އައްޑޫ/ފުވައްމުލަކާއި ލ. އަތޮޅު އޮޑިޝަނުން ތިއޭޓަ ރައުންޑަށް ފުރުސަތު ލިބުނީ 11 ބައިވެރިއަކަށް.
އައްޑޫ އޮޑިޝަންގައި ރޭ ދޮހޮއްކޮބޭގެ ލަވަތައް އިއްވާލި ނިއާމް ގޯލްޑެން ޓިކެޓާ އެކު. ފޮޓޯ: ޕީއެސްއެމް
04 ފެބުރުއަރީ 2017 - 08:26
މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަން ރައުންޑް މިހާރު ޓީވީއެމުން ދައްކަމުން އަންނަ އިރު، ރެއަކީ އަނެއްކާ ވެސް މަޖާ އަދި ހުނަރުވެރި ބައިވެރިންތަކެއްގެ ހުށަހެޅުންތަކެއް ފެނިގެން ދިޔަ ރެއެކެވެ.
ރޭގެ އޮޑިޝަނަކީ އައްޑޫ/ފުވައްމުލައް އަދި ލ. އަތޮޅުގެ އޮޑިޝަނެވެ.
އައްޑޫ/ފުވައްމުލައް އޮޑިޝަނަށް ބަލާ އިރު، ޖުމްލަ ނުވަ ބައިވެރިއަކު ވަނީ ގޯލްޑެން ޓިކެޓާ އެކު، ތިއޭޓާ ރައުންޑަށް ދަރުތުކޮށްފަ އެވެ.
ރޭގެ އައްޑޫ އޮޑިޝަންގެ އެންމެ ފާހަގަކޮށްލެވުނު އެއް ބައިވެރިއަކީ މީދޫން، އޮޑިޝަންގައި ވާދަކޮށް ގޯލްޑެން ޓިކެޓް ހޯދި ބަދުރުއްނަސީރެވެ. އޭނާގެ ތައާރަފު ފެށުނީ ޤުރުއާން މުދައްރިއްސެއްގެ ގޮތުން އަވަށްޓެރި ކުދިންނަށް ޤުރުއާން ކިޔައިދޭ މީހެއްގެ ގޮތުގަ އެވެ.
އެކަމަކު ގޯލްޑެން ޓިކެޓް އޭނާ ހޯދީ، ތިން ޖަޖުން ވަރަށް ބޮޑަަށް ހެއްވާލައިފަ އެވެ. އެގޮތުން ކުރީގެ މަޝްހޫރު ދެ ލަވަ ކިޔުންތެރިއެއްގެ އަޑުން ބަދުރު ލަވަ ކިޔުންވީ ވަރަށް މަޖާ ކަމަކަށެވެ. ހަމްދީ އާއި އިބްރާހީމް ޝަކީބްގެ އަޑުން ބަދުރު ކީ ލަވަތައް ހަމަ އަސްލު ވަރަށް މަޖަލެވެ.
ހަމްދީ އާއި ޝަކީބްގެ އަޑުން ބައިވެރިއަކު ލަވަ ކިޔަނީ.
އައްޑޫގެ އޮޑިޝަނުން ދެން އެންމެ ފާހަގަ ކުރެވުނު އެއް ބައިވެރިއަކީ ހިތަދު އަށް އުފަން ނިއާމެވެ. އޭނާގެ ހާއްސަ ކަމަކީ މަރުހޫމް ދޮހޮއްކޮބޮގެ ލަވަތައް، ދޮހޮއްކޮބެގެ ސްޓައިލަށް ކިޔުމެވެ. އެކަން ތިން ޖަޖުންނަށް ވެސްވީ ވަރަށް ސަޅި ކަމަކަށެވެ.
ނަތީޖާއަކަށްވީ ދޮހޮއްކޮބޭގެ ހަތަރު ފަސް ވަރަކަށް ލަވައިގެ ކަޑިތައް ނިއާމް ހުށަހަޅައި ދީގެން ގޯލްޑެން ޓިކެޓް ކަށަވަރު ކުރުމެވެ.
އައްޑޫގައި ކުރިއަށް ގެންދިޔައީ އައްޑޫ/ފުވައްމުލަކަށް ހާއްސަ އޮޑިޝަނެއް ކަމަށް ވިޔަސް، ފާހަގަކޮށްލެވުނު ކަމަކީ ހުވަދު އަތޮޅުން ވެސް ބައެއް މީހުން އޮޑިޝަނަށް އައްޑު އަށް އައިކަމެވެ.
މިހާތަނަށް މޯލްޑިވިއަން އައިޑޮލް އިން ފުވައްމުލަކުގެ އަންހެން ކުއްޖަކަށް ޖާގައެއް ތަނަވަސްވެފައި ނުވާތީ، ރޭގެ އޮޑިޝަންގައި އެކަން ބަދަކުކޮށްލަން ފުވައްމުލަކުން ފުރައިގެން އައިސް ނަޒްފާ ލަވަ ކިޔެ އެވެ. އެކަމަކު ލަވައަކަށް ވުރެ ބޮޑަަށް އޭނާ ކުރީ "ހިތް ކުދިކުދި" ލަވައިގެ ރެޕިން އެވެ.
ޮއޮޑިޝަނަށް ފަހު ނަޒްފާ ނިކުންނަނީ.
އެކަމަކު އެ ހުށަހެޅުމުން ޖަޖުންގެ ހިތުން ޖާގައެއް ހޯދޭ ގޮތެއް ނުވި އެވެ. ގޯލްޑެން ޓިކެޓް ހޯދައިގެން ނޫނީ ނުދާން އަޒުމް ކަނޑައަޅައިގެން ދިޔަ ނަޒްފާ އަށް ދާން ޖެހުނީ ހިތް ކުދިކުދިވެ ހުރެ އެވެ. އެކަމަކު އޭނާ ނިކުތީ ޖަޖުންނަށް ޓާޓާ ކިޔަމުން ހިނިތުންވުމަކާ ވެސް އެކުގަ އެވެ.
ދެން އޮތީ ލ. އޮޑިޝަންގެ ވާހަކަ އެވެ. ބޮޑު އާބާދީއެއް އޮތް ލ. އޮޑިޝަނުން ތިއޭޓަ ރައުންޑަށް ދާން ފުރުސަތު ލިބުނީ އެންމެ ދެ ބައިވެރިއަކަށެވެ.
އޭގެ ތެރެއިން އަނެއްކާ ވެސް އެކަކީ ކުރީގެ ލަވަ ކިޔުންތެރިންތަކެއްގެ އަޑުތަކުން ލަވަ ކިޔައިގެން ތިން ޖަޖުން ވެސް ހެއްވާލި މުބާރިކެވެ. އޭނާ ވަނީ ހޮޅުދޫ އަބްދުﷲ އާއި މުހައްމަދު ހުޒާމްގެ އަޑު ނަކަލުކޮށްގެން ވަރަށް ފުރިހަމައަށް ލަވަތަކެއް ހުށަހަޅައި ދީފަ އެވެ.
އެކަން މަޖާވެގެން ޖަޖް މަރިޔަމް އުނޫޝާ (ކިޑީ) ވަރަށް ގަދައަށް ހީ ހެދި އެވެ.
ހުޒާމާއި ހޮޅުދޫ އަބްދުﷲ ގެ އަޑުން ބައިވެރިއަކު ލަވަ ކިޔަނީ.
އެކަމަކު މުބާރިކް ގޯލްޑެން ޓިކެޓް ހާސިލް ކުރީ، އެ ދެ ލަވަ ކިޔުންތެރިންގެ އަޑުން ލަވަ ކިޔައިގެނެއް ނޫނެވެ. އޭނާގެ އަސްލު އަޑުން ލަވަ ކިޔައިގެންނެވެ.
މާދަމާ ރޭ ދައްކާ އޮޑިޝަން އެޕިސޯޑް ހާއްސަ ވާނީ ހދ އަތޮޅާއި ބ. އަތޮޅަށެވެ.
މޯލްޑިވިއަން އައިޑޮލްގެ ޖަޖުންގެ ތެރޭގައި މި ފަހަރު ހިމެނެނީ މިދިޔަ އަހަރު ބޭއްވި ސީޒަން އެކެއްގެ ޖަޖުންގެ ތެރޭގައި ކިޑީ އާއި އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) ގެ އިތުރުން މި ފަހަރު ޖަޖުންގެ ޕެނެލާ އަލަށް ގުޅުނު އިސްމާއިލް އައްފާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭކާރު
10 February 2017
ތިހާ ބޮޑު ހަރަދެއް ތިކަމަށް ނުކޮށް ހާއްސަ އެހީއަށް ބޭނުން ވެފަ ތިބި މީހުންނަށް އެހީވިޢްޔާ މާރަނގަޅު ވާނެ
ހާލި
04 February 2017
މޯލްދިވިއަން އައިޑްލް ކިއުމަށްވުރެ މޯލްދިވިއަން އިޑިއަޓް ކިއުން މަރަގަޅު ކުއްޖަކު އަރާއިރަށް ޖަޖުންކުރަނީ މަލާމަތް ފާޑެއްގެ ބުލީކުރުމެއްދޯ އެއީ
ވޯލް
04 February 2017
ޖަޖުން އެބްޖެހޭ ތަންކޮޅެއް ޕްރޮފެޝަނަލް ވާން. ބައިވެރިއަކު ރޯންފެށީމަ އެކަމާ އަތްޖަހާ، މިއީ ދެން ފުކެއް ބޮޑުވަރެއްކަންނޭންގެ.
މާލް
04 February 2017
ކިޑީ ޖަޖަކަށްވުރެ ބޮޑަށް 'ސްޓަރ'އެއްގޮތަށް ފެންނަކަން މިފަހަރު ފާހަގަކުރެވޭ. ފުރަތަމަ ވާހަކަދަށްކަންފެށުމާ، ގިނައިން ކްލޯސްއަޕް ފެނުމާ، އގިރޭސިބަސް މާބޮޑަށްވެސް ގިނަވުން ފާހަގަކުރެވޭ. މިހެންވާންވެއްޖެނަމަ އެއްޖަޖެއްގެ ނުފޫޒު ގަދަވެ، މިޝޯވގެ މަޤޮބޫލްކަން ގެއްލުން ކައިރި. ޝޯވ ދިރެކްޓަރުން ފައިނަލް ބުރަށް ދާންވާއިރަށް ވިސްނެވުން ރަގަޅު. ނޭނގި ވާކަމެއް ކަމަށް ޤަބޫލްކުރެވޭ.
މަ
04 February 2017
ޖަޖުން ތަންކޮޅެއް ޕްރޮފެޝަނަލް ވާންޖެހޭ. ބައިވެރިން ލަވަ ކިޔާއިރު ބައެއްފަހަރު ހީ އަޑުއަޑު ލައްވާ ހެދުން އެއީ އެކުދިންނަށް ކުރެވޭ ބޮޑު މަލާމާތެއް! ރޭގަ އަދި ފާހަގަ ކުރެވުނު ކަމެއް އޮތް، އެއް ބައިވެރިޔަކު ނުހޮވުމުން އެކަމާ ދެރަވެ ރޯން ފެށުމުން އެތާތިބި ދެ ފިރިހެން ޖަޖުންނަށް ވީ މަޖާކަމަކަށް! އަޅުގަނޑުމެންގެ ފެންވަރު
ޙަސަން އަޙްމަދު
04 February 2017
އައިޑޮލް އަކީ ބޭރު ޕްރޮގްރާމެއްގެ ކޮޕީއެއް. ދުނިޔޭގެ ގިނަ ގައުމުތަކުގަ އެގައުމުގެ ނަމަށް ނިސްބަތްކޮށް އައިޑޮލް ބާއްވާ. އެ ހުރިހާ ޕްރޮގްރާމެއްގައި ވެސް ފެންވަރު ނެތް ބައިވެރިއަކު ހުށަހަޅައި ދީފިއްޔާ ޖަޖުން ވަރަށް މަލާމާތް ކުރޭ. މަލާމާތް އެންމެ ކުޑައީ ވެސް މޯލްޑިވިއަން އައިޑޮލްގަ. މިއީ އައިޑޮލް ޕްރޮގްރާމުގެ ވަރަށް ބޮޑު އައިބެއް ކަމުގައި އަހަރެމެންނަށް ގަބޫލު ކުރެވުނަސް އެ ޕްރޮގްރާމުގެ ފޭނުން ވަނީ އެ ސިފަ ބަލައިގެންފަ.
ޢަބްދުﷲނާފިޒު
04 February 2017
ކީއްކުރާނީ، ބަޔަކު ކަމެއް ކުރާތީ އަހަރުމެން ދިވެހިންވެސް އެކަމެއް ކުރެވޭތޯ ބަލަނީ، އެވަރިހަމަ........ ތިޔަ އައިޑޯލެއް އަހުން ނުބަލަނީވެސް ބަޔަކާ ދިމާލަށް އެއްޗެއް ބުނެވިދާނެތީ، ކުރާނެ ކަމެއް ނެތަސް ތިޔަ އެއްޗެއް ނުބަލާނަން، ބަލާބަޔަކު ބަލާފާނެނު.........
ކުމާރު
04 February 2017
ވަރަށް ހަބޭސް ކޮން މިފަހަރުގެ އައިޑޮލް އަދި ދަނީ
އަފިހުން ގޮއްޔެ
04 February 2017
މިހިރަ ކޮމެންޓު ތަކުންނާ ލައިކް ޑިސްލައިކުން ހަބޭސް ވާވަރު އަންދާޒާ ކޮށްލެވޭ ދެއްތޮ.