ދުނިޔެ / ލީބިޔާ

ލީބިޔާގައި ފެންބޮޑުވެ، 11000 މަރުވެ 10000 ގެއްލިއްޖެ

ތޫފާން ޑެނިއަލްގައި ކާރެއް އަޑިއަށް ގޮސްފައި: މިހާތަނަށް 11000 މަރުވެ 10000 ވަނީ ގެއްލިފައި.

17 ސެޕްޓެމްބަރ 2023 - 13:22

ބާރު ގަދަ ތޫފާން ޑެނިއަލް، ލީބިޔާ އަށް އެރުމުގެ ސަބަބުން ބޯކޮށް ވާރޭ ވެހި، ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވުމާ ގުޅިގެން، މަރުވި މީހުންގެ އަދަދު 11 ހާހަށް ވުރެ މަތިވެ ގެއްލުނު މީހުންގެ އަދަދު 10 ހާހުން މައްޗަށް ގޮސްފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

މެޑިޓެރޭނިއަން ކަނޑުގައި އުފެދުނު ބާރު ގަދަ ތޫފާން ޑެނިއަލް، މިމަހުގެ 10 ވަނަ ދުވަހު ލީބިޔާ އަށް އެރުމުގެ ސަބަބުން، އެންމެ ބޮޑު ގެއްލުމެއް ލިބުނީ އެ ގައުމުގެ އިރުއުތުރުން މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގައި އޮންނަ ދަރްނާ ސަހަރަށެވެ. އެ ސަހަރަށް ބޯކޮށް ވާރޭ ވެހި ދެ ކޯރެއް ބަންޑުންވުމުގެ ސަބަބުން، ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ އެތައް ހާސް ބަޔަކު މަރުވެފައިވާ އިރު، އެތައް ހާސް ގެއެއް ވަނީ ހަލާކުވެފަ އެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން، ދަރްނާގެ ހާލަތު ދިރާސާކުރުމަށް ފަހު އިއްޔެ ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، އެ ސަހަރުން 11300 މީހުން މަރުވިކަން ވަނީ ކަށަވަރުކުރެވިފަ އެވެ. އޭގެ އިތުރުން ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް 10100 އަށް އަރާފައިވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާތީ، މަރުވެފައިވާ މީހުންގެ އަދަދު އިތުރުވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށް، އޯސީއެޗްއޭ އިން ބުނެ އެވެ. ދަރްނާ ސަހަރުގައި ބޮޑުވި ފެންގަނޑު ބާރު އޮޔާއެކުގައި މެޑިޓެރޭނިއަން ކަނޑުގެ ތެރެއަށް ފައިބައިގެން ދިޔައިރު، އެ ސަހަރުގެ ގިނަ ބަޔަކު ކަނޑުގެ ތެރެއަށް ދަމައިގެންފައިވާ ކަމަށް ބެލެވެ އެވެ.

އެހެންކަމުން، މީހުން ހޯދުމުގެ މަސައްކަތުގައި ބައިވެރިވާ، މިސްރާއި އެމިރޭޓްސް އަދި ޖަޒާއިރުގެ ކަނޑުގެ ސިފައިންގެ ޓީމުތައް މިހާރު ވެސް ދަނީ ދަރްނާގެ އައްސޭރިފަށާ ކައިރިން ކަނޑުގެ ސަރަހައްދުގައި ފީނައިގެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ ދުވަސްތަކުގައި އެ ސަރަހައްދުގެ ގޮނޑުދޮށަށް ގިނަ އަދަދެއްގެ ހަށިގަނޑުތައް ލައްގާފައި ހުއްޓައި ފެނިފައިވެ އެވެ.

އޯސީއެޗްއޭ އިން ބުނި ގޮތުގައި ދަރްނާގެ އިތުރުން ކައިރި އެހެން ބައެއް ސަރަހައްދުތަކުން ވެސް، ފެންބޮޑުވުމުގެ ސަބަބުން 170 މީހަކު މަރުވެފައިވާކަން ވަނީ ޔަގީން ކުރެވިފަ އެވެ.

ޑެނިއަލް ތޫފާނުގައި ބޯކޮށް ވާރޭ ވެހި ދަރްނާގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ އިމާރާތްތައް ވެއްޓި ނުވަތަ ހަލާކުވުމާ ގުޅިގެން، ހާލުގައި ޖެހި ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 40000 އަށް ވުރެ މަތިވެފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން ވެއްޓި ހަލާކުވެފައިވާ ގެތަކުގެ ތެރޭގައި، މިހާތަނަށް ނުފެނި ހުރި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ކުނިވެ މުޅި ސަހަރުގައި މިހާރު ވަނީ ކުނިވަސް ފެތުރިފަ އެވެ.

ސަހަރު ތެރޭގައި ކުނިވަމުންދާ ހަށިގަނޑުތައް ހޯދައި އަވަހަށް ނައްތާނުލެވިއްޖެ ނަމަ، އެ ސަހަރުގައި ނުރައްކާތެރި ވަބާއެއް ފެތުރުމުގެ ބިރު ވަރަށް ބޮޑު ކަމަށް، ސިއްހީ ތަޖުރިބާކާރުން ވިދާޅުވެ އެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގަ އާއި މަގުތަކަށް އެޅިފައިވާ ކިސަޑުތަކުގެ ތެރޭގައި، އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ވަޅުލެވިފައި ތިބޭނެ ކަމަށް ބެލެވެ އެވެ.

މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިފަށަށް ލައްގަމުން ދާ ހަށިގަނޑުތައް ވެސް ކުނިވެ ފީވަމުން ދާތީ، އެ ހަށިގަނޑުތައް ނެގުމަކީ ވެސް ދަތި ކަމެއް ކަމަށް، މީހުން ހޯދުމުގެ މަސައްކަތް ކުރާ ޓީމުތަކުން ބުނެ އެވެ. އެޓީމުތަކުން ބުނާ ގޮތުގައި އައްސޭރިފަށުން ފެށިގެން 10 ވަރަކަށް މޭލު ބޭރުން ވެސް ކުނިވެފައިވާ ހަށިގަނޑުތައް ފެންމަތިން އޮޔާ ދާ މަންޒަރު މިހާރު ފެނެ އެވެ.

ދަރްނާ ސަހަރަށް އެހާ ބޮޑު ގެއްލުމެއް ލިބުނީ، އެ ސަހަރުގެ ތެރެއިން މެޑްޓްރޭނިއަން ކަނޑަށް ދެމިފައި އޮންނަ ދެ ކޯރެއްގައި ހަދާފައި އޮންނަ ދުވަސްވީ ދެ ޑޭމެއް ހަލާކުވެ، އެ ދެ ޑޭމް ހުރި ސަރަހައްދަށް ކޯރުގެ ފެންގަނޑު ބަންޑުންވުމުގެ ސަބަބުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކޯރު ބަންޑުންވުމުގެ ސަބަބުން، ދަރްނާގެ ބޮޑު ސަރަހައްދެއްގައި ވަނީ 10 ފޫޓަށް ވުރެ މައްޗަށް ފެންގަނޑު ބޮޑުވެފަ އެވެ.

ދަރްނާ ސަހަރަކީ ވަށައިގެން ފަރުބަދަތައް ހިމެނޭ ވާދީއެއްގެ ތެރޭގައި އޮންނަ ސަހަރަކަށް ވުމާއެކު، ކޯރު ބަންޑުންވުމުގެ ސަބަބުން ބޮޑުވި ފެންގަނޑު، މެޑްޓެރޭނިއަން ކަނޑުގެ ތެރެއަށް ފައިބައިގެން ގޮސް ހުސްވަންދެން، ގިނަ ވަގުތުތަކެއް ވަންދެން އެ ސަހަރުގެ ތެރޭގައި ހިފެހެއްޓިފައި އޮތެވެ. ބާރު އޮޔާއެކު ފެންގަނޑު ދަތުރު ކުރަމުން ދިއުމުގެ ސަބަބުން އެ ސަހަރުގެ ވަރަށް ގިނަ ގެތައް ވެއްޓި، އެތައް ހާސް އެއްގަމު އުޅަނދެއް ވެސް ވަނީ އޮޔާއެކު ކަނޑުގެ ތެރެއަށް ގޮސްފަ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454