ދިރާގު ރޯޑު ރޭހުގައި ބަޔަކު ދުވަނީ. ދުވުންތެރިންނަށް ޓްރެއިނިން ހަރަކާތެއް މާދަމާ ބާއްވަނީ-- ފޮޓޯ: ދިރާގު
20 އޮކްޓޯބަރ 2023 - 21:39
ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ގެ މި އަހަރުގެ ކޯޗިން ޕާޓްނަރެއް ކަމަށްވާ އެލީޓް ރަނާސް މޯލްޑިވްސްއާ އެކު ދިރާގުން ހާއްސަ ދުވުމުގެ ކްލިނިކެއް ބާއްވަން ނިންމައިފި އެވެ.
މި އަހަޜުގެ ދިރާގު ރޯޑް ރޭހުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ބައިވެރިންނަށް ހުޅުވާލައިގެން ބާއްވާ މި އިވެންޓް އޮންނާނީ މާދަމާ ހަވީރު 4:30 އިން 5:45 އަށް މާލޭގެ ރަނިން ޓްރެކްގަ އެވެ.
މި ދުވުމުގެ ތަމްރީނުގެ ސަބަބުން ދިރާގު ރޯޑު ރޭހަށް ދުވުމަށް ތައްޔާރުވުމަށް އެހީތެރިވެދޭނެ އިރުޝާދުތައް ބައިވެރިންނަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ވަނީ އެ ހަރަކާތުގައި ބައިވެރިވާން ޝައުގުވެރިވާ ކުދިން ރަޖިސްޓަރީ ވުމަށް ގޫގުލް ފޯމު ލިންކެއް ހަދައިފަ އެވެ. ދިރާގުގެ ވެބްސައިޓްގައިވާ https://bit.ly/3M8ThBT މި ލިންކު މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ އެވެ.
ޑީއެމްއާރްއާރްގެ މެޑިކަލް ޕާޓްނާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހާއްސަ ސެގްމަންޓެއް ވެސް ކުރިއަށް ގެންދާނެ އެވެ. އެ ހޮސްޕިޓަލްގެ ޑރ. އިބްރާހިމް އިޔާޒު ދުވުމާއި ސިއްހަތާ ގުޅޭ ގޮތުން ތަފާތު ޓިޕްސް ބައިވެރިންނަށް ކިޔައިދޭނެ އެވެ.
ހަތަރު ހާހަށް ވުރެ ގިނަ ދުވުންތެރިންނާ އެކު މި އަހަރުގެ ރޯޑް ރޭސް އޮންނާނީ މި މަހުގެ 27 ގައި ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy