މާޒިޔާގެ ތިންވަނަ ލަނޑު ޖެހި ސެންޓޭ (ވ) އާއި އެ ލަނޑު ޖަހަން ފުރުސަތު ތްނަވަސްކޮށް ދިން ނާއިޒު ހަސަން އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
19 ސެޕްޓެމްބަރ 2023 - 17:26
އޭއެފްސީ ކަޕްގައި، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ވަޅުޖެހިފައިވާ ރާއްޖޭގެ ފުޓްބޯޅަ އަށް މާޒިޔާއިން އުންމީދެއް ހޯދައި ދީފި އެވެ.
މާޒިޔާވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބަޝުންދަރާއާ ދެކޮޅަށް ކުޅެފަ އެވެ. އެކަމަކު އެ ދެ މެޗުން ވެސް މާޒިޔާ ބަލިވީ އެވެ. އޭގެ ތެރޭގައި 2021 ގައި މާލޭގައި ކުޅުނު އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގެ މެޗު ވެސް ހިމެނެ އެވެ.
ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި، ބަންގްލަދޭޝްގެ އެންމެ ވަރުގަދަ ޓީމު ބަލި ކުރެވުމަކީ އަންނަ މަހު ކުޅޭ ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ ރާއްޖޭގެ ޓީމަށް ލިބޭނެ ހިތްވަރެކެވެ. ގައުމީ ޓީމުގައި މާޒިޔާގެ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ.
މާޒިޔާގެ ފުރަތަމަ ގޯލު ޖަހައިދިން ބަލަބަނޮވިޗް އަތުން ބޯޅަ ހޯދަން ބަޝުންދަރާ ކުޅުންތެރިއަކު މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ ބަޝުންދަރާ އެވެ. ލަނޑު ޖަހާނެ ފުރަތަމަ ފުރުސަތު ވެސް ލިބުނީ އެ ޓީމަށެވެ. މާޒިޔައިން ލަނޑު ޖެހުމުގެ ކުރިން ބަޝުންދަރާ ރޮބްސަން އޭރިއާ ތެރެއަށް ހުސްކޮށް ވަނެވެ. ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސްކޮށް ދަނޑިކައިރިން ބޭރަށެވެ.
އޭގެ ދެ މިނެޓް ފަހުން މާޒިޔާގެ ވޮޖިސްލާވް ބަލަބަނޯވިޗް ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބޯޅައިން މާޒިޔާ އަށް ލީޑް ނަގައި ދިނެވެ. ބަޝުންދަރާގެ ހާފުގެ ތެރެއިން އިބްރާހިމް އައިސަމް (ޓޯނީ) ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ހާފުގެ މެދެއްހާ ހިސާބުގައި ހުރެފައި ބަލަބަނޯވިޗް އުންޑައެއްހެން ފޮނުވާލި ބޯޅަ ގޮސް ވަނީ ބަޝުންދަރާގެ ގޯލްގެ އެތެރޭގެ މަތީ ދާގަނޑަށެވެ.
ބަޝުންދަރާގެ ކުޅުންތެރިން ތިބީ އެހާ ދުރުން އޭނާ ބޯޅަ ފޮނުވާލާނެ ކަމަށް ސަމާލުވެގެނެއް ނޫނެވެ.
ދެވަނަ ހާފުގައި ކުޅެން އެރި ޗޯޓު ބޯޅަ ހިފައިގެން ކުރިއަށް ދަނީ، މާޒިޔާގެ ދެވަނަ ލަނޑު ޖެހީ އޭނާ.-- ފޮޓޯ: ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފުރަތަމަ ހާފުގައި ވެސް ނަތީޖާ ހަމަހަމަ ކުރުމަށް ބަޝުންދަރާއިން ގޭމް ހަލުވިކޮށް ކުޅެން މަސައްކަތް ކުރި އެވެ. ފުރުސަތުތައް ތަނަވަސް ކުރެވުނަސް އޭގެ ބޭނުމެއް ނުހިފުނެވެ.
ދެވަނަ ހާފުގައި މާޒިޔާގެ ދެވަނަ ގޯލް ޖެހީ އޭއެފްސީ ކަޕް މެޗަކަށް ފުރަތަމަ ފަހަރަށް ކުޅެން ނުކުތް ހަސަން ނަޒީމް (ޗޯޓް) އެވެ. މާޒިޔާއިން އިތުރު ލަނޑެއް ޖެހުމުން ބަޝުންދަރާއިން ކުރިއަށް ޖެހެން މަޖުބޫރުވި އެވެ.
މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ނާއިޒު ހަސަން ދިން ފުރުސަތަކުން އަލީ ފަސިރު (ސެންޓޭ) މާޒިޔާގެ ތިންވަނަ ލަނޑު ޖެހި އެވެ.
ތިން ލަނޑުގެ ލީޑެއް ލިބުމުން މާޒިޔާގެ ކުޅުންތެރިން ޑިފެންސަށް މާބޮޑު ސަމާލުކަމެއް ނުދީ ތިއްބައި އެންމެ ފަހު ވަގުތުގައި ބަޝުންދަރާގެ މުހައްމަދު އިބްރާހިމް އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯލިހު
20 September 2023
ހަޤީގަތަކީ ދިވެހި ފުޓްބޯޅަ ހަލާކުކޮށްލުމުގަ މާޒިއާގެ ދައުރު ބޮޑުކަން. އެފް އޭ އެމް އާ ގުޅިގެން ގިނަބައިވަރު ދިވެހި ސަޕޯޓަރުން ތިބި ދުވަސްވީ ކްލަބްތައް މުބާރާތްތަކުގަ ބައިވެރި ނުވެވޭނެހެން ކަންތައްކުރީ. އަހަރެމެން ނުދާނަން މާޒިއާ ކުޅޭތަން ބަލާކައް. ވަރިހަމަ މެސީ އާ ރޮނާލްޑޯ ގެނައިސްގެން ކުޅުނަސް ނުދާނަން
ތެފައާސާ - ބަންގުލަދޭޝް ވާޝަން
20 September 2023
އަހަރެން ބާއީ އުރިހާ އެމެން ބޮރޯބޮރު ސަޕޯޓު ކުރަން ދަން ބޭނުންވަނީ. ބޮސް ނޮފޮނުވަނީ ޗުއްޓި ދުވަސް ނެތީމަ، ދެން ބޮރޮބޮރު ސަޕޯޓު ނެތީމާ ދިވެހިމީހާ މޮޅުވަނީ މީ ސަކަރާ ވައްތަރު ހުންނަނީނު
ލާމަސީލު
20 September 2023
ހެޑިންގަ ރާއްޖޭގެ ގައުމީޓީމުން ބަންގްލަދޭޝްގެ ލީގް ޗެމްޕިއަންޓީމް ބަލިކުރި ވާހަކަ ޖެހިނަމަ ސަޅިވީސް. މާޒިޔާ އަކީ މިހާރު ރާއްޖޭގެ ގައުމީޓީމް. މިއީ އަހަރެންގެ ޚިޔާލް. ހަގީގަތަކީ ރާއްޖޭގެ %90 ޓީމްތައް އޮތީ ބިކަވެ ހާލުގަ ޖެހިފަކަން.
ކުރިކެކުރި
19 September 2023
މުއިއްޒު ވެރިކަމާ ހަވާލުވާން އަންނާތީ ދިވެހި ބޯޅައަށް އަންނަ ކުރިއެރުން…ޒާބަހޭ މުޢީޒޫ
އަންކަލޯ
19 September 2023
ޝުކުރޮއްޔާ ޑރ.މުއިއްޒު
ރަދީފްއޮފިޝަލް
19 September 2023
މަރުހަބާ މާޒިޔާ.