ގޯނާކޮށް މަރާލުމާ ގުޅިގެންނެވެ.
އެ އިން ކޮންމެ އެއްޗަކަށް 33،000ރ. ގެ މަގުން، މިދިޔަ ޖޫން މަހުގެ 20 ގައި ކޮންމެ މީހަކަށް އެންގީ ޖޫރިމަނާގެ ގޮތުގައި 198،000ރ. ދެއްކުމަށެވެ.
އީޕީއޭގެ ނޫސްބަޔާނުގައިވާ ގޮތުން، އެ މައްސަލާގައި ޖޫރިމަނާކުރީ ކެންދޫ، ދިރިމާގެ، އަލީ އާދަމް އާއި ކެންދޫ، ދިރިމާގެ ހަސަން ޒަރީރު އާއި ކެންދޫ، ދިލާސާގެ، އަބްދުﷲ ޝާހީ އާއި ކެންދޫ، ދިލާސާގެ އަހްމަދު ނާއިޝް އާއި ކެންދޫ، މުސަންމާގެ، ހޫދު ފަހުދު އިދުރީސް އާއި ކެންދޫ، އަމަން، އަންވަރު އަބްދުއްރަހްމާން އަދި އދ. ދިގުރަށް، ނޫރާނީ ވިލާ، ތަސްނީމް އަހުމަދެވެ.
ފުލުހުންގެ އެހީތެރިކަމާ އެކު، އެ މީހުން ޖޫރިމަނާ ކުރި ކަން އެންގި ސިޓީތައް ހަވާލުކުރުމަށް މަސައްކަތް ކުރިޔަސް އެ މީހުން އީޕީއޭ އިން ފޮނުވި ޖޫރިމަނާ ސިޓީތަކާ ހަވާލުވާން އިންކާރު ކުރުމާ ގުޅިގެން މިދިޔަ ޖުލައި މަހުގެ 31 ގައި ކެންދޫ ކައުންސިލްގެ އެހީތެރިކަމާ އެކު، ސިޓީތައް ހަވާލުކުރުމުގެ މަސައްކަތް ކުރި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އީޕީއޭ އިން ބުނީ އެ ޖޫރިމަނާއާ ގުޅިގެން، ޖޫރިމަނާ ކުރި މީހުން ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަށް ސިޓީއެއް ފޮނުވި ކަމަށެވެ. އެ ސިޓީގައިވާ ކަންކަމަށް ބަލައި، އެ މީހުންނަށް ކޮށްފައިވާ ޖޫރިމަނާ މުރާޖައާ ކުރަން ޖެހޭ ކަމަށް މިނިސްޓްރީއަށް ފެންނާތީވެ، އެޓާނީ ޖެނެރަލް އޮފީހުގެ ލަފާ ހޯދި ކަމަށް އެ އެޖެންސީ އަށް މިނިސްޓްރީން އަންގާފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.
އެ ޖޫރިމަނާ މުރާޖައާ ކުރުމާ ގުޅޭ ގޮތުން އޭޖީގެ އޮފީހުން އިއްޔެ އީޕީއޭ އަށް ސިޓީއެއް ފޮނުވި އެވެ.
އެ ސިޓީގައި އޭޖީ އޮފީހުން ބުނެފައި ވަނީ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގައި ދިރޭ އެއްޗަކަށް ގޯނާކޮށްފި ނަމަ، 30,000ރ. އާއި 50,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް އޮވެ، އެ ގަވާއިދުގައި ގޯނާކުރި ތަކެތީގެ އަދަދަށް ބަލައި ޖޫރިމަނާކުރެވޭ އަދަދު އިތުރު ކުރުމުގެ އުސޫލެއް ކަނޑައަޅާފައި ނުވާތީ އެ މީހުން ޖޫރިމަނާ ކުރެވޭނީ 30،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން އެކަންޏެވެ.
އެހެންވެ، ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އޭޖީ އޮފީހުގެ ލަފާގެ މަތިން ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި ކޮންމެ މީހެއްގެ ޖޫރިމަނާ 33،000ރ. އަށް ކުޑަކޮށްދޭން އެ އެޖެންސީން ނިންމާފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައި ބުންޏެވެ.
އީޕީއޭ އިން ބުނީ ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދައްކަން އެ މީހުންނަށް މިހާރު އަންގާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިހްސާސް
07 September 2023
ފަރުތައް ހަލާކުކުރި މީހުންގެ ޖޫރިމަނާ ފައިސާ ނުދެއްކިޔަސް އީޕީއޭއަށް އޯކޭ ވަންޔާ، ވެލާ ފެޅިމީހުންގެ ޖޫރިމަނާ ނުދެއްކިޔަސް އޯކޭ ވާންވާނެ.
އިބޫ ސޯލިހުއައް ވެދުން ސަލާމައްފަހު
07 September 2023
ޖީއެސްޓީ 8 ކުން 6 ކަށް ބަދަލު ކޮއްދީބަލަ ކޮތަޅު ނަގާ 2 ރުފިޔާ ކަނޑާފަ، ޑޮލަރު 18 އިން 15.42 ލިބޭ ގޮތް ހަދާފަ ކޭޝްކާޑުން ބޭރު ގައުމުތަކުގަ ބޭނުން ކުރެވޭ ވަރު މަހަކު 250 އިން 600 ދުވާލަކަށް އެއީ އިބޫ ރައީސްކަމަށް އައުމުގެ ކުރިން ހުރި ގޮތް މިހާރު ހުރި ގޮތުން ރައްޔިތުން ހަނާވަނީ. (އޮސްޓްރޭލިޔާއިން މިޔަދު ބުނި ގޮތުގައި ރާއްޖެވަނީ ވަރައް ކުރިއަރާފައި) މިދެންނެވި ކަންތައް ރަނގަޅު ނުކުރަނީސް އިބޫއައް ވޯޓްދެވޭނެ އެއްވެސް ފޯމިއުލާއެއް އަޅުގަނޑައް ނުފެނުނު
އަޅެ
07 September 2023
އަޅެ މިބޮޱު ޖޯކެއްތަ މާދަންބުނޭ މާފުކޮއްފީމޭ
އެޑްމުންޑޯ
07 September 2023
މާފްކޮށްދީ ، މިހާރު ހުރިހާއެއްޗެއްވެސް މާފް ތެރޭގައި އުޅޭ ދުވަސްވަރަކެ މިއީ
ސަސި.
07 September 2023
ޖޫރިމަނާ ކުޑަ ކުރިޔަސް ވެލާތަށް މަރުވެއްޖެ. ދެން ބަލާބަލަ ބުރިޖުއަޅާ މީހުންގެ ޖޫރިމަނާގެ ހަބަރެއް.
6789
07 September 2023
ޖީއެސްޓީ މައާފު ކޮށްދީބަލަ ހެޔޮނުވާނެ
ނަރު
07 September 2023
ވެލާކޮޅު ދިރިގެން އަލުން މޫދަށް ފޭބީދޯ
އެދެމޭ އެދެމޭ
07 September 2023
އައްޑޫ ރައްޔިތުންގެ ޖީއެސްޓީ ކަނޑާދިނުން ވަރަށް އެދެމެވެ.
12345
07 September 2023
ކިހިނެއް މިވީ! ވޯޓު ޔަޤީން ކޮށްލީދޯ؟
ކުރިޔަށް
07 September 2023
ދެން ޖީއެސްޓީ ވެސް މަޢާފް ކޮށްދީބަލަ، އަދި ކޮތަލު ޓެކްސް އެއް ލާރިއަށް ކުޑަކޮޑްދީބަލަ