މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވި ހާދިސާގައި މަރުވި ދެ މީހުންގެ ގުނަވަންތަކެއް ޗިސްވެ ވަރަށް ދުރަށް ވަނީ ބުރައިގެންގޮސްފައި. ފޮޓޯ: އަބްދުލް ހަމީދު މުހައްމަދު
21 އޮކްޓޯބަރ 2023 - 22:33
މިއަދު ހަވީރު 4:15 ހާއިރު ހދ. މަކުނުދޫ ބަނދަރުގައި ބާރުގަދަ "ގުޑުމަކާ" އެކު ގޭސް ފުޅިއެއް ގޮވި އިރު އެ ތަނުގައި މާގިނަ ބަޔަކު ނެތެވެ. އެ މަންޒަރު ފެނުނު މަދު މީހުންގެ ތެރޭގައި ހިމެނޭ އެކަކު، "މިހާރު" އަށް އެ ވަގުތުކޮޅު ސިފަކޮށްދެމުން ބުނީ ކުރެވުނީ ބޮމެއް ގޮވި ކަމުގެ އިހުސާސް ކަމަށެވެ.
އެ އަޑާ އެކު، މަކުނުދޫގެ ބައެއް މީހުންނަށް ހީވީ ބޮޑު ގުޑުމެއް ރަށަށް އެރި ހެންނެވެ. އަނެއް ބަޔަކަށް ހީވީ ގޭގެ ފުރާޅު އެއްލާލިހެންނެެވެ. އެއް ބަޔަކު ދުއްވައިގަތީ ގޭގެ ގޭސް ފުޅި ގޮވީ ކަމަށް ހީކޮށެވެ.
ހުސް ބިމެއްގައި ހުރުމުން އެ އިހުސާސް މާބޮޑަށް ނުކުރެވުނަސް އެ މަންޒަރު ދުށް މީހަކު ބުނީ ދެ ތިން ސިކުންތުގެ ތެރޭގައި ދުންގަނޑެއް އަރައި ހިނދުނު ކަމަށެވެ.
"ބަނދަރު މަތީގައި ސައިކަލުގައި މަޑުކޮށްލައިގެން އަޅުގަނޑު އިނީ އާރުޓީއެލް ފެރީ އަންނަން ދެން. ގަޑި ބަލާލަން ފޯނު ބަލާލި ވަގުތު ވަރަށް ބާރަށް އެއްޗެއް ގޮވި އަޑު އިވުނީ. ބޮމެއް ގޮވީމާ މައްޗަށް ދުންތައް އަރައިގެންދާ ގޮތަށް ދިޔަ މަންޒަރު ފެނުނު. އެކަމަކު ހަމަ ސިކުންތެއްގެ ތެރޭގައި ހިނދިއްޖެ،" ނަން ނުޖެހުމަށް ޝަރުތުކޮށް އެ މީހާ ބުންޏެވެ.
މަކުނުދޫގައި އެއްޗެއް ގޮވި ސަރަހައްދު: އެސްޓީއޯ ގުދަނާއި މަސް މާރުކޭޓްގެ ބިއްލޫރިތައް ވަނީ އެއްކޮށް ތަޅައިގެންގޮސްފައި.. --ފޮޓޯ: ސޯޝަލް މީޑިއާ
އޭނާ ބުނި ގޮތުގައި ސައިކަލުގައި ވަގުތުން އެ ދިމާލަށް ދިޔަ ނަމަވެސް އެތަނާ މާބޮޑަށް ކައިރިވާކަށް ނުކެރުނެވެ.
"ފޮޓޯއެއް ނަގާކަށް ވެސް ނުކެރުނު. އެހެން ހުއްޓާ އަދި މީހުން ޖަމާވާން ފެށީ،"
ގޭސް ސިލިންޑަރު ގޮވި ތަނުގައި ދެ ބިދޭސީއަކު ތިބި ކަމަށާއި އެ މީހުންނަށް ވީ ގޮތެއް ބަލައި ދޭން އެހެން ބިދޭސީއަކު "މިހާރު" އާ ވާހަކަ ދެއްކި މީހާ ގާތު އެދުނެވެ. އެކަމަކު، އެ ސަރަހައްދުން އެ ވަގުތު ފެނުނީ މަރުވި ދެ މީހުންގެ ހަށިގަނޑުގެ އެކި ބައިތަކެވެ.
އެ މީހާ ބުނި ގޮތުގައި ދުރުގައި މަޑުކޮށްލައިގެން ހުއްޓަސް މަރުވި މީހުންގެ ތެރެއިން އެކެއްގެ ދަތްޕިލަ ވަރަށް ދުރަށް ވިއްސައިގެން ގޮސްފައި އޮއްވައި ފެނުނެވެ. ގޮސް މަޑުކޮށްލީ އެ ދަތްޕިލަ ކައިރީގައި ކަމަށް ވިޔަސް އިތުރަށް ފޮޓޯއެއް ނަގަން ވެސް ފަސްޖެހުނެވެ.
ބާރުގަދަ އަޑުފައްގަނޑަކާ އެކު، ސިލިންޑަރު ގޮވި ނުރައްކާތެރި ހާދިސާގައި މަރުވީ މަކުނުދޫ އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރާ ކުންފުނީގައި އުޅޭ އިންޑިއާގެ ދެ މީހެކެވެ.
އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކާކުކަން ނޭނގޭ ވަރަށް އެ މީހުންގެ ހަށިގަނޑު ވަނީ ކުދިކުދި ވެފަ އެވެ. އެ މީހުންގެ ހަށިގަނޑުގެ އެކި ގުނަވަންތައް މުޅި ސަރަަހައްދަށް ބުރައިގެން ގޮސްފައިވާއިރު އެ ބައިތައް ވެސް ހުރީ މުޅިންހެން އަނދައިފަ އެވެ.
އެ ހާދިސާގައި ވަނީ މަކުނުދޫ މަސްމާރުކޭޓުގެ ބިއްލޫރިގަނޑު އެއްކޮށް ތަޅައިގެން ގޮސްފަ އެވެ. ބަނދަރުގައި އަޅާފައި އޮތް ދޯންޏަކަށް ވެސް ގެއްލުންވިއިރު އެތަނުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކަށް ވެސް ގެއްލުން ލިބުނެވެ. ބަނދަރު ކައިރީގައި ހުރި ބައެއް ގެތަކުގެ ލައިޓްތައް ތަޅައިގެން ދިއުން ފަދަ އެކި ގެއްލުންތައް ވެސް އެ ހާދިސާގައި ލިބުނެވެ.
އެއީ ކިހިނެއް ހިނގި ހާދިސާއެއް ކަމެއް ބުނާކަށް އެކަކަށް ވެސް އަދި ނޭނގެ އެވެ. ފުލުހުން ބުނީ އެ ހާދިސާ ތަހުގީގުކުރުމަށް ކުޅުދުއްފުށިން ފޮރެންސިކް ޓީމަކާއި ތަހުގީގު ޓީމެއް މަކުނުދޫގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ތަހުގީގުގައި ސިފައިން ވެސް ބައިވެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އމމމ
22 October 2023
ކޮން ތަނަކުން ގެނެއި ގޭސް ސިލިންޑަރެއް ތޯ ބަލަން ޖެހޭ.
އަފްރާސިޔާބު
22 October 2023
ފަހަރުގައި ވެދާނެ ނޫންތޯ ފުޅިތައް ހަދާފައި ހުންނަ ގޮތް މާބަލިކަށީކަމަށްވެސް. ކައްކާ ގޭހާއި އެނޫންވެސް ގޭސް ރައްކާތެރި އެއްޗެއްތޯ ބަލާނީ ކޮންދުވަކުންބާ؟ އޭގެ އެއްޗެއް ޗެކްކުރެވޭނެ ގޮތެއްވެސް މިރާއްޖެއަކު ނެތް. ފުޅީގެ ކޮލިޓީވެސް ބަލަންޖެހޭނެ ދޫކުރާއިރު.ކޮބައިތަ ޑިޒާސްތަރ ގެ މީހުން. އެމީހުންވެސް އަލިފާން ނިންވަން ގެންގުޅޭ އެކިވައްތަރުގެ އެއްޗެހި ރައްކާތެރި އެއްޗެއްތޯ ބަލާތަ؟
ހަސަނު
22 October 2023
މަ ބުނީ، މި މާލޭ ކުދި ކުދި ގޯޅި ތަކުގާ ގޭސްފޅި ބަހައްޓައިގެން ވެލްޑިންގ ކުރެއޭ.. އެ އެއްޗަކީ ތިހާ ބާރަށް ގޮވާ އެއްޗެއް ނަމަ ބޮޑު ސަރަހައްދަތުން ގިނަ ބަޔަކަށް އަނިޔާ ލިބޭނެ ގޮވައިފިއްޔާ...
ޑިއަރ މިހާރު،
22 October 2023
ކާކު ޒިންމާވަނީ މިކަމާ؟ މި ކޮން ބައެއްގެ އިހުމާލުން ވީ ކަމެއް؟ އެކަމުގެ ޒިންމާނަގަން އިހުމާލުވީ ފަރާތުން ކުރީ ކީތް؟ މިކަން ދެން ވިޔަ ނުދޭން އެ ފަރާތަކުން އަޅާނެ ފިޔަވަޅުތަކަކީ ކޮބާ؟ މަރުވީ މީހުންނަށާއި އެ މީހުންގެ އާއިލާއަށް އިންސާފު ހޯދައިދޭނީ ކިހިނެތް؟ މި ހާދިސާގައި ދިވެހިން މަރުވި ނަމަ މި ސުވާލުތައް މިހާރު ކޮށް މިއަށް ޖަވާބު ހޯދާނެ ހެން ހީވޭ.
ޢަލަމު
22 October 2023
ތީ ވަރަށް ޝައްކު އުފެދޭ ކަމެއް. ގޭސްފުޅިއެއްނޫން.
5789
22 October 2023
މީހެއްގެ ހަށިގަނޑު ޗިސްވުމަށް ބޭނުންވާނީ ބައިވަރު އެކްސްޕްލޯސިވް އެއްކޮށްގެން އުފައްދާ ގޮވާ އެއްޗެއް. ފުޅިއެއް ކުނޑިކުނޑިވެގެންވެސް މީހެއްގެ ހަަށިގަނޑު އެކީ ހަލާކުވާވަރުގެ ކުދިކުދި އެތިކޮޅުތަކަކަށް ބުރައިގެން ދާނެ ގޮތެއް ނޯންނާނެ. ކުޑަކުއްޖަކަށްވެސް އެނގޭނެ ގޭސް ފުޅިއެއް ގޮވިނަމަ ފުޅީގެ ބައިތައް 2 މީހުންގެ ގަތަށް ވަދެދާނެކަމާ ނަމަވެސް ބޮޑީ ކުދިކުދިނުވާނެކަން.
އެއްކަލަކަންތައް
22 October 2023
ބޭޅާއަށް މާބޮޑަށް އެނގެނީ.
ޮނާނި
22 October 2023
މާ މޮޅުމީހެއް މީ؟ ކޮންތާކުންތޯ ކިޔަވާ ވިދާޅުވީ؟
ހޮޓްކިންގ
21 October 2023
ގޭސްފުޅިއެއްކަމަށް ބުނާއިރު ކޮންކަހަލަ، ގޭހެއް، ކޮތައްކިލޯގެ ސިލިންޑަރެއް؟ އާއްމުންގެ ރައްކާތެރިކަމަށްވެސް އެނގެން ބޭނުންވާ ކަންކަން ސާފުކޮށްދީބަލަ ނޫހުން. ގޭސްފުޅިއެއްގެ ސިފައިގައި އޮތީ ބޮމެއްތޯވެސް ސުވާލު އުފެދޭ. އެއީ ރާއްޖޭން ބޭރުން ފިލްކޮށްގެން އެތެރެކުރި ފުޅިއެއްތޯ ނުވަތަ ރާއްޖޭގެ ކޮންތާކުން ފިލްކުރި ފުޅިއެއްތޯވެސް ސާފުކޮށް ދީބަލަ. ތިހާ ނުރައްކާ ގޭހެއް ހުރިތާކު މީހުން އުޅެންވެސް ހެޔޮނުވާނެ.
ހަމަ787
21 October 2023
ކައްކާ ގޭސް ފުޅިއެއް ގޮވީ ކަމަށް މަ ގަބޫލު ނުކުރާނަނަް. ޢަލަކަށް ނޫން ގޭގެ ކައްކާ ގޭސް ފުޅިއެއް ގޮވައިގެން މިއުޅެނީ.. ނާމާން ކަމެއްގެ ފެށުމެއް މިއީ.
ރަދީފު ބިން ރަފައިދާ
21 October 2023
މިހާރު އުފެދޭ ސުވާލަކީ އެތާ ރައްކާކޮށްފާހުރީ އެއާޕޯޓު ބިނާކުރުމާބެހޭ ސާމާނުތަކެއްތޯ؟