ޚަބަރު / ރައްޔިތުންގެ މަޖިލިސް

ގިނަ މަސައްކަތްތަކެއް ތާވަލުކުރިޔަސް ކޯރަމް ހަމަނުވެގެން ޖަލްސާ ކެންސަލް ކޮށްފި

ރައްޔިތުންގެ މަޖިލިހުގައި ގިނަ ދުވަސްތަކެއް ވެފައިވާ ގިނަ މަސައްކަތްތަކެއް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް، ކޯރަމް ހަމަނުވެގެން ޖަލްސާ ނުބޭއްވިގެން ކެންސަލް ކޮށްފި އެވެ.

ޖަލްސާ ފެށުމަށްޓަކައި މަޖިލީހުގެ ގަވާއިދުގައި ބުނާ 22 މެމްބަރުން ނެތް ކަމަށް ވިދާޅުވެ، ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މިއަދުގެ ޖަލްސާ ބޭއްވެން ނެތް ކަމަށް އިއުލާނު ކުރައްވައިފަ އެވެ.

މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ދެ ސަފީރަކަށް ރުހުން ދިނުމާއި ފަނޑިޔާރަކު މަގާމުން ވަކިކުރަން ޖޭއެސްސީން ފޮނުވާފައިވާ މައްސަލައެއްގެ އިތުރުން ދިގުލައިގެން ގޮސްފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލާއި ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމުގެ ބިލުގެ އިތުރުން ނުނިމި އޮތް ހަތަރު ގަރާރެއްގެ ބަހުސް ހިމެނެ އެވެ.

ފަހަކަށް އައިސް ކޯރަމް ހަމަނުވުމުގެ މައްސަލަ ބޮޑުވެފައިވާ އިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބަލަހައްޓަވައި ޖަލްސާ ތަކުގައި ކޯރަމް ހަމަކުރަން މެމްބަރުންނަށް ވަގުތު ދެއްވަ އެވެ. ހާއްސަކޮށް، ޑިމޮކްރެޓްސްގެ ފަރާތުން ނިޒާމު ބަދަލުކުރަން އާންމު ވޯޓެއް ނެގުމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި މިދިޔަ ހަފުތާގައި ބޭއްވި ހުރިހާ ޖަލްސާއެއްގައި ވެސް ނަޝީދު ވަނީ ކޯރަމް ހަމަވަންދެން ޖަލްސާ ފެށުން ފަސްކުރައްވައިފަ އެވެ.

މިއަދުގެ ޖަލްސާ ކެންސަލް ކުރީ، މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީން އަލުން ހުށަހަޅާފައިވަނިކޮށެވެ.

މަޖިލީހުގައި އެމްޑީޕީގެ 55 މެމްބަރުން ތިއްބަވާ އިރު، މަޖިލިހުގެ ރައީސްކަމުގެ ނަޝީދު ދުރުކުރުމުގެ ލިޔުމުގައި އެ ޕާޓީގެ 48 މެމްބަރަކު ސޮއިކުރެއްވި ކަން އެނގިފައި ވެ އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން 45 މެމްބަރުންގެ ސޮއި ބޭނުންވެ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާ ސަބަބަކަށް އެމްޑީޕީގެ ޕީޖީން ބުނެފައި ވަނީ، އިސްލާހުގެ ނަމުގައި މަގާމުގެ ދަހިވެތިކަން އިސްކޮށް އެމްޑީޕީ އަށް ގެއްލުން ދިނުމެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކުރިން ވެސް ހުށަހެޅި އެވެ. ނަމަވެސް، ނަޝީދުއާ އެކު އީވާ ވަކިކުރުމުގެ މައްސަލަ ވެސް ހުށަހެޅުމުން، ދެ ބޭފުޅުން އެކުގައި ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހެއްދެވުމުން އެ މައްސަލަތައް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސެވެ.

ރިޔާސަތު ބެލެހެއްޓުމުގެ އަރައިރުމުގެ އިތުރުން، އެމްޑީޕީން ވަކިވި 13 މެމްބަރުންނާ އެކު މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާނުލެވި އޮތުމަކީ ވެސް އެ މައްސަލަތައް ކުރިއަށް ގެންދަން ކުރިމަތިވި އަނެއް ހުރަހެވެ. މަޖިލީހުގެ ގަވާއިދު ގައިވާ ގޮތުން، އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅަން ޖެހެނީ އާންމު ކޮމިޓީންނެވެ.

އެ ކޯޅުމުގެ ތެރޭގައި މަޖިލީހުގައި މަރުތަޅު އެޅުވި އެއްވެސް މަސައްކަތެއް ނުކުރެވި ދެ މަހެއްހާ ދުވަހު މަޖިލިސް ހުއްޓިފައި އޮތެވެ. އޭގެ ފަހުން، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނާކާމިޔާބީ އަށް ފަހު، އެ ބުރުގައި ތިން ވަނަ އައި ޑިމޮކްރެޓްސްގެ ތާއީދު ހޯދުމުގެ މަޝްވަރާތަކުގެ ތެރެއިން، އެމްޑީޕީން ވަނީ ކުއްލި ގޮތަކަށް ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

ނަމަވެސް، ޑިމޮކްރަޓްސް އިން އިންތިހާބުގައި ދެ ވަނަ ބުރުގައި ވެސް ނިންމީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރުމަށެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރަޓްސް ޕާޓީގެ ބައިވެރިވުން އޮންނާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހުރަސްއަޅައި، ސަރުކާރުގެ ކޮރަޕްޝަންތައް ބެލުން ހުއްޓުވުމަށް ޑިމޮކްރަޓްސްގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

6 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިކަހަލަ

10 October 2023

ބަރާބަރައް ނުގޮސް ލާރިކެއުން ކަމަކީ މިމަޖްލީހުގެ މީހުން. މުޅި ތަން ބަދަލުކޮއްލަން ފެނޭ. މި މުސްކުޅިވެރިން ބައިތިއްބައިގެން ނުވާނެ ކަމެއް. ކުރީގެ ޖީލު މުޅި ރާއްޖެ ހަލާކުކޮއްފި

The name is already taken The name is available. Register?

ކިއުންތެރިޔާ

09 October 2023

ބަރުލަމާނީ އަށް މަގުކޮށަން ވެގެން މަޖިލިސް ޖަލްސާ ތައް ބާއްވަން އުޅުނު އިރު ކޯރަމް ހަމަވޭތޯ ތާއްޔާ ޖެހިޖެހި ވެސް މަޖިލިސް ރައީސް އިންނެވި ނޫންތޯ؟ މެންބަރަކު އާދޭތޯ އެހެންޏާ އެކިޔާ ކޯރަމް ރަނގަބީލު ޖެހުމާ އަދި ނުވިތާކަށް 15 މިނިޓު ފަހުން ޖަލްސާ ފެށުމާ މިހިރީ މީގެކުރިން ކޮށްފަހުރި ކަންކަން. ތެޅިފޮޅިގެން އަވަސް އަރުވާލާފަ މީހުން ހަމަ ނުވިޔޭ މިހިސާބުން ނިމުނީއޭ ކިޔާފަ ހިތުހުރިހާ ގޮތަކަށް މަޖިލިސްގެ ކަންކަން އެކަކަށް ވެސް ގެންދެވިގެން ނުވާނެ.

The name is already taken The name is available. Register?

ކިއުންތެރިޔާ

09 October 2023

ބަރުލަމާނީ އަށް މަގުކޮށަން ވެގެން މަޖިލިސް ޖަލްސާ ތައް ބާއްވަން އުޅުނު އިރު ކޯރަމް ހަމަވޭތޯ ތާއްޔާ ޖެހިޖެހި ވެސް މަޖިލިސް ރައީސް އިންނެވި ނޫންތޯ؟ މެންބަރަކު އާދޭތޯ އެހެންޏާ އެކިޔާ ކޯރަމް ރަނގަބީލު ޖެހުމާ އަދި ނުވިތާކަށް 15 މިނިޓު ފަހުން ޖަލްސާ ފެށުމާ މިހިރީ މީގެކުރިން ކޮށްފަހުރި ކަންކަން. ތެޅިފޮޅިގެން އަވަސް އަރުވާލާފަ މީހުން ހަމަ ނުވިޔޭ މިހިސާބުން ނިމުނީއޭ ކިޔާފަ ހިތުހުރިހާ ގޮތަކަށް މަޖިލިސްގެ ކަންކަން އެކަކަށް ވެސް ގެންދެވިގެން ނުވާނެ.

The name is already taken The name is available. Register?

ބޮޑުމީހާ

09 October 2023

ބަރުލަމާނީ ނިޒާމަކަށްވުރެ މުހިންމީ މަޖްލީހަށް ތި ހޮވާފައި ތިބި 87 މެމްބަރުން އެތަނަށް ހާޒިރުވެ މަސައްކަތްކުރޭތޯ ބަލާނެ ސިސްޓަމެއް. އެމްއެންޑީއެފްއާއި ހަވާލުކޮށްގެންވިޔަސް ތިމީހުން ކޮންމެ ދުވަހަކު މަޖްލީހަށް ހާޒިރުކުރުވަންޖެހޭ. 85000ރ ނަގައިގެން، ސިންގަޕޫރުން ބޭސްފަރުވާކޮށްގެން ރައްޔިތުން ފެލައިގެން މި މީިހުން މިއުޅެނީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

09 October 2023

ވެރިކަމުގައި މިހާރު ހުންނެވިބޭޅާއަށް "އިތުރު ފުރުސަތެއްދޭން ރައްޔިތުން ބޭނުން ނުވާއިރު" އެބޭޅާގެ ސަރުކާރު ތަމްސީލުކުރަން ވެރިކަން ނިމެން ބާކީއޮތް 40 ދުވަހަށް ދިވެހިދައުލަތުން ފޮނުވާ އެމްބެސެޑަރެއްގެ ގޮތުގައި އެއްވެސް ޤައުމަކަށް އެމްބެސެޑަރަކު ފޮނުވަން މަޖިލީހުން ރުހުން ދީގެން ނުވާނެ.

The name is already taken The name is available. Register?

އެދުރުބޭބެ

09 October 2023

އެމްބެސެޑަރުން ހަމަޖައްސަން ހުށަހަޅާފަ އެވަނީ އިއްޔެއަކު ނުވަތަ އިންތިޚާބުގެ ތެރެއަކުވެސް ނޫން. މާކުރިން ފޮނުވާފަހުރި އެއްޗެއް ބޮޑުވަޒީރު މަތާރަންފިލާ މަތީ ބާއްވައިގެން އިނދެފަ މިހާރު އެއެއްޗެހި ތިލަކޮށްގެން އެ އެޖެންޑާ ކުރަނީ. އަދިވެސް އިލެކްޝަންސް ކަމިޝަނަށް މެންބަރަކު ހަމަޖައްސަން އޮތް ކަރުދާސް ވެސް ވީހިސާބެއް ނޭނގޭ. އިންތިޚާބު ނިމިގެން އެދިޔައީ ކަމިޝަންގަ 1 މެންބަރު މަދުކޮށް. ހަމަ ޖެއްސުންކުރުން ނޫންކަމެއްނެތް. އެހެންވެ ބޮޑުވަޒީރު ކަމުނުދަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454