ދުނިޔެ / އަގްސާ ތޫފާން

މިހާތަނަށް ދިން އެންމެ ގަދަފަދަ ހަމަލާތަކުގައި 400 މަރު

23 އޮކްޓޯބަރ 2023 - 13:37

ގާޒާ (އޮކްޓޯބަރު 23) - މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއް ނެތި، ފަލަސްތީނުގެ ގާޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ތެރެއިން، މިހާތަނަށް ނުދޭ ފަދަ ގަދަފަދަ ހަމަލާތަކެއް ރޭ ގާޒާ އަށް ދީފި އެވެ.

އިއްޔެ ހެނދުނުން ފެށިގެން ގާޒާގެ އުތުރު ސަރަހައްދަށް ދޭތެރެ ދޭތެރެއިން ހަމަލާތަކެއް ދިނުމަށް ފަހު، ރޭ މެންދަމުން އަލިވި ފަހުން ގާޒާގެ މެދުތެރެ އަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދޭން ފެށި އެވެ. ބާރު ގަދަ މިސައިލްތަކުން ފުލުފުލުގައި ދިން އެ ހަމަލާތައް އަމާޒުކުރީ ގާޒާގެ މެދުތެރޭގައި ހުރި، އާންމުން ދިރިއުޅޭ އިމާރާތްތަކަށެވެ.

އޭގެ އިތުރުން ގާޒާގެ ދެކުނުން މިސްރުގެ ސަރަހައްދީ ރޮނގާ ކައިރީގައި އޮންނަ ރަފަހް އަށް ވެސް ރޭ ގިނަ ހަމަލާތަކެއް ދިނެވެ. ރަފަހްގައި ހުރި އެޕާޓްމަންޓް އިމާރާތަކަށް ދިން މިސައިލް ހަމަލާގައި، 14 މީހަކު ޝަހީދުވި އިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުންޏެވެ.

އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން ގާޒާގެ އިމާރާތްތަކަށް ބާރުގަދަ މިސައިލްތައް އަމާޒު ކުރަމުން ދިޔައިރު، ގާޒާގެ ރަށްބޭރުގައި ތިބި އިޒްރޭލުގެ އެއްގަމު ސިފައިން ދިޔައީ ބޮޑުބަޑިތަކުން ވެސް ގާޒާ އަށް ހަމަލާތައް ދެމުންނެވެ. ހޮނުގުގުރިތަކެއް ފަދައިން މިސައިލްތަކާއި ބޮންތައް ގޮވަމުން ދިޔައިރު، ބޮޑުބަޑީގެ ބާރުގަދަ ގޮވުންތަކުގެ އަޑުފައްގަނޑުން މުޅި ގާޒާ އޮތީ ގުގުމައިފަ އެވެ.

އިއްޔެ ހެނދުނުން ފެށިގެން މިއަދާ ހަމައަށް ހޭދަވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ގާޒާ އަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 400 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އިޒްރޭލުން ދިން ބާރުގަދަ މިސައިލް ހަމަލާތަކުގައި އެތައް ހާސް އިމާރާތެއް ވެއްޓިފައިވާ އިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދުވެސް ވަނީ އެތައް ހާހަކަށް އަރައިފަ އެވެ.

ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރާ ޓީމުތަކުން ބުނާ ގޮތުގައި، ގާޒާ އިން ތެލުގެ ބާވަތްތައް ހުސްވެފައިވާތީ، ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތައް ނަގައި ސާފުކުރުމުގައި އެކްސްކަވޭޓަރާއި ބުލްޑޯޒަރު ފަދަ އުޅަނދުތައް ބޭނުންކުރުން ވަނީ ހުއްޓިފަ އެވެ. އެހެންކަމުން، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ހުރެ ކުނިވަމުން ދާތީ، ގާޒާގެ ގިނަ ސަރަހައްދުތަކަކުން މިހާރު ކުނިވަސް ދުވާ ކަމަށް އެ ޓީމުތަކުން ބުނެ އެވެ.

ހަމާސްގެ ފަރާތުން ބަދަލު ހިފަން ކަމަށް ބުނެ އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގައި ހުރިހާ ހަމަލާތަކެއް އަމާޒުކުރަމުން ދަނީ، ފަލަސްތީނުގެ އާންމުން ދިރިއުޅޭ ހުރިހާ ތަނަކަށެވެ. އިމާރާތްތައް ގޮއްވައިލުމުން ދިރިއުޅޭނެ ތަނެއް ނެތި ހާލުގައި ޖެހިފައިވާ އެތައް ހާސް ބަޔަކު ހޮސްޕިޓަލުތަކާއި ސްކޫލްތަކާއި މިސްކިތްތަކާއި ފައްޅިތަކުގައި ވަގުތީ ހިޔާވަހިކަން ހޯދަމުން ދާއިރު، އެ ތަންތަނަށް ވެސް އިޒްރޭލު ސިފައިން ދަނީ ހަމަލާ ދެމުންނެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދު ގާޒާގައި ހިނގަމުންދާ ހަނގުރާމަ އަށް 17 ދުވަސް ވެގެން ދިޔަ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ 4750 އަށް ވުރެ މަތިވެފަ އެވެ. ގާޒާ އަށް ދެމުންދާ ހަމަލާތައް އަމާޒުކުރަނީ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށް އިޒްރޭލުން ބުނާއިރު، ގާޒާ އިން ޝަހީދުވި މީހުންގެ ތެރޭގައި 1870 އަށް ވުރެ ގިނަ ކުޑަކުދިންނާއި 1020 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އޭގެ އިތުރުން ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 14000 އަށް ވުރެ މަތިވެފަ އެވެ. ދިރިނުއުޅެވޭ ވަރަށް ބިމާ ހަމަކޮށްލި އިމާރާތްތަކުގެ އަދަދު 2000 ން މައްޗަށް ގޮސްފައިވާ އިރު، ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ މިލިއަނަކާ ގާތްވެފަ އެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި އިޒްރޭލުން ފެށި ހަނގުރާމައިގަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 308 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.

އޭގެ އިތުރުން ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ހިންގާ އުދުވާންތަކުގައި، މިދިޔަ 16 ދުވަސް ތެރޭގައި ޝަހީދުކޮށްލި ފަލަސްތީނުގެ މީހުންގެ އަދަދު ވެސް މިހާރު ވަނީ 94 އަށް އަރައިފަ އެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 90%
icon angry icon angry 0%
icon wow icon wow 10%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454