އިންޑިއާގައި މަސައްކަތް ކުރި ޕާކިސްތާނުގެ ތަރިން ކަމަށްވާ މާހިރާ ހާން އާއި ފަވާދު ހާން އަދި މާޔާ އަލީ.
23 އޮކްޓޯބަރ 2023 - 06:20
ޕާކިސްތާނުގެ ފަންނާނުންނަށް އިންޑިއާގައި މަސައްކަތް ކުރުން މަނާ ނުކުރެވޭނެ ކަމަށް ބޮންބޭގެ ހައި ކޯޓުން ނިންމައިފި އެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ބޮންބޭގެ ހައި ކޯޓުން އެގޮތަށް ނިންމީ، ޕާކިސްތާނުގެ ފަންނާނުންނަށް އިންޑިއާގައި މަސައްކަތް ކުރުން ގާނޫނީ ގޮތުން މަނާކޮށްދިނުމަށް އެދި އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ބަޔަކު އެ ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ.
އިންޑިއަން މޯޝަން ޕިކްޗާޒް ޕްރޮޑިއުސާޒް އެސޯސިއޭޝަން (އައިއެމްޕީޕީއޭ) އިން މީގެ ހަތް އަހަރު ކުރިން ވަނީ ޕާކިސްތާނުގެ ފަންނާނުން ލައްވައި އެ ގައުމުގައި އެއްވެސް މަސައްކަތެއް ކުރުން މަނާކޮށްފަ އެވެ. ނަމަވެސް، އެއީ އެއްވެސް ގާނޫނީ ހައިސިއްޔަތެއް އޮތް ނިންމުމެއް ނޫނެވެ.
ހައި ކޯޓަށް ހުށަހެޅި ޕެޓިޝަންގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލައި، އެ ކޯޓުން ނިންމީ ޕާކިސްތާނުގެ އެކްޓަރުންނާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އެހެން ފަންނާނުންނަށް ވެސް އިންޑިއާގައި މަސައްކަތް ކުރުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައި ވަނީ ފަންނީ ކަންކަމަކީ އެއް ގައުމު އަނެއް ގައުމާ އޮންނަ ގުޅުން ވަރުގަދަކޮށްދޭ ކަމެއް ކަމަށާއި ގައުމަށް ހަމަޖެހުމާއި އަމާންކަން އަދި ސުލްހަވެރިކަން ގެނެސްދޭނެ ކަމަކަށް ހުރަސް އަޅަން ގައުމަށް ހެޔޮ އެދޭ އިންޑިއާގެ އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަމަށެވެ.
އެ ޕެޓިޝަންގައި ވަނީ ޕާކިސްތާނުގެ ފަންނާނުންނަށް އިންޑިއާ އަށް ނުދެވޭ ގޮތް ހަދައި، އެމީހުންނަށް ވިސާ ވެސް ދޫނުކުރެވޭ ގޮތަށް ހެދުމަށް އެދިފަ އެވެ.
ނަމަވެސް، ހައި ކޯޓުގެ ނިންމުމުގައި ބުނީ އެގޮތަށް ކަނޑައަޅައިފި ނަމަ، އެހެން ގައުމުތަކާ އެކު ސުލްހަވެރި ގުޅުމެއް ބާއްވަން އިންޑިއާގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށެވެ. ޕާކިސްތާނުގެ ކްރިކެޓް ކުޅުންތެރިންނަށް މުބާރާތްތަކުގައި އިންޑިއާ އަށް ގޮސް ކުޅުމުގެ ފުރުސަތު މިހާރު ދޭތީ، އެ ފުރުސަތު ފަންނާނުންނަށް ވެސް އޮންނާނެ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.
ޕާކިސްތާނުގެ އެކްޓަރުން ކަމަށްވާ ފަވާދު ހާން އާއި މާހިރާ ހާން އަކީ ބޮލީވުޑްގައި މަގުބޫލުކަން ވަރަށް ބޮޑަށް ލިބުނު ތަރިންނެވެ. އެ ތަރިން ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތައް ވެސް ކުޅެފަ އެވެ. އަދި ޕާކިސްތާނުގެ ލަވަކިޔުންތެރިން ކަމަށްވާ އާތިފް އަސްލަމް އާއި ރާހަތު ފާތޭ އަލީ ހާން އަކީ ބޮލީވުޑްގެ ފިލްމުތަކަށް މަޝްހޫރު އެތައް ލަވައެއް ކިޔާދީފައިވާ ފަންނާނުންނެވެ.
މީގެ ހަތް އަހަރު ކުރިން ޕާކިސްތާނުގެ ފަންނާނުންނަށް އިންޑިއާގައި މަސައްކަތް ކުރުން މަނާ ކުރީ، އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ބަޔަކު އަޑީގައި ތިބެގެން ކަމަށް ވެސް ތުހުމަތު ކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy